ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މަހުގެ ހަމުގެ ކެންސަރު ގައިންގަޔަށް އަރާކަން ސައިންސްވެރިން ފުރަތަމަ ފަހަރަށް ހޯދައިފި
މެލަނޯމާ ޖެހިފައިވާ ކެޓްފިޝް މަހެއް / ފޮޓޯ: ވަރމައުންޓް ފިޝް އެންޑް ވައިލްޑްލައިފް

ވާމައުންޓްގެ ސައިންސްވެރިންނަށް ވަނީ، ފެނުގައި އުޅޭ “ކެޓްފިޝް”ގެ ބާވަތެއްގެ މަހުގެ މެދުގައި ޕެރަސައިޓެއް ފަދައިން ފެތުރޭ “މެލަނޯމާ” (ހަމުގެ ކެންސަރު) އެއް ފެނިފައެވެ. މިއީ ފެނުގައި އުޅޭ ދިރުމެއްގެ ކިބައިން، ގައިންގަޔަށް އަރާ ކެންސަރު ފެނުނު ފުރަތަމަ ފަހަރެވެ.

ނިއު އިންގްލޭންޑާއި ކެނެޑާގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ލޭކް މެމްޕްރެމަގޮގްގައި އުޅޭ “ބްރައުން ބުލްހެޑް” ކެޓްފިޝްތަކުގެ ހަށިގަނޑުން ކަޅު ކުލައިގެ އުފުލިފައިވާ ބިހިތަކެއް ވަނީ ފެންނަން ފަށާފައެވެ. ފުރަތަމަ ބެލެވުނީ މިއީ ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން ނުވަތަ އިންފެކްޝަނެއްގެ ސަބަބުން ވާކަމެއް ކަމަށެވެ. ނަމަވެސް، ފަހުން އެނގުނު ގޮތުގައި މިއީ ވަރަށް ތަފާތު ކަމެކެވެ. އެއީ އެއް މަހުން އަނެއް މަހަށް ސީދާ ދަތުރުކުރާ ކެންސަރު ސެލްތަކެކެވެ.

ވާމައުންޓްގެ ދިރާސާވެރިން ފާހަގަކުރި ގޮތުގައި، މިއީ ފެނުގައި އުޅޭ މަހެއްގެ ކިބައިން މިގޮތަށް ފެތުރޭ ކެންސަރު ފެނުނު ފުރަތަމަ ފަހަރެވެ. އާންމުކޮށް ފެންނަ ކެންސަރުގެ ގަނޑުތަކަކީ އެ ދިރުމެއްގެ އަމިއްލަ ސެލްތަކުން އުފެދޭ އެއްޗެއް ނަމަވެސް، މި ކެންސަރު ސެލްތައް މަސައްކަތް ކުރަނީ ޕެރަސައިޓެއް ފަދައިން އެކަކުން އަނެކަކަށް ދަތުރުކުރާ އެއްޗެއްގެ ގޮތުގައެވެ.

“ނޭޗަރ” މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ހޯދުމުގެ ސަބަބުން، ވަލުޖަނަވާރުންގެ ތެރޭގައި ކެންސަރު ފެތުރޭ ގޮތާ ބެހޭ އާ މަޢުލޫމާތުތަކެއް ވަނީ ލިބިފައެވެ. އަދި މި ބަލި ފެށުނު ގޮތާއި، މީގެ ސަބަބުން ކެޓްފިޝްގެ އާބާދީއަށް ކުރާނެ އަސަރާއި، ކެންސަރު އެހެން ދިރުންތަކަށް ނުފެތުރި ހިފެހެއްޓިފައި ހުންނަ ސަބަބުތަކާ މެދު އާ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

މިވެސް ކިޔާލަން:  އަހަރެމެން މީ ހަޤީޤީ ރަހުމަތްތެރިންތަ؟

ޖެނެޓިކް ހެކިތަކުން ދައްކާގޮތުގައި މިއީ ގައިންގަޔަށް އަރާ ކެންސަރެއް

2012 ވަނަ އަހަރުން ފެށިގެން، މި ބަލި ޖެހިފައިވާ “ބްރައުން ބުލްހެޑް” މަސްތައް ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށް މަސްވެރިންނާއި ބަޔޮލޮޖިސްޓުން ރިޕޯޓްކުރަން ފެށިއެވެ. 2014 ވަނަ އަހަރާ ހަމައަށް އައިއިރު، ބެލި މަސްތަކުގެ ތިންބައިކުޅަ އެއްބައި މަހުގެ ހަށިގަނޑުގައި މި ކަޅު ލައްތައް ހުއްޓެވެ.

ޔުނިވަރސިޓީ އޮފް ވާމައުންޓްގެ ސައިންސްވެރިޔާ ޖޫލީ ޑްރެގަން ވިދާޅުވި ގޮތުގައި، ފުރަތަމަ ބެލެވުނީ މިއީ ވައިރަހެއް ކަމަށެވެ. ނަމަވެސް ދިރާސާތަކުން އެކަން ސާބިތެއް ނުވިއެވެ. މި މަސްތަކަކީ ތިމާވެށީގެ ސާފުތާހިރުކަން ދެނެގަތުމަށް ބޭނުންކުރާ ބާވަތަކަށް ވާތީ، ފުރަތަމަ ޝައްކުކުރެވުނީ ފެން ތަޣައްޔަރުވުމަށެވެ. އެހެންނަމަވެސް، ތަހުލީލުތަކުން ދެއްކީ އެއީ “މެލަނޯމާ” ނުވަތަ ހަމުގެ ކެންސަރު ކަމަށެވެ.

ސައިންސްވެރިން މަހުގެ ޖެނެޓިކްސް ދިރާސާކުރިއިރު ފެނުނީ ހައިރާންކުރުވަނިވި ކަމެކެވެ. ކެންސަރު ޖެހިފައިވާ މަހުގެ ޑީއެންއޭ އާއި ކެންސަރު ސެލްތަކުގެ ޑީއެންއޭ އަޅާކިޔުމުން އެނގުނީ، އެ ކެންސަރު ސެލްތަކަކީ އެ މަހުގެ އަމިއްލަ ސެލްތަކެއް ނޫން ކަމެވެ. އޭގެ ބަދަލުގައި އެ ސެލްތަކަކީ އެހެން މަހަކުން އައިސްފައިވާ ސެލްތަކެކެވެ. މިއީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ “ކްލޯނަލީ ޓްރާންސްމިސިބަލް ކެންސަރު” ނުވަތަ ގައިންގަޔަށް އަރާ ކެންސަރެއްގެ ސިފައެކެވެ.

ޖަނަވާރުންގެ ދުނިޔޭގައި މިހާތަނަށް މިފަދަ ކެންސަރު ފެނިފައިވަނީ އެންމެ ހަތަރު ބާވަތެއްގެ ދިރުމުންނެވެ. އޭގެ ތެރޭގައި ޓެސްމޭނިއަން ޑެވިލްސް، ކުއްތާ، އަދި ބައެއް ބާވަތުގެ ގާހަކަ ހިމެނެއެވެ. ނަމަވެސް މަހުގެ ބާވަތަކުން މިފަދަ ކެންސަރެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

މިވެސް ކިޔާލަން:  ހަމުގެ ކެންސަރު ދެނެގަންނާނީ ކިހިނެއް؟ ބަލަންޖެހޭ މުހިންމު ނިޝާންތަކެއް

ބަލި ފެތުރޭ ގޮތް
ސައިންސްވެރިން ލަފާކުރާ ގޮތުގައި، މި ކެންސަރު ފެތުރެނީ މަސްތައް ބިސް އެޅުމަށްޓަކައި އެއްވާ ވަގުތުތަކުގައެވެ. މަސްތައް އެއްގަލަކަށް ޖަމާވެ، އެކަތި އަނެކަތީގެ ގައިގައި ޖެހުމުގެ ސަބަބުން މި ސެލްތައް ފެތުރެނީ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި މަސްތަކުގެ ހަށިގަނޑުގައި ހުޅުނބު ނުހުންނާތީއާއި، ފެންގަނޑުގެ އަޑީގައި އުޅޭ މަސްތަކަކަށް ވާތީ، ކެންސަރު ސެލްތައް އެއް މަހުން އަނެއް މަހަށް ޖެހުމަށް ފަސޭހަވެއެވެ.

އާބާދީއަށް ކުރާނެ އަސަރު
މި ބަލީގެ ސަބަބުން ކެޓްފިޝްގެ އާބާދީއަށް ކުރާނެ ދިގު މުއްދަތުގެ އަސަރުތައް އަދި ނޭނގެއެވެ. ނަމަވެސް ބައެއް ވައްތަރުގެ ގައިންގަޔަށް އަރާ ކެންސަރުގެ ސަބަބުން ބައެއް ޖަނަވާރުންގެ އާބާދީގެ 90 އިންސައްތަ ނެތިގޮސްފައިވެއެވެ. ލޭކް މެމްޕްރެމަގޮގް އަކީ 175,000 އަށް ވުރެ ގިނަ މީހުން ބޯފެން ބޭނުންކުރާ ތަނެއް ކަމަށް ވިޔަސް، މި ބަލީގެ ސަބަބުން އިންސާނުންނަށް އެއްވެސް ނުރައްކަލެއް އޮތް ކަމުގެ ހެއްކެއް ނެތެވެ.

ސައިންސްވެރިން މިހާރު ދަނީ މި ކެންސަރު އެހެން ސަރަހައްދުތަކުގައި ފެތުރިފައިވާ މިންވަރު ބަލަމުންނެވެ. ބައެއް ތާރީޚީ ލިޔުންތަކަށް ބަލާއިރު، 1852 ވަނަ އަހަރުވެސް މިފަދަ ބަލި ޖެހިފައިވާ މަސްތައް ފެނިފައިވާ ކަމަށް އިޝާރާތްތަކެއް އެބަހުއްޓެވެ. މިއީ ކެންސަރުގެ އާލާވުމާއި ފެތުރޭ ގޮތާ ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ލިބޭނެ ދިރާސާއެއް ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top