ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހޫނު މޫސުމުގެ ރޭގަނޑުތަކުގައި އޭސީ ބަހައްޓަން އެންމެ ރަނގަޅު ފިނިމިނަކީ ކޮބާ؟

ރޭގަނޑު ނިދާއިރު އޭސީ ބަހައްޓާ ފިނިމިނާ ބެހޭގޮތުން ތަފާތު މީހުންގެ ޚިޔާލު ތަފާތުވެދާނެއެވެ. ހޫނުގަދަ ރޭގަނޑެއްގައި ހަމައެކަނި ފަންކާއަކުން ނުވަތަ ތުނި ބެޑްޝީޓަކުން އެދެވޭ ފިނިކަމެއް ނުލިބިދާނެއެވެ. އެހެންކަމުން، މިފަދަ ދަނޑިވަޅުތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އޭސީންނެވެ. ނަމަވެސް، ކަރަންޓު ބިލު ބޮޑުނުވާނެހެން އަރާމު ފިނިމިނެއްގައި އޭސީ ބެހެއްޓުމަކީ ގިނަބައެއްގެ ސުވާލެކެވެ. އަރާމު ނިންޖަކަށް ހުރަސްނޭޅޭނެހެން، ހޫނު މޫސުމުގެ ރޭގަނޑުތަކުގައި އޭސީ ބަހައްޓަންވީ އެންމެ އެކަށޭނަ މިންވަރު ތިރީގައި އެވަނީއެވެ.

ހޫނު ރޭގަނޑުތަކަށް އެންމެ އެކަށޭނަ ފިނިމިން

ހޫނު މޫސުމުގައި ނިދުމަށް އެންމެ ރަނގަޅު ފިނިމިނެއް ހޯދުމުގައި ބަލަންޖެހޭނީ ހަކަތަ އިސްރާފުވުން ކުޑަކުރުމަށާއި އަރާމު ނިންޖެއް ލިބުމަށެވެ. “އެނާޖީ ސްޓާ” އިން އިރުޝާދުދޭ ގޮތުގައި، ކަރަންޓު ޚަރަދު ކުޑަކުރުމަށްޓަކައި ގޭގައި ނޫޅޭ ވަގުތުތަކުގައި އާންމުކޮށް ބަހައްޓާ ފިނިމިނަށްވުރެ 7 ޑިގްރީ ފެރަންހައިޓް މަތިކުރުމަށާއި، ނިދާއިރު 4 ޑިގްރީ މަތިކުރުން ބުއްދިވެރިއެވެ. މިސާލަކަށް، ދުވާލު ގަޑީގައި 74 ޑިގްރީގައި އޭސީ ބަހައްޓާނަމަ، ބޭރަށްދާއިރު 81 ޑިގްރީއަށް އަދި ނިދާއިރު 78 ޑިގްރީއަށް ބަދަލުކުރެވިދާނެއެވެ.

ހޫނު ގަދަވުމަކީ ނިދުމަށް އުނދަގޫވާ ކަމެއް ކަމަށްވާތީ، ގިނަ މާހިރުން ލަފާދެނީ ތަންކޮޅެއް ފިނިކޮށް ބެހެއްޓުމަށެވެ. “ނޭޝަނަލް ސްލީޕް ފައުންޑޭޝަން” އިން ބުނާގޮތުގައި 60 އާއި 67 ޑިގްރީ ފެރަންހައިޓާ ދެމެދުގެ ފިނިމިނަކީ ނިދަން އެންމެ ރަނގަޅު މިންވަރެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް އެންމެ އަރާމުވަނީ 68 އާއި 77 ޑިގްރީ ފެރަންހައިޓާ ދެމެދުގައެވެ. މިގޮތަށް ފިނިމިން ބަދަލުކުރުމުން ކަރަންޓު ބިލަށް އަންނަ ބަދަލަށްވެސް ސަމާލުވާން ޖެހޭނެއެވެ.

