ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ރީނދުލާއި އަސޭމިރުހުން ލިބިދޭ ސިއްހީ 6 ފައިދާއެއް

މުހިންމު ބައެއް ނުކުތާތައް:

– ރީނދުލާއި އަސޭމިރުހަކީ ކެއްކުމުގައާއި ސަގާފީ ބޭސްވެރިކަމުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ދެ ބާވަތެވެ. ދިރާސާތަކުން ދައްކާގޮތުގައި، އަސޭމިރުހުގައި އެކުލެވޭ ‘ޕައިޕަރިންގެ އެހީގައި، ރީނދޫގައި ހުންނަ ‘ކަރކިއުމިން ހަށިގަނޑަށް ދަމައިގަތުމަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ.

– ކެއްކުމުގައި ބޭނުންކުރާ މިންވަރަކީ އާންމުކޮށް ރައްކާތެރި މިންވަރެކެވެ. ނަމަވެސް، ދިރާސާތަކުން ފާހަގަވާ ސިއްހީ ފައިދާތައް ހޯދުމަށްޓަކައި، ސަޕްލިމަންޓްގެ ގޮތުގައި ބޭނުންކުރާ މިންވަރަށް ކަރކިއުމިން އަދި ޕައިޕަރިން ބޭނުންކުރަންޖެހެއެވެ.
ގިނަ އަދަދަކަށް ސަޕްލިމަންޓް ބޭނުންކުރުމަކީ އެންމެންނަށް ރައްކާތެރި ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން، ޚާއްޞަކޮށް ސިއްހީ އެކި މައްސަލަތައް ހުންނަ ފަރާތްތަކުން، މިފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

– ރީނދުލާއި އަސޭމިރުސް އެއްކޮށްގެން ބޭނުންކުރުމުން، ރީނދޫގެ ސިއްހީ ފައިދާތައް، ޚާއްޞަކޮށް ދުޅައުފެދުން ނުވަތަ އިންފްލެމޭޝަނާއި ދެކޮޅަށް މަސައްކަތްކުރާ ބާރު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މި ދެ ބާވަތް އެކުގައި ބޭނުންކުރެވިދާނެ ގިނަ ގޮތްތަކެއް ހުރެއެވެ.

1- ކާކިއުމިން ހަށިގަނޑަށް ދަމައިގަތުމަށް ބާރުއަޅައިދިނުން

ރީނދޫގައި އެކުލެވޭ ‘ކާކިއުމިން’ އަކީ އިންފެކްޝަންތަކުން ރައްކާތެރިކޮށްދިނުމާއި، ދުޅަހެޔޮކަން އިތުރުކުރުމާއި، ބެކްޓީރިއާއާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން ކެންސަރުން ސަލާމަތްވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ނަމަވެސް، ހަށިގަނޑުގެ ހަޖަމުކުރާ ނިޒާމުގައި ހުންނަ އެންޒައިމްތަކުގެ ސަބަބުން މި މާއްދާ ހަށިގަނޑަށް އެންމެ ފުރިހަމައަށް ދަމައިގަތުމުގެ ކުރިން ބޭކާރުވެގެންދެއެވެ. އަސޭމިރުހުގައި ހުންނަ ‘ޕައިޕަރިން’ ނަމަކަށް ކިޔާ މާއްދާއަކީ ކާކިއުމިން ހަށިގަނޑަށް ދަމައިގަތުމުގެ ގާބިލުކަން 2,000 އިންސައްތައަށް އިތުރުކޮށްދޭ އެއްޗެކެވެ.

2- މެޓަބޮލިކް ސިންޑްރޯމް ރަނގަޅުކޮށްދިނުން

ދިރާސާތަކުން ދައްކާ ގޮތުގައި ރީނދުލާއި އަސޭމިރުސް އެއްކޮށް ބޭނުންކުރުމަކީ މެޓަބޮލިކް ސިންޑްރޯމް (ހަކުރު ބަލި، ލޭގެ ޕްރެޝަރު އަދި ފަލަވުން ފަދަ ކަންކަން އެކުލެވޭ ހާލަތްތައް) ރަނގަޅުކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

3- ހުޅުތަކުގެ ދުޅަވުމާއި ރިއްސުން ކުޑަކޮށްދިނުން

ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި ރީނދޫ، އަސޭމިރުސް އަދި އިނގުރު އެއްކޮށް ބޭނުންކުރުމުން، ހުޅުތަކުގައި އުފެދޭ ރިއްސުމާއި ދުޅަވުން ކުޑަކޮށްދެއެވެ. މިއީ ތަދުކަނޑުވަން ބޭނުންކުރާ ބޭސްތަކާ އެއްފަދަ ނަތީޖާއެއް ލިބޭ ކަމެއް ކަމަށް ދިރާސާތަކުން އިޝާރާތްކުރެއެވެ.

