ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބަރުދަން ލުއިކުރާ “ސްމޫތީ” ތަކުގެ އެހީގައި އަހަރެންގެ ބަރުދަނުން 43 ކިލޯ ލުވިކޮށްލި ގޮތް!

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ސްމޫތީތަކުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އަހަރެންގެ އުމުރުން ވިހި އަހަރުތަކުގެ ކުރީކޮޅު، ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމާ ގުޅިގެންނާއި، ސިއްހަތަށް ފައިދާހުރި ކަމަށް ބުނާ ބައެއް ކާނާތައް ބޭނުންކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ބަރުދަނަށް ގާތްގަނޑަކަށް 30 ކިލޯ އިތުރުވިއެވެ. އޭރު އަހަރެންގެ އުމުރު ހަގު ނަމަވެސް، ހަށިގަނޑުގައި ވަރުނެތުމާއި ވަރުބަލިކަން އަބަދުވެސް އިހުސާސް ކުރެވުނެވެ.

މީގެ ގާތްގަނޑަކަށް ވިހި އަހަރު ކުރިން، ސިއްހީ ކާނާ ވިއްކާ ފިހާރައަކުން އަހަންނަށް “ގްރީން ސްމޫތީ” އެއް ތައާރަފުވީ ހަނދާން އެބަހުއްޓެވެ. އޭރު އެ ފިހާރައިގައި ހުރި އަންހެނަކު ދިޔައީ މި ސްމޫތީގެ ރަހަ ބަލާލުމަށް މީހުންނަށް ބަހަމުންނެވެ. އަހަރެން ކުރިން ސްމޫތީ ބާރއްގައި މަސައްކަތް ކުރި ނަމަވެސް، ފަތްޕިލާވެލި ބޭނުންކޮށްގެން ސްމޫތީ ތައްޔާރުކުރެވިދާނެ ކަމަކަށް ދުވަހަކުވެސް ފިކުރެއް ނުކުރަމެވެ.

ކޮންމެ ދުވަހަކު ގްރީން ސްމޫތީ ބޯން ފެށިތާ އެންމެ 2-3 މަސްދުވަހުގެ ތެރޭގައި، އަހަރެންގެ ހަންގަނޑަށް އައިސްފައިވާ އުޖާލާކަމާއި، ބަރުދަން ލުއިވަމުންދާ ގޮތާ ބެހޭގޮތުން މީހުން ސުވާލުކުރަން ފެށިއެވެ. މީގެ ސަބަބުން، އާއިލާގެ މީހުންނާއި ރައްޓެހިންނަށް އެހީތެރިވުމުގެ ގޮތުން، ބަރުދަން ލުއިކޮށްދީ ހަކަތަ އިތުރުކޮށްދޭނެ ސްމޫތީ ރެސިޕީތަކާއި އިރުޝާދުތައް ހިމެނޭ ކަރުދާސްތަކެއް ތައްޔާރުކުރަން ފެށީމެވެ. މިހާ ފަސޭހަ ކަމަކުން ލިބޭ ފައިދާ އެހެން މީހުންނަށްވެސް އަންގައިދޭން އަހަރެން ބޭނުންވިއެވެ. އޭގެ މާގިނަ ދުވަސްތަކެއް ނުވެ، ސްމޫތީ ތައްޔާރުކުރާނެ ގޮތް ދަސްކޮށްދޭ ކްލާސްތައް ނަގައިދޭން ފެށީމެވެ.

އޭރު އަހަރެންގެ ބަރުދަނުން ގާތްގަނޑަކަށް 20 ކިލޯ ލުއިވެ، ހަށިގަނޑަށް އާދަޔާ ހިލާފު ދިރުމެއް ލިބުނެވެ. މި މަސައްކަތަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން “ސްމޫތީ ހޭންޑްބުކް”ގެ ނަމުގައި ވެބްސައިޓެއްވެސް ފެށީމެވެ. އަހަރެންގެ އުންމީދަކީ އަހަންނަށް ލިބުނު ފަދަ މިނިވަންކަމާއި އުފާވެރިކަން އެހެން މީހުންނަށްވެސް އިހުސާސްވުމެވެ.

ނަމަވެސް، ހަށިގަނޑަށް އެތެރެވާ ކެލޮރީއާއި އަންދާލެވޭ ކެލޮރީގެ މުހިންމުކަން އޭރު އަހަންނަށް ރަނގަޅަށް ފަހުމެއް ނުވެއެވެ. އަހަރެން ހީކުރީ ކޮންމެ ދުވަހަކު ސިއްހަތަށް ފައިދާހުރި ސްމޫތީއެއް ބޯލުމުން، އިތުރުވާ ކެލޮރީތަކުން ރައްކާތެރިވެވޭނެ ކަމަށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، އަހަންނަށް އިތުރު ދެ ދަރިން ލިބުނެވެ. ގާތްގަނޑަކަށް 15 އަހަރު ފަހުން އަހަރެންގެ ބަރުދަން ވަނީ 115 ކިލޯއަށް އަރާފައެވެ. އަހަރެން ހުރީ އަމިއްލަ ސިއްހަތާ މެދު އުންމީދު ކަނޑާލައިފައެވެ. ސިއްހަތު ރަނގަޅު މީހަކަށް ވުމުގެ ހައްގު އަހަންނަށް އޮތް ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. އާއިލާއާއެކު ބޭރަށް ގޮސް އުޅުމުގެ ބަދަލުގައި، އަހަރެން އިހުތިޔާރު ކުރީ ގޭގައި ފިލާ އޮތުމަށެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު މުޅިން ގެއްލުނެވެ.

އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލި ވަގުތުކޮޅު…

އެއް އަހަރެއްގެ އާ އަހަރު ފާހަގަކުރުމަށް އަހަރެމެންގެ އާއިލާ އެހެން އާއިލާއަކާއެކު ދިޔައީމެވެ. އެ ރޭ އަހަރެންގެ ފިރިމީހާ ނެގި ބައެއް ފޮޓޯތައް ފެނުމުން އަހަރެންގެ ހިތަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. އޭރު އަހަރެން ދިޔައީ ކިރާ މެޝިނަށް އެރުމަށް ޖެހިލުންވެ، ފޮޓޯ ނަގާއިރުވެސް އަހަރެންގެ ބޮޑުކަން ފޮރުވޭނެ ގޮތްގޮތަށް (ދަރިންގެ ފަހަތުގައި ހުރެގެން) ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެރޭ އަހަންނަށް ހަގީގަތާ ކުރިމަތިލާން މަޖުބޫރުވިއެވެ.

މިއަދު އަހަރެން އެ ދުވަހާ މެދު ވިސްނާލާއިރު، އެފަދަ ކަމެއް ދިމާވީތީ އުފާކުރަމެވެ. އެ ފޮޓޯއަކީ އަހަރެންގެ ހާލަތު އަމިއްލައަށް ވަޒަންކޮށް، އެ ކަމުން އަރައިގަތުމަށް އަހަންނަށް ލިބުނު ހިތްވަރެކެވެ.

އަހަރެންގެ ބަރުދަނުން 36 ކިލޯ ހިއްކާލުމަށް 12 މަސްދުވަސް ހޭދަވިއެވެ. އަދި އޭގެ 6 މަސް ފަހުން ޖުމްލަ 43 ކިލޯ ލުއިކުރެވުނެވެ. އަދިވެސް އަހަރެން ކޮންމެ ދުވަހަކު މޭވާއާއި، ޗޮކްލެޓް ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ މީރު ސްމޫތީތައް ބޮމެވެ. ނަމަވެސް މި ދަތުރުގައި އަހަންނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޕްރޮޓީން ހިމެނޭ ސްމޫތީތަކުންނެވެ.

އަމިއްލަ ނަފްސާ މެދު ދެކޭގޮތާއި ކާނާއާ މެދު ގެންގުޅޭ ވިސްނުން ބަދަލުކުރުމަށް އަހަރެން ކުރަމުންދާ މަސައްކަތާ މެދު އުފާކުރަމެވެ. ބަރުދަން ލުއިކުރުމަށް ބޭނުންވާ ފަސޭހަ އަދި ފައިދާހުރި އުސޫލުތައް ދަސްކުރުމަށް އަހަރެން ގިނަ ވަގުތު ހޭދަކުރީމެވެ.

މިއަދު އަހަރެން ދަނީ “ވަން އޮން ވަން ކޯޗިންގް” މެދުވެރިކޮށް އެހެން އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެހެން މީހުންނަށް ކުރިއެރުން ލިބޭތަން ފެނުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ތިޔައީވެސް ބަރުދަން ލުއިކުރަން ބޭނުންވެފައި ހުރި މީހެއް ހެއްޔެވެ؟ މި ދަތުރު ފެށުމަށްޓަކައި އެހީތެރިވެދޭނެ މީހަކު ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި އުޖާލާކަން އަލުން ހޯދުމަށް ތައްޔާރުވާށެވެ.

ބަރުދަނުން 43 ކިލޯ ލުއިކުރުމަށްފަހު، އަހަރެން ވަނީ ސެޓިފައިޑް ޕާސަނަލް ޓްރެއިނަރެއް އަދި ނިއުޓްރިޝަން ސްޕެޝަލިސްޓެއްގެ ގޮތުގައި ތައުލީމު ހާސިލުކޮށްފައެވެ. އަހަރެންގެ ބޭނުމަކީ ބަރުދަން ލުއިކުރުމާ ބެހޭގޮތުން ފެތުރިފައިވާ އޮޅުންބޮޅުން ބޮޑު މައުލޫމާތުތަކުން އަންހެނުން ސަލާމަތްކޮށް، ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމަކަށް މަގުދައްކައިދިނުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top