ކަރަންޓު ބިލު ކުޑަކުރާނީ ކިހިނެއް؟

ކަރަންޓު ބިލު ބޮޑުވުމަކީ ނިދުމަށް ހުރަސްއެޅޭ ކަމަކަށް ވާނަމަ، އޭސީގެ ފިނިމިން އެންމެ ޑިގްރީއެއް މަތިކޮށްލުމަކީވެސް ޚަރަދު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، ވަކި ވަގުތަކުން ފިނިމިން އަމިއްލައަށް ބަދަލުވާ ގޮތަށް ހުންނަ ތާމޯސްޓެޓް ބޭނުންކުރުމަކީވެސް ފައިދާހުރި ކަމެކެވެ.

ހޫނު މޫސުމުގެ ރޭގަނޑުތަކުގައި ގެ ފިނިކޮށް ބެހެއްޓުމަށް ބައެއް އިރުޝާދުތައް

އޭސީގެ ފިނިމިން ދަށްކުރުމުގެ އިތުރުން، ކޮޓަރި ފިނިކޮށް ބެހެއްޓުމަށް ކުރެވިދާނެ އެހެން ކަންތައްތައްވެސް އެބަހުއްޓެވެ.

1 – ދޮރުފޮތިތަކުގެ ބޭނުން ހިފުން: ދުވާލު ގަޑީގައި ދޮރުފޮތިތައް ނުވަތަ ބްލައިންޑްސް ލައްޕާފައި ބެހެއްޓުމަކީ އިރުގެ ހޫނުން ކޮޓަރި ސަލާމަތްކޮށްދޭނެ ކަމެކެވެ. ޚާއްސަކޮށް “ބްލެކްއައުޓް” ދޮރުފޮތި ބޭނުންކުރުމުން ބޭރުގެ ހޫނު އެތެރެވުން ވަރަށް ބޮޑަށް ހުއްޓުވައިދެއެވެ.

2 – ވައި ވަންނަ ހުރިހާ ތަނެއް ބަންދުކުރުން: ކުޑަދޮރުތަކާއި ދޮރުތަކުގެ ދޭތެރޭގައި ހުންނަ ހުސްތަންތަނުން ހޫނުވައި އެތެރެވުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، މިފަދަ ތަންތަން ރަނގަޅަށް ބަންދުކުރުމަކީ ފިނި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

3 – ނިދާ އެނދުގެ ސާމާނު ބަދަލުކުރުން: ހޫނު މޫސުމުގައި ކޮޓަން، ލިނެން، ނުވަތަ ބެމްބޫ ފަދަ ވައިދައުރުވާ ތުނި ފޮތީގެ ބެޑްޝީޓް ބޭނުންކުރާށެވެ. އަދި ބޯ ފޮތިތަކުގެ ބަދަލުގައި ތުނި ފޮތި ބޭނުންކުރުމާއި، ގަޔަށް ދޫ ވައިދައުރުވާ ކަހަލަ ނިދާ ހެދުން ލުމަކީ އަރާމު ނިންޖަކަށް އެހީތެރިވެދޭނެ ކަމެކެވެ.

4 – ފަންކާ ބޭނުންކުރުން: އޭސީއާއެކު ސީލިން ފަންކާ ނުވަތަ މޭޒުމަތީ ފަންކާ ބޭނުންކުރުމަކީ ކޮޓަރީގެ ވައި ދައުރުކޮށްދީ، ހަށިގަނޑަށް ފިނިކަން އިޙުސާސްކޮށްދޭނެ ކަމެކެވެ. ސީލިން ފަންކާ ހުންނަންވާނީ ގަޑީގެ ކަށި އެނބުރޭ ދިމާ ނޫން ދިމާއަށް އެނބުރޭ ގޮތަށެވެ. މީގެ ސަބަބުން ކޮޓަރީގެ ފިނިމިން ހަޤީޤަތުގައި ހުރި މިންވަރަށްވުރެ ފިނިކޮށް އިޙުސާސްކުރެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top