ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ހިތުވިންދާ ކަލާ ވޭމެޔާ
ހޭލުވުނީ ފޯނުގެ އެލާމްގެ އަޑަށެވެ. އަވަސް އަވަހަށް ފޯނު ނަގަމުން ބަލައިލިއިރު ހައެއް ޖަހަނީ އެވެ. އެއާއެކު ހަނދާނަށް އައީ މިއަދު ކުރުމަށް ހަމަޖެއްސި ދަތުރެވެ. އަވަސް އަވަހަށް ތެދުވެ ތައްޔާރުވާން ފެށީމެވެ.
ކޮޓަރިން ނުކުތްއިރު، ގޭތެރެއަށް ވަނީ ހަލަބޮލިކަން ވެރިވެފައެވެ. މާމާގެ ހުރިހާ ދަރިންނާއި އެދަރިންނާއި ގުޅިފައިވާ އެންމެ ގޭގައި ތިއްބެވެ. އެއްބަޔަކު ސައިބޮނީ އެވެ. އަނެއް ބަޔަކު އެހީތެރި ވަނީ އެވެ. ދަތުރުގެ ބައެއް ތައްޔާރީތައް ވެސް ކުރިޔަށް ދިޔައެވެ.
” އަނހަ …. މިއޮއް ވައްޓާލީ މާމަގެ ރަންކޮޅު. ” ކޮޓަރިން ނުކުތް އަނޫފް ފެނުމާއިއެކު ބޮއްތަ ދިމާކޮށްލިއެވެ. އެއީ ބޮއްތަގެ އާދަ ކަމަށް ވާތީ އެކަމާމެދު އަނޫފް ނުވިސްނައެވެ. ބޮއްތައަށް ހިނިތުން ވެލަމުން ކާގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ކާގޭގައި މީހުން ގިނަކަމުން ޖާގައެއް ނުލިބުނެވެ. އަނޫފް ޖެހުނީ ބޭރުގައި މަޑުކޮށްލާށެވެ. ޖޯލީގައި ބޮއްތަ ކައިރީ އަނޫފު ޖައްސާލި އެވެ. އެތައް ދުވަހަކަށްފަހު ބޮއްތައާ ދިމާވުމުން ބޮއްތަ ވަރަށް ވާހަކަ ދެއްކި އެވެ. ދިރިއުޅުމުގެ ކަންކަމާއި ތަޢުލީމުގެ ކަންކަން ކުރިޔަށްދާ ގޮތް އޮޅުން ފިލުވިއެވެ. ހެޔޮ ނަސޭހަތާއި ހިތްވަރު ދިނެވެ. ކަމެއް ބޭނުންވެއްޖެނަމަ ބުނުމަށް ކުރިން ވެސް ބުނަމުން އައި ބުނުން ހަނދާން ކޮށް ދިނެވެ.
މާމަ ގޮވާލުމުން ކާގެއާ ދިމާއަށް ހިނގައިގަތް އަނޫފަށް، ކާގެއިން ނުކުތް އަންހެން ކުއްޖާ ފެނުނީ ދޮރާއި ހަމަވި ފަހުން ކުއްލި އަކަށެވެ. ފުރަތަމަ ނަޒަރުން އެސޫރަ ހިތުގައި ބިންވަޅު ނެގުނުއިރު ފިޔަވަޅުތަކަށް ހުއްޓުމެއް ވެސް އައިސްފިއެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ އެއަންހެން ކުއްޖާ ދިޔަގޮތަށް ދިޔައީއެވެ.
ތައްޔާރީތައް ނިމި ރަށުން ފުރުނުއިރު ހަތެއް ޖަހައި ބޮޑުވެއްޖެއެވެ.
ދުވަހަކީ މޫސުމްރީތި ކަނޑު މަޑު ދުވަހެކެވެ. ހެޔޮވަރުވަރަކަށް ވައި ޖެހެމުން ދިޔައިރު، އަރައިގެން އައި އިރުގެ ހޫނުކަން މަޑު މަޑުން ގަދަވަމުން ދިޔައެވެ.