4- ކެންސަރުން ރައްކާތެރިވުމުގެ ސިފަތައް

ރީނދުލާއި އަސޭމިރުސް އެއްކޮށް ނުވަތަ ވަކިން ބޭނުންކުރުމުން، ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަންތައް ކުޑަކޮށްދީ، ކެންސަރުގެ ބައެއް ބާވަތްތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ހާއްސަކޮށް އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށާއި އެ ބަލީގެ ފަރުވާގައި މި ދެ ބާވަތް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ބެލެވެއެވެ.

5- ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކުރުން

ކާކިއުމިން އާއި ޕައިޕަރިން އެކުލެވޭ މި މިކްސްޗަރަކީ އަލްޒައިމަރ ފަދަ ހަނދާން ނެތޭ ބަލިތަކުން ސިކުނޑި ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. މި ދެ މާއްދާ ވަކިވަކިން ބޭނުންކުރުމަށްވުރެ، އެއްކޮށް މަދު މިންވަރަކަށް ބޭނުންކުރުމުން ލިބޭ ފައިދާ ބޮޑުކަމަށް ފާހަގަކުރެވެއެވެ.

6- ހަޖަމުކުރުމުގެ ނިޒާމަށް ލިބޭ ފައިދާ

ޒަމާނުއްސުރެ ރީނދުލަކީ ބަނޑުގެ މައްސަލަތަކަށް ފަރުވާކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ފިތު (ގޯލްބްލެޑަރ) ގެ ބަލިތަކާއި ބަނޑުގެ ފާރު (ސްޓޮމަކް އަލްސަރ) ފަދަ ކަންކަމަށް ރީނދޫ ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ.

މި ދެ ބާވަތް އެކުގައި ބޭނުންކުރާނެ ގޮތް

ރީނދުލާއި އަސޭމިރުހަކީ ކާނާގެ ރަހަ އާއި ކުލަ ރީތިކުރުމަށާއި މީރުކުރުމަށް ބޭނުންކުރާ ވަރަށް މުހިންމު ދެ ބާވަތެވެ. އާންމުގޮތެއްގައި ކޮންމެ އެއް ސައިސަމުސާ ރީނދުލަކަށް ހަތަރުބައިކުޅަ އެއްބައި ސައިސަމުސާ އަސޭމިރުސް އެއްކުރުމަކީ އެދެވިގެންވާ މިންވަރެކެވެ. ނަމަވެސް މިއީ ތިމާގެ ރަހަޔަށް ބަލައި ބަދަލުކުރެވިދާނެ މިންވަރެކެވެ.

ތިރީގައިވާ ކާނާގެ ބާވަތްތަކުގައި މި ދެ އެއްޗެތި ބޭނުންކުރެވިދާނެއެވެ:

– ގޯލްޑަން މިލްކް: ހޫނު ކިރު ތައްޓަކަށް ރީނދޫ ކޮޅަކާއި އަސޭމިރުސް ކޮޅެއް އެއްކޮށްގެން.

– ހަމަސް: މެދުއިރުމަތީގެ މި ކާނާ ތައްޔާރުކުރާއިރު.

– ބަތް: ބަތް ކައްކާއިރު ރަހަޔާއި ކުލަ ޖެއްސުމަށް.

– ސަލަޑް: ތަފާތު ސަލަޑްތަކުގެ މައްޗަށް ބުރުވައިލައިގެން.

– ތަރުކާރީ: ތަރުކާރީ މަޑުކުރާއިރު ނުވަތަ ފިހާއިރު.

– ބިސް: ސްކްރޭމްބްލްޑް އެގްސް ނުވަތަ އޮމްލެޓް ފަދަ ތަކެތި ތައްޔާރުކުރާއިރު.

– ސްމޫތީ: މޭވާގެ ބުއިންތަކަށް އެއްކޮށްގެން.

