ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބަރުދަން ލުއިކުރުމަށް ޔޯގަޓަކީ ރަނގަޅު އެއްޗެއްތަ؟ އާދެ، ވެދާނެ!
ސިއްހަތަށް ފައިދާހުރި ކާނާއާއި ކަސްރަތާއެކު ޔޯގަޓް ބޭނުންކުރުމަކީ ބަރުދަން ލުއިކުރުމުގެ އަމާޒަށް ވާސިލްވުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް / މުނިއަވަސް އިމޭޖްސް

މުހިންމު ބައެއް ނުކުތާތައް:
𓎩 ދުވާލަކު 1 ނުވަތަ 2 ފަހަރު ޔޯގަޓް ބޭނުންކުރުމަކީ ބަރުދަން ލުއިކުރުމަށާއި ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް.
𓎩 ޔޯގަޓުގައި ހިމެނޭ ޕްރޮޓީން އަދި ޕްރޯބަޔޮޓިކްސްގެ ސަބަބުން ބަނޑުފުރިފައި ހުންނަ އިހުސާސް ދިގުދެމިގެންގޮސް، ކެއުމަށް އޮންނަ ޝައުގުވެރިކަން ކުޑަކޮށްދޭ.
𓎩 ހަށިގަނޑުގައި ކެލަރީ ރައްކާކުރާ މިންވަރަށް މީގެ ސަބަބުން ބަދަލުތަކެއް އާދޭ.

ބަރުދަން ލުއިކުރުމަށްޓަކައި ބައެއް ބާވަތްތަކުގެ ޔޯގަޓް އެހެން ބާވަތްތަކަށްވުރެ ފައިދާ ބޮޑެވެ. މިގޮތުން ޕްރޮޓީން ގިނަ، އަދި ހަކުރު މަދު ޔޯގަޓް އިޚްތިޔާރު ކުރުން މުހިންމެވެ.

ޔޯގަޓުން ލިބޭ ފައިދާ އިތުރުކުރުމަށްޓަކައި އޭގެ ތެރެއަށް ފައިބަރ ގިނަ ކާނާގެ ބާވަތްތައް ކަމަށްވާ މޭވާއާއި، ނަޓްސް އަދި އޮށް ފަދަ ތަކެތި އެއްކުރެވިދާނެއެވެ.

ޔޯގަޓަކީ ޕްރޮޓީން، ޕްރޯބަޔޮޓިކްސް އަދި ކެލްސިއަމްގެ އިތުރުން ގިނަ އަދަދެއްގެ ނިއުޓްރިއެންޓްސް އެކުލެވިގެންވާ އެއްޗެކެވެ. ނަމަވެސް ބަރުދަން ލުއިކުރުމަށް ޔޯގަޓުން އެހީތެރިވެދެނީ ކިހިނެއްކަން ބަލާލަމާ ހިނގާށެވެ.

ޕްރޮޓީން
ޔޯގަޓަކީ ޕްރޮޓީން އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ޕްރޮޓީންގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެނީ ތިރީގައިވާ ގޮތްތަކުންނެވެ:

𓎩 ބަނޑުފުރިފައި ހުންނަ އިހުސާސް ދިގުދެމިގެންދިއުން: މީގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ކެވޭ މިންވަރު މަދުވެއެވެ.
𓎩 ކާހިތްވުން ކުޑަކޮށްދިނުން: ބަނޑުހައިވުމުގެ އިހުސާސް ގެނެސްދޭ ހޯރމޯންއެއް ކަމަށްވާ ‘ގްރެލިން’ މަދުކޮށްދެއެވެ.
𓎩 ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުން: މީގެ ސަބަބުން ތަފާތު ކާނާތަކަށް ދަހިވެތިވުން ކުޑަކޮށްދެއެވެ.
𓎩 މެޓަބޮލިޒަމް ރަނގަޅުކުރުން: ކާބޯހައިޑްރޭޓްސް ނުވަތަ ފެޓަށްވުރެ ޕްރޮޓީން ހަޖަމުކުރުމަށް ހަށިގަނޑުން ގިނަ ކެލަރީ އަންދައެވެ.

މިވެސް ކިޔާލަން:  އިންޑިއާގެ ޑެންޓިސްޓެއް ތިން މަހުން 12 ކިލޯ ހިއްކާލައިފި

އެންމެ ޕްރޮޓީން ގިނައީ ކޮން ޔޯގަޓެއްގައި؟
ކޮންމެ ޔޯގަޓަކުންވެސް ޕްރޮޓީން ލިބޭނެއެވެ. ނަމަވެސް ގްރީކް ޔޯގަޓް އަދި އައިސްލެންޑިކް ޔޯގަޓް (ސްކީރް) ގައި އާދައިގެ ޔޯގަޓަށްވުރެ މާ ގިނައިން ޕްރޮޓީން އެކުލެވިގެންވެއެވެ. (1 ތަށީގެ މިންވަރުގައި):

𓎩 އާދައިގެ ޔޯގަޓް: 13 ގްރާމް
𓎩 ގްރީކް ޔޯގަޓް: 22 ގްރާމް
𓎩 އައިސްލެންޑިކް ޔޯގަޓް: 27 ގްރާމް

ޕްރޯބަޔޮޓިކްސް
ގިނަ ޔޯގަޓްތަކުގައި ޕްރޯބަޔޮޓިކްސް (ހަށިގަނޑަށް ފައިދާހުރި ބެކްޓީރިއާ) ހުރެއެވެ. މިއީ ހަމައެކަނި ބަނޑުގެ ސިއްހަތަށް ރަނގަޅު އެއްޗެއް ނޫނެވެ. މީގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށް، ކޮލެސްޓްރޯލް ދަށްކޮށްދީ، ހަށިގަނޑުގެ އިންފްލެމޭޝަން ކުޑަކޮށްދެއެވެ. މީގެ އިތުރުން ކެއުމަށްފަހު ހިތްހަމަޖެހުން ލިބޭ މިންވަރާއި، ފެޓް އަދި ކެލަރީ ހަށިގަނޑަށް ދަމައިގަންނަ މިންވަރަށްވެސް ޕްރޯބަޔޮޓިކްސްގެ ސަބަބުން ބަދަލު އާދެއެވެ.

ކެލަރީ މަދުވުން
ޔޯގަޓަކީ މަދު ކެލަރީއަކުން ގިނަ ފައިދާތަކެއް ލިއްބައިދޭ އަދި ބަނޑުފުރައިދޭ ކާނާއެކެވެ. ބަރުދަން ލުއިކުރަން ބޭނުންނަމަ ފެޓް މަދު (ލޯ-ފެޓް) ނުވަތަ ފެޓް ނުހުންނަ (ނޮންފެޓް) ޔޯގަޓް އިޚްތިޔާރު ކުރެވިދާނެއެވެ. ނަމަވެސް ފުލް-ފެޓް ޔޯގަޓަކީވެސް ސިއްހަތަށް ފައިދާހުރި، ބަނޑުފުރައިދޭ އެއްޗެކެވެ. މުހިންމީ އޭގައި ހަކުރު ހިމެނޭ މިންވަރު ބެލުމެވެ. އާޓިފިޝަލް ސުއީޓްނާސް ބޭނުންކޮށްފައި ހުންނަ ޔޯގަޓްތަކާ ދުރުހެލިވުން ރަނގަޅެވެ.

ބަރުދަން ލުއިކުރަން އެންމެ ރަނގަޅީ ކޮން ޔޯގަޓެއް؟
ތިރީގައިވާ ކަންކަން ފުރިހަމަވާ ޔޯގަޓް އިޚްތިޔާރު ކުރާށެވެ:

  • ޕްލެއިން (ރަހަ ނުލާ)
  • ހަކުރު ނާޅާ ހުންނަ (އަންސްވީޓެންޑް)
  • ޕްރޮޓީން ގިނަ
  • އާޓިފިޝަލް ކުލައާއި ރަހަ ނުހުންނަ
މިވެސް ކިޔާލަން:  ފެންނަފެނުމަށް ހުރިހާ ކަމެއް ރަނގަޅު، އެކަމަކު ހަޤީޤަތަކީ އެއީއެއް ނޫން

ޔޯގަޓަށް ރަހަ ގެނައުމަށް އަމިއްލައަށް ތާޒާ މޭވާއާއި، މާމުއި ފަދަ ގުދުރަތީ ފޮނި އެއްޗެއް ކުޑަކޮށް އެއްކޮށްލެވިދާނެއެވެ.

ޔޯގަޓް ކެއުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބައި؟
ޔޯގަޓް ކޮންމެ ވަގުތަކުވެސް ކެވިދާނެއެވެ. ނަމަވެސް ހެނދުނުގެ ނާސްތާއަށް ޔޯގަޓް ބޭނުންކުރުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހާއްސަކޮށް އޭގެ ތެރެއަށް ފައިބަރު ހިމެނޭ ތަކެތި އެއްކުރުމުން ދުވަސް ފެށުމަށް ބޭނުންވާ ހަކަތައާއި ފައިދާ ލިބިގެންދާނެއެވެ.

ޚުލާސާ:
ޔޯގަޓަކީ އެކަނި ބޭނުންކޮށްގެން ބަރުދަން ލުއިކޮށްދޭ ‘ޖާދޫއެއް’ ނޫނެވެ. ނަމަވެސް ސިއްހަތަށް ފައިދާހުރި ކާނާއާއި ކަސްރަތާއެކު ޔޯގަޓް ބޭނުންކުރުމަކީ ބަރުދަން ލުއިކުރުމުގެ އަމާޒަށް ވާސިލްވުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.

ނޯޓް
މިއީ "ގުޑްއާރްއެކްސް" އިން ނަގާފައިވާ ލިޔުމެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top