އެތައް ދުވަހަކަށްފަހު މިގޮތަށް އެންމެން އެއްތާކުން ދިމާވުމުން ވަރަށް ފޯރި ހުއްޓެވެ. އެކަމުގައި އެންމެ ބޮޑުބައެއް ކުޅުނީ ޢާއިލާގައި ތިބި ޒުވާނުންނާއި ބޮޑެތި ކުދިންނެވެ. އެންމެ ފޯރިޔާއެކު ކުރިޔަށް ދިޔަ ހަރަކާތަކީ ލަވަ ބާޒީއެވެ. އަންހެން ފިރިހެން ވަކިން ޓީމު ހަދައިގެން ކުރިޔަށް ގެންދިޔަ އެ ހަރަކާތުގައި ކޮންމެ ވެސް ވަރަކަށް، އިސްމީހުން ވެސް ބައިވެރިވިއެވެ.
އަނޫފްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުރީ އެއަންހެންކުއްޖާ އަށެވެ. އެހެން ދިމާލަކަށް ބަލާލާނެ ވަގުތެއް އެހެން ކަމެއްގައި އުޅޭނެ ވަގުތެއް އޭނާއަކަށް ނުވިއެވެ.
ސާޅީހަކަށް މިނިޓްގެ އެ ދަތުރު ނިމުނީ އަނޫފް އެފަދަ ހާލެއްގައި އުޅެމުން ދަނިކޮށެވެ.
ފަޅުރަށުގެ ގޮނޑުދޮށަށް ދޯނި ގާތްކޮށްލުމާއިއެކު ކުދިވެރިން އުފަލުން ގޮތެއް ނެތެވެ. މޫދަށް އެރިލައި ގޮނޑުދޮށުގައި ކުޅެލައި މަޖާކޮށްލަން ބޭނުންވެފައި ތިބި ބައެއް ކުދިން އަވަސް އަވަހަށް މޫދަށް ފުންމާލިއެވެ. މޫދު ކުޅިވަރަށް ހާއްސަކޮށްފައިވާ ބައެއް ތަކެތި ގެނެސްފައިވާތީ އެކަމާއިގެން ބައެއް ބޮޑެތި ކުދިން އުޅެނެވެ.
ގެނައި ތަކެތި ބާލައިގެން އެއްގަމަށް ގެންދިއުމުގައި އުޅުނީ ޒުވާނުންނެވެ. ހަރުމީހުން އުޅުނީ މަޑުކޮށްލާނެ ރަނގަޅު ތަނެއް ހޯދާށާއި ކައްކަން އެންމެ ރަނގަޅު ހިސާބެއް ކަނޑައަޅާށެވެ.
ދިހައެއް ޖަހާކަން ހާއިރެވެ. ފުރުސަތަކަށް ބަލަމުން ފާރަލަމުންދިޔަ އަނޫފަށް އެ އަންހެންކުއްޖާ ފެނުނީ ފައިގަތަޅާ ކުޅެން ތިބި ކުޑަކުދިންތަކާއިއެކު ކުޅެން ހުއްޓައެވެ.
” ވަރަށް ގުޅޭ … މަށަށް ފެންނަނީ ޓްރައި ކޮށްލަން … މާމަ ރައްޓެހި މާރަންދޫ ހަސަންބެ ގެ ހުރި ހަމައެކަނި އަންހެން ދަރި ހައިކާ އަކީ. ” އަނޫފް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ވާހަކަ ދެއްކި އަޑަށެވެ. އަވަސް އަވަހަށް އެނބުރެމުން ފަހަތް ބަލާލިއިރު އެތަނުގައި ހުރި ޒަހުދައްތަ އެވެ. ޒަހުދާއަކީ އަނޫފްއާ ދެބެންގެ ދެދަރި އޭނާއަށް ވުރެ އަހަރެއްހާ ދުވަސް ދޮށީ ޒުވާނެކެވެ.
ހައިކާއަށް އަނޫފް އާއި ޒަހުދާ ފެނުމާއިއެކު އެމީހުނަށް ގޮވާލަމުން ކުޅެން އަންނާށޭ ބުންޏެވެ. ކުޑަކުދިންތަކާއިއެކު ކުޅެ މަޖާކުރަމުންދިޔަ ހައިކާގެ ކިބައިން ފެންނަމުންދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ.
” މިއަދު ވެސް އަހަރެން ބޮލުގައި ބޯޅައިން ޖަހާ ހޭ ނައްތާލާނީއެއް ނޫން. ” އަނޫފް އައިސް އެހިސާބާއި ހަމަވުމާއިއެކު ހައިކާ ބުނެލިއެވެ. ހެމުން ހެމުން އޭނާ އެބުނި އެއްޗެއްގެ މާނައެއް އަނޫފްއަކަށް ނުވިސްނުނެވެ.
