ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހިތާދޫ ޗެމްޕިއަންކަން ހޯދައިފި
ފޮޓޯ: ދަރަވަންދޫ ކައުންސިލް އެފްބީ

ބ. ދަރަވަންދޫގައި ކުރިޔަށް ގެންދިޔަ “ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2026 އަންޑަރ 16” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހިތާދޫ ހޯދައިފިއެވެ. ރޭ ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ދަރަވަންދޫ އާއި ހިތާދޫ އެވެ.

މި ދެ ޓީމު ފައިނަލަށް އައިސްފައިވާ ގޮތަށް ބަލާލާއިރު، ހިތާދޫއަކީ ގުރޫޕް އޭގެ އެއްވަނަ ޓީމެވެ. ގުރޫޕް ބީގެ ދެވަނަ ހޯދި ކިހާދޫއާ ބައްދަލުކޮށް ސެމީ ފައިނަލް މެޗު ހިތާދޫ ކާމިޔާބުކުރީ 3-1 އިންނެވެ. ދަރަވަންދޫ އަކީ ގުރޫޕް ބީގެ އެއްވަނަ ޓީމެވެ. ގުރޫޕް އޭގެ ދެވަނަ ހޯދި ކަމަދޫ އާއި ދަރަވަންދޫ ބައްދަލުކުރި ސެމީ ފައިނަލް މެޗު ދަރަވަންދޫ ކާމިޔާބު ކުރީ 1-0 އިންނެވެ.

ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ދަރަވަންދޫންނެވެ. ރަނގަޅު ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރިއިރު، ހިތާދޫން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. ދަރަވަންދޫން ތަނަވަސްކުރި ފުރުސަތެއް ހުއްޓުވުމަށްޓަކައި މަސައްކަތްކުރި ހިތާދޫ ކީޕަރު އޭރިޔާ ބޭރުން ބޯޅައިގަ އަތްލުމާއި ގުޅިގެން ތިންވަނަ މިނިޓްގައި ވަނީ އޭނާއަށް ރަތް ކާޑެއް ދައްކާފައެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ހިތާދޫ ކޮޅަށް ލަނޑެއް ޖެހުމަށް ދަރަންވަންދޫން ކުރި މަސައްކަތް އިތުރު ކުރިއިރު، ހިތާދޫން ކުޅުނީ އެކަމަށް ވިސްނައި ޑިފެންސަށް ޖެހިގެންނެވެ.

ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ނުހިފުނު މި ހާފު ނިމުނީ 0-0 އިންނެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހިތާދޫންނެވެ. 24 ވަނަ މިނިޓްގައި ހިތާދޫއަށް މި ލަނޑު ޖަހައިދިނީ މަނާލް އެވެ. މަނާލް މި ލަނޑު ޖެހީ ރަޒާން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ދަރަވަންދޫން ލަނޑު ޖެހީ 35 ވަނަ މިނިޓްގަ އެވެ. މި ލަނޑު ދަރަވަންދޫއަށް ޖަހައި ދިނީ އެ ޓީމުގެ ކެޕްޓަން ސަދީމް އެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ދިޔަ މި މެޗު ނިމުނީ މި ނަތީޖާ އާއެކުއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ހިތާދޫ ކާމިޔާބުކުރީ 4-3 އިންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހިތާދޫ ހޯދިއިރު، މުބާރާތުގެ ރަނަރަޕްއަކީ ދަރަވަންދޫ އެވެ. މުބާރާތުގެ ތިންވަނަ ޓީމަކީ ދޮންފަނެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ކަމަދޫ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތާދޫ ޓީމުގެ ކީޕަރު ލޫތު ބިން އަޙްމަދު އިމާދެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަކީ، ހިތާދޫ ޓީމުގެ އަޙްމަދު މަނާލް އާއި ކަމަދޫ ޓީމުގެ ހުސައިން ލޫތު ބިން ޢަބްދުﷲ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ހިތާދޫ ޓީމުގެ ކޯޗެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދަރަންވަންދޫ ޓީމުގެ އިސްމާއިލް ނާޒިލް ނަޒީމް، ހިތާދޫ ޓީމުގެ ރަޒާން ޢަބްދުއްރައޫފް، ދަރަވަންދޫ ޓީމުގެ ޢަލީ ޝަބީން މުޙައްމަދު، ހިތާދޫ ޓީމުގެ އަޙްމަދު މަނާލް އަދި ދޮންފަނު ޓީމުގެ މުޙައްމަދު އަލްސަން އަލީމް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ ދަރަވަންދޫ ޓީމުގެ އަބްދުއްރަޙްމާން ޝުރެއިހް އިބްރާހިމް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top