ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހަކު، އެ އަނިޔާވެރި މާޙައުލުން ނުކުތުމަކީ އެކަމުގެ ހުރިހާ ތަކުލީފުތަކެއް ނިމޭ ހިސާބެއް ނޫނެވެ. ގިނަ މައިންނަށް އެންމެ ދަތި އުނދަގޫ ދުވަސްތައް ފެށެނީ އެފަދަ ގުޅުންތަކުން ވަކިވާ ހިސާބުންނެވެ. ޖިސްމާނީ ގޮތުން ފެންނަން ހުންނަ ޒަޚަމްތައް ފަސޭހަވި ކަމުގައި ވިޔަސް، ނަފުސާނީ ގޮތުން ލިބޭ ހިތްދަތިކަމާއި، ބިރުވެރިކަމުގެ އިތުރުން ދަރިން ރައްކާތެރިކުރުމުގެ ބުރަ މަސްއޫލިއްޔަތު އެތައް އަހަރަކަށް ދެމިގެންދެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާވެރި ގުޅުންތަކުން ސަލާމަތްވެ، އެތައް އަންހެނުންނެއް އެކަނބަލުންގެ ދިރިއުޅުން އަލުން އާރާސްތުކުރަމުންދެއެވެ. ނަމަވެސް، ދަރިންނަށް ރައްކާތެރި އަދި ހަމަޖެހޭ މުސްތަޤުބަލެއް ހޯދައިދިނުމަށް މަސައްކަތްކުރާއިރު، ޤާނޫނީ ގޮތުންނާއި، މާލީ ގޮތުންނާއި އަދި ނަފުސާނީ ގޮތުން ދަތި އުނދަގޫ ގޮންޖެހުންތަކާ އެ މައިންނަށް ކުރިމަތިލާންޖެހެއެވެ. ލިބިފައިވާ ނަފުސާނީ އަނިޔާގެ ސަބަބުން ކޮންމެ ނިންމުމަކީވެސް ބުރަ ކަމަކަށް ވެދެއެވެ. ޚާއްޞަކޮށް، ކުރިން އަނިޔާކުރި މީހާގެ ފަރާތުން ދަރިފުޅަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމާއި، ބިރުދެއްކުމާއި، ނުފޫޒު ފޯރުވުމާއި ނުވަތަ ދިގުދެމިގެންދާ ޤާނޫނީ މައްސަލަތަކުގެ ތެރެއިން ކޮންޓްރޯލް ހޯދަން މަސައްކަތްކުރާ ހާލަތްތަކުގައި މިކަން އިތުރަށް ގޯސްވެއެވެ.
ގެވެށި އަނިޔާގެ މާހިރުން ފާހަގަކުރާ ގޮތުގައި، އަނިޔާވެރި ގުޅުމަކުން ވަކިވާ ވަގުތަކީ އެ މީހަކަށް އެންމެ ނުރައްކާ ބޮޑުވެދާނެ ވަގުތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އެމީހެއްގެ ހަޔާތުގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހިފައިވާ މީހެކެވެ. އަދި ގިނަފަހަރަށް މި އަނިޔާ ލިބެނީ އެމީހެއްގެ ބައިވެރިޔާގެ ފަރާތުންނެވެ. ހޯދުންތަކުން ދައްކާގޮތުގައި ގެވެށި އަނިޔާ ފެންނަ މާޙައުލެއްގައި ބޮޑުވާ ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށާއި، އުނގެނުމަށާއި އަދި މުސްތަޤުބަލުގެ ގުޅުންތަކަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. އެހެންނަމަވެސް، ކުރީބައިގައި އެހީތެރިކަން ލިބި، ލޯތްބާއި ރައްކާތެރިކަން އޮތް މާޙައުލެއް ލިބިއްޖެނަމަ، އެކުދިންނަކީ ހިތްވަރުގަދަ، ޞިއްޙަތު ރަނގަޅު ކާމިޔާބު ކުދިންނަށް ވުމުގެ ފުރުޞަތު އޮވެއެވެ.
ކޮންމެ އާއިލާއެއްގެ ހާލަތަކީ ތަފާތު ހާލަތެކެވެ. ދަރިން ބެލުމާއި، ހަވާލުވުމާއި އަދި ރައްކާތެރިކަމާ ގުޅޭ ނިންމުންތަކަކީ ވަރަށް އަމިއްލަ އަދި ޤާނޫނީ ގޮތުން އޮޅުންބޮޅުން ބޮޑު ކަންކަމެވެ. އެހެންކަމުން، އަނިޔާ ލިބިފައިވާ މީހެއްގެ ދިރިއުޅުމުގެ ކުޑަ މިންވަރެއް ފެންނަ ފެނުމުގެ މައްޗަށް ބިނާކޮށް އެމީހަކާމެދު ގޮތް ނިންމުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
މައިންނާއި ދަރިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަމްދަރުދީއާއި، ނަފުސާނީ އެހީތެރިކަމާއި އިންޞާފުވެރި ނިންމުންތައް ނިންމުން ނުހަނު މުހިންމެވެ.
މިކަމުގައި މުޖުތަމަޢުގެ ދައުރުވެސް ވަރަށް ބޮޑެވެ. ރަޙުމަތްތެރިންނާއި، ތިމާގެ މީހުންނާއި، އަވަށްޓެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، މުދައްރިސުން އަދި ދީނީ ޢިލްމުވެރިންނަށް މިކަމުގައި ބޮޑު ބަދަލެއް ގެނެވިދާނެއެވެ. އެއީ އެފަދަ މީހުންގެ ވާހަކަތައް އަޑުއަހައި، އެހީތެރިކަން ބޭނުންވާކަމުގެ ނިޝާންތައް ދެނެގަނެ، އެހީދޭ މުއައްސަސާތަކަށް ވާސިލުވުމަށް މަގުފަހިކޮށްދީގެންނެވެ. ބައެއް ފަހަރު، އަނިޔާ ލިބޭ މީހާގެ ވާހަކަ ޤަބޫލުކޮށް، އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅި އާއިލާގެ މުސްތަޤުބަލު ބަދަލުކޮށްލާނެ ކަމެކެވެ.
ކޮންމެ އިންސާނަކީވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ މާތްކުރައްވާފައިވާ ފުރާނައެކެވެ. މުއުމިނުންގެ މައްޗަށް އޮތް އަމުރަކީ ޢަދުލުވެރިކަމާއި، އޯގާތެރިކަމާއި ރަޙުމާއެކު ދިރިއުޅުމެވެ. ކައިވެންޏަކީ ލޯތްބާއި، ރަޙުމާއި އަދި ހިތްހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. އެއީ ބިރުދެއްކުމާއި އަނިޔާވެރިކަމުގެ މާޙައުލެއް ނޫނެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އޯގާތެރިކަމާއެކު ދިރިއުޅުމަށް އަމުރުކުރައްވާފައެވެ. ރަސޫލުﷲ ﷺ ވަނީ އެކަލޭގެފާނުގެ އަހުލުބައިތުންނަށް އޯގާތެރިކަން ދެއްކެވުމުގައި ލާމަސީލު ނަމޫނާއެއް ދައްކަވާފައެވެ. އަދި ހަދީޘްކުރައްވާފައިވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހަކީ، އެމީހެއްގެ އަހުލުވެރިންނަށް އެންމެ ހެޔޮ މީހާއެވެ.” އެކަލޭގެފާނުގެ ސީރަތުން އެނގިގެންދަނީ ގޭތެރޭގެ މާޙައުލުގައި އަނިޔާވެރިކަމާއި އަޅުވެތިކަމަށް އެއްވެސް ޖާގައެއް ނެތްކަމެވެ.
އިންސާނާގެ ފުރާނައާއި، ކަރާމާތާއި، ނިކަމެތިން ރައްކާތެރިކުރުމަކީ އިސްލާމްދީނުގައި އޮތް މުޤައްދަސް މަސްއޫލިއްޔަތެކެވެ. އަނިޔާވެރިކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ ﷲ ލޯބިވެވޮޑިގަންނަވާ ދުޅަހެޔޮކަމާއި ސަލާމަތްތެރިކަން ހޯދުމަށް އެޅޭ ފިޔަވަޅެކެވެ. އަނިޔާ ލިބޭ މީހުންނަށް އިންޞާފާއި، އެހީތެރިކަމާއި އަދި އިއްޒަތްތެރި ދިރިއުޅުމެއް އާރާސްތުކުރުމުގެ ފުރުޞަތު ލިބެންޖެހެއެވެ.
އެއްވެސް މަޔަކަށް، އަމިއްލަ ނަފުސުގެ ރައްކާތެރިކަމާއި ދަރިފުޅުގެ ރައްކާތެރިކަމާ ދެމެދު ގޮތެއް ނިންމަން މަޖުބޫރުވެގެން ނުވާނެއެވެ. ކޮންމެ ކުއްޖަކަށްމެ، އަމާންކަމާއި ލޯތްބާއި ހަމަޖެހުން އޮތް މާޙައުލެއްގައި ބޮޑުވުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި އަނިޔާ ލިބިފައިވާ ކޮންމެ މީހެއްގެ އަޑު އަހައި، އެމީހުންގެ ވާހަކަ ޤަބޫލުކޮށް، އިހާނެތިކޮށް ހިތުމުގެ ބަދަލުގައި އޯގާތެރިކަމާއެކު އެހީތެރިވާންޖެހެއެވެ.
އަނިޔާ ލިބިފައިވާ ކޮންމެ މީހެއްގެ ފަހަތުގައި، އެހެން މީހުންނަށް ނޭނގޭ އެތައް ހިތްދަތި ވާހަކަތަކެއް ވެއެވެ. ފާޑުކިޔުމުގެ ބަދަލުގައި އެހީތެރިކަން އިސްކޮށް، އެންމެން ގުޅިގެން ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަކީ އަނިޔާގެ މި ނުބައި ސިލްސިލާ ހުއްޓުވުމަށް އޮތް މަގެވެ. ލިބިފައިވާ ޒަޚަމްތައް ފަސޭހަވުމަށް ވަގުތު ނެގިކަމުގައި ވިޔަސް، އޯގާތެރިކަމާއި، އީމާންތެރިކަމާއި، އިންޞާފާއެކު އަލުން އުންމީދުގެ ދޯދިތައް ފެންނަން ފަށާނެއެވެ.