މިންގަނޑާއި ބޭނުންކުރަންވީ މިންވަރު:

ކެއުންތަކުގެ ރަހަ މީރުކުރުމަށް ރީނދޫ އަދި އަސޭމިރުސް ބޭނުންކުރި ނަމަވެސް، އޭގެ ސަބަބުން ސިއްހީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ފައިދާއެއް ނުލިބިދާނެއެވެ. ސަބަބަކީ ރީނދޫގައި “ކާކިއުމިން” ހުންނަ މިންވަރު މަދުވުމެވެ.

ކާނާގެ ބައެއް ބާވަތްތަކުން ދުވާލަކު 2,000 އާއި 2,500 މިލިގްރާމްގެ ރީނދޫ ހަށިގަނޑަށް ލިބުނު ކަމުގައި ވިޔަސް، އޭގެއިން ލިބިދެނީ އެންމެ 60 އާއި 100 މިލިގްރާމްގެ ކާކިއުމިންއެވެ. ނަމަވެސް، ސިއްހީ ދިރާސާތަކުގައި ބޭނުންކުރާ ސަޕްލިމަންޓްތަކުގައި ކާކިއުމިން ހިމެނޭ މިންވަރު 46 އިން ފެށިގެން 4,000 މިލިގްރާމަށް ވުރެ ގިނައެވެ.

ކާކިއުމިން އާއި ޕައިޕަރިން އަކީ ބޭނުންކުރުމުގައި ރައްކާތެރި މާއްދާތަކެއް ކަމުގައި ބެލެވުނު ނަމަވެސް، މީގެ އެންމެ މަތީ މިންވަރެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. އެހެންނަމަވެސް، އދ. އާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަދި ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީ (އީއެފްއެސްއޭ) އިން ލަފާދެނީ، ހަށިގަނޑުގެ ކޮންމެ ކިލޯގްރާމަކަށް 0 އިން 3 މިލިގްރާމާ ދެމެދުގެ މިންވަރަކަށް ކާކިއުމިން ބޭނުންކުރުމަކީ އެންމެ އެކަށީގެންވާ މިންވަރު ކަމަށެވެ.

އާންމުކޮށް އެހެނިހެން ސަޕްލިމަންޓްތަކާއެކު 5 އާއި 10 މިލިގްރާމްގެ ޕައިޕަރިން ބޭނުންކުރަނީ، އެ މާއްދާތައް ހަށިގަނޑަށް ދަމައިގަތުމުގެ ބާރު އިތުރުކުރުމަށެވެ.

ކެއުމަށް ބޭނުންކުރާ ގިނަ ރީނދޫގެ ބާވަތްތަކުގައި ކާކިއުމިން ހުންނަނީ އެންމެ 2 އިންސައްތައާއި 6 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ. އެހެންކަމުން، ސިއްހީ ދިރާސާތަކުގައި ބޭނުންކޮށްފައިވާ ފަދަ މަތީ މިންވަރަކަށް ކާކިއުމިން އާއި ޕައިޕަރިން ހޯދުމަށްޓަކައި ސަޕްލިމަންޓް ބޭނުންކުރަން ޖެހެއެވެ.

މިސާލަކަށް، “އާތްރައިޓިސް ފައުންޑޭޝަން” އިން ލަފާދޭ ގޮތުގައި، ހުޅުހުޅުގައި ރިއްސުން ނުވަތަ އާތްރައިޓިސްގެ އުނދަގޫތަކަށް ފަރުވާ ހޯދުމަށްޓަކައި، ދުވާލަކު ދެ ފަހަރު އަސޭމިރުހާއެކު 500 މިލިގްރާމްގެ މަތީ ފެންވަރުގެ ކާކިއުމިން ހިމެނޭ ސަޕްލިމަންޓް ބޭނުންކުރެވިދާނެއެވެ.

ދިމާވެދާނެ ބައެއް ނޭދެވޭ އަސަރުތައް:

ބަނޑުގެ މައްސަލަތައް:

ބައެއް ދިރާސާތަކުން ދައްކާގޮތުގައި، މިކަމުގެ ސަބަބުން އެންމެ އާންމުކޮށް ކުރިމަތިވާ ނޭދެވޭ އަސަރުތަކަކީ ބަނޑުގައި ރިއްސުމާއި، ހަޖަމުކުރަން އުނދަގޫވުމުގެ އިތުރުން މޭނުބައިކުރުމެވެ.

ފުރަމެއަށް ގެއްލުންވުން:

ރީނދުލާއި އަސޭމިރުސް އެކުލެވޭ ބާވަތްތައް ބޭނުންކުރާ ބައެއް މީހުންގެ ފުރަމޭގެ ސެލްތައް ދުޅަވުމުގެ (ހެޕްޓޯސެލިއުލާ ލިވާރ އިންޖަރީގެ) މައްސަލަތަކެއް ދިރާސާވެރިންނަށް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑީ، އާންމު ކެއުންބުއިމުގެ ތެރެއިން ރީނދޫ ބޭނުންކުރާ މީހުންނަށްވުރެ ބޮޑަށް، ބާރުގަދަ “ހައި-ޑޯޒް” ސަޕްލިމެންޓްގެ ގޮތުގައި ރީނދޫ ބޭނުންކުރާ މީހުންނަށެވެ. އަދި ފުރަމޭ ވިހަވުމުގެ (ލިވާރ ޓޮކްސިސިޓީ) ނުރައްކާ އޮތް މީހުންގެ މެދުގައި މިފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު އިތުރުކަންވެސް ފާހަގަކުރެވެއެވެ.

ބޭސްތަކާ ފުށުއެރުން:

ކަރކިއުމިން ގިނަ މިންވަރަކަށް ބޭނުންކުރުމަކީ ބައެއް ބާވަތްތަކުގެ ބޭސްތަކުގެ މަސައްކަތަށް ބަދަލު އަތުވެދާނެ ކަމެކެވެ. މީގެ ތެރެއިން ގިނަ ބަދަލުތަކަކީ ޖަނަވާރުން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކާއި އިލްމީ ތިއަރީތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. ކަރކިއުމިން ބޭނުންކުރުމުގެ ސަބަބުން ތިރީގައިވާ ބޭސްތަކުން ކުރަންޖެހޭ އަސަރަށް ބަދަލު އަތުވެދާނެއެވެ:

– ހަކުރު ބައްޔަށް ބޭނުންކުރާ ބޭސްތައް: ހަކުރު ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ބޭސްތަކުގެ އަސަރަށް ބަދަލު އައުން.

– ލޭ ދިޔާކުރާ ބޭސްތައް: (އެންޓިކޮގިއުލޭންޓްސް) ލޭ ގަނޑުވިޔަނުދިނުމަށް ބޭނުންކުރާ ބޭސްތަކާއެކު ރައްކާތެރިވާންޖެހެއެވެ.

– ކީމޯތެރަޕީ: ކެންސަރު ބަލީގެ ފަރުވާގައި ބޭނުންކުރާ ބައެއް ބާވަތްތަކުގެ ބޭސްތައް.

ރީނދޫ، ކާކިއުމިން ނުވަތަ ޕައިޕަރިން ހިމެނޭ ސަޕްލިމަންޓްތައް ބޭނުންކުރަން ފެށުމުގެ ކުރިން، އެއީ ތިބާގެ ސިއްހަތަށް ރައްކާތެރި ތަކެތިތޯ ކަށަވަރުކުރުމަށްޓަކައި ސިއްހީ މާހިރެއްގެ ނުވަތަ ޑޮކްޓަރެއްގެ އިރުޝާދު ހޯއްދަވާށެވެ.

މިތަކެތި ބޭނުންކުރުމުގައި ސަމާލުވާންޖެހޭ މީހުން:

މާބަނޑު މީހުންނާއި ކިރުދޭ މައިން:

ކާބޯތަކެތީގައި އާންމުކޮށް ބޭނުންކުރާ މިންވަރަށް ރީނދޫ ނުވަތަ އޭގައި ހިމެނޭ ކަރކިއުމިން ބޭނުންކުރުމަކީ މި ދުވަސްވަރު ރައްކާތެރި ކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް، ރީނދޫގެ ބާރުގަދަ މާއްދާތައް އެކުލެވޭ ސަޕްލިމަންޓްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން އެކަށީގެންވާ މިންވަރަށް ދިރާސާ ކުރެވިފައި ނުވާތީ، މާބަނޑު ދުވަސްވަރާއި ގާތުން ކިރުދޭ ދުވަސްވަރު މިފަދަ ސަޕްލިމަންޓްތައް ބޭނުންކުރުމުން ދުރުހެލިވުން ބުއްދިވެރިއެވެ.

ކުޑަކުދިންނާއި ފުރާވަރުގެ ކުދިން:

ކުލިނިކަލް ދިރާސާތައް އެކަށީގެންވާ މިންވަރަށް ކުރެވިފައި ނެތް ނަމަވެސް، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކާކިއުމިން

ބޭނުންކުރުމާ ގުޅޭގޮތުން ލިބިފައިވާ ހޯދުންތަކުން ދައްކާގޮތުގައި، އުމުރުން 7 އަހަރުން މަތީގެ ކުދިންނަށް، ހަ މަސް ދުވަހުގެ މުއްދަތަށް ދުވާލަކު ހަށިގަނޑުގެ ބަރުދަނުގެ ކިލޯއަކަށް 30 މިލިގްރާމްގެ މިންވަރެއް ބޭނުންކުރުމަކީ ރައްކާތެރި ކަމެކެވެ. އަދި ފުރާވަރުގެ ކުދިންނަށް 10 ހަފުތާގެ މުއްދަތަށް ދުވާލަކު 500 މިލިގްރާމްގެ ކާކިއުމިން ބޭނުންކުރުމަކީ ރައްކާތެރި ކަމެއްކަމަށް ބެލެވެއެވެ.

ގަދީމީ ބޭސްވެރިކަމުގައި ރީނދުލާއި އަސޭމިރުސް

ރީނދުލާއި އަސޭމިރުހަކީ އޭގެ ސިއްޙީ ފައިދާތަކަށްޓަކައި އެތައް ޤަރުނެއް ވަންދެން ގަދީމީ ބޭސްވެރިކަމުގައި ބޭނުންކުރަމުން އަންނަ ދެ ބާވަތެކެވެ. މި ދެ ބާވަތުން ލިބޭ ފަރުވާގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށާއި، އިތުރު ސިއްޙީ މަންފާތައް ހާސިލުކުރުމަށްޓަކައި ގިނަ ފަހަރަށް މި ދެ ބާވަތް އެކީގައި ބޭނުންކުރެވެއެވެ.

ރީނދުލަކީ އޭޝިއާގެ ގަދީމީ ބޭސްވެރިކަމުގެ ނިޒާމުތަކުގައި، ޚާއްޞަކޮށް އިންޑިއާގެ އަޔުރަވޭދާ އާއި ޗައިނާގެ ބޭސްވެރިކަމުގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ބާވަތެކެވެ. ހުޅުހުޅުގެ މައްސަލަތަކާއި، ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ އުނދަގޫތަކާއި، ނޭވާލާ ނިޒާމުގެ މަތީ ބައިގެ ބަލިތަކުގެ އިތުރުން ހަމުގެ އެކި ބަލިތަކަށް ފަރުވާ ކުރުމަށް އިންޑިއާގައި ޒަމާނުއްސުރެ ރީނދޫ ބޭނުންކުރަމުން އައިސްފައިވެއެވެ.

ހަމައެފަދައިން، އަސޭމިރުހަކީ ވެސް ޗައިނާގެ ގަދީމީ ބޭސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން، ބަނޑު ފިނިވުމުގެ ސަބަބުން ކާހިތްނުވުމާއި، ހޮޑުލުމާއި، ބަނޑުދިޔާވުމުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ ކަންކަމަށް ލުއި ހޯދައިދިނުމަށް އަސޭމިރުސް ބޭނުންކުރެއެވެ. އަދި އަޔުރަވޭދާ ބޭސްވެރިކަމުގައި ފިޓުޖެހުމާއި، ނޭވާހީއްލުމާއި، ނިދިނައުމުގެ މައްސަލަތަކުގެ އިތުރުން ބަނޑުގެ އެކި ބަލިތަކަށް ފަރުވާ ކުރުމަށް ވެސް އަސޭމިރުސް ބޭނުންކުރެއެވެ.

ނޯޓް: މިއީ ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދިނުމަށް ލިޔެފައިވާ ލިޔުމެކެވެ. ސިއްހީ އެއްވެސް މައްސަލައެއްގައި ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް ސަމާލުކަން ދެއްވާށެވެ. އަދި މިހާރު ކުރަމުންދާ އެއްވެސް ފަރުވާއެއް ޑޮކްޓަރުގެ ލަފައާ ނުލައި މެދުކަނޑާނުލައްވާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top