މިއީ ބަރުދަން ލުއިކުރާ ސްމޫތީސް ތައްޔާރުކޮށް، އެ ސްމޫތީސް ބޭނުންކޮށް 45 ކިލޯގެ ބަރުދަން ލުއިކޮށްލާފައިވާ ‘ޑަނައޭ’ ނަމަކަށް ކިޔާ މީހެއްގެ ބްލޮގުން ނަގާފައިވާ ލިޔުމެކެވެ. ލިޔުން ލިޔެފައިވަނީ އެމީހާ ނަޒަރުންނެވެ.
މިއީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ، ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ސްމޫތީ ތައްޔާރުކުރާނެ ގޮތުގެ އިރުޝާދެކެވެ.
ބަރުދަން ލުއިކުރުމަށްޓަކައި ކުރާ މަސައްކަތުގައި، ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ސްމޫތީތައް ބޭނުންކުރުމަކީ ވަރަށް ރަނގަޅު ފެށުމެކެވެ. ސަބަބަކީ އެއްފަހަރު ބޯލާ ސްމޫތީއަކުން ވެސް ހަށިގަނޑަށް ބޭނުންވާ ގިނަ އަދަދެއްގެ ޕްރޮޓީން ހޯދައިދެވޭތީއެވެ. ބަރުދަން ލުއިކުރާއިރު ޕްރޮޓީން ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑުގެ ސަރުބީ ވިރުވަމުންދާއިރު އެކަށީގެންވާ މިންވަރަށް ޕްރޮޓީން ލިބުމުން، ގައިގާ ޖަހާފައިވާ މަސްތައް ހިނދުމުން ސަލާމަތްކޮށްދެއެވެ. އަހަރެމެންގެ މަގުސަދަކީ ހަމައެކަނި ބަރުދަން ލުއިކުރުމެއް ނޫނެވެ؛ އޭގެ ބަދަލުގައި ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް ބެހެއްޓުމާއެކު، ހަށިގަނޑު ރީތި ބައްޓަމެއްގައި ބެހެއްޓުމެވެ.
ޕްރޮޓީން ޕައުޑަރަކީ ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު ގޮތްތަ؟
އާދެ، ހަމަގައިމުވެސްމެއެވެ! އަޅުގަނޑުގެ ބަރުދަނުން ގާތްގަނޑަކަށް 45 ކިލޯ (100 ޕައުންޑް) ލުއިކުރުމަށް ކުރި ދަތުރުގައި ތަފާތު އެކި ބްރޭންޑްތަކުގެ ޕްރޮޓީން ޕައުޑަރު ބޭނުންކުރީމެވެ. މޭވާގެ ސްމޫތީތަކަށް އިތުރު ޕްރޮޓީން އެއްކުރުމުން، މާ ގިނަ ވަގުތު ވަންދެން ބަނޑުހައިނުވެ ހުރެވޭކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. މިހާރުގެ ބާޒާރުގައި ރަހަ މީރު، އަދި ބޯލަން އުނދަގޫނުވާނެހެން އޮމާންކޮށް ހުންނަ ފެންވަރު ރަނގަޅު ގިނަ ޕްރޮޓީން ޕައުޑަރުތައް ލިބެން އެބަހުއްޓެވެ.
މީގެ ތެރެއިން ބައެއް ބްރޭންޑްތަކުގައި އިތުރު ނިއުޓްރިއެންޓްސް ހިމެނޭތީ، މިއީ ފުރިހަމަ ކެއުމެއްގެ ބަދަލުގައި ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.
