އިނގިލިތަކާއި ހަށިގަނޑުގައި ޖަހާ ކަޅުތިލަ އުފެދުމަށް މެދުވެރިވާ ޖީންތަކާ ގުޅޭގޮތުން ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ދިރާސާއިން، ހަމުގެ ކެންސަރު (މެލަނޯމާ)ގެ ނުރައްކާ އިތުރުކޮށްދޭ އެތަކެއް ސަތޭކަ އަށްވުރެ ގިނަ ޖީން ދެނެގަނެވިއްޖެއެވެ. މިއީ މި ބައްޔަށް އައު ފަރުވާތައް ހޯދުމަށާއި، ބަލި ދެނެގަތުމާއި ރައްކާތެރިވުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ކިއު.އައި.އެމް.އާރް ބާގްހޯފަރގެ ދިރާސާވެރިން ވަނީ ކަޅުތިލަތަކާއި މެލަނޯމާ އުފެދުމުގައި ބައިވެރިވާ ސަތޭކައަށްވުރެ ގިނަ ޖީން ދެނެގަނެފައެވެ. މިއީ ހަމުގެ ކެންސަރުގެ އެންމެ ނުރައްކާތެރި ބާވަތުން ރައްކާތެރިވުމަށާއި ފަރުވާ ދިނުމަށް އައު ގޮތްތަކެއް ހޯދުމަށް ހުޅުވިގެންދިޔަ ދޮރެކެވެ.
“ނޭޗަރ ކޮމިއުނިކޭޝަންސް” މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާއަކީ ހަށިގަނޑުގައި ކަޅުތިލަ ޖެހުމާ ގުޅޭގޮތުން ދުނިޔޭގައި ހެދި އެންމެ ބޮޑު ޖެނެޓިކް ދިރާސާއެވެ. މި ދިރާސާއިން ވަނީ އަވީގެ ނުރައްކަލާއި، ހަމުގެ ކުލަ ފަދަ އާންމުކޮށް އެނގޭ ސަބަބުތަކުގެ ބޭރުން، ކަޅުތިލަތަކާއި މެލަނޯމާ އުފެދުމުގެ ފަހަތުގައިވާ ބަޔޮލޮޖިކަލް ސަބަބުތަކަށް އަލިއަޅުވާލާފައެވެ.
ދިރާސާވެރިން ހޯދި ގޮތުގައި، ކަޅުތިލަތަކާއި މެލަނޯމާ އުފެދުމަށް މަގުފަހިކޮށްދޭ ބަޔޮލޮޖިކަލް މަގުތަކަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބައެއް މަސައްކަތްތަކާ ގުޅިފައިވާ ކަންކަމެވެ. މީގެ ތެރޭގައި ސެލްތައް އުފެދުން ކޮންޓްރޯލްކުރުމުގައި ދިފާޢީ ނިޒާމަށް ދިމާވާ މައްސަލަތަކާއި، އުރަމަތީގެ ކެންސަރާއި، ޕްރޮސްޓޭޓް އަދި ސިކުނޑީގެ ކެންސަރު ފަދަ ބަލިތަކުގައި ސެލްތައް އާދަޔާޚިލާފަށް އިތުރުވުމާ ގުޅުންހުރި ޖީންތައް ހިމެނެއެވެ.
މި ބަޔޮލޮޖިކަލް މަގުތައް ބަންދުކުރާނެ ގޮތް ދެނެގަނެވިއްޖެނަމަ، އަވިން ރައްކާތެރިވުމުގެ އިތުރުން، ބޭސް ބޭނުންކޮށްގެން ބަލިން ރައްކާތެރިވުމުގެ އައު އުކުޅުތަކެއް އުފެއްދިދާނެއެވެ.
ހަމުގެ ކެންސަރަށް އައު ފަރުވާތަކެއް ބޭނުންވަނީ ކީއްވެ؟
ކިއު.އައި.އެމް.އާރް ބާގްހޯފަރގެ ޖެނެޓިކްސް އެންޑް ސްކިން ކެންސަރ ލެބްގެ އިސްވެރިޔާ އެސޯސިއޭޓް ޕްރޮފެސަރ މެތިއު ލޯ ވިދާޅުވި ގޮތުގައި، މެލަނޯމާގެ ދިރާސާތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، އޮސްޓްރޭލިއާއަކީ އަދިވެސް ދުނިޔޭގައި އެންމެ ގިނައިން މެލަނޯމާ ޖެހޭ ގައުމެވެ. ކޮންމެ އަހަރަކު ގާތްގަނޑަކަށް 1,400 އޮސްޓްރޭލިއާ މީހުން މި ބަލީގައި މަރުވެއެވެ.
“އަވިން ރައްކާތެރިވުމުގެ އާދަތަކާއި އައު އިމިއުނޯތެރަޕީތަކުގެ ސަބަބުން ބަލިން ސަލާމަތްވާ މީހުންގެ ނިސްބަތް ވަނީ އިތުރުވެފައި. އެކަމަކު އަދިވެސް މީހުންނަށް މެލަނޯމާ ޖެހި، މި ބަލީގައި މަރުވަމުންދޭ،” ޕްރޮފެސަރ ލޯ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ހުރި އިމިއުނޯތެރަޕީތަކަކީ ބަލީގެ ފަހު މަރުހަލާގައި ތިބޭ ބަލިމީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް މަސައްކަތްކުރާ ފަރުވާތަކެއް ނޫނެވެ. އެހެންކަމުން ބަލި ކޮންޓްރޯލްކުރުމަށް އައު ގޮތްތަކެއް ބޭނުންވެއެވެ. ކަޅުތިލަތައް ދިރާސާކުރުމުން މެލަނޯމާގެ ބަޔޮލޮޖީ ދެނެގަނެވި، ބަލި ކޮންޓްރޯލްކުރާނެ އައު މަގުތަކެއް ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކަޅުތިލަތަކާއި މެލަނޯމާ އުފެދެނީ ހަމުގައި ކުލަ އުފައްދާ ސެލްއެއް ކަމަށްވާ ‘މެލަނޯސައިޓް’ އިންނެވެ. އާދައިގެ ކަޅުތިލައެއްގައި މި ސެލްތައް އިތުރުވުމަށްފަހު ހުއްޓި، ގެއްލުމެއް ނެތް ލަފެއް އުފެދެއެވެ. ނަމަވެސް މެލަނޯމާގައި މި ސެލްތައް ކޮންޓްރޯލެއް ނެތި އިތުރުވަމުންދެއެވެ.
ކަޅުތިލަތަކާއި މެލަނޯމާއާ ދެމެދު އޮތް ޖެނެޓިކް ގުޅުން
ހަށިގަނޑުގައި ހުންނަ ކަޅުތިލައިގެ އަދަދު ކަނޑައެޅުމުގައި ޖެނެޓިކްސް މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ގިނަ އަދަދަކަށް ކަޅުތިލަ ހުރުމަކީ މެލަނޯމާ ޖެހުމުގެ އެންމެ ބޮޑު އެއް ނުރައްކަލެވެ. ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މެލަނޯމާ އުފެދެނީ ކުރިން ހުންނަ ކަޅުތިލަތަކުންނެވެ.
ކިއު.އައި.އެމް.އާރް ބާގްހޯފަރގެ ޓީމުން ވަނީ ޔޫރަޕްގެ ނަސްލުގެ 85,000 އަށްވުރެ ގިނަ މީހުންގެ ޖެނެޓިކް މައުލޫމާތު ދިރާސާކޮށް، ކަޅުތިލައިގެ އަދަދާ ގުޅުންހުރި، ކުރިން ނޭނގޭ 24 ޖެނެޓިކް ސަރަހައްދެއް ދެނެގަނެފައެވެ. މިއީ 2018 ވަނަ އަހަރު ހެދި ދިރާސާއިން ފެނުނު 5 ސަރަހައްދާ އަޅާބަލާއިރު ފަސް ގުނަ އިތުރުވުމެކެވެ.
ދިރާސާވެރިންނަށް ފެނުނު ގޮތުގައި، މީގެ ތެރެއިން އެންމެ ސަރަހައްދެއް ފިޔަވައި ހުރިހާ ސަރަހައްދަކީ މެލަނޯމާގެ ނުރައްކަލާ ގުޅުންހުރި ތަންތަނެވެ. ޖުމްލަ ގޮތެއްގައި، އިތުރަށް ދިރާސާކުރަންޖެހޭ 250 އަށްވުރެ ގިނަ މުހިންމު ޖީން ވަނީ ދެނެގަނެވިފައެވެ.
އަލަށް ފެނުނު ޖީންތަކުގެ ތެރެއިން ‘SIKE1’ ނަމަކަށް ކިޔާ ޖީނަކީ ވައިރަސްތަކާ ދެކޮޅަށް ދިފާޢީ ނިޒާމުން ދޭ ރައްދު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ ޖީނެކެވެ. ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި، މި ޖީންގެ މަސައްކަތަށް ބުރޫއަރައިފިނަމަ، އާދަޔާޚިލާފަށް އިތުރުވާ މެލަނޯސައިޓްތައް ދެނެގަނެ އެ ނައްތާލުމަށް ދިފާޢީ ނިޒާމަށް ހުރަސްތަކެއް ކުރިމަތިވެ، މެލަނޯމާ އުފެދުމަށް މަގުފަހިވެއެވެ. އެހެންކަމުން، ބަލީގެ ކުރީކޮޅުގައި މެލަނޯމާ އިތުރުވުން ހުއްޓުވުމަށްޓަކައި SIKE1 އަކީ މުސްތަގުބަލުގައި އުފައްދާ އިމިއުނޯތެރަޕީތަކަށް މުހިންމު އަމާޒަކަށް ވެގެންދާނެއެވެ.
SIKE1 އާއި އިމިއުނޯތެރަޕީގެ އައު އުންމީދުތައް
މި ދިރާސާގެ އިސް ލިޔުންތެރިޔާ ޝަނިކާ ޖަޔަސިންހަ ވިދާޅުވީ، މި މަސައްކަތަކީ އެ މުއައްސަސާއިން އެތައް އަހަރެއް ވަންދެން ކުރަމުން އައި ދިރާސާތަކުގެ ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑުގައި ގިނަ އަދަދަކަށް ކަޅުތިލަ ހުންނަ ސަބަބާއި، މެލަނޯމާ ޖެހެނީ ކީއްވެގެންކަން އިތުރަށް ސާފުވެ، ބައްޔަށް ފަރުވާ ދިނުމާއި ރައްކާތެރިވުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހޯދުންތަކުގެ އެހީގައި ދިރާސާވެރިން ވަނީ ‘ޕޮލިޖެނިކް ރިސްކް ސްކޯ’ އެއް ތައްޔާރުކޮށްފައެވެ. މިއީ ޖެނެޓިކް ގޮތުން ގިނަ އަދަދަކަށް ކަޅުތިލަ ޖެހުމުގެ ފުރުސަތު ބޮޑު މީހުން ދެނެގަތުމަށް ބޭނުންކުރާ ވަސީލަތެކެވެ. މުސްތަގުބަލުގައި މިއީ މެލަނޯމާ ސްކްރީން ކުރުމުގެ ޕްރޮގްރާމްތަކުގައި ހިމަނައި، ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުން ދެނެގަތުމަށް ބޭނުންކުރެވޭނެ އެއްޗެކެވެ.
މުސްތަގުބަލުގެ ރައްކާތެރިކަން
ދިރާސާގެ ދެން އޮތް މަރުހަލާގައި، ކަޅުތިލަތަކާއި މެލަނޯމާއާ ގުޅުންހުރި އިތުރު ޖެނެޓިކް ސަރަހައްދުތައް ހޯދުމަށްޓަކައި މިއަށްވުރެ ބޮޑެތި މައުލޫމާތުތައް ދިރާސާކުރާނެއެވެ. އަދި މިހާރު ބޭނުންކުރާ ބޭސްތަކުގެ ތެރެއިން، އަލަށް ދެނެގަނެވުނު ބަޔޮލޮޖިކަލް މަގުތަކަށް އަމާޒުކޮށްގެން ބޭނުންކުރެވޭނެ ފަރުވާތަކެއް ހުރިތޯވެސް އެ ޓީމުން ދަނީ ބަލަމުންނެވެ.
މި ދިރާސާގައި ހިމެނުނު 13 ދިރާސާއެއްގެ ބައިވެރިންނަށް ދިރާސާވެރިން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ ތެރޭގައި ކިއު.އައި.އެމް.އާރް ބާގްހޯފަރގެ ‘ކިއު-ސްކިން ސަން އެންޑް ހެލްތު ސްޓަޑީ’ އާއި ‘އޮސްޓްރޭލިއަން ޖެނެޓިކްސް އޮފް ޑިޕްރެޝަން ސްޓަޑީ’ ގައި ބައިވެރިވި ފަރާތްތައް ހިމެނެއެވެ.
