ކައިވެނީގެ މަތިވެރި ގުޅުން
އިންތިޒާރު ކުރެވުނު މަތިވެރި ދުވަސް އައިސް ފޯރައިފިއެވެ. ފަތިހުގެ ރަން އަލިކަމާއެކު ދުނިޔެ މައްޗަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު އަމާންކަމާއި އުފާވެރިކަމެކެވެ. މިއަދަކީ ޒަޔާންއާއި ޔާނިއާގެ ދިރިއުޅުމުގެ އެންމެ މުހިންމު ސޮފުޙާ ލިޔެވިގެންދާނެ ދުވަހެވެ.
ޔާނިއާގެ ގޭތެރެއިން އިވެނީ އުފާވެރި ހަލަބޮލިކަމުގެ އަޑެވެ. އާއިލާގެ މީހުން ދިޔައީ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ގޭގެ ސިޓިންގްރޫމް ވަނީ ހުދުކުލައިގެ މާތަކުން ޒީނަތްތެރިކޮށްފައެވެ. އެ މާތަކުގެ މީރުވަސް މުޅި ގޭތެރެއަށް ފެތުރިފައިވެއެވެ.
ޔާނިއާ އިނީ އޭނާގެ ކޮޓަރީގައި ތައްޔާރުވާށެވެ. އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. މިއަދަކީ އޭނާގެ މައިންބަފައިންގެ ހިޔަލުން ނުކުމެ، އާ ދިރިއުޅުމަކަށް ފިޔަވަޅު އަޅާނެ ދުވަހެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއިރު، އޭނާގެ ދެލޮލުން ފެންނަނީ އުންމީދާއި ބިރުވެރިކަން މަސްހުނިވެފައިވާ އަސަރުތަކެކެވެ.
ހަމަ އެވަގުތު ޒަޔާންގެ ގޭގައިވެސް އޮތީ މިފަދަ ތައްޔާރީތަކެކެވެ. ޒަޔާން ހުރީ އޭނާގެ ކައިވެނީގެ ހެދުމުގައި ވަރަށް ފުރިހަމައަށެވެ. އޭނާގެ ހިތުގައިވަނީ ޝުކުރުވެރިކަމެވެ. އެތައް ދުވަހެއްގެ އުންމީދުތައް މިއަދު ހަޤީޤަތަކަށް ވާން މިވަނީ ކުޑަ ވަގުތުކޮޅެކެވެ.
ޒަޔާން އޭނާގެ އަމިއްލަ ނަފުސަށް ބަލައިލިއެވެ. އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން މިއަދު ވަނީ ލޯތްބާއި އިޙްތިރާމަށް ބަދަލުވެފައެވެ. ޔާނިއާއަކީ އޭނާގެ ދިރިއުޅުމުގެ ބައިވެރިޔާއަށް ވާން އުޅޭތީ، އޭނާގެ ހިތް އުފަލުން ފުރިފައިވެއެވެ.
ދެ އާއިލާވެސް ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. މިއީ ހަމައެކަނި ދެ ކުދިންގެ ކައިވެންޏެއް ނޫނެވެ. އެއީ ދެ އާއިލާގެ މެދުގައި އޮތް ގާތްކަން އިތުރަށް ބަދަހިވެގެންދާނެ މަތިވެރި ގުޅުމެކެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ.
ޔާނިއާއާއި މައިންބަފައިންގެ އަސަރުގަދަ ވަގުތުކޮޅު
ޔާނިއާ ތައްޔާރުވެ ނިމުމުން، އޭނާގެ ބައްޕައާއި މަންމަ ކޮޓަރިއަށް ވަނެވެ. ޔާނިއާ ފެނުމާއެކު މަންމަގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އޭނާގެ ކުޑަކުޑަ ދަރިފުޅު މިއަދު ބޮޑުވެ، އަމިއްލަ ދިރިއުޅުމެއް ފަށަން ތައްޔާރުވެފައިވާ މަންޒަރު ފެނުމުން ހިތަށް އަސަރުކުރިއެވެ.
ބައްޕަ އައިސް ޔާނިއާގެ ނިތްކުރީގައި ބޮސްދިނެވެ. “ދަރިފުޅާ، ބައްޕަގެ ހިތުގެ މޭވާ.” ބައްޕަގެ އަޑު ތުރުތުރުލައެވެ. “މިއަދުން ފެށިގެން ދަރިފުޅުގެ ދިރިއުޅުމުގެ ބައިވެރިޔާއަށް އިޙްތިރާމްކުރާތި. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ކެތްތެރިކަން އިސްކުރާތި.”
ޔާނިއާ މަންމައާއި ބައްޕަގެ ގައިގައި ބާރަށް ބައްދާލިއެވެ. “މަންމާ، ބައްޕާ، އަހަރެންނަށް ދަސްކޮށްދިން ހުރިހާ ރަނގަޅު އާދަތަކަށް ޝުކުރިއްޔާ. އަހަރެން އަބަދުވެސް މަންމަމެންގެ ނަން ހުތުރު ނުވާނެ ގޮތަށް އުޅޭނަން.” ޔާނިއާ ރޮމުން ބުންޏެވެ. އެއީ ވަރަށް އަސަރުގަދަ ވަގުތުކޮޅެކެވެ.
މަންމަ ޔާނިއާގެ ކަރުނަތައް ފޮހެލައިދިނެވެ. “ނުރޮއި ދަރިފުޅާ. މިއަދަކީ އުފާކުރަންޖެހޭ ދުވަހެއް. ދަރިފުޅަށް ލިބުނީ ވަރަށް ރަނގަޅު ބައިވެރިއެއް. ޒަޔާންއާއެކު ދަރިފުޅު އުފަލުގައި އުޅޭ މަންޒަރު ބަލަން މަންމަމެން ތިބޭނަން.” މަންމަ ހިތްވަރު ދިނެވެ.
ބައްޕަ އިތުރަށް ބުންޏެވެ. “ދަރިފުޅާ، ކައިވެންޏަކީ ގޮންޖެހުންތަކުން ފުރިގެންވާ ދަތުރެއް. އެކަމަކު އެކަކު އަނެކަކަށް އެހީތެރިވެ، މާތް ﷲ އަށް ވަކީލުކޮށްފިނަމަ، ހުރިހާ ކަމެއްވެސް ފަސޭހަވާނެ. ބައްޕަގެ ދުޢާއަކީ ދަރިފުޅުގެ ދިރިއުޅުން ބާއްޖަވެރިވުން.”
ޔާނިއާ އިސްޖަހާލައިގެން ހުރީ ބައްޕަގެ ނަޞޭޙަތްތައް ހިތުގައި އަތުރަމުންނެވެ. އޭނާގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. މައިންބަފައިންގެ ރުހުމާއި ދުޢާއާއެކު ދިރިއުޅުމެއް ފެށުމަކީ ލިބޭނެ އެންމެ ބޮޑު ނަސީބުކަން އޭނާއަށް އެނގިގެން ދިޔައެވެ.
ގެއިން ނުކުތުމުގެ ކުރިން ޒަޔާން އޭނާގެ ބައްޕަގެ ކައިރިއަށް ދިޔައެވެ. ބައްޕަ އިނީ ސިޓިންގްރޫމުގައި ޒަޔާންގެ އިންތިޒާރުގައެވެ. ޒަޔާން ފެނުމުން ބައްޕަގެ މޫނުމަތިން ފަޚުރުވެރިކަން ފެނުނެވެ. “ދަރިފުޅާ، މިއަދަކީ ދަރިފުޅު ފިރިހެނެއްގެ ގޮތުގައި ފުރިހަމަވާ ދުވަސް.” ބައްޕަ ބުންޏެވެ.
ޒަޔާން ބައްޕަގެ އަތުގައި ބޮސްދިނެވެ. “ބައްޕާ، އަހަރެންނަށް ދުޢާކޮށްދެއްވާ. އަހަރެން ބޭނުންވަނީ ބައްޕަ ފަދަ ޒިންމާދާރު ފިރިއަކަށް ވާން. ޔާނިއާގެ ހުރިހާ ޙައްޤުތަކެއް އަދާކުރާ މީހަކަށް ވާން.” ޒަޔާން ވަރަށް އަސަރާއެކު ބުންޏެވެ.
ބައްޕަ ޒަޔާންގެ ބޮލުގައި ފިރުމާލިއެވެ. “ބައްޕަގެ ދުޢާއަކީ ދަރިފުޅަކީ އަނބިމީހާގެ ހިތަށް ހަމަޖެހުން ގެނެސްދޭ މީހަކަށް ވުން. ދަރިފުޅުގެ ގެއަކީ ރަޙުމަތާއި ބަރަކާތުން ފުރިގެންވާ ތަނަކަށް ވުން. އަބަދުވެސް ހަނދާންކުރާތި، އަންހެނުންނަކީ ބަލިކަށި ބައެއް، އެމީހުންނަށް އޯގާތެރިވުން އިސްކުރާތި.”
ޒަޔާން ބޯޖަހާލިއެވެ. އޭނާގެ ހިތުގައި އޮތީ ވަރުގަދަ އަޒުމެކެވެ. އޭނާ ބޭނުންވަނީ ޔާނިއާއަށް އެންމެ ފުރިހަމަ ދިރިއުޅުން ހޯދައިދޭށެވެ. ބައްޕަ ދެއްވި ނަޞޭޙަތަކީ އޭނާގެ މުޅި ދިރިއުޅުމުގެ ބިންގާ ކަމުގައި ހަދާނެއެވެ.
“ދަރިފުޅާ، މިހާރު ދެން ދާންވީ.” ބައްޕަ ބުންޏެވެ. “ޔާނިއާގެ އާއިލާ ތިބޭނީ އިންތިޒާރުގައި. އަބަދުވެސް ތެދުވެރިކަން އިސްކުރާތި.” ޒަޔާން ބައްޕަގެ އެ ބަސްތައް ހިތުގެ ފުންމިނުގައި ބަހައްޓައިގެން، އާ ދިރިއުޅުމަކާ ކުރިމަތިލުމަށް ތައްޔާރުވިއެވެ.
ކައިވެނީގެ މަޖިލިސް އޮތީ ޔާނިއާމެންގޭގެ ސިޓިންގްރޫމުގައެވެ. ޒަޔާން އާއި އޭނާގެ އާއިލާ އެގެއަށް އައުމުން، ޔާނިއާގެ އާއިލާގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. މުޅި މާހައުލުގައި ވަނީ އިސްލާމީ ރިވެތި އާދަކާދަތަކުގެ މާތްކަމެވެ. މާ ގިނަ ކުލަބޮލިކަމެއް ނެތި، އަމާންކަމާއި ހަމަހިމޭންކަން މުޅި ތަނަށް ވެރިވެފައިވެއެވެ.
ގާޒީ ވަޑައިގެން، ކައިވެނީގެ ޚުޠުބާ ކިޔަވައިދެއްވަން ފެއްޓެވިއެވެ. އެ ޚުޠުބާގައި ހިމެނޭ ކައިވެނީގެ މަޤުޞަދާއި، ދެމަފިރިންގެ ޙައްޤުތަކުގެ ވާހަކަ އަޑުއިވުމުން ޒަޔާންގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ އަސަރެއް ކުރިއެވެ. އޭނާ އިނީ އިސްޖަހާލައިގެން، ކޮންމެ ބަހަކަށް ފުންކޮށް ވިސްނާށެވެ.
ޔާނިއާ އިނީ ކައިރީގައި ހުރި ކޮޓަރިއެއްގައި އޭނާގެ މަންމައާއި ގާތް އެކުވެރިންނާއެކުގައެވެ. ބޭރުން އިވޭ ގާޒީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުން، އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެއީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު ސިކުންތުކޮޅުކަން އޭނާއަށް އިޙުސާސް ކުރެވުނެވެ.
“އަޅުގަނޑު އަނބި ޤަބޫލުކޮށްފިން.” ޒަޔާންގެ ސާބިތު އަޑު ބޭރުން އިވުނު ވަގުތު، ޔާނިއާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ފޭބިއެވެ. މިއަދުން ފެށިގެން އޭނާއަކީ ޒަޔާންގެ ހަލާލު އަނބިމީހާއެވެ. އެ ދެމީހުންގެ ދެމެދުގައިވާ ގުޅުން މާތް ﷲ ގެ އިރާދަފުޅާއެކު މަތިވެރި ގުޅުމަކަށް ބަދަލުވެގެން ދިޔައީއެވެ.