އަޅުގަނޑު ބަރުދަން ލުއިކުރަން ބޭނުންވާއިރު، އަމާޒު ހިފަނީ އަޅުގަނޑު ހުންނަން ބޭނުންވާ ބަރުދަނުގެ ކޮންމެ ޕައުންޑަކަށް 1 ގްރާމް ޕްރޮޓީން ކެއުމަށެވެ. މިސާލަކަށް އަޅުގަނޑުގެ ބަރުދަން 160 ޕައުންޑުގައި ބަހައްޓަން ބޭނުންނަމަ، ދުވާލަކު 160 ގްރާމް ޕްރޮޓީން ހޯދަން ޖެހެއެވެ. މިއީ ވަރަށް ގިނަ އަދަދެއްގެ ޕްރޮޓީން ކަމަށް ވިޔަސް، ސްމޫތީގައި ޕްރޮޓީން ޕައުޑަރު ހިމެނުމުން މި އަމާޒަށް ވާސިލުވުން ފަސޭހަވެގެންދެއެވެ. ގިނަ ބްރޭންޑްތަކުގެ އެންމެ ސާވިންގްއަކުން 24 އާއި 35 ގްރާމާ ދެމެދުގެ ޕްރޮޓީން ލިބެއެވެ.
‘ވޭ ޕްރޮޓީން ސްމޫތީ‘ (ލިޔުމުގެ ތިރީގައި ‘ވޭ ޕްރޮޓީން ސްމޫތީ’ ތައްޔާރުކުރާނެ ގޮތް ހިމަނާފައިވާނެ) ތައްޔާރުކުރާއިރު ސަމާލުކަންދޭންޖެހޭ އެއް ކަމަކީ، އެހެން ހުރިހާ އެއްޗެއް ގިރާ ނިމެންދެން ޕްރޮޓީން ޕައުޑަރު ނާޅާ މަޑުކުރުމެވެ. އެންމެ ފަހުން ޕައުޑަރު އެޅުމަށްފަހު ވަރަށް ކުޑަކޮށް ގިރާލާށެވެ. މިހެން ހެދުމުން ސްމޫތީ މާބޮޑަށް ފޮޮނު އަރައި، ލުއިވުމުން ސަލާމަތްކޮށްދޭނެއެވެ. ބައެއް މީހުންނަށް ފޮނުގަނޑު ގިނަ ސްމޫތީ ކަމުދިޔަސް، އަޅުގަނޑު ބޮޑަށް ގަޔާވަނީ ތަންކޮޅެއް އޮލަކޮށް ހުންނަ ސްމޫތީއަށެވެ.
ސްމޫތީއަށް ޕްރޮޓީން އިތުރުކުރެވިދާނެ އެހެން ގޮތްތައް
ޕްރޮޓީން ޕައުޑަރުގެ އިތުރުން ވެސް ސްމޫތީއަށް ޕްރޮޓީން އިތުރުކުރެވޭނެ ގިނަ ގޮތްތަކެއް ހުރެއެވެ. ޕްލެއިން ޔޯގަޓް ނުވަތަ ގްރީކް ޔޯގަޓް އެއްކުރުމުން ޕްރޮޓީން ލިބުމުގެ އިތުރުން ސްމޫތީއަށް މީރު އޮމާންކަމެއް ގެނެސްދެއެވެ. އަދި އަޖައިބުވާ ފަދަ ކަމަކަށް ވިޔަސް، ‘ކޮޓެޖް ޗީޒް’ އަކީ ވެސް ޕްރޮޓީން އިތުރުކުރުމަށް ބޭނުންކުރެވިދާނެ މީރު އެއްޗެކެވެ. ތަޖުރިބާކޮށްލުމުގެ ކުރިން މިއީ ނުބައި އެއްޗެކޭ ނުބުނާށެވެ!
ބަރުދަން ލުއިކުރުމަށް ބޭނުންކުރެވިދާނެ ބައެއް ރެސިޕީތައް
1- ޗޮކްލެޓް ބަނާނާ ޕްރޮޓީން ޕަވަރ
🥤 2 ސްކޫޕް ޕްރޮޓީން ޕައުޑަރު (ވެނީލާ ރަހަ)
🥤 1 ޖޯޑު ކިރު (ލޯ ފެޓް ނުވަތަ އެހެން ބާވަތެއްގެ ކިރެއް)
🥤 1 މެދު ސައިޒުގެ ދޮންކެޔޮ (ޗަސްކޮށް ގަނޑުކޮށްފައި)
🥤 1/2 ޖޯޑު ކޮޓެޖް ޗީޒް
🥤 2 ސައިސަމުސާ ކޯކޯ ޕައުޑަރު
🥤 ބޭނުންނަމަ ހަކުރު ނުހިމެނޭ ފޮނިކުރާއެއްޗެއް (މާމުއި)
ތައްޔާރުކުރާނެ ގޮތް: ޕްރޮޓީން ޕައުޑަރު ފިޔަވައި ހުރިހާ އެއްޗެއް މިކްސަރަށް އަޅައި ގިލާލާށެވެ. އެއަށްފަހު ޕައުޑަރު އަޅާފައި 3-5 ސިކުންތު ވަންދެން މަޑުމަޑުން ގިރާލުމަށްފަހު ބޭނުންކުރާށެވެ.
2- ޕީޗީ ޕްރޮޓީން ޝޭކް
🥤 1 ޖޯޑު ގަނޑުކޮށްފައި ހުރި ޕީޗް
🥤 3/4 ޖޯޑު ޕްލެއިން ގްރީކް ޔޯގަޓް
🥤 ހަކުރު ނުހިމެނޭ ފޮނިކުރާއެއްޗެއް (މާމުއި)
🥤 2 ސްކޫޕް ވެނީލާ ޕްރޮޓީން ޕައުޑަރު
ތައްޔާރުކުރާނެ ގޮތް: ޕްރޮޓީން ޕައުޑަރު ފިޔަވައި ހުރިހާ އެއްޗެއް މިކްސަރަށް އަޅާށެވެ. މާ ބޮޑަށް އޮލަހެން ހީވާނަމަ ކުޑަ ކިރުފޮދެއް އެއްކޮށްލެވިދާނެއެވެ. އެންމެ ފަހުން ޕްރޮޓީން ޕައުޑަރު އަޅައި 3-5 ސިކުންތު ވަންދެން ގިލާލާށެވެ.
3- ސްޓްރޯބެރީ މެންގޯ ވޭ ޕްރޮޓީން ސްމޫތީ
ތަފާތު ވައްތަރުގެ ޕްރޮޓީން ޕައުޑަރުތައް ހުރި ނަމަވެސް، ވޭ ޕްރޮޓީންއަކީ އެހެން އެއްޗެއްސާ ފަސޭހައިން އެއްވާ އަދި އޮމާންކޮށް ހުންނަ އެއްޗަކަށް ވާތީ، މިއީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ބާވަތެކެވެ. ޕްރޮޓީން ޕައުޑަރު ގަންނައިރު، އިތުރަށް ހަކުރު އަޅާފައި ނުވާ ބާވަތްތަކަށް އިސްކަންދިނުން މުހިންމެވެ. ބައެއް ބާވަތްތަކަކީ ކެއުމެއްގެ ބަދަލުގައި ބޭނުންކުރެވޭ ގޮތަށް އިތުރު ފައިދާހުރި މާއްދާތައް ހިމަނާފައިވާ ތަކެއްޗެވެ.
ސްމޫތީއަކީ ތަފާތު މޭވާތަކާއި، ކޮކޯ ޕައުޑަރު، ފަތްޕިލާވެލި އަދި ވެނީލާ ފަދަ ރަހަ މީރުކުރާ ތަކެތި ބޭނުންކޮށްގެން ކޮންމެ ދުވަހަކުވެސް ތަފާތު ރަހައެއްގައި ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ. މިގޮތަށް ރެސިޕީއަށް ބަދަލު ގެނައުމަކީ ބަރުދަން ލުއިކުރުމަށް ކުރާ ދަތުރުގައި ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
އާންމުކޮށް ވޭ ޕްރޮޓީންގެ ކޮންމެ ސާވިންގްއެއްގައި 20 އާއި 30 ގްރާމާ ދެމެދުގެ ޕްރޮޓީން ހުރެއެވެ. ބަރުދަން ލުއިކުރަން މަސައްކަތްކުރާއިރު، ޕްރޮޓީން ގިނަ ކުރުމަކީ ބަނޑުހައިވުން ކުޑަކޮށްދީ، ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ގްރީކް ޔޯގަޓާއި ސްޕިނެޗް ފަދަ ބާވަތްތައް ހިމެނުމުން ސްމޫތީގެ ފައިދާ އިތުރުވެގެންދެއެވެ.
ތިރީގައިވަނީ މީރު އަދި ފައިދާހުރި ސްޓްރޯބެރީ މެންގޯ ވޭ ޕްރޮޓީން ސްމޫތީ ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
🥤 1 ޖޯޑު (8 އައުންސް) ކިރު (ފެޓް މަދު)
🥤 3/4 ޖޯޑު (6 އައުންސް) ސާދާ ގްރީކް ޔޯގަޓް
🥤 3/4 ޖޯޑު ގަނޑުކުރި ސްޓްރޯބެރީ
🥤 1/4 ޖޯޑު ގަނޑުކުރި އަނބު
🥤 ކުޑަ ފަތްކޮޅެއް (ފްރެޝް ސްޕިނެޗް)
🥤 1 ނުވަތަ 2 އައިސް ކިއުބް
🥤 1 ނުވަތަ 2 ޕެކެޓް ސްޓީވިއާ (ނުވަތަ ހަކުރު ނުހިމެނޭ ފޮނި އެއްޗެއް)
🥤 1 ސްކޫޕް ވޭ ޕްރޮޓީން ޕައުޑަރު (މިކްސްޑް ބެރީ ރަހަ ހިމެނޭ)
ތައްޔާރުކުރާނެ ގޮތް:
1- ޕްރޮޓީން ޕައުޑަރު ފިޔަވައި އެހެން ހުރިހާ ބާވަތްތަކެއް މިކްސަރަށް އަޅާށެވެ.
2- ހުރިހާ އެއްޗެއް ރަނގަޅަށް އޮމާންވަންދެން ގިރާލާށެވެ.
3- އެއަށްފަހު ޕްރޮޓީން ޕައުޑަރު އަޅައި، ގާތްގަނޑަކަށް 3 ސިކުންތު ވަންދެން އަނެއްކާވެސް ގިރާލާށެވެ.
މި ރެސިޕީއިން ގާތްގަނޑަކަށް 2.5 ޖޯޑުގެ ސްމޫތީ ލިބޭނެއެވެ. މިއީ ފުރިހަމަ ކެއުމެއްގެ ބަދަލުގައި ބޭނުންކުރެވިދާނެ ވަރަށް ފައިދާހުރި ބުއިމެކެވެ.
ޕްރޮޓީން ސްމޫތީއަކީ ބަރުދަން ލުއިކުރުމަށް ބޭނުންވާ ޕްރޮޓީން ހޯދުމަށް ފަސޭހަ މަގަކަށް ވިޔަސް، މިއީ ތިޔަބޭފުޅުންގެ މުޅި ކެއުން ކަމުގައި ހަދައިގެން ނުވާނެއެވެ. ކެއުމުގެ މައިގަނޑު ބަޔަކަށް ވާންޖެހޭނީ ގުދުރަތީ ތާޒާ ކާނާއެވެ. މިގޮތަށް ސްމޫތީ ބޭނުންކުރަން ފެށުމުން، ޕްރޮޓީން ހޯދުމަކީ އުނދަގޫ ކަމެއްގެ ބަދަލުގައި އުފާވެރި ކަމަކަށް ވެގެންދާނެއެވެ!
