ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިއުރޭޑިއަންޓް ޗެމްޕިއަންކަން ހޯދައިފި
ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް - އެފްބީ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު “މޯލްޑިވްސް އެކްސްޕޯ 2026” އާއި ގުޅުވައިގެން ކުރިޔަށް ގެންދިޔަ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބީޗް ހޭންޑްބޯލް މުބާރާތް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ހޯދައިފި އެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގައި އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ކުޅެފައިވެ އެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކޮށްފައި ވަނީ ހަތް ޓީމެވެ. އެ ޓީމުތަކަކީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް، ފްލައިން އީގަލްސް، ތުޅާދޫ ޔަންގް، ބޮންތި ސްޕޯރޓްސް ކުލަބް، އޮނި ސްޕޯރޓްސް ކުލަބް، މާފަންނު ޔޫތު އަދި އެލް ސްޕޯރޓްސް އެވެ.

މި މުބާރާތުގައި ނިއުރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފްލައިންގ އީގަލްސްއާ އެވެ. ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދެއްކި މި މެޗު ނިއުރޭޑިއަންޓް ކާމިޔާބުކުރީ 2-0 އިން ނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗު ފެށީއްސުރެ ނިމެންދެން އެއް ފެންވަރެއްގައި ކުޅެ މޮޅު ކުޅުމެއް ދެއްކި ނިއުރޭޑިއަންޓްގެ ޝާނީޒް އެވެ.

ދެވަނަ މެޗުގައި ނިއުރޭޑިއަންޓް ބައްދަލުކުރީ ތުޅާދޫ ޔަންގްއާ އެވެ. މި މެޗު ވެސް ނިއުރޭޑިއަންޓް ކާމިޔާބު ކުރީ 2-0 އިން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފުރަތަމަ މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝާނީޒް އެވެ. މި މެޗުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކުރި ނިއުރޭޑިއަންޓް ސެމީ ފައިނަލްގައި ބައްދަލުކުރީ އެލް ސްޕޯރޓްސް ކުލަބާ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ނިއުރޭޑިއަންޓް ކާމިޔާބުކުރީ 2-1 އިން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގުރޫޕް ސްޓޭޖްގައި ވެސް މޮޅު ކުޅުމެއް ދައްކައި ދެ މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމް ހޯދި ޝާނީޒް އެވެ.

ފައިނަލް މެޗުގައި ބައްދަލުކުރީ ބޮންތި ސްޕޯރޓްސް ކުލަބާއި ނިއުރޭޑިއަންޓް އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމުން ވެސް ވަނީ އިދިކޮޅު ޓީމުގެ ފަހަތަށް ބާރުބޮޑުކޮށް މެޗުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި މި ދެ ޓީމުގެ ކުރިމަތިލުން ނިއުރޭޑިއަންޓް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 2-0 އިން މޮޅުވެގެން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ނިއުރޭޑިއަންޓްގެ ޝާނީޒް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top