ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރޫޙް – ޗެޕްޓަރ 10
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ރޫޙުގެ އިޙުސާސްތައް

ކިޔާރާއަށް ބައެއް ފަހަރު އަމިއްލައަށް ހިނިތުންވެވޭކަން އެނގެނީ މާ ފަހުންނެވެ. އެއާއެކު ލަދުން މީހާ ރަތްވެއެވެ. އަނެއްބައި ފަހަރު ބަސް ތެރޭގައި ހޭދަވި އެ މަޖާ ރޭގެ ހަނދާންތައް އާވެއެވެ. ޒިމާންގެ ކޮނޑުގައި ބޯ އަޅައިގެން ނިދިފައި އޮވެވުނު ގޮތާއި، މުޅިން ނުދަންނަ މީހެއްގެ ގައިގައި ލެނގިލައިގެން އޮވެވުނުކަން އެނގުމުން ލިބުނު ލަދުވެތިކަމެވެ. އަދި އޭނާ ތަކުރާރުކޮށް މާފަށް އެދެމުން ދިޔައިރު، ޒިމާން އެކަމާމެދު ބެހެއްޓި ކެތްތެރިކަމާއި ހަމަޖެހުމެވެ.

އަމިއްލަ އިޚްތިޔާރުން ބޭރުގައި އޭނާއަށް ހިނިތުންވެވުނެވެ. އެކަމަކު ވަގުތުން އެކަން ހުއްޓާލިއެވެ. “މޮޔަނުވޭ ކިޔާރާ.” އޭނާ އަމިއްލަ ނަފުސަށް ބުނެލިއެވެ.

އޭނާ އަނެއްކާވެސް ބޭރުގެ މަންޒަރުތަކަށް ސަމާލުކަން ދިނެވެ. މިއީ ވާހަކައެއް ނޫނެވެ. އަދި މިއީ ކޮންމެހެން ފެށޭ ލޯބީގެ ޞަފުހާއެއްވެސް ނޫނެވެ. މިއީ ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެކެވެ. ބަލިމީހާގެ ހާލަތު ބަލާލަން ދާ ދިއުމެކެވެ. އެއަށްވުރެ އިތުރު ކަމެއް ނޫނެވެ.

އެހެނަސް.. އޭނާގެ ހިތުގެ އަޑީގައި ބުނެދޭން ނޭނގޭ އުފާވެރިކަމެއް އުފެދެމުންދިޔައެވެ. އެއީ ޒިމާން ދަންނާތީއެއް ނޫނެވެ. ހަޤީޤަތަކީ އޭނާއަށް ޒިމާންއާ ބެހޭގޮތުން އެނގެނީ ވަރަށް މަދު އެއްޗެކެވެ. ފަހަރެއްގައި މައްސަލައަކީ އެއީ ކަމަށްވެސް ވެދާނެއެވެ. ނޭނގޭ ކަންތައްތަކަކީ އަބަދުވެސް އިންސާނާގެ ވިސްނުން އެކަމަކަށް ދަމައިގަންނަ ކަންކަމެވެ. ޚާއްޞަކޮށް އެފަދަ ކަމެއް ކުއްލިއަކަށް ދިމާވުމުންނެވެ.

އޭނާގެ އިނގިލިތަކުން އުނގުމަތީގައި އޮތް ފައިލުގެ ކަނުގައި ފިރުމާލެވުނެވެ. ޒިމާންއާ ބައްދަލުވުމުން އޭނާ ބުނާނެ އެއްޗަކާމެދު ވިސްނާލެވުނެވެ. އޭނާގެ ހަނދާން ޒިމާން ހުންނާނެބާއެވެ؟ އާނއެކެވެ. ހުންނާނެއެވެ. އޭނާއަށް ޒިމާންގެ ކޮނޑުމަތީ އޮންނާނީ ނިދިފައެވެ. އަދި އޭނާ ވަނީ ޒިމާންގެ ފުރާނަ ސަލާމަތްކުރުމުގައި އެހީތެރިވެދީފައެވެ. ނަމަވެސް، މީހެއްގެ މަތިން ހަނދާން ހުރުމާއި، އެމީހަކާމެދު ވިސްނުމަކީ މުޅިން ތަފާތު ދެ ކަމެކެވެ.

ލަދުން ގޮސް އޭނާގެ ކޮލަށް ރަތްކަން އައިސް، މަޑުމަޑުން ބޯ ހޫރާލިއެވެ. “މިއީ މޮޔަ ކަމެއް.” އޭނާ ހިތާހިތުން ބުނެލިއެވެ.

ކާރުގެ ކުޑަދޮރުގެ ބިއްލޫރިގަނޑުން އޭނާގެ ސޫރަ ފެންނަން ހުއްޓެވެ. އިރުކޮޅަކު އޭނާ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިނެވެ. މަންމަގެ ފަރާތުން ލިބިފައިވާ ބުރުސޫރައާއި، ކުޑައިރުއްސުރެ އޭނާއަކީ އެހެން އަންހެން ކުދިންނަށްވުރެ ހަށިގަނޑު ބޮޑު ކުއްޖެއްގެ ގޮތުގައި އިޙުސާސްކޮށްދިން ފުޅާ ކޮނޑެވެ. އޭނާގެ ހަށިގަނޑުގެ ބޮޑުމިނުގެ ސަބަބުން، ހިތްހެޔޮ ބަސްތަކަށްވުރެ ގިނައިން އޭނާއަށް އިވުނީ މީހުންގެ ފާޑުކިޔުމުގެ ބަސްތަކެވެ.

މިވެސް ކިޔާލަން:  ޒޯޔާސް ކޮފީ - ކުރު ވާހަކަ

ސްކޫލް ދައުރުގެ ފޮޓޯތަކުގެ ހަނދާން އޭނާ އާވިއެވެ. ގިނަ ފިރިހެން ކުދިންނަށްވުރެ އިސްކޮޅުން ދިގުވުމުން އަބަދުވެސް ހުންނަން ޖެހެނީ ފަހަތު ސަފުގައެވެ. އޭނާގެ ބަރުދަނަށް ނިސްބަތްކޮށް އެކުވެރިން ކުރާ މަލާމާތަކީ މަޖަލެއް ކަމަށް އެމީހުން ދެކުނެވެ. ފެޝަން މަޖައްލާތަކުން ފެންނަ ހެދުންތައް އޭނާއާ ނުގުޅޭތީ ލިބޭ މާޔޫސްކަމެވެ.

އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާ ދަސްކުރީ، އަމިއްލަ ނަފުސަކީ ނެތް މީހެއް ފަދައިން އުޅުމަށެވެ. މަޑުމަޑުން ވާހަކަދެއްކުމަށާއި، އަބަދުވެސް އިސްވެ މާފަށް އެދުމަށެވެ. އަދި އެއްވެސް ކަމަކަށް އުންމީދު ނުކުރުމަށެވެ. ސަބަބަކީ އުންމީދު ނުކުރުމުން ލިބޭ ހިތްދަތިކަން ކުޑަވާތީއެވެ.

ފިލްމުތަކުން ފެންނަ ފަދަ ލޯބިވެތި ނަޒަރަކުން އެއްވެސް މީހަކު އޭނާއަށް ބަލާފައެއް ނުވެއެވެ. އެއްވެސް މީހަކު އޭނާއަށް ލޯބީގެ ސިޓީއެއް ނުލިޔެއެވެ.

އެކުވެރިން ލޯބީގެ މަގުގައި އުޅޭތަން ބަލަން އޭނާ ހުއްޓެވެ. ހިތުގެ ތެޅުމާއި، ސިއްރު ނަޒަރުތަކުގެ ވާހަކަ އޭނާ އަޑުއެހިއެވެ. އޭނާ އެމީހުންގެ އުފަލުގައި ބައިވެރިވީ، އެފަދަ އުފާވެރިކަމަކީ އޭނާ ކަހަލަ މީހަކަށް ލިބޭނެ އެއްޗެއް ނޫންކަން ޔަގީންކޮށްގެން ހުރެއެވެ.

އެހެންކަމުން، މިހާރު އޭނާގެ ހިތަށް މި ވަމުންދާ ގޮތް އޭނާއަށް އޮޅުންނުފިލަނީއެވެ. މިއީ ހަމައެކަނި ޒިމާންއާ ގުޅުންހުރި ކަމެއް ނޫނެވެ. މިއީ ޒިމާންއާމެދު ވިސްނާލުމުން އޭނާއަށް ކުރެވޭ އިޙުސާސެކެވެ. އެތައް އަހަރަކަށްފަހު، ފުރަތަމަ ފަހަރަށް މީހަކު އޭނާގެ ބޭރުފުށަށް ބެލުމެއްނެތި، އޭނާގެ ހިނިތުންވުމަށް ސަމާލުކަން ދިނެވެ. އޭނާގެ ބަރުދަނަށްވުރެ ބޮޑަށް އޭނާގެ އިންސާނިއްޔަތުކަމަށް އިޙުތިރާމް ކުރިއެވެ.

އެ އަމާން ބަސް ދަތުރުގައި.. ޒިމާން އޭނާއަށްޓަކައި ޖާގަ ހުސްކޮށްދިނެވެ. ފަހަރެއްގައި އޭނާ ޒިމާންގެ މަތިން ހަނދާން ހުންނަ ސަބަބަކީ އެއީކަމަށް ވެދާނެއެވެ. އެއީ މޮޔަ ޚިޔާލުތަކެއް ކުރެވޭތީއެއް ނޫނެވެ. ނަމަވެސް، އެތައް އަހަރެއް ވަންދެން މީހެއްގެ ފަރާތުން އޯގާތެރިކަމަކަށް އުންމީދުނުކޮށް ހުއްޓާ، އެފަދަ ކުޑަ އަމަލަކުންވެސް އިންސާނާގެ ރޫޙަށް ކުރާ އަސަރު މާ ފުންވެފައި ދެމިގެންދާތީއެވެ.

މިވެސް ކިޔާލަން:  ސޯފީ ގެ ވާހަކަ – ޗައިލް އެބިއުސް ކޭސް 01

**********

ދަގަނޑު ބޮޑު ގޭޓެއްގެ ކުރިމައްޗަށް ކާރު މަޑުކޮށްލިއެވެ. ކިޔާރާ އިސްއުފުލާ ބަލާލިއެވެ. ގޭޓުގެ އެތެރޭގައި ހުރީ ވަރަށް ރީތި ގެއެކެވެ. މާ ބޮޑު ދެއްކުންތެރިކަމެއް ނެތް ނަމަވެސް، އެ ގޭގެ ހުދު ފާރުތައް މެންދުރުފަހުގެ އަވީގައި ވިދަމުންދިޔައީ ވަރަށް ހިތްގައިމު ގޮތަކަށެވެ. އެއްވެސް އަޑެއްނެތި ގޭޓު ހުޅުވުނެވެ. ކާރު މަޑުމަޑުން އެތެރެއަށް ވަންނަމުން ދިޔައިރު، ކިޔާރާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

މި ދަތުރުމަތީގައި އޭނާގެ ހިތަށް އެރި ހުރިހާ ޚިޔާލުތަކެއް އެއްފަރާތްކޮށްލަންވީ ވަގުތު ޖެހިއްޖެއެވެ. އޭނާ މިތަނަށް މިއައީ ޖަވާބެއް ނުލިބޭ އިޙުސާސްތަކެއްގެ ފަހަތުން ދުވާ އަންހެނެއްގެ ގޮތުގައެއް ނޫނެވެ. އޭނާ މިއައީ ނަރުހެއްގެ ގޮތުގައެވެ. ކަންކަމަށް ޤާބިލު، ހިތްހެޔޮ، އަދި ޒިންމާދާރު މުވައްޒަފެއްގެ ގޮތުގައެވެ.

އެހެންނަމަވެސް، ކާރުގެ އިންޖީނު ނިއްވާލުމަށްފަހު، ޑްރައިވަރު އައިސް އޭނާއަށް ދޮރު ހުޅުވައިދިން ވަގުތު، އޭނާގެ ރޫޙުގެ އަޑީގައި އުފެދިފައިވާ މަޑުމަޑު އަޑެއް ހިމޭނެއް ނުވިއެވެ. އެއީ ކޮންމެހެން ލޯބީގެ އަޑެއް ނޫނެވެ. އެއީ ހަމައެކަނި އުންމީދެކެވެ. ފަހަރެއްގައި، ހަމަ ފަހަރެއްގައި، މި ބައްދަލުވުމުން އޭނާގެ ހިތުގައި އުފެދިފައިވާ އެތައް ސުވާލަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބިދާނެކަމުގެ ފުން އުންމީދެކެވެ.

ކާރު މަޑުމަޑުން ހުއްޓުމަށްފަހު ވެސް ކިޔާރާ އިރުކޮޅަކު މަޑުން އިނެވެ. އޭނާގެ އިނގިލިތައް ވަނީ އުނގުމަތީގައި އޮތް ބަލިމީހާގެ ފައިލުގައި ޖައްސާލާފައެވެ. ކާރުގެ އިންޖީނު ނިވުނު ނަމަވެސް، އޭނާގެ ހިތުގެ ތެޅުން އަދިވެސް ހުރީ ބާރުކޮށެވެ.

ބޭރުން ފެންނަނީ ރާއްޖޭގެ ޖުލައި މަހުގެ ހިތްގައިމު މެންދުރުފަހުގެ މަންޒަރެވެ. ވެހެމުންދިޔަ ވާރޭ ހުއްޓުނުތާ ގިނައިރުތަކެއް ވެފައިވާއިރު، މުޅި ބަގީޗާ އޮތީ އިރުގެ އަލީގައި ބަބުޅާލަ ބަބުޅާލައެވެ.

ޑްރައިވަރު ކާރުން ފައިބައިގެން އައިސް، އަދަބުވެރިކަމާއެކު ފަހަތު ދޮރު ހުޅުވައިދިނެވެ.

“މި ތިބީ އާދެވިފައި، މިސް ކިޔާރާ.” އޭނާ ބުންޏެވެ.

ކިޔާރާ ހިނިތުންވުމަކާއެކު “ޝުކުރިއްޔާ” އޭ ބުނެލިއެވެ.

އަދި ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ މެޑިކަލް ދަބަހާއި ފައިލް ހިފައިގެން، ފޭބިއެވެ.

މިވެސް ކިޔާލަން:  "މީވެސް ތަފާތު ވާހަކައެއް - ޢީސައާ އެކު"

އެންމެ ފުރަތަމަ އޭނާގެ ސަމާލުކަން ހުއްޓުނީ އެ ގޭގެ ބޮޑުމިނަކަށް ނޫނެވެ. އެކަމަކު އެތަނުގައި އޮތް ހިމޭންކަމަށެވެ. އެއީ އެކަނިވެރިކަން އިޙުސާސްކޮށްދޭ ފަދަ ހިމޭންކަމެއް ނޫނެވެ. އެއީ ހިތްހަމަޖެހުމާއި އަމާންކަން ގެނެސްދޭ ފަދަ ހަމަހިމޭންކަމެކެވެ.

އެ ގެ ހުރީ ކަނޑަށް ކުރިމަތިވާހެން، ޒަމާނީ ފަރުމާއެއްގެ މައްޗަށް ބިނާކޮށްފައެވެ. ގޭގެ ހުދު ފާރުތަކުން އިރުގެ އަލި ދައުރުވަމުންދާއިރު، ބޮޑެތި ބިއްލޫރި ކުޑަދޮރުތަކުން ކަނޑުގެ ނޫކުލަ ގޭގެ އެތެރެއަށް ފެންނަން ހުއްޓެވެ. އެއީ މީހުންނަށް ދެއްކުމަށްޓަކައި ހަދާފައިވާ ގަނޑުވަރެއް ފަދަ ތަނެއްގެ ބަދަލުގައި، މީހުން ދިރިއުޅޭ، ދިރުން ހުރި ތަނެއްގެ ގޮތުގައި އޭނާއަށް ސިފަވިއެވެ.

މިއީ ކޮންމެވެސް މީހަކު ވަރަށް ލޯބިން އާރާސްތުކޮށްފައިވާ ތަނެކެވެ. އެއީ ހަމައެކަނި މުއްސަނދިކަން ދައްކާލުމުގެ ބަދަލުގައި، އަމިއްލަ ގެދޮރެއްގެ އިޙުސާސް ކުރެވޭ ގޮތަށް ބިނާކޮށްފައިވާ ތަނެކެވެ.

ކިޔާރާ އޭނާގެ ކާޑިގަން ރީތިކޮށްލިއެވެ. އޭނާ ކުރިން ޖެހި ސެންޓުގެ ކުޑަ ވަހެއް އަދިވެސް ހުއްޓެވެ. ކުއްލިއަކަށް އޭނާގެ ހިތަށް އެރިއެވެ. “ސެންޓު މާ ގިނައިން ޖެހުނީ ބާވައެވެ؟”

“ދެން މާ ބޮޑަށް ނުވިސްނާ.” އޭނާ މަޑުމަޑުން އަމިއްލަ ނަފުސަށް ބުނެލިއެވެ.

“މިތަނަށް މިއައީ ހަމައެކަނި އޮޕަރޭޝަން ކުރިތަން ބަލައި، ފަރުވާ ދޭން.”

އެ ނޫން އިތުރު ކަމަކު ނޫނެވެ. އެކަމަކު ވެސް.. އޭނާގެ އަތްތިލަ ވަނީ ދާހިއްލާފައެވެ. އޭނާ މަޑުމަޑުން އަތްތިލަ ފޮހެލުމަށްފަހު ފުން ނޭވާއެއްލިއެވެ.

އޭނާއަށް ނޭނގުނު ނަމަވެސް.. މީހެއްގެ ނަޒަރު އޭނާއަށް ވަނީ ހުއްޓިފައެވެ. ދެވަނަ ބުރީގެ ކުޑަދޮރު ކައިރީގައި ހިމޭނުން ޒިމާން ހުއްޓެވެ. އިރުގެ އަލި އޭނާގެ ފުޅާ ކޮނޑުމައްޗަށް އެޅިފައިވާއިރު، އެއް އަތް ހުރީ ކުޑަދޮރުގެ ފިލާގަނޑުