ކުލަބް މޯލްޑިވްސް ސެކްޓާ ލީގުގެ ތިންވަނަ މެޗުން ވެލިގާ ފަސޭހަކަމާއިއެކު މޮޅުވިއިރު، އެމްއާރުސީ ވެސް އުނދަގޫ ނޫން މޮޅެއް ހޯދައިފިއެވެ. ސެކްޓާ ލީގުގައި ރޭ ކުޅެވުނު ހަތަރު މެޗުގެ ތެރެއިން ތިންވަނަ މެޗާއި ހަތަރު ވަނަ މެޗަށް ބަލާލާއިރު:
މެޗު 3
ތިންވަނަ މެޗުގައި ބައްދަލުކުރީ ވެލިގާ އާއި ބިއޯންޑް އެވެ. ވެލިގާ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، އެ ހަމަލާތައް ހުއްޓުވުމުގައި ބިއޯންޑްގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ވަރަށް ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ކުޅެމުންދިޔަ ބިއޯންޑް ކޮޅަށް ވެލިގާއިން ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. 18 ވަނަ މިނިޓްގައި އަޙްމަދު ޝަޒީމް އެ ޓީމަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަޙްމަދު ލައިތު އައްބާސް އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ.
ދެވަނަ ހާފުގައި ވެލިގާއިން ވަނީ ތަފާތުބޮޑު މޮޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ވެލިގާގެ ތިންވަނަ ލަނޑު ޖަހައިދިނީ ދެވަނަ ލަނޑު ޖަހަދިން އަޙްމަދު ލައިތު އައްބާސް އެވެ. ވެލިގާއިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ފުރަތަމަ ހާފުގައި ދެއްކި ކުޅުން ދެވަނަ ހާފުގައި ބިއޯންޑަށް ނުދެއްކުނެވެ. ދެވަނަ ހާފުގެ ދެވަނަ މިނިޓްގައި އަޙްމަދު ޝަޒީމް ޖެހި ދެވަނަ ލަނޑާއިއެކު ވެލިގާއިން 4 ހަމަކުރިއެވެ. ގާތްގާތުގައި ވެލިގާއިން ލަނޑު ޖެހި މި ހާފުގައި އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ ނައްވާފް ޢަބްދުﷲ ނަޝީދެވެ. އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅައެއް ގޯލްގެތެރެއަށް ވައްދާލައި ވެލިގާގެ ހަވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ހަސަން މުއާޒެވެ. މުބާރާތުގެ ފުރަތަމަ ހެޓްރިކާއިއެކު އަޙްމަދު ޝަޒީމް، ވެލިގާގެ ލަނޑު ހަތަކަށް ޖައްސާލިއިރު، ޕަވަރޕްލޭގައި ކީޕަރަށް ކުޅެމުންދިޔަ ނައްވާފް ޢަބްދުﷲ ވަނީ މެޗުގެ ނަތީޖާ 8-0 އަށް ބަދަލު ކޮށްލާފައެވެ.
8-0 އިން ވެލިގާ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ނައްވާފް ޢަބްދުﷲ ނަޝީދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ނައްވާފް ޢަބްދުﷲ ނަޝީދު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މެޗު 4
ހަތަރުވަނަ މެޗުގައި ބައްދަލު ކުރީ ހެޕީމާކެޓާއި އެމްއާރުސީ އެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ފުރުސަތު ވަނީ ދެ ޓީމަށް ވެސް ލިބިފައެވެ. ލިބުނު ފުރުސަތުގެ ބޭނުން ދެ ޓީމުންކުރެ ޓީމަކަށް ނުހިފި ދިޔަ ދިއުމަށް ނިމުން ގެނައީ އެމްއާރުސީންނެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާގެ ކަނަށް ޖެހި ތިރިތިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫހް ނަސީރެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ހެޕީމާކެޓަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ފުރަތަމަ ހާފުގައި ކުރެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު އެމްއާރުސީން ވަނީ އަނެއްކާ ވެސް މެޗުގެ ކޮންޓްރޯލް ހޯދައި ދެވަނަ ލަނޑު ޖަހާފައެވެ. ހާފުގެ ފަހު މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުހައްމަދު އިޔާދު އެވެ. މި ލަނޑަށްފަހު ވެސް ހެޕީމާކެޓަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.
ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ އެމްއާރުސީ އެވެ. ނަތީޖާ ހަމަހަމަކުރުމަށް ކުރަމުންދިޔަ މަސައްކަތް ހެޕީމާކެޓުން އިތުރުކުރި ނަމަވެސް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ކުރެވޭ ގޮތެއް ނުވިއެވެ. ޔޫހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލް ކުރީމަތީ ހުސްކޮށް ހުރެ އުކާސް ޢަލީ އެމްއާރުސީގެ ލީޑު ފުޅާކޮށްދިނެވެ. ހެޕީމާކެޓްގެ އޭރިޔާ ބޭރުން އަރިމަތިން، ލިބުނު ފްރީކިކް ތިރިތިރިން ގޯލްގެތެރެއަށް ވައްދާލައި އެމްއާރުސީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ތިންވަނަ ލަނޑު ވެސް ޖަހައިދިން އުކާސް ޢަލީ އެވެ. މި މެޗުގައި ހެޕީމާކެޓުން ޖެހި ލަނޑަކީ އެ ޓީމުން އުފެއްދި ހަމަލާއެއް ދިފާއުކުރަން މަސައްކަތްކުރި އެމްއާރުސީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
4-0 އިން އެމްއާރުސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޔޫހް ނަސީރެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔޫހް ނަސީރު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މި މުބާރާތުގެ ހަ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗުތަކަކީ:
20:10 – އެސްބީއައި އާއި ލިއޯ އެފްސީ
20:10 – އެރީނާ އާއި ސިލްވަރ ސޭންޑްސް
21:25 – ބަރޮސް މޯލްޑިވްސް އާއި އެޕޯލޯ
21:25 – ޔޫރޯ މާކެޓް އާއި އާރުއޯއެލް
22:45 – އާރުސީސީ އާއި ވިލާ
22:45 – މެޑްޓެކް އާއި މީޑިއާނެޓް
