ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރޫޙް – ޗެޕްޓަރ 4
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ބަލަމުންދިޔަ ދެލޯ

އެއް ހަފުތާ. އާދައިގެ ހަތް ދުވަސް. ކިޔާރާ އަމިއްލަ ނަފުސަށް ވިސްނައިދެމުން ދިޔައީ އެއީ އާދައިގެ ދުވަސްތަކެއް ކަމަށެވެ. ހަތް ފަހަރު އިރުއެރިއެވެ. ބުރަ މަސައްކަތުގެ ހަތް ޝިފްޓެވެ.

ބަހުން ދިމާވި އެ މީހާއާއި، “ޓްރޯމާ ބޭ ވަން” ގެ ތެރޭގައި ހިނގާދިޔަ ބިރުވެރި ހާދިސާތަކަކީ މާޒީގެ ކަމެއް ކަމަށް އޭނާ ނިންމައިގެން ހުރި ހަތް ރެއެވެ.

ނުރައްކާތެރި ކަންކަން ހިނގުމަށްފަހުވެސް، ދިރިއުޅުން އޭގެ އާދައިގެ މިސްރާބަށް ރުޖޫޢަވުމަކީ ދުނިޔޭގެ އާދައެވެ. އިއްޔެވީ ބިރުވެރިކަމާމެދު ފިކުރުކުރާނެ ވަގުތެއް އިމަޖެންސީ ޑިޕާޓްމަންޓަކުން ނުލިބެއެވެ. ކޮންމެވެސް މީހަކު އަބަދުވެސް އާދެއެވެ. ކޮންމެވެސް މީހަކު ރޮއެވެ. ކޮންމެވެސް މީހަކު ދުޢާކުރެއެވެ. އަދި ކޮންމެވެސް މީހަކު، ބްލޫ ޔުނީފޯމްގައި ތިބި ބީރައްޓެހިންގެ އެހީތެރިކަމަށް އެދި އިންތިޒާރު ކުރެއެވެ. އެހެންކަމުން، ކިޔާރާ އާދައިގެ މަތިން އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

އޭނާ މަސައްކަތް ކުރިއެވެ. ހިނިތުންވިއެވެ. ބިރުގަނެފައި ތިބި ކުޑަކުދިންނަށް ހިތްވަރު ދިނެވެ. ކަންބޮޑުވެފައި ތިބި ބެލެނިވެރިންނަށް ތަސައްލީ ދިނެވެ. ބޭސްތައް ދެ ފަހަރަށް ޗެކްކުރިއެވެ. އެހެން ނަރުހަކަށް އެހީއެއް ބޭނުންވެއްޖެ ނަމަ، ޝިފްޓް ނިމުމަށްފަހުވެސް މަޑުކުރިއެވެ. ރެސްޓް ރޫމްގައި ތިބެގެން ސަމީހާއާއެކު ސަކަރާތްޖަހައި ހީނހެދިއެވެ. ކޮންމެ ރެއަކު މަންމައަށް ގުޅައި، ކެއުން ބަރާބަރު ކަމަށް ބުންޏެވެ. ނަމަވެސް ގިނަ ރޭރޭ އޭނާގެ ރޭގަނޑުގެ ކެއުމަކީ އިންސްޓަންޓް ނޫޑްލްސްއާއި ސައިތަށްޓެކެވެ.

ބޭރުފުށުން ބަލާއިރު.. އެއްވެސް ބަދަލެއް ނާދެއެވެ. އެކަމަކު އެތެރެފުށުން.. ހުރިހާ ކަމެއް ވަނީ ބަދަލުވެފައެވެ. ސަބަބަކީ، ބައެއް ފަހަރު، ވަކިން ޚާއްސަކޮށް ހިމޭން ވަގުތުތަކުގައި، ހޮސްޕިޓަލުގެ އެނދުގައި އޮވެ އޭނާއަށް ބަލަހައްޓައިގެން ހުރި އެ ކަޅިގަދަ ދެލޯ މަތިން ހަނދާންވާތީއެވެ. އެ ދެލޮލަކުން ބިރުވެރިކަމެއް ނުފެނެއެވެ. ރުޅިވެރިކަމެއްވެސް ނެތެވެ. އެކަމަކު ހީވަނީ.. ކޮންމެވެސް ކަމެއް އޮޅުންފިލުވަން ބޭނުންވެފައި ހުރިހެންނެވެ.

އެ ހަނދާންތައް އައުމާއެކު އޭނާ ވަގުތުން އެކަން ހަނދާނުން ފޮހެލަން މަސައްކަތް ކުރެއެވެ. އެއީ ހަމައެކަނި ބަލިމީހެކެވެ. ތަފާތު ބަލިމީހެކެވެ. އެއަށްވުރެ އިތުރު ކަމެއް ނެތެވެ. ނެތް ވާހަކައެއް އަމިއްލައަށް އުފައްދައިގެން އުޅޭނެހާ މޮޔައެއް ނޫނެވެ އޭނާއަކީ.

އެހެނަސް ސުވާލުތައް ހިތުގައި އުފެދެއެވެ. އެ މީހާއަށް އަނިޔާކުރަން ބޭނުންވީ ކާކު ހެއްޔެވެ؟ ހޮސްޕިޓަލުގެ މުވައްޒަފެއްގެ ހެދުމުގައި އެތަނަށް ވަދެ އެފަދަ ނުރައްކަލެއް ކުރިމަތިކުރުވީ ކީއްވެ ހެއްޔެވެ؟ އަދި އެ ހާދިސާއަށްފަހު ފުލުހުން އެހާ ސިއްރުވެރިކޮށް ކަންކަން ކުރިއަށް ގެންދިޔައީ ކީއްވެ ހެއްޔެވެ؟

މިވެސް ކިޔާލަން:  'ޔުނާން' ދަންނަންތަ؟

ޖަވާބެއް ނުލިބުނެވެ. އިވުނީ ހަމައެކަނި ދެކެވޭ ތަފާތު ވާހަކަތަކެވެ. ހޮސްޕިޓަލަކީ ބޭހަށްވުރެ ބޮޑަށް، ތުންތުންމަތިން ދެކެވޭ ވާހަކަތަކުން ދިރި އޮންނަ ތަނެކެވެ.

“އަޑުއެހިން އެއީ ބިލިއަނަރެކޭ.”

“ނޫން، އެއީ ބައިނަލްއަޤުވާމީ ކުންފުނިތަކާ ގުޅުން އޮންނަ މީހެއް.”

“މަގޭ ކަޒިން ބުނި ބަނދަރުގައި ހުރި ގުދަންތަކުގެ ދެބައިކުޅަ އެއްބަޔަކީ އޭނާގެ ތަންތަނޭ.”

“އިވުނު ގޮތުގައި އޭނާ އޮތީ ފުލުހުންގެ ހިމާޔަތުގެ ދަށުގައި.”

“ބައެއް މީހުން ބުނަނީ އޭނާއަކީ ނުރައްކާތެރި މީހެކޭ.”

“އަޑުއެހިން އެއީ އެހެން އެއްވެސް މީހަކަށް ހައްލުނުކުރެވޭ ކަންކަން ހައްލުކުރަން މީހުން ގުޅާ މީހާއޭ.”

ކޮންމެ މީހަކުވެސް ދައްކަނީ ތަފާތު ވާހަކައެކެވެ. އެއްވެސް ވާހަކައެއްގެ ހެއްކެއް ނެތެވެ.

އެންމެ ފަހުން ޑޮކްޓަރު މަހުމޫދު، ހެނދުނުގެ ބްރީފިންގްގައި އެންމެންނަށް ހަރުކަށި އިންޒާރެއް ދެއްވައި އެ ވާހަކަތައް ހުއްޓުވިއެވެ.

“ބަލިމީހުންނަކީ ހަމަ ބަލިމީހުން.” އޭނާ އެންމެންނަށް ބަލައިލިއެވެ. “މީހުން ދައްކާ ވާހަކަތަކެއްގެ ސަބަބުން، އެމީހުންގެ އަމިއްލަ މިނިވަންކަމާއި ސިއްރުތައް ހިމާޔަތްކުރުން ހުއްޓައެއް ނުލެވޭނެ.”

މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ. ކިޔާރާ ހިތާހިތުން ޑޮކްޓަރަށް ޝުކުރު އަދާކުރިއެވެ. އޭނާ އެފަދަ ވާހަކަތަކަށް ޝައުޤުވެރިކަމެއް ނެތެވެ. އޭނާ ބޭނުންވަނީ ހަޤީޤަތެވެ. އަދި އޭނާއަށް އެނގޭ ހަމައެކަނި ހަޤީޤަތަކީ މިއެވެ.

އޭނާގެ ނަމަކީ ޒިމާންއެވެ. އޭނާއަކީ ވަރުބަލިވެފައި ހުރި ނަރުހަކަށް، އެއްވެސް ޝަކުވާއެއް ނެތި އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން ނިދާލަން ފުރުސަތު ދިން މީހާއެވެ. އެ ނޫން އެހެން ހުރިހާ ކަމަކީ ހަމައެކަނި ތުންތުންމަތިން ދެކެވޭ ވާހަކަތަކެވެ.

**********

ޖުލައި މަހުގެ ފިނި ހަވީރެކެވެ. ކިޔާރާ ގެއަށް ދިއުމުގެ ކުރިން ކައިރީގައި ހުރި ކުޑަ ކެފޭއަކަށް މަޑުކޮށްލިއެވެ. އެތަނުގެ އުމުރުން ދުވަސްވީ ވެރިޔާ ހިނިތުންވުމަކާއެކު އޭނާއަށް މަރުޙަބާ ކިއެވެ. “އަބަދުވެސް ނަގާ އެތި؟”

ކިޔާރާ ބޯޖަހާލިއެވެ. “ވަން ލަވާޒާ ބްލެކް ކޮފީއެއް ޕްލީޒް.”

އޭނާ ފައިސާ ދައްކަން ދަބަހުން އަތްދަބަސް ނެގި ވަގުތު، ކެފޭގެ ވެރިޔާ މަޑުމައިތިރިކަމާއެކު އޭނާގެ އަތް ދުރުކޮށްލިއެވެ. “ފައިސާ ވަނީ ދައްކާފައި.”

މިވެސް ކިޔާލަން:  އިވްރިޝާ – އެޕިސޯޑް 13

ކިޔާރާ ހައިރާންވެފައި އަހާލިއެވެ. “ކީކޭ؟ ކާކު؟”

“ދެންމެ އެ ނުކުމެގެން ދިޔަ ބޭފުޅާ.” އޭނާ ބޭރުގައި ހުރި ބިއްލޫރި ދޮރާ ދިމާއަށް އިޝާރާތް ކުރިއެވެ.

ބޭރުގައި، ކަޅު ކުޑައެއް ހިފައިގެން ހުރި އިސްކޮޅުން ދިގު މީހަކު ގޯޅި އަޅައިގެން ދަނީއެވެ. އޭނާގެ މޫނެއް ނުފެނެއެވެ. ފެންނަނީ ހަމައެކަނި އޭނާގެ ފުޅާ ކޮނޑާއި، ހަމަޖެހިލައިގެން ހިނގާފައި ދިޔަ ގޮތެވެ.

“ތިއީ ކޮންމެވެސް ކުށްހީއަކަށް ވެދާނެ.”

ކެފޭގެ ވެރިޔާ ބޯ ހޫރާލިއެވެ. “އޭނާ ބުނި އޭނާ ދިޔުމުގެ ކުރިން އެ ވާހަކަ ނުބުނުމަށް.”

ކިޔާރާގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. “ނަމެއް ބުނިތަ؟”

“ނޫން.”

ކިޔާރާ ޝުކުރު އަދާކުރުމަށްފަހު ކޮފީ ހިފައިގެން ބޭރަށް ނުކުމެ މަގުގެ ދެކޮޅު ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފެންނަނީ ހަމައެކަނި ވެހެމުންދިޔަ ވާރެއެވެ. ފަހަރެއްގައި އެއީ އޭނާ ކުރިން ބެލި ބަލިމީހެއްގެ އާއިލާ މީހަކު، އޭނާ ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރި ކަމަކަށް ވެދާނެއެވެ. ބައެއް ފަހަރު އެފަދަ ކަންކަން ހިނގައެވެ. އޭނާ އެގޮތަށް ޤަބޫލުކުރަން ނިންމިއެވެ. ސަބަބަކީ އެއީ އެންމެ އާދައިގެ ޖަވާބު ކަމަށްވާތީއެވެ.

**********

ޖެހިގެން އައި ދުވަހު ހެނދުނު، އޭނާގެ އެޕާޓްމަންޓް ކުރިމަތީގައި އޮތް ކަޅުކުލައިގެ އެސް.ޔޫ.ވީއެއް އޭނާގެ ސަމާލުކަމަށް އައެވެ. އޭގެ އިންޖީނު އޮތީ ނިއްވާލާފައެވެ. ބިއްލޫރިތައް ހުރީ ކަޅުކޮށްފައެވެ. އޭނާ އެކަމާ މާބޮޑަކަށް އަޅައެއް ނުލައެވެ. މާލޭގައި މީހުން ކޮންމެ ތަނެއްގައިވެސް ޕާކުކޮށްފާނެއެވެ. އެ ދުވަހު މަސައްކަތް ނިންމާފައި އައިއިރު، އެ ކާރެއް ނެތެވެ.

އޭގެ ދެ ދުވަސް ފަހުން.. އަނެއްކާވެސް އެ ކާރު އޮތެވެ. އެއް ތަނެއްގައި، ހަމަ އެ ކާރެވެ. މިފަހަރުވެސް އޭނާއަށް އެޕާޓްމަންޓަށް ވަދެވުމުގެ ކުރިން އެ ކާރު ދުއްވާލިއެވެ. އޭގެ އެތެރޭގައި ތިބީ ކޮން ބައެއް ކަމެއް އޭނާއަކަށް ނޭނގުނެވެ. އޭނާ އަމިއްލަ ނަފުސަށް ވިސްނައިދޭން ފެށީ، އެއީ އޭނާއަށް ހީވާ ގޮތެއް ކަމަށާއި، ކަންކަން މާ ބޮޑުކޮށްލެވެނީ ކަމަށެވެ. ހޮސްޕިޓަލުގެ ބުރަ ޝިފްޓްތަކުގެ ސަބަބުން އާދައިގެ ކަންކަންވެސް ސިއްރުވެރި ކަންކަމަށް ފެނުމަކީ އާދައެކެވެ.

މިވެސް ކިޔާލަން:  ރިހި ރާސްތާ - ޗެޕްޓަރ 4

އެހެނަސް، އެ އިޙުސާސް އޭނާ ދޫކޮށެއް ނުލިއެވެ. އެއީ ބިރުވެރިކަމެއް ނޫނެވެ. އެކަމަކު އަމިއްލަ ނަފުސަށް ހޭލުންތެރިވެވޭ ކަހަލަ އިޙުސާސެކެވެ. ހީވަނީ ފެންނަން ނެތް ދެލޮލަކުން ދޭތެރެ ދޭތެރެއިން އޭނާއަށް ބަލަހައްޓައިގެން ހުރެފައި، މަޑުމަޑުން ނަޒަރު ވަކިކޮށްލާހެންނެވެ.

**********

ރަށުގެ އަނެއް ފަރާތުގައި، ޒިމާން ހުރީ ބަނދަރު ފެންނަން ހުރި ބޮޑު ކުޑަދޮރެއްގެ ކައިރީގައެވެ. އޭނާގެ ގަމީހުގެ އެތެރެއިން ބަނދެފައިވާ ސާޖިކަލް ބެންޑޭޖުން، ކޮންމެ ނޭވާއަކާއެކު ހަނދާންކޮށްދެނީ، ފަސޭހަވުމަށް އަދި ވަގުތު ބޭނުންވާނެ ކަމެވެ. ޑޮކްޓަރު އޭނާއަށް އިރުޝާދު ދީފައިވަނީ ފުރިހަމައަށް އަރާމުކުރުމަށެވެ. ނަމަވެސް އޭނާ ވަނީ އެ އިރުޝާދުތަކުގެ ދެބައިކުޅަ އެއްބަޔަށް މިހާރުވެސް އިހުމާލުވެފައެވެ.

އެންޒޯ ޓެބްލެޓެއް ހިފައިގެން ކޮޓަރިއަށް ވަނެވެ. “އޭނާ މިހާރު ހުރީ މަސައްކަތަށް ނުކުމެ.”

ޒިމާން އެއްޗެކޭ ނުބުނެ ހިމޭނުން ހުއްޓެވެ.

“އާދަޔާ ޚިލާފު އެއްވެސް ކަމެއް ނުހިނގާ.” އެންޒޯ ކުޑަކޮށް މަޑުކޮށްލުމަށްފަހު ބުންޏެވެ. “އޭނާއަށް ބަލަހައްޓައިގެން މީހަކު ހުރި ކަމެއް އޭނާއަށް އެނގޭހެންނެއް ހިއެއް ނުވޭ.”

ޒިމާންގެ މޫނުމަތިން ހަރުކަށިކަން ފެނިގެން ދިޔައެވެ. “އެކަން އޮންނަންވާނީވެސް އެގޮތަށް.”

އެންޒޯ ބޯޖަހާލިއެވެ. “އަހަރެމެންގެ މީހުން ތިބީ ދުރުގައި.”

“އެއްވެސް މުޢާމަލާތެއް ކޮށްގެން ނުވާނެ.”

“ވިސްނިއްޖެ.”

“އަދި އެހެން މީހަކު އޭނާއާ ކައިރިވާން އުޅެފިނަމަ..”

އެންޒޯ، ޒިމާންގެ ލޮލަށް ބަލައިލިއެވެ. “އަހަރެމެންނަށް އެކަން އެނގޭނެ.”

ދެ މީހުންވެސް އިރުކޮޅަކު އެއްޗެކޭ ނުބުނެ ތިއްބެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ވާރޭގެ ތިކިތައް ޖެހެމުން ދިޔައެވެ. އެންމެ ފަހުން ޒިމާން މަޑުމަޑުން ބުންޏެވެ. “އޭނާ މީހެއްގެ ފުރާނަ ސަލާމަތްކުރީ އޭނާގެ އަމިއްލަ ވިސްނުމަށް އިތުބާރުކޮށްގެން.”

އޭނާގެ ނަޒަރު ބަނދަރުން ބޭރުގައިވާ އަޅިކުލައިގެ ކަނޑަށް ހުއްޓުނެވެ. “އެ ނިންމުމަކީ އޭނާ އެކަނި އުފުލަންޖެހޭ ބުރައަކަށް ވިޔަކަ ނުދޭނަން.”

**********

އެރޭ ދަންވަރު ބާރަ ޖަހަން އުޅެނިކޮށް، ކިޔާރާ އޭނާގެ ބުރަ ޝިފްޓް ނިންމާލިއެވެ. މަގުތައް އޮތީ ހިމޭންވެފައެވެ. ވެހިފައި އޮތް ވާރޭގެ ފެންގަނޑުން މަގުބައްތިތަކުގެ އަލި ދައުރުވަމުން ދިޔައެވެ. މުޅި ސިޓީއަށް އޮތީ ހަމަޖެހުން ވެރިވެފައެވެ. އެކަމަކު އެއީ މާ ބޮޑު ހަމަޖެހުމެއްހެންވެސް ހީވެއެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top