ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި “މައިން ވާޕަސް އާއޫންގާ” އަށް ފަހު، ބޮލީވުޑްގެ އުއްމީދީ ދެ ތަރިން ކަމަށްވާ ޝަރުވަރީ ވާގް އަދި ވޭދަންގް ރައިނާ އަނެއްކާވެސް އެކުގައި ފެންނާނެކަމަށް ޚަބަރުތައް ބުނެފިއެވެ. މި ދެ ތަރިން މިފަހަރު ވެސް ގުޅެނީ މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒް އަލީގެ ކުރިއަށް އޮތް ފިލްމަށެވެ.
ޕިންކްވިލާއިން އެކްސްކްލޫސިވްކޮށް ރިޕޯޓްކޮށްފައިވާ ގޮތުގައި، ލޯބީގެ މައުޟޫޢަކަށް ތައްޔާރުކުރާ މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ބާރު ސްޕީޑުގައި ކުރިއަށެވެ. ފިލްމުގެ ސްކްރީންޕްލޭ އެއްކޮށް ނިންމާލާފައިވާއިރު، ކާސްޓިންގެ ކަންކަން ވެސް މިހާރު ވަނީ ފައިނަލް ކުރެވިފައެވެ.
މި މަޝްރޫޢާ ގާތް މަސްދަރަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފިލްމުގެ މައިގަނޑު މަސައްކަތްތައް ނުވަތަ ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގައެވެ. މިހާރު ކުރިއަށްދަނީ ޝޫޓިންގ ތާވަލު ކުރުމާއި، ފިލްމު ކުޅޭނެ ލޮކޭޝަންތައް ބަލައި ކަށަވަރު ކުރުމުގެ މަސައްކަތެވެ.
އިމްތިޔާޒް އަލީގެ އަމިއްލަ ސްޓައިލަށް ތައްޔާރުކުރާ މި ފިލްމުގައި ޝަރުވަރީ އާއި ވޭދަންގް ފެނިގެންދާނީ ވަރަށް ބަދަހި އަދި އަސަރުގަދަ ލޯބީގެ ވާހަކައަކުންނެވެ. މި ދެ ތަރިންގެ މެދުގައި އޮތް ކެމިސްޓްރީ ބެލުންތެރިންގެ މެދުގައި މިހާރުވެސް މަޤުބޫލުކަމެއް ހޯދާފައި ވުމާއެކު، މިއީ ގިނަ ބަޔަކު އިންތިޒާރު ކުރާނެ ފިލްމަކަށް ވާނެކަމަށް ބެލެވެއެވެ.
ފިލްމުގެ ވާހަކައިގެ ތަފްސީލުތައް އަދި ސިއްރުކޮށްފައިވީ ނަމަވެސް، މިއީ އިމްތިޔާޒް އަލީގެ އެހެން ފިލްމުތަކެކޭ އެއްފަދައިން ލޯބީގެ ތަފާތު އިޙުސާސްތަކެއް ދައްކުވައިދޭނެ ފިލްމެއްކަން ވަނީ ހާމަވެފައެވެ. ފިލްމުގެ ނަމާއި އިތުރު މަޢުލޫމާތުތައް ރަސްމީކޮށް އިޢުލާން ކުރާނީ ޝޫޓިންގ ފެށުމާއެކު ކަމަށް ބެލެވެއެވެ.