ދަތުރުގެ ވަގުތައް ދިޔައީ ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއިއެކުއެވެ.
މެންދުރަށް ކައިގެން އެއްބަޔަކު ޖައްސާލީ ވަރުބަލި ފިލުވާލާށެވެ. ބޮޑެތި ފިރިހެން ކުދިންތައް މަސް މަރަން ދިޔައިރު ޒުވާން އަންހެން ގުރޫޕް އުޅުނީ މޫދުގައި ހޭންޑް ބޯލް ކުޅެއެވެ. ކުޑަ ދެ ކުއްޖަކާއިއެކު ހައިކާ އިނީ ރާޅު އަރާ ފަށުގައި މަސް ފެންގަނޑެއް ހަދައިގެން އެކުދިން އުފާކޮށްދޭށެވެ. އެ ފެންގަނޑަށް ލުމަށް ޓަކައި ކުދި މަސް ހިފުމުގައި ކުޑަ ދެތިން ކުއްޖަކު އުޅުނެވެ.
ފުރުސަތު ލިބުމާއިއެކު އަނޫފް ގާތް ކޮށްލިއެވެ. ފައިގާތަޅާ ކުޅެން ދިޔަ ގަޑީ އޭނާއާ ދިމާއަށް އެހެން ބުނީ ކީއްވެތޯ އަނޫފް ސުވާލު ކުރުމުން ހައިކާއަށް ލިބުނީ ހައިރާން ކަމެވެ.
” އެމީހަކަށް މުހިންމު މީހުން މަތިން މީހުން ހަނދާން ހުންނާނީ. އަހަރެންނަކީ އަނޫފަށް އެއްވެސް މުހިންމު މީހެއް ނޫން ވިއްޔަ. އެހެން ވީމާ ހަނދާނެއް ނުހުންނާނެއެއްނު. ” ހައިކާގެ ކިބައިން ފެނުނު މާޔޫސްކަން އަނޫފްގެ ހިތާއި ކުޅެލިއެވެ.
” މީހަކަށް މީހަކު ކިތަންމެ މުހިންމު ވިޔަސް ހަނދާން ނެތޭ ކަންކަން ހުންނާނެ. އެއީ މުހިންމު ނުވުމެއް ނޫން. ” އަނޫފް މަސައްކަތްކުރީ އޭނާގެ ކުށެއް ނެތްކަން އަންގައިދޭން ކަހަލަ އެވެ.
” މި ދަތުރުގެ ތެރެއިން ސަޔެއް ލިބޭނެކަމުގެ އުންމީދު ވަރަށް އާވޭ. ހީވަނީ މީގެ އެތައް އަހަރެއް ކުރިން ހަމަ ޖެހިގެން އައި ކަމެއްހެން. ” ޒަހުދާއަށް އަނޫފްމެން ފެނުމާއިއެކު އެދިމާއަށް އައެވެ.
ހައިކާ އެހެން ބުނީ ކީއްވެގެންކަން އަނޫފް ހަނދާންވީ ޒަހުދާ އެވާހަކަ ދެއްކުމުންނެވެ.
އެއީ މީގެ ހައެއްކަ އަހަރު ކުރިއެވެ. އޭނާގެ މައިންބަފައިންނާއިއެކު ހައިކާ އާއި އޭނާގެ ދޮންބެ އަނޫފްމެން ރަށަށް އައެވެ. އެއީ އެކުދިން ފުރާވަރަށް އަރަމުން އައި ދުވަސްވަރެވެ. އެ ދަތުރުގައި އެ ދެބޭން މުޅިންހެން އުޅުނީ އަނޫފްމެނާއި އެކުގަ އެވެ. ކުޅުމާއި މަޖާކުރުމާއި މޫދަށް ދިއުންފަދަ ކަންކަން އެމީހުން ކުރިއެވެ. އެ ބުނާ ދުވަހެއްގެ ހަވީރު ފައިގަތަޅާ ކުޅެން އުޅެނިކޮށް އަނޫފް އެއްލި ބޯޅައަކުން ޖެހި ހައިކާ ހޭ ނެތުނެވެ.
” އެއީ ގަސްދުގައެއް ނޫނޭ. އޭރު ވެސް ބުނިން ދޯ ސޮރީއޭ. އަދިވެސް ސޮރީ. ” ހަނދާން ވުމާއިއެކު އަނޫފް އަނެއްކާ ވެސް މަޢާފަށް އެދުނެވެ.
” އެހެންވީމާ އަނޫފް ޖެހޭނެ ހައިކާގެ ބޮލަށް ބޭސް ކޮށްދޭން. އެވެސް …. އުމުރަށް. ” އަނޫފްގެ ވާހަކައިގަ ބައިވެރިވި ޒަހުދާ ހީގަތެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި ހައިކާ އާއި އަނޫފަށް ތިބެވުނީ އެވެ.
” އަވަހަށް އެންމެން އާދޭ މަޖާކާން. ” ހައްވައްތަ ގޮވާލުމާއިއެކު އެހިސާބުން ވާހަކަތައް މެދުކެނޑުނީ އެވެ.
ދަތުރާއިމެދު އެންމެބޮޑަށް ހިތްހަމަ ޖެހިފައި ހުރި މީހަކީ އަނޫފް އެވެ. އެތައް ދުވަހެއްވީ އިންތިޒާރަކަށް ނިމުން އަންނަން އުޅޭހެން އޭނާއަށް ހީވާން ފެށިއެވެ. ހިތަށް ލިބެމުންދިޔަ ހަމަޖެހުމާއި އުފާވެރިކަން ސިއްރު ކުރަން އަނޫފް ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ސިއްރުނުވާ ބަޔަކު ވެސް ތިއްބެވެ.
” މިއޮތީ ނަންބަރު. ” އަނޫފްއާ ކައިރިއަށް ޖެހެލި މަހީނާ ދައްކާލީ އޭނާގެ ފޯނުން ފެންނަންއިން ވައިބާރ ނަންބަރެވެ.
އެ ނަންބަރުގައި އިން ފޮޓޯ ފެނުމާއިއެކު އެއީ ހައިކާގެ ނަންބަރުކަން އަނޫފަށް ޔަގީން ވިއެވެ. ހައިކާ އާއި މަހީނާއަކީ ވަރަށް ގާތް ދެ ރައްޓެހިންނެވެ. މިފަހަރު ހައިކާ އައިސް ހުންނަނީ ވެސް މަހީނާއާއެކު އޭނާގެ ކޮޓަރީގަ އެވެ. އަނޫފް އޭނާގެ ފޯނުގައި އެނަންބަރު ސޭވް ކުރިއެވެ.
ދަތުރު ނިންމާލުމަށްފަހު ރަށަށް އާދެވުނުއިރު، އިރުއޮއްސުމާއި ގާތް ވެއްޖެއެވެ. އަންހެންވެރިންނާއި ކުޑަކުދިން ދިޔައީ ގެއަށެވެ. ދަތުރުގައި ގެންދިޔަ ތަކެތީގެ ތެރެއިން ބައެއް ތަކެތި އެހެން ތަންތަނަށް ގެންދަން ޖެހޭތީ އެކަމުގައި އުޅުނު މީހުނާއިއެކު އަނޫފް ވެސް ދިޔައެވެ.
ރޭގަނޑުގެ ކެއުމަށްފަހު، މާގިނައިރެއް ނުވެ ގޭތެރެއަށް ހަމަހިމޭންކަން ވެރިވާން ފެށިއެވެ. އެހެން ގޭގޭގައި ދިރިއުޅޭ މީހުން އެ ގެތަކާއި ދިމާއަށް މިސްރާބު ޖެހިއިރު، ގޭގައި އުޅޭ ބައެއް މީހުން ވެސް ނިދަން ވަދެއްޖެއެވެ. ދަތުރުގެ ވަރުބަލިކަމާއިއެކު ގިނަ މީހުން ބޭނުންވީ ނިދާލާށެވެ.
ލަދަކާއި ހުރެ ތަދެއް ނުފިލާނެއެވެ. ގެއްލިއްޖެ ވަގުތެއް އަނބުރައި ނުވެސް ލިބޭނެއެވެ. ވެހޭތާ ޖެހޭނީ ފެން ނަގާށެވެ.
ދެ ފިކުރެއްގައި ހުރި އަނޫފް ކޮށްލި މެސެޖެއް ހައިކާ ޖަވާބު ދިނެވެ. އެ މެސެޖްގެ އިންތިޒާރުގައި އޭނާ ހުރި ކަހަލަ އެވެ. އަނޫފް އުންމީދު އާވިއެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ވަގުތުގެ ދައުރުވުން ދިހަޔަކާއި ހަމައިން ހުއްޓުނެވެ. އަނޫފް ދިން ދަޢުވަތު ހައިކާ ގަބޫލު ކުރިއެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތް ހައިކާ ސިއްސައިގެން ދިޔައީ މަހީނާގެ އަޑަށެވެ.
” ބެލެނިވެރިޔާ ގޮވައިގެން ބޭރަށް ދެވޭނީ. ” ހެމުން ހެމުން މަހީނާ ތެދުވި އެވެ.
ކޮފީއަށް ދިޔައީ ތިން މީހުން އެކުގައެވެ. އަނޫފް ބޭނުންވި ފުރުސަތު އޭނާއަށް ދީގެން ހުރި މަހީނާ ހިނގަމުން ދިޔައީ އެމީހުނަށްވުރެ ތަންކޮޅެއް ފަހަތުން ނެވެ.
ޖެހިގެން އައި ދުވަހުގެ މެންދުރުފަހެވެ. ރައްޓެއްސަކާއިއެކު ކޮފީއެއްގައި އިނދެފައި އަނޫފް ގެއަށް އައިއިރު، ގޭތެރޭގައި ވަރަށް ފޯރިގަދައެވެ. މިރެއަކީ ބޮޑު ރެއެކެވެ. ޗުއްޓީ ނިމެން އެންމެ ދުވަހަކަށް ވެފައި ވާތީ ބާއްވާ ބޮޑު އެއްވުން އޮތީ މިރެއެވެ. ޒުވާން ފިރިހެނުންނަށް އޮތީ ނައިޓްފިސިންގއަށް ދިއުމެވެ. މިރޭގެ ބާބެކިއުއަށް ބޭނުންވާ މަސް ހޯދުމެވެ.
މަސްވެރިކަމަށް ބޭނުންވާ ސާމާނު ހޯދައި ތައްޔާރީތައް ވުމުގައި އަނޫފް ވެސް ބައިވެރިވިއެވެ.
” އަހަރުން ބޭނުން މަހަށް ދާން. ” އަނޫފްމެނާއި ދިމާއަށް އައި ރައިހާނާ ބުންޏެވެ. އޭރު އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ސާރިފާ ވެސް ހުރެގެން އާދެއެވެ. ރައިހާނާގެ ވާހަކައަށް އާނ ދެމުން ސާރިފާ ވެސް އެވާހަކަ ބުންޏެވެ.
” ދެވޭނެ … ދެވޭނެ. ކޮންމެ މީހަކު ސަތޭކަ ރުފިޔާ ހިފައިގެން އާދޭ. ދަތުރުކޮށްތު ގެންދެވޭނީ އޭރުން. ” ސާރިފާ އާއި ރައިހާނާއަށް ޖަވާބު ދިނީ މަހީތު އެވެ. އެއީ ހުސް އެއް އާއިލާއެއްގެ ކުދިންނެވެ. ދެބޭންގެ ދެދަރި ކުދިންނާއި އެއްބަނޑު އެއްބަފާ ކުދިންނެވެ. މަންމަ ނޫނީ ބައްޕަގެ އެއްބަނޑު އެއްބަފާ ކުދިންނެވެ. ފުރާވަރަށް އަރަމުންއައި ޒުވާނުންނާއި މިހާރުގެ ޒުވާނުންނެވެ.
” ބައެއް ކުދިންނަށް ދެވޭނެ ހިލޭ ވެސް. ” އެމީހުނާއި ދިމާއަށް އައި ޒަހުދާ ވެސް އެމީހުންގެ ވާހަކައިގަ ބައިވެރި ވިއެވެ. ޒަހުދާގެ ޓާގެޓަކީ އޭނާކަން އަނޫފަށް އެނގެއެވެ. އަޑު އިވޭ ކަމަށް ވެސް ނުހަދައި އޭނާ އިނީ ދެން ވާ އެއްޗެއް ބަލާށެވެ.
” އާން. ދެވޭނެ. ދެވޭނެ. އެކަމު … އެއީ ފަހެރި ކިޔަން އެއްބަސް ވަންޏާ. ” އެދިމާއަށް އައި ހައިކާގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ކުއްލިއަކަށެވެ. ލަދުން މީހާ ހަލާކުވި ކަހަލައެވެ. ދާނީ ކުރިޔަށް ކަމެއް ފަހަތަށް ކަމެއް ނިންމާކަށް ނޭނގުނެވެ.
” އެކަން ކުރާނީ ފިރިހެން މީހާ. ރަންކިޔަން ފޮނުވާނީ ވެސް ވަލީ ދޭނީ ވެސް ފިރިހެނެއް. އޭނާގެ ހިތްވަރު ހުރެގެން އެކަން ވާނީ. ” ހައިކާއަށް ދޯ ދެމުން މަހީނާ ދެއްކި ވާހަކައަށް ހައިކާ ބޯ ޖަހާލިއެވެ. އާނއެކޭ ބުނާފަދައަކުން ބޯ ޖަހާލި ހައިކާގެ ކިބައިން ފެނުނު ލަދުވެތިކަން އަދިވެސް ފިލައި ނުދެއެވެ.
ރެއަކީ މަސްވެރިކަން ރަނގަޅު ރެއެކެވެ. ބާބެކިއުއަށް ބޭނުންވާ ވަރަށްވުރެ ގިނައިން ވެސް މަސް ބޭނުނެވެ.
ބާބެކިއު ނިންމާލާފައި ގެއާއި ހަމައަށް ދެވޭވަރުވީ ދިހައެއް ޖަހައި ބޮޑުވި ފަހުންނެވެ. ގޭތެރެއަށް ވަންނަމުން އެހެން މީހުނަށް ނޭނގޭނެހެން އަނޫފް ކޮށްލި އިޝާރާތް ހައިކާ ދެނެގަތެވެ. ބޮލުގެ އިޝާރާތުން އާނއެކޭ ބުނަމުން ހީލިއެވެ.
އެގާރަ ޖަހާކަން ހާއިރެވެ. ގޭތެރެ އޮތީ ނިދާ ހަމަހިމޭން ވެފައެވެ. ހޭލާ އުޅޭ އެކަކު ވެސް ނެތް ކަހަލަ އެވެ.
ރެއަކީ ހަނދުމަހުގެ ފަނަރަ ވިލޭރޭއަށް ވާތީ މުޅިބިން، ހަނދުވަރުގެ އަލިން އަލިވެ އުޖާލާވެފައި އޮތެވެ. ހައިކާ ގޮވައިގެން މަގަށް ނުކުތް އަނޫފް، އޭނާއާއެކު ސައިކަލް ދުއްވާލަން ދާން ދިން ދަޢުވަތު އުފަލާއިއެކު ހައިކާ ގަބޫލު ކުރިއެވެ.
ވަގުތުގެ ގޮތުން ވެސް ކަންނޭނގެއެވެ. މަގުތަކާއި އާންމު މައިދާންތަކުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ބަނދަރު ސަރަހައްދުގައި ހުރި ރެސްޓޯރެންޓްގައި ދެތިން މީހަކު ތިއްބެވެ. އެހެން އެއްވެސް ހިސާބަކުން މީހަކު ނުފެނެއެވެ.
ހައިކާ ގޮވައިގެން ސައިކަލް ދުއްވާލުމަށްފަހު، އަނޫފް ގޮސް މަޑުކޮށްލީ ބަނދުރުގެ ބޭރުގައި ހަދާފައިވާ ބާބެކިއު އޭރިޔާގެ އަށިތައް ކައިރިއަށެވެ. އެހިސާބުގައި ވެސް އެއްވެސް މީހަކު ނެތެވެ.
ބޭނުންވި ފުރުސަތު ލިބުމުން ދެ މީހުން ވެސް ތިބީ ނުހަނު އުފަލުންނެވެ. އަނޫފްގެ ހުށަހެޅުން ހައިކާ ބަލައިގަނެ އޭނާގެ ލޯބި ގަބޫލުކުރީތީ އެތައް ފަހަރަކު ހައިކާއަށް އަނޫފް ޝުކުރު އަދާކުރިއެވެ. އަދި އެގޮތުގައި އޭނާގެ މީހެއް ގޮތުގައި ދުނިޔެ އުމުރު ހުރުމަށް ތަކުރާރުކޮށް އެދުނެވެ.
ވަގުތުގެ ފާއިތުވުން މެންދަމާއި ދިމާއަށް މިސްރާބު ޖެހިއިރު، އަށިމަތީގައި ތިބީ ދެމީހުންކަން ނޭނގޭހާ ބޮޑަށް ދެ މީހުން ތިބީ އެކަތިގަނޑަކަށް ވެފައެވެ. ދެމީހުންގެ ކިބައިން ވެސް ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ.
ޗުއްޓީގައި ރަށަށް އާދެވުމުން އެންމެބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބުނު މީހަކީ އަނޫފް އެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް ލައްވާލި ނަސީބާއިމެދު އޭނާ އުފާކުރިއެވެ. އެގުޅުން، އެއުފަލާއި ހިތްހަމަ ޖެހުން، އުމުރު ދުވަހަށް އެގޮތުގައި ލައްވާތޯ ދުޢާ ވެސް ކުރިއެވެ.
އަނޫފް އާއި ހައިކާގެ މެދުގައި ފެށުނު ގުޅުން، ހައިކާގެ މައިންބަފައިންނަށް އެނގުމާއިއެކު، އެމީހުން ބޭނުންވީ އަނޫފްއާ ބައްދަލު ކުރާށެވެ. ކޮންމެވެސް ވަރަކަށް ޖެހިލުންވި ނަމަވެސް، މާލެ ދިޔަތާ ދެވަނަ ދުވަހު ހައިކާއާއެކު ގޮސް އޭނާގެ މައިންބަފައިންނާ އަނޫފް ބައްދަލުކުރިއެވެ. އެމީހުންގެ ފަރާތުން ފެނުނު ހިތްހަމަ ޖެހުން އަނޫފްގެ ހިތަށް ހަމަޖެހުން ގެނުވިއެވެ.
ހަސަންބެގެ ދެމަފިރިން ދެއްކި ވާހަކަތައް އަޑުއިވިފައި އަނޫފަށް ލިބުނު ހައިރާން ކަމެވެ. އެވާހަކަތައް ގަބޫލުކުރަން ފަސޭހައެއް ވެސް ނުވިއެވެ. ހައިކާއާ ދިމާއަށް ބަލަހައްޓައިގެން އިންއިރު، ސުވާލުތަކުން ސިކުނޑި ވަނީ ފުރިފައެވެ. ހައިކާގެ ކިބައިން ފެންނަމުން ދިޔައީ އޭނާގެ މަސައްކަތަށް ލިބުނު ކާމިޔާބުގެ އުފަލާއި ހިތްހަމަ ޖެހުމެވެ.
ހަސަންބެގެ އަންހެނުން ގެނެސްދިން ސިޓީއުރައަކީ ދުވަސްވެ ބާވެފައިވާ ސިޓީއުރަ އެކެވެ. ކުޑަކުޑަ ތުރުތުރުލުމެއް ހުރި ނަމަވެސް، ހިތްވަރުކޮށްފައި އަނޫފް އޭގައި ހިފިއެވެ. ހުޅުވާލުމާއިއެކު އޭނާގެ ހައިރާންކަން އިތުރު ވިއެވެ. އެއީ މީގެ ހައެއްކަ އަހަރު ކުރިއެވެ. ހައިކާ ބުނި ދަތުރުގައި ނަގާފައިވާ ފޮޓޯއެކެވެ. ރަތް މުރަކަކޮޅެއް ހައިކާ އަތަށް އަނޫފް ދެނިކޮށް ނަގާފައިވާ އެފޮޓޯގެ ފަހަތުގައި ލިޔުން ކޮޅެއް އޮތެވެ.
” ހިތުވިންދުގާ ކަލާ ވޭމެޔޭ…. ހިޔާލަށް ތިބާ އާދޭމެޔޭ. ” އަނޫފްގެ ލޮލުން ފާއްދާލީ އުފަލާއި ހިތްހަމަ ޖެހުމުގެ ކަރުނަ އެވެ.
އަނޫފްމެން ރަށަށް ހައިކާ ދިޔަ މަގްސަދު އޭނާ ހާސިލުކުރިއެވެ. މިއަދަކީ އެކަމުގެ އެންމެފަހު ނިންމުން ނިންމި ދުވަހެވެ. އަނބި ގަބޫލުކޮށްފި ކަމަށް އަނޫފް ބުނިއިރު، ހައިކާގެ ދެލޮލުން އުފަލުގެ ކަރުނަ ފާއްދާލައިފި އެވެ.
ނިމުނީ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top