ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ތ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދައިފި އެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ތިމަރަފުށްޓާއި ވޭމަންޑޫ އެވެ.
މުބާރާތުގައި ވާދަކުރި ތިން ޓީމުގެ މެދުގައި ކުޅެވުނު ލީގު ބުރުގެ ދެ މެޗު ފަސޭހަކަމާއިއެކު ތިމަރަފުށި ކާމިޔާބުކުރިއިރު، ވޭމަންޑޫގެ މައްޗަށް ވެސް އެ ޓީމުން ކާމިޔާބު ހޯދީ ފަސޭހަކަމާއިއެކު އެވެ.
ގުރޫޕް ސްޓޭޖްގެ މެޗު ފަސޭހަކަމާއިއެކު ތިމަރަފުށި ކާމިޔާބުކުރި ނަމަވެސް، ފައިނަލް މެޗު ވެގެން ދިޔައީ ތަފާތު މަންޒަރެއް ފެނުނު މެޗަކަށެވެ. ތިމަރަފުށީގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދި ވޭމަންޑޫން ވަނީ ތިމަރަފުށްޓައި ސިހުން ގެނުވައި އެ ޓީމުގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ތިމަރަފުށިން ނެވެ. ފުރަތަމަ މިނިޓްގައި ތިމަރަފުށިން އުފެއްދި ހަމަލާ ކާމިޔާބުކޮށް އެ ޓީމުން ލީޑު ނެގި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނާސިހް (އާދަންނަ) އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވޭމަންޑޫ އޭރިޔާ ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހިލައި ގޯލާއި ދިމާއަށް ފޮނުވާލުމުން، އެ ޓީމުގެ ކީޕަރު ދިފާއުކުރި ބޯޅަ ދެވަނަ ފަހަރަށް ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ލަނޑާއިއެކު ތިމަރަފުށިން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއިރު، ވޭމަންޑޫން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ފުރުސަތުތައް ހޯދާފަ އެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ 11 ވަނަ މިނިޓްގައި ވޭމަންޑޫން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމުން މި ލަނޑު ޖަހާފައިވަނީ ތިމަރަފުށީގެ އޭރިޔާ ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހިލައި ކުރިމަތީ ހުރި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސޮލާހް ޢަލީ އެވެ.

މުބާރާތުގެ ރަނަރަޕް ޓީމް ތ. ވޭމަންޑޫ / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ
އިތުރު ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފުގައި ދެ ޓީމުން ވެސް ނަތީޖާ ބަދަލުކޮށްލުމަށް އިތުރަށް މަސައްކަތްކޮށްފަ އެވެ. ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ދިޔަ މި މެޗުގައި ދެވަނަ ފަހަރަށް ތިމަރަފުށިން ލީޑު ނެގީ މެޗުގެ ފަހުކޮޅު އެވެ. ވޭމަންޑޫ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހިލައި، ކުރިމަތީ ތިބި ދެ ކުޅުންތެރިން ކައިރިން އެއްކައިރިއަށް ޖެހިލައި އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ތިމަރަފުށްޓަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އަޙްމަދު އަފްލާޒް އެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވި ގޮސްފައިވެ އެވެ.
2-1 އިން މެޗު ކާމިޔާބުކޮށް ތ. އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަޙްމަދު އަފްލާޒް އެވެ.
މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ތިމަރަފުށީ ޓީމުގެ ޝާއިފް ޢަލީ، ތިމަރަފުށީ ޓީމުގެ އިބްރާހިމް އަސްވަދު (ގަބޭ)، ވޭމަންޑޫ ޓީމުގެ ހަމްދޫން އަޙްމަދު، ތިމަރަފުށީ ޓީމުގެ އިސްމާއިލް މުނީޒް، ކިނބިދޫ ޓީމުގެ އިބްރާހިމް އިމްރާހް އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ތިމަރަފުށީ ޓީމުގެ އަޙްމަދު އަފްލާޒް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ތިމަރަފުށީ ޓީމުގެ ކޯޗު އާދަމް ނާސިރު އަލީ އެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ކިނބިދޫ ޓީމެވެ. މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިއަކީ ތިމަރަފުށީ ޓީމުގެ އާދަމް ނާސިހް (އާދަންނަ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ތިމަރަފުށީ ޓީމުގެ އަޙްމަދު އަފްލާޒް އެވެ.