މަޖިލިސް ނިމުމުން، އެންމެން އެކަކު އަނެކަކަށް މުބާރަކްބާދީ ކިޔައި، ހެޔޮ ދުޢާ ކުރަން ފެށިއެވެ. ދެ އާއިލާގެ މެދުގައި އޮތް އެކުވެރިކަން މިހާރު ވަނީ އާއިލީ ގާތް ގުޅުމަކަށް ބަދަލުވެފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ.
ކައިވެނީގެ ރަސްމީ ބައި ނިމުމަށްފަހު، ދެ އާއިލާގެ މެދުގައި ސާދާ ކެއުމެއް ބޭއްވުނެވެ. މިއީ މާ ބޮޑު ހޭދައެއް ކޮށްގެން ބޭއްވި ހަފުލާއެއް ނޫނެވެ. ނަމަވެސް މީގައި ހުރި އުފާވެރިކަމާއި ބަރަކާތް މާ ބޮޑެވެ. ކޮންމެ މީހަކުވެސް ދިޔައީ ދެމަފިރިންނަށް ހެޔޮ އެދުންތައް ފޮނުވަމުންނެވެ.
ޒަޔާން އާއި ޔާނިއާ އެކުގައި ފުރަތަމަ ފަހަރަށް އެންމެންގެ ކުރިމަތީގައި އިށީނދެލައިގެން ތިއްބެވެ. ޔާނިއާ އިނީ ވަރަށް ލަދުންނެވެ. އޭނާގެ މޫނުމަތިން ފެންނަ ރަތްކަމުން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. ޒަޔާން އިރުއިރުކޮޅާ ޔާނިއާއަށް ބަލައިލައެވެ. އެ ބަލައިލުމުގައި ވަނީ ލޯތްބާއި ރައްކާތެރިކަމުގެ އަސަރެވެ.
ދެ އާއިލާގެ މެދުގައި ކުރީގެ ހަނދާންތައް އާކޮށް، މަޖާ ވާހަކަތައް ދެކެވުނެވެ. ޒަޔާންގެ މަންމައާއި ޔާނިއާގެ މަންމަ ތިބީ އުފަލުން ގޮސް ރޮވޭވަަރުވެފައެވެ. އެމީހުންގެ އެންމެ ބޮޑު ހުވަފެން މިއަދު ހަޤީޤަތަކަށް ވީއެވެ. ދެ ކުދިންގެ މެދުގައި އޮތް ގުޅުމަކީ އެމީހުން އަބަދުވެސް އުންމީދު ކުރި ގުޅުމެވެ.
ކެއުމުގެ ވަގުތުގައި ޒަޔާން ޔާނިއާއަށް ވަރަށް އޯގާތެރިކޮށް ކަންތައް ކުރިއެވެ. އެއީ ހަމައެކަނި ދެއްކުންތެރިކަމެއް ނޫނެވެ. އެއީ އޭނާގެ ހިތުގެ އަޑީގައި ޔާނިއާއަށް އޮތް ޤަދަރެވެ. ޔާނިއާއަށް އިޙުސާސް ކުރެވުނީ އޭނާއަށް ދުނިޔޭގެ އެންމެ އަމާން ރައްކާތެރި މަންޒިލް ލިބުނު ކަމަށެވެ.
މި ހަފުލާއަކީ ލޯތްބާއި، އިޙްތިރާމާއި، އަދި ދީނީ ހަމަތަކުގެ މަތީގައި ބިނާވެފައިވާ ހަފުލާއެކެވެ. އެއްވެސް އިސްރާފެއް ނެތި، ހަމައެކަނި އާއިލީ ގުޅުން ބަދަހިކުރުމަށް އިސްކަންދީފައިވާތީ، އެންމެންގެ ހިތަށްވެސް ބޮޑު ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
ހަފުލާ ނިމި، އެންމެން ދިއުމުން ޒަޔާން އާއި ޔާނިއާ އެކަނިވެލަން ވަގުތުކޮޅެއް ލިބުނެވެ. ދެމީހުންގެ ދެމެދުގައި ފުރަތަމަ އޮތީ ކުޑަ ހަމަހިމޭންކަމެކެވެ. ނަމަވެސް އެއީ ކުރީގެ ބީރައްޓެހި ހަމަހިމޭންކަމެއް ނޫނެވެ. އެއީ އުފާވެރިކަމުން ފުރިގެންވާ ހަމަހިމޭންކަމެކެވެ.
ޒަޔާން އިސްވެ ޔާނިއާގެ އަތުގައި ބާރަށް ހިފާލިއެވެ. “ޔާނިއާ، އަހަރެންނަށް މިއަދު އިޙުސާސް ކުރެވެނީ އަހަރެންނަކީ ދުނިޔޭގެ އެންމެ ނަސީބުވެރި މީހާ ކަމަށް.” ޒަޔާން ވަރަށް މަޑުމަޑުން ބުންޏެވެ. ޔާނިއާ އިސްއުފުލާ ޒަޔާންގެ ދެލޮލަށް ބަލައިލިއެވެ. އެ ދެލޮލުން ފެންނަނީ ތެދުވެރިކަމެވެ.
“ޝުކުރިއްޔާ ޒަޔާން، އަހަރެންނަށް އިތުބާރު ކުރީތީ.” ޔާނިއާ ޖަވާބު ދިނެވެ. “އަހަރެންވެސް ވަޢުދުވަން، ޒަޔާންއަށް އެންމެ ރަނގަޅު އަނތްބަކަށް ވާން މަސައްކަތް ކުރާނެ ކަމަށް. އަހަރެމެންގެ ދިރިއުޅުން ކުރިއަށް ގެންދާނީ އެކަކު އަނެކަކަށް އެހީތެރިވެގެން.”
ޒަޔާން ހިނިތުންވެލިއެވެ. “އަހަރެމެންގެ މެދުގައި ކުރިން ހިނގި ހުރިހާ ކަމެއް އެއީ ފިލާވަޅެއް. އެކަންކަމުގެ ސަބަބުން އަހަރެމެންގެ ގުޅުން މިހާރު މާ ވަރުގަދަވެއްޖެ. އަހަރެން ޔާނިއާގެ ހުރިހާ ހުވަފެންތަކެއްގައި ބައިވެރިވާނަން.” މި ބަސްތަކުން ޔާނިއާގެ ހިތުގައި އޮތް ހުރިހާ ބިރެއް ފިލައިގެން ދިޔައެވެ.
މިއީ ދެމަފިރިންގެ ގޮތުގައި އެމީހުން ބަދަލުކުރި ފުރަތަމަ އިޙްތިރާމްގެ ބަސްތަކެވެ. ލޯތްބަކީ ހަމައެކަނި ބަސްތަކެއް ނޫންކަމާއި، އެއީ އަމަލުން ދައްކަންޖެހޭ އެއްޗެއްކަން ދެމީހުންވެސް ޤަބޫލުކުރެއެވެ. އެމީހުންގެ އާ ދިރިއުޅުމުގެ ބިންގާ އެޅުނީ ވަރަށް ވަރުގަދަ އިތުބާރެއްގެ މަތީގައެވެ.
ދަތުރުގެ ފުރަތަމަ ފިޔަވަޅު އެޅިއްޖެއެވެ. ޒަޔާން އާއި ޔާނިއާ އެމީހުންގެ އާ ގެއަށް ދިއުމަށް ތައްޔާރުވިއެވެ. މިއީ އެމީހުން އަމިއްލައަށް ބިނާކުރާނެ އާ ދުނިޔެއެކެވެ. ކޮންމެ މީހަކުވެސް ހުރީ އެކަކު އަނެކަކަށްޓަކައި ޤުރުބާންވާން ތައްޔާރަށެވެ.
ގެއިން ނުކުންނަމުން ޔާނިއާ އަނެއްކާވެސް އޭނާގެ މައިންބަފައިންނަށް ބަލައިލިއެވެ. އެމީހުން ތިބީ ހިނިތުންވެފައެވެ. އެއީ ޔާނިއާއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. ޒަޔާން ޔާނިއާގެ އަތުގައި ހިފައިގެން ހުރީ އޭނާއަށް ދުވަހަކުވެސް އެކަނިވެރިކަން އިޙުސާސްކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ.
ކާރުގައި ދިޔައިރު، ދެމީހުންވެސް ތިބީ ހަމަހިމޭންކަމާއެކު މުސްތަޤުބަލާމެދު ވިސްނާށެވެ. ކުރިއަށް އޮތީ ކޮންފަދަ ދުވަސްތަކެއްކަން ނޭނގުނަސް، ދެމީހުން އެކުގައި ހުރިހާ ކަމަކާ ކުރިމަތިލާނެ ކަމުގެ ޢަޒުމް އޮތީ ވަރުގަދަކޮށެވެ. ކިބުރުވެރިކަމުން ފެށުނު ގުޅުން، މިއަދު މިވަނީ ނުހަނު ފުރިހަމަ ލޯތްބަކަށް ބަދަލުވެފައެވެ.
ޒަޔާން ޔާނިއާއަށް ބަލައިލާފައި ބުންޏެވެ. “އަހަރެމެންގެ ދިރިއުޅުމަކީ މިއަދުން ފެށިގެން އެކަކު އަނެކަކަށް ލިބޭ ހަދިޔާއެއް.” ޔާނިއާ ހިނިތުންވުމާއެކު ބޯޖަހާލިއެވެ. އެ ދެމީހުންގެ އާ ދަތުރު ފެށުނީ އުންމީދާއި، ލޯތްބާއި، އަދި އިލާހީ ރަޙުމަތާއެކުގައެވެ.
މި ހިސާބުން “ހިތްތައް އޮޅުންބޮޅުންވީ ހިނދު” ވާހަކައިގެ މި ބައި ނިމުނީއެވެ. ނަމަވެސް އެމީހުންގެ ހަޤީޤީ ދިރިއުޅުމުގެ ވާހަކަ ދެން ފެށުނީއެވެ.
ޒަޔާން އާއި ޔާނިއާގެ އާ ދިރިއުޅުމުގެ ފުރަތަމަ ރޭ ފާއިތުވެގެން ދިޔައީ ނުހަނު އަމާންކަމާއެކުގައެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު ދެމަފިރިން އެކުގައި ތެދުވެ، މާތް ﷲ ގެ ހަޟްރަތުގައި ޝުކުރުވެރިވުމަށްޓަކައި މުސައްލަމަތީގައި ސަޖިދަޖެހިއެވެ. މިއީ އެމީހުންގެ ކާމިޔާބީގެ އަސްލު ބިންގަލެވެ. ދުނިޔޭގެ އެދުންތަކަށްވުރެ ބޮޑަށް، ދީނީ ހަމަތަކަށް އިސްކަންދީގެން ފަށާ ދިރިއުޅުމެއްގައި ބަރަކާތް ލައްވާނެކަން އެމީހުން ޤަބޫލުކުރެއެވެ.
ޔާނިއާ ބަދިގޭގައި ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ހުއްޓާ ޒަޔާން އައިސް އެހީތެރިވެދިނެވެ. “ޔާނިއާ، އަހަރެމެންގެ މި ގޭގައި އަބަދުވެސް އޮންނަންވާނީ އުފާވެރިކަމާއި އެކުވެރިކަން. އެއްވެސް ކަމެއް ހިތުގައި ނުބާއްވައި، ހުރިހާ ވާހަކައެއްވެސް އަހަރެންނާ ހިއްސާކުރާތި.” ޒަޔާން ބުންޏެވެ. ޔާނިއާ ހިނިތުންވުމާއެކު ބޯޖަހާލިއެވެ. ކުރިން ޒަޔާންއާމެދު އޭނާގެ ހިތުގައި އޮތް ބިރުވެރިކަން މިހާރު ވަނީ ފުރިހަމަ އިތުބާރަށް ބަދަލުވެފައެވެ.
އެ ދުވަހުގެ ހެނދުނު ދެމަފިރިން އެކުގައި ދިޔައީ ދެ ފަރާތުގެ އާއިލާއާ ބައްދަލުކުރުމަށެވެ. މައިންބަފައިންގެ އަތުގައި ބޮސްދީ، އެމީހުންގެ ހެޔޮ ދުޢާ ހޯދިއެވެ. މިއީ އާއިލީ ގުޅުން ބަދަހިކުރުމުގެ ފެށުމެވެ. ޔާނިއާގެ މަންމަ އުފަލުން ގޮސް ޔާނިއާގެ ގައިގައި ބައްދާލިއެވެ. “ދަރިފުޅު ތިހިރީ ވަރަށް އުފަލުންކަން މަންމައަށް އެނގޭ. ޒަޔާންއަކީ ހަމަ ހަޤީޤަތުގައިވެސް ދަރިފުޅަށް ލިބުނު ނަސީބެއް.” މަންމަ ބުންޏެވެ.
(ނުނިމޭ)
