އދ. މަހިބަދޫގައި މިހާރު ކުރިޔަށްދާ “މަހިބަދޫ ތާރޑް ޔޫތު ވޮލީބޯލް ކަޕް 2026” އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ މޮޅަކުން ފެށިއިރު، އެންމެ ފަހުގެ ރަނަރަޕްގެ ފެށުން ފެނުނީ ނާކާމިޔާބުކޮށެވެ. އަންހެން ޑިވިޝަންގެ ފުރަތަމަ މެޗާއި ދެވަނަ މެޗު ރޭގައި ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އާއި ކުއީން ބީސް އެވެ.
މި މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއިއެކު 5-25 އިން ކާލާމަންނަ ކާމިޔާބުކުރިއިރު، ދެވަނަ ސެޓްގައި ކުއީން ބީސް، ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި ސެޓްގެ ކުރީކޮޅު ދިޔައީ ދާދި ހަމަހަމަކޮށެވެ. ރާއްޖޭން ބޭރުގެ ވަރުގަދަ އެޓޭކަރަކާއިއެކު ކުޅެމުންދިޔަ ކަލާމަންނައިން މަޑުމަޑުން ކުޅުން ރަނގަޅުކޮށް ސެޓްގެ މެދަކާއި ހިސާބުން ބޮޑު ލީޑެއް ހޯދިއެވެ. މި ސެޓް ކާލާމަންނަ ކާމިޔާބުކުރީ 25-11 އިންނެވެ. ތިންވަނަ ސެޓް ވެގެން ދިޔައީ ކުއީން ބީސްއަށް ގޮންޖެހުން ބޮޑުވި ސެޓަކަށެވެ. މެޗު ފެށިގޮތަށް ނެގި ބޮޑު ލީޑާއިއެކު މި ސެޓް ކާލާމަންނަ ކާމިޔާބުކުރީ 4-25 ގެ ތަފާތުބޮޑު ނަތީޖާއިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ކާލާމަންނައަށް މެޗު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކާފިއު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ކާފިއު / ފޮޓޯ: މަހިބަދޫ ޔޫތު ވޮލީބޯލް ފޭސްބުކް ޕޭޖް
އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ރަނަރަޕް ޗެލެންޖާރސް އާއި ސުޕައިކާރސް އެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓް 18-25 އިން ކާމިޔާބުކުރީ ސްފައިކާރސް އެވެ.
ދެވަނަ ސެޓް ފެނުނީ ފުރަތަމަ ސެޓަށްވުރެ ވާދަވެރިކޮށެވެ. މި ސެޓް ޗެލެންޖާރސް ކާމިޔާބުކުރީ 25-20 އިންނެވެ. ދެ ޓީމަށް ދެ ސެޓް ދިއުމާއިއެކު ތިންވަނަ ސެޓްގެ ވާދަވެރިކަން ބޮޑުވިއެވެ. ދެވަނަ ސެޓް ހޯދި ޗެލެންޖާރސްއަށް ދެވަނަ ސެޓްގައި ދެއްކި ކުޅުން މި ސެޓްގައި ނުދެއްކުނެވެ. މި ސެޓް ސްފައިކާރސް ކާމިޔާބުކުރީ 14-25 އިންނެވެ.
ދެ ސެޓް އެއް ސެޓުން ކުރީގައި އޮތް ސްޕައިކާރސް ހަތަރުވަނަ ސެޓަށް ނުކުތީ ސެޓް ކާމިޔާބުކޮށް މެޗުން މޮޅުވާށެވެ. ފުރަތަމަ ތިން ސެޓްގައި ރަނގަޅު ކުޅުމެއް ދެއްކި ސްޕައިކާރސް މި ސެޓްގައި ވެސް މޮޅު ކުޅުމެއް ދެއްކިއެވެ. ވާދަވެރިކަން ބޮޑުވި މި ސެޓް ސްޕައިކާރސް ކާމިޔާބުކުރީ 23-25 އިންނެވެ.
ތިން ސެޓް އެއް ސެޓުން ސްޕައިކާރސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ސްޕައިކާރސް މި ހޯދި ކާމިޔާބުގައި މުހިންމު ހިއްސާއެއްވި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕައި އެވެ.
މި ޑިވިޝަންގެ ކުޅުން ދެން އޮންނާނީ 24 ވަނަ ދުވަހުގެ ރެއެވެ. އެރޭ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުއީސް ބީސް އާއި ސްޕައިކާރސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޗެލެންޖާރސް އާއި ކާލާމަންނަ އެވެ.
