އިންޑިއާގެ އެންމެ މަޤުބޫލު ރިއަލިޓީ ޝޯވ “ބިގް ބޮސް” ހިންދީގެ 20 ވަނަ ސީޒަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. މި މުހިންމު މައިލްސްޓޯން ފާހަގަކުރުމުގެ ގޮތުން، ޝޯވގެ އުފެއްދުންތެރިން މިހާރު ވަނީ މި ސީޒަނަށް ޚާއްސަ އާ “ލޯގޯ” އެއް އާންމުކޮށްފައެވެ.
20 އަހަރުގެ ދިގު ދަތުރަށްފަހު ފަށާ މި ސީޒަންގެ ލޯގޯ ފަރުމާކޮށްފައިވަނީ ވަރަށް ތަފާތު ކުލަގަދަ ގޮތަކަށެވެ. މި އާ ލޯގޯއިން ރަމްޒުކޮށްދެނީ ބިގް ބޮސް ގޭގެ ތެރޭގައި ހިނގާ ކަންކަމާއި، ބައިވެރިންގެ އަސްލު މިޒާޖު ފެނިގެންދާނެ ގޮތެވެ. އަދި ގޭގެ ތެރޭގައި އުފެދޭ އެކުވެރިކަމާއި، ޖެހޭ މައްސަލަތަކުގެ ސަބަބުން ކޮންމެ ވަގުތަކުވެސް ކުޅިވަރު ބަދަލުވެގެން ހިނގައިދާނެކަން މި ލޯގޯގެ ޑިޒައިނުން ދޭހަކޮށްދެއެވެ. ރަންކުލައިގެ މެޓަލިކް ފިނިޝިންއަކާއެކު ފެންނަ މި ލޯގޯއަކީ ވަރަށް ބޮޑު، ސިނެމެޓިކް ފެނުމެއް ލިބިފައިވާ ލޯގޯއެކެވެ.
ޚަބަރުތައް ބުނާގޮތުން، މި އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ މި ޝޯވ ހޯސްޓްކުރާނީ އަބަދުވެސް ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ ސުޕަރސްޓާރ ސަލްމާން ޚާން އެވެ. ސަލްމާން ޚާން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތްތައް ނިންމުމަށްފަހު، ބިގް ބޮސްގެ ޝޫޓިންގްއަށް ވަގުތު ހުސްކުރަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ސަލްމާން ޚާން މި ސީޒަންގެ ޝޫޓިންގް ސެޕްޓެމްބަރު 21 ހިސާބުގައި ފަށާނެއެވެ.
ޝޯވގެ އުފެއްދުންތެރިން މިހާރު އަންނަނީ ޝޯވގައި ބައިވެރިވާނެ ފަރާތްތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ސީޒަނަށް ޓީވީގެ މަޝްހޫރު ތަރިންގެ އިތުރުން، ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ޒުވާން މޫނުތައް ހޯދުމަށް އިސްކަންދެމުންދާ ކަމަށްވެއެވެ. މީގެ އިތުރުން، ކުރީގެ ސީޒަންތަކުގައި ފެނިގެންދިޔަ ބައެއް ބައިވެރިންވެސް މި 20 ވަނަ ސީޒަނުން ފެނުމުގެ ފުރުސަތު އޮތް ކަމަށް ޚަބަރުތައް ބުނެއެވެ.
ބިގް ބޮސްގެ މި އާ ސީޒަނާ ގުޅޭ އިތުރު ތަފުސީލުތަކާއި ބައިވެރިންގެ ލިސްޓު ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ. އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯގެ 20 ވަނަ ސީޒަނަށް ބެލުންތެރިން މިހާރު ތިބީ ކެތްމަދުވެފައެވެ.
