“ދައްތާ! އަހަރެން ޒޯޔާދެކެ ލޯބިވާކަން ދައްތައަށް އެނގޭނެ. އަދި އެއީ އިއްޔެއަކު މިއަދަކު ވީކަމެއް ނޫން، މީގެ އެތައް އަހަރެއް ކުރީއްސުރެ ފެށިގެން. އެކަމަކު އޭގެ މާނައަކީ އަހަރެން އޭނައާ ކައިވެނި ކުރާނެއެކޭ ނޫން. އަދި އަމުދުން މިގޮތަކަށް ނޫން. ސޮރީ ދައްތާ. އަހަރެން ޒޯޔާއާ ކައިވެނިކުރަން ތައްޔާރެއް ނޫން.” ފައިސަލް ސާފު ބަހުން އިންކާރު ކުރުމުން އާފިޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެން ހަދާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
“ފައިސަލް. މި ހާލަތުގެ ނާޒުކުކަން ވިސްނޭތޯ މަސައްކަތް ކޮށްބަލަ.” އާފިޔާ އާދޭހުގެ ރާގެއްގައި ބުންޏެވެ.
“އޭރުގެ ހާލަތުވެސް ހަމަ މިހާރެކޭ އެއްހާ ނާޒުކު.” ފައިސަލް އާފިޔާއަށް ބަލައިލަމުން ބުނެލިއެވެ. އާފިޔާއަށް އިސްޖަހާލެވުނެވެ.
ފައިސަލްގެ ހަނދާނަށް އައީ މީގެ އަށް އަހަރު ކުރީގެ ހަނދާނެކެވެ. އެއީ ޒޯޔާގެ އުފަންދުވަސް ފާހަގަކުރުމަށް އެގޭގައި ބޭއްވި ޕާޓީއެކެވެ. މަޝްހޫރު ވިޔަފާރިވެރިންވެސް ބައިވެރިވި އެ ޕާޓީގެ ހަލަބޮލި މާހައުލުން އާފިޔާ ކުއްލިއަކަށް އެންމެންގެ ސަމާލުކަން ހޯދިއެވެ. އުފަލުން ފުރިފައި ހުރެ އޭނާ ކުއްލިއަކަށް އިއްވާލި ބޮޑު ޚަބަރުން ޒޯޔާއާއި ފައިސަލްއަށް ލިބުނީ ބޮޑު ސިހުމެކެވެ. ދުރުގައި ހުރި ނަސީރަށްވެސް ލިބުނީ ހައިރާންކަމެކެވެ.
ޒޯޔާއާއި ފައިސަލްގެ ކައިވެނި އިއުލާނުކުރިއިރު އެކަމާ ބެހޭގޮތުން އާފިޔާ އެންމެ ފަހަރަކު ވެސް ނަސީރާ މަޝްވަރާކޮށްފައެއް ނުވެއެވެ. އަދި ހަމައެހެންމެ ޒޯޔާގެ ޚިޔާލަކީ ކޮބައިތޯވެސް ބަލައެއް ނުލައެވެ. އެ ބޮޑު އިއުލާނާއެކު ޒޯޔާގެ މޫނުމަތީގައިވި އުފާވެރިކަން ފިލައިގެން ދިޔައިރު ހައިރާންވި ފައިސަލްގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. އެއީ ދުލުން ހާމަނުކުރިޔަސް އޭނާ އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ.
“މަންމާ.” ޒޯޔާ މަޑުމަޑުން ބުނެލިއެވެ.
“ލަދުގަތީތަ؟ މީގަ ލަދުގަންނަންވީ ކަމެއް އެބައޮތްތަ؟ މިއީ ކޮންމެވެސް ދުވަހަކުން ވާނެ ކަމެއްނު. އެހެންވީމަ މިކަން ވާން މިއަދަށްވުރެ ވަކި ރަނގަޅު ދުވަހެއް ނޯންނާނެ. ދެ އުފާ އެއްކޮށް ފާހަގަކޮށްލީމަ މާ ރަނގަޅުވާނެ.” ހިނިތުންވުމާއެކު ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ބުނަމުން އާފިޔާ ދިޔައީ އެތަނުން ފެނުނު އޭނާގެ ދުވަސްވީ ރައްޓެއްސަކާ ދިމާލަށެވެ.
އެކި މީހުން އައިސް ވަކިވަކިން އެމީހުންނަށް މަރުހަބާ ކިޔެވެ. ޒޯޔާ ހިނިތުންވާން މަސައްކަތްކުރި ނަމަވެސް އޭނާއަކަށް ހިނިތުމެއް ނުވެވުނެވެ. ފައިސަލް އެމީހުންނަށް މަރުހަބާ ކިޔަމުންދިޔަ މީހުންނަށް ޝުކުރު އަދާކުރަމުން ދިޔައެވެ. އޭނާ ޒޯޔާއަށް ބަލާލިއިރު ޒޯޔާގެ މޫނުމަތިން ހިނިތުންވުން ފަނޑުވެފައި ވާތީ އޭނާ ހީކުރީ އާފިޔާ ބުނިގޮތަށް ޒޯޔާ ލަދުގެންފައި ހުރީ ކަމަށެވެ.
“ފައިސަލް. އަހަރެން ފައިސަލްއާ ދައްކަން ބޭނުންވާ ވާހަކައެއް އެބައޮތް. ހިނގާބަލަ އެތާ އެކަހެރި ހިސާބަކަށް.” ފައިސަލްގެ އަތުގައި ކޮއްޓާލަމުން މީހުން މަދު ދިމާލެއް ދައްކާލާފައި ޒޯޔާ މަޑުމަޑުން ބުނެލިއެވެ.
“ނޯޓީ ގާލް. އަހަންނަށް އެނގޭ އަހަރެމެންގެ ކައިވެނި އިއުލާން ކުރެވިއްޖެކަން. އެކަމަކު އޭގެ މާނައަކީ ތިހެން ގޮވާލާއިރަށް އަހަރެން ދާނެއެކޭ ނޫން. އެހާ ފަސޭހައެއް ނުވާނެ އިނގޭ.” ފައިސަލް ސަމާސާ ރާގެއްގައި ބުނެލިއެވެ.
“ފައިސަލް ޕްލީޒް. ސީރިއަސްކޮށް އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން. ހިނގާބަލަ.” ފައިސަލްގެ އަތުގައި ހިފައިގެން ޒޯޔާ ހިނގައިގަތެވެ.
މީހުން މަދު ހިސާބަކަށް ދެވުމުން ޒޯޔާ ހުއްޓުނެވެ. އޭނާގެ މޫނުމަތީގައިވާ އަސަރުތަކުން ފައިސަލް ފުރަތަމަ ފަހަރަށް އޭނާގެ ސަމާސާ ގޮތްގަނޑު ދޫކޮށްލައި ސަމާލުވެލިއެވެ.
“ހޫމް. ދެން ބުނެބަލަ. ކޮން ވާހަކައެއް ދައްކަންތަ؟” ފައިސަލް އަހާލިއެވެ.
“ފައިސަލް. ކީކޭތަ ބުނާނީ؟ މަންމަ އަހަންނަށް އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދިން.” ޒޯޔާ ބުނެލިއެވެ.
“ހަމަޖެހިބަލަ ޒޯޔާ. ތިހާ ބޮޑަށް ހާސްނުވެބަލަ. މަންމަ އެގޮތަށް ނުވެސް ބުނެ އިއުލާންކުރީމަ އަހަރެންވެސް ކުޑަކޮށް ސިހުނު. އެކަމަކު ޒޯޔާ ތިއުޅޭ ގޮތުން ހީވަނީ އަހަރެން މީ ވަރަށް ނުލަފާ މީހެއްހެން. އަހަރެން ޒޯޔާ ގަދަކަމުން ގެންދަން އުޅެނީހެން. އަހަރެންވެސް އަވަސްއަރުވާލާކަށް ނޫޅެމޭ. އަހަރެމެން ކައިވެނީގެ ވާހަކަ ދައްކާނީ ޒޯޔާ އެކަމަށް ތައްޔާރުވީ ދުވަހަކުން. އެންމެ ރަނގަޅެއްނު. ދެން މިހާރު ހިނގާ ޕާޓީއަށް ދާން. މިއީ ޒޯޔާގެ އުފަންދުވަހޭ. ކަމޯން.” ފައިސަލް ވަރަށް ހަމަޖެހިލާފައި އެހެން ބުނުމަށްފަހު ދާން ހިނގައިގަތެވެ. އޭނާއަށް އަދިވެސް ކަމުގެ ބޮޑުކަން ނުވިސްނެނީއެވެ.
“ފައިސަލް. އަހަރެން ދުވަހަކުވެސް ތައްޔާރު ނުވެއްޖެއްޔާޔޯ؟” ޒޯޔާގެ ޖުމްލައިން ފައިސަލް ހުއްޓުނެވެ. އޭނާ ހައިރާންވެފައި އެނބުރި ޒޯޔާއަށް ބަލައިލިއެވެ.
“ފައިސަލް. އަހަރެމެން ދެމީހުންނަކީ ކުޑައިރުއްސުރެ ދެ ރަހުމަތްތެރިން. ހަމައެކަނި ރަހުމަތްތެރިންނެއް ނޫން، އެންމެ ގާތް އެކުވެރިން. އެހެންނު. އޭގެ މާނައަކީ އަހަންނަށް ހުރިހާ ވާހަކައެއް ފައިސަލްއާ ހިއްސާކުރެވޭނެޔޭ ދޯ؟” ޒޯޔާ ފައިސަލްއަށް ބަލައިލަމުން ބުނެލިއެވެ. ފައިސަލް ބޯޖަހާލިއެވެ.
“ފައިސަލް. އަހަރެން މި ދައްކަން އުޅޭ ވާހަކަ އޮންނަންވާނީ ހަމައެކަނި އަހަރެމެން ދެމީހުންގެ މެދުގައި. އަހަންނަށް ވަޢުދުވޭ.” އަތް ދިއްކޮށްލަމުން ޒޯޔާ ބުނެލިއެވެ. ފައިސަލް އޭނާގެ އަތުން ޒޯޔާގެ އަތްމަތީ ބޭއްވަމުން ވަޢުދުވިއެވެ. އޭނާއަށް ކަމުގެ ބޮޑުކަން އިޙުސާސްވާން ފަށައިފިއެވެ.
“ފައިސަލް. އެއީ.. އަހަރެން.. އަހަރެންގެ ދިރިއުޅުމަށް އޭނަ އައީ.. އަހަރެންގެ ޙަޔާތުގައި މީހަކު އެބަހުރި. އަހަންނާއި އަޔާން..” ދުރަށް އެނބުރިލަމުން ވަރަށް ޖެހިލުންވެ ހުރެ ޒޯޔާ ބުންޏެވެ.
ފައިސަލްއަށް ހީވީ އޭނާގެ މޫނުމަތީގައި އެތިފަހަރެއް އަޅާލިހެންނެވެ. މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. އޭނާ އެތައް ދުވަހެއްގެ އެދުން ސިކުންތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން ހިނގައްޖެއެވެ. އެއްވެސް އިޚްތިޔާރަކާނުލާ ލޮލަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް އަވަސްއަވަހަށް ދެލޯ ފޮހެލިއެވެ.
“އަޔާން!؟” ފައިސަލް މަޑުމަޑުން އެ ނަން ކިޔާލިއެވެ.
“އޭނައަށް ކިޔަނީ އަޔާން. އަޔާންއަކީ މުޅިން ތަފާތު މީހެއް. އޭނައާއެކު ހުންނައިރު އަހަރެން އަމިއްލަ ނަފްސުވެސް ހަނދާން ނެތޭ. މުޅި ދުވަހުވެސް އޭނައާ ވާހަކަދައްކަން ހުރެވިދާނެ. އަހަރެންގެ ހުރިހާ އުފަލެއް އޭނައާ ހިއްސާކުރެވޭ. އޭނަގެ ސަބަބުން އަހަންނަށް އިޙުސާސްވަނީ އަހަންނަކީ ވަރަށް ޚާއްސަ މީހެއް ކަމަށް. ފައިސަލްއަށް އެނގޭތަ؟ އަހަރެމެން ދެމީހުން ކުދިކުދި ކޫސަނި ކަންތައްތަކާ ޒުވާބުކުރަން. އެކަމަކު އެ ޒުވާބުތަކުގެ ތެރެއިންވެސް އަހަރެމެންނަށް ފެންނަނީ ލޯބި. އަހަންނަށް އަޔާންދެކެ ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ.” އަޔާންގެ ވާހަކަ ކިޔައިދިންއިރު ޒޯޔާގެ މޫނުމަތިން ފެނުނު އުފާވެރިކަމުން ފައިސަލްއަށް ހުރިހާ ކަމެއް އޮޅުންފިލިއެވެ. އޭނާ ލޯބިވާ ވާހަކަ ނުބުނެވުނުކަން ނަސީބޭ ހިތަށް އެރިއެވެ. ނޫންނަމަ މިރޭ މި ކުރެވުނު އިއުލާނާއެކު ޒޯޔާގެ ހިތް ކުދިކުދިވީސްކަން ޔަޤީނެވެ. އޭނާގެ ހިތް ހަލާކުވިޔަސް ޒޯޔާ އުފަލުގައި ހުންނަން އޭނާ ބޭނުމެވެ.
“ޒޯޔާ! ތީ ވަރަށް އުފާވެރި ޚަބަރެއް. ދިރިއުޅުމުގައި ލޯބި ލިބުމަކީ ދިރިއުޅުން އިތުރަށް ފުރިހަމަވެގެންދާނެ ކަމެއް. ޒޯޔާއަށް ތެދުވެރި ލޯތްބެއް ލިބުނީތީ އަހަރެން ވަރަށް އުފާކުރަން. ހިތުގެ އަޑިން އުފާކުރަން.” ތިމާގެ ލޯބި ނުލިބުނީތީ ދެރަވި ނަމަވެސް ފައިސަލް ހާމަކުރީ ހަޤީޤަތެވެ.
“އަސްލުވެސްތަ؟” ޒޯޔާ އެހިއެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމާއި އެއްވެސް ސުވާލުމާކެއްގެ އަސަރުވެސް ފެނުނެވެ. އެއީ އާފިޔާ އެއްވެސް ވިސްނުމަކާނުލާ މިރޭ އެ ހާމަކުރި ބޮޑު ކަންތަކުގެ ސަބަބުންނެވެ.
“އަހަންނަކީ ޒޯޔާގެ ކާކު؟ އެންމެ ގާތް އެކުވެރިޔާ. އަހަންނަށް ޒޯޔާގެ އުފަލަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެ. ޒޯޔާ އަހަރެން ގާތުގައި މިވާހަކަ ކުރިން ބުނެ، މިކަން ސާފުކޮށްދިނީތީ ވަރަށް އުފާވެއްޖެ.” ފައިސަލް ބުންޏެވެ. އެއީ ހިތުގެ އަޑިން ބުނި ވާހަކައެކެވެ. އެކަން ނޭނގިހުރެ އޭނާ ޒޯޔާއާ ކައިވެނި ކޮށްފިނަމަ ދެމީހުންގެ ދިރިއުޅުންވެސް ހަލާކުވީއެވެ. އެކަމުންވެސް އޭނާއަށް އެންމެ ބޮޑަށް ހިތްދަތިކަން ލިބޭނީ ޒޯޔާގެ ހިތާމަތައް ފެނުމުންނެވެ.
“ޝުކުރިއްޔާ ފައިސަލް. އަހަންނަށް އެނގޭ އެކަކަށް އަހަރެންގެ އިޙުސާސްތައް ނޭނގުނަސް ފައިސަލްއަށް އެނގޭނެކަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.” ޒޯޔާ އުފާވެރިކަމާއެކު ފައިސަލްގެ ގައިގައި ބައްދާލިއެވެ. ފައިސަލް ވަރަށް ޖެހިލުންވެ ހުރެ ޒޯޔާގެ ބުރަކަށީގައި އަތް ޖައްސާލިއެވެ.
“ފައިސަލްއަކަށް ނޭނގޭނެ އަހަރެން ބިރުގަތްވަރެއް. މިވާހަކަ ބުނާނެ ގޮތެއްވެސް އަހަންނަކަށް ނޭނގުނު.” ޒޯޔާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
“ބިރުގަންނަންވީ ކީއްވެ؟ އަހަރެން މިހިރީނު. އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން. އަހަރެން އެންމެންނަށް ވިސްނައިދޭނަން. އެހެންނޫނަސް މެޑިކަލް ކިޔަވަން އަހަރެން އަންނަ މަހު ފުރާނަން. އަހަރެން ކުރިންވެސް ބުނީމެއްނު. މިހާރު ހުރިހާ ކަމެއް ހަމަޖެހިއްޖެ. އެކަމަކު.. ޒޯޔާގެ ކައިވެނީގައި އަހަންނަކަށް ބައިވެރިއެއް ނުވެވޭނެ. އަހަރެން ޒޯޔާ ވަރަށް މިސްވާނެ.” ފައިސަލް ބުންޏެވެ. ޒޯޔާވެސް ފައިސަލް މަތިން ވަރަށް ހަނދާންވާނެ ކަމަށް ބުންޏެވެ.
**********
އަޔާން ގެލެރީގެ މަސައްކަތްތަކުގައި އުޅެނިކޮށް އޭނާގެ ފޯނު ރިންގުވިއެވެ. ފޯނު ނަގައި ބަލައިލިއިރު ގުޅަނީ އަފްޒާއެވެ. އަޔާން ގެއަށް އަންނައިރެއް ބަލަންވެގެންނެވެ. އޭނާ އަފްޒާއާ ވާހަކަދައްކާލުމަށްފަހު އަނެއްކާވެސް މަސައްކަތުގައި މަސްއޫލުވިއެވެ. އެވަގުތު އޭނާއަށް ޒޯޔާ ކެފޭ ބަންދުކުރަންވެގެން އުޅޭތަން ފެނުމުން އަވަސްއަވަހަށް ހުރިހާ މަސައްކަތެއް ބަހައްޓާފައި ގެލެރީ ބަންދުކުރަން އުޅެގަތެވެ. ޒޯޔާއަށް ޖެއްސުންކޮށްނުލާ އޭނާއަށް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ.
ޒޯޔާ ކެފޭގެ ލައިޓުތައް ނިވަމުން އައިސް ބޭރުގެ ދޮރު ތަޅުލަން އުޅުނު ވަގުތު އަޔާން ގެލެރީއިން ނުކުމެ ދަގަނޑު ދޮރު ވައްޓާލިއެވެ. ދޮރުގެ ގަދަ އަޑާއެކު ސިހުނުވަރުން ޒޯޔާގެ އަތުން ތަޅުދަނޑިއާއި އަތްދަބަސް ވެއްޓުނެވެ. ރުޅިވެރިކަމާއެކު އަޔާންއާ ދިމާލަށް ބަލާލުމާއެކު އޭނާ މަލާމާތުގެ ގޮތަކަށް ހީނލިއެވެ.
“ހާދަ ބިރުވެސް ގަނެޔޭ ދޯ. ތިހާ ބިރުގަންނަ މީހުން ރޭގަނޑު މިހާ ލަސްވީމަ ނުވާނެ ބޭރުގައި އުޅޭކަށް.” އަޔާން މަލާމާތުގެ ރާގަކަށް ބުންޏެވެ.
ޒޯޔާ ތުން އަނބުރާލުމަށްފަހު އަތްދަބަހާއި ތަޅުދަނޑި ނެގިއެވެ. އަދި ކެފޭ ތަޅުލުމަށްފަހު ތަޅު އަޅުވައި ރަނގަޅަށް ބަންދުކުރިއެވެ. އޭނާ އެކަން ކުރަމުން ދިޔައިރު، ކުދިކިޔަމުން ދިޔައެވެ. އަޔާންއާ ދިމާއަށް އެތައް އެއްޗެއް ކިޔެވެ.
އަޔާން ހީކުރީ ޒޯޔާ އޭނާއަށް ރައްދު ދޭނެ ކަމަށެވެ. އޭނާ އުންމީކުރި ގޮތަށް މިފަހަރު އެގޮތަށް އެކަން ނުވުމުން ކުޑަކޮށް ފޫހިވި ނަމަވެސް އޭނާ ޒޯޔާ ރުޅިއެރުވޭތޯ އެކި އެއްޗެހި ކިޔަމުން ދިޔައެވެ. ނަމަވެސް ޒޯޔާ މިފަހަރު ހުރީ އެއްވެސް އެއްޗެއް ނުބުނަން ނިންމައިގެންނެވެ. އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. އަވަހަށް ގެއަށް ގޮސް އަރާމުކޮށްލަން ބޭނުންވެފައެވެ. ވުމާއެކު އޭނާ އަވަސްއަވަހަށް ގެއަށް ދިއުމަށް ހިނގައިގަތެވެ.
**********
އާފިޔާ އަދިވެސް މަސައްކަތްކުރަމުން ދިޔައީ ފައިސަލްގެ އާނބަސް ހޯދާށެވެ. އަޔާންއާއި ޒޯޔާ ގިނަގިނައިން ބައްދަލުވުމަކީ ކުރީގެ ހަނދާންތައް އާވެ އެ ދެމީހުން އަލުން ގުޅިދާނެކަމުގެ ބިރުވެރިކަން އާފިޔާގެ ހިތުގައި ބޮޑުވަމުންދާ ސަބަބެވެ. ނަމަވެސް އެވާހަކަ އޭނާއަށް ފައިސަލްގެ ގާތުގައި ބުނެވޭކަށް ނެތެވެ. އެއްވެސް ހާލެއްގައި އަޔާންއާއި ޒޯޔާ އަލުން ގުޅޭކަށް އާފިޔާ ފުރުސަތެއް ނުދޭނެއެވެ.
“އަޔާން އެއީ އަދިވެސް އޭނާގެ ފިރިމީހާ. އަދިވެސް ޒޯޔާ އޭނަދެކެ ލޯބިވޭ. އަދި އޭނަވެސް ޒޯޔާދެކެ ލޯބިވޭ. އެކަމަކު އެ ދެމީހުންވެސް އެކަން ހަނދާން ނެތީ. މިފަދަ ބޮޑު އޮޅުވާލުމެއްގެ ތެރެއިން އަހަންނަކަށް ޒޯޔާގެ އަތުގައެއް ނުހިފޭނެ.” ފައިސަލް ބުންޏެވެ.
“އަޔާންއަކީ ޒޯޔާގެ ފިރިމީހާއެއް ނޫން. އެ ގުޅުން ވަނީ އެއް އަހަރު ކުރިން ކެނޑިފައި.” އާފިޔާ ބުންޏެވެ.
“އެ ގުޅުން ނިމުނީ ދައްތައަށް. އަދިވެސް ޤާނޫނީ ގޮތުން އެ ދެމީހުންނަކީ ދެމަފިރިން. ދައްތައަށް ފޯމުގައި އަޔާންގެ ސޮއި ކުރެވުނަކަސް އެކަން ކޯޓަކުން ނުނިމެއެއްނު. އެ ދެމީހުންގެ ހަނދާންތައް އެއްކޮށް ނާންނަނީސް ކިހިނެއް އެކަން ނިންމާނީ؟” ފައިސަލް ހާމަކުރީ ހަޤީޤަތެވެ.
ފައިސަލްއަށް ނޭނގޭ ކަމަކީ ފޯމުގައި އޮތް އަޔާންގެ ސޮޔަކީ އެއްވެސް އިރަކު އޭނާ ކުރި ސޮއެއް ނޫންކަމެވެ. އެއީ އާފިޔާ އަޔާންގެ ސޮއި ނަކަލުކޮށްގެން ކޮށްފައިވާ ކަމެކެވެ.
“ފައިސަލް ޕްލީޒް. އަހަރެން ބޭނުމެއް ނޫން ޒޯޔާގެ މޫނުމަތިން އެ ހިނިތުންވުން ގެއްލޭކަށް. އަދި ޒޯޔާ އާއި އަޔާންގެ ކައިވެންޏަކީ ކައިވެންޏަކަށްވުރެ ބޮޑަށް ހަނގުރާމައެއް ކަހަލަ ކަމެއް. އޭގައި އަބަދުވެސް ބަލިވަނީ އަހަރެންގެ ދަރިފުޅު. ފައިސަލް އަމިއްލައަށްވެސް ބުނީމެއްނު އޭނަ ހާސްކަމާ ދުރުގައި ބަހައްޓަން ޖެހޭނެޔޭ. މާޒީގެ ވާހަކަ ދައްކައިގެން އޭނައަށް ލިބޭނީ ހަމައެކަނި ހިތާމަޔާ ވޭން.” އާފިޔާ އަދިވެސް އުންމީދު ދޫކޮށެއް ނުލައެވެ.
“އަހަންނަށް ދައްތަ ތިބުނާ ވާހަކަވެސް ވިސްނޭ. ޒޯޔާގެ ކައިވެނީގެ ދިރިއުޅުން ރަނގަޅު ނޫންކަން ޤަބޫލުކުރަން. ޒޯޔާއާމެދު ދައްތަ ވަރަށް ކަންބޮޑުވާކަންވެސް އެނގޭ. އެކަމަކު އަހަރެން މި ދައްކާ ވާހަކަވެސް ދައްތައަށް ވިސްނެންވާނެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް މީހެއްގެ އަނތްބަކާ ކައިވެންޏެއް ނުކުރެވޭނެ. އަނެއްކޮޅުން ކުރީ ފަހަރުވެސް ދައްތަ ޒޯޔާގެ ޚިޔާލެއް ނުބަލައި ކުރި ކަންތަކުން އަހަރެންގެ ހިތުގައިލީ ޒަޚަމެއް އަދިވެސް ފަސޭހައެއްނުވޭ. އެހެންވީމަ ޒޯޔާގެ ކައިވެނި ޤާނޫނީ ގޮތުން ނިމި، ޒޯޔާ އަމިއްލައަށް އިސްވެ އަހަންނަށް ލޯބީގެ އަތެއް ދިއްކޮށްނުލަނީސް، އަހަންނަކަށް އޭނައަކާ ކައިވެންޏެއް ނުކުރެވޭނެ. މަޢާފުކުރޭ.” ފައިސަލް މަޑުމައިތިރިކަމާއެކު އާފިޔާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
ނަމަވެސް އާފިޔާ ވާނީ އާފިޔާއަށެވެ. އޭނާ ބޭނުންވާ ގޮތް ނޫން އެއްވެސް ގޮތެއް އޭނައަކަށް ނުފެންނާނެއެވެ. އެއީ އެއްވެސް ގޮތަކުން ވާން ނެތްކަމެއް ނަމަވެސް އޭނާ ގޮތެއް ދުލެއް ނުކުރާނެއެވެ.
“އަހަރެން ފައިސަލްއަކަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަން. އެކަމަކު އަހަރެން މިބުނާ އެއްޗެއް ވިސްނޭތޯ ބަލާބަލަ.” އާފިޔާ އަނެއްކާވެސް ބުންޏެވެ.
“އަހަންނަށް ދައްތަ ތި ދައްކާ ވާހަކަ ކިތަންމެ ރަނގަޅަކަށްވެސް ވިސްނޭ. އެކަމަކު އަހަރެންގެ ޖަވާބު އެނގިހުރެ، މި ކައިވެނީގެ ކަންތަކުގައި އަވަސްއަރުވާލަނީ ކީއްވެގެން ކަމެއް އަހަންނަކަށް ނުވިސްނޭ.” ފައިސަލް ބުންޏެވެ.
“ފައިސަލް. ކޮންމެ އަންހެން ކުއްޖަކަށްވެސް ކައިވެނިކުރާނެ އުމުރެއް އޮންނާނެ. އަހަރެން ބޭނުމެއް ނޫން ޒޯޔާގެ ކައިވެނި އިތުރަށް ލަސްވާކަށް.” އާފިޔާ އަސްލު ސަބަބު ހާމަނުކޮށް ބަހަނާއަކުން ހަމަޖައްސާލިއެވެ.
“ކައިވެނިކުރުވަން ތި އުޅެނީ އަހަންނާ ޒޯޔާއާ. އެހެންވީމަ މިއީ އަހަންނާ ޒޯޔާ ނިންމަންޖެހޭ ނިންމުމެއް. ދައްތަ ނިންމަންޖެހޭ ކަމެއް ނޫން.” އާފިޔާއަށް ފުރަގަސްދީގެން ހުރި ފައިސަލް އެހެން ބުނުމަށްފަހު އާފިޔާއާ ދިމާލަށް އެނބުރުނު ގޮތަށް ހުއްޓުން އެރިއެވެ. އާފިޔާ ވެސް ފަސްއެނބުރި ބަލައިލިއެވެ. ސިޓިންރޫމު ދޮރުން ތަންކޮޅެއް އެތެރެއަށް ވަންގޮތަށް ބަލަން ހުރި ޒޯޔާ ފެނުމުން އާފިޔާގެ ދެލޯ ބޮޑުވިއެވެ.
(ނުނިމޭ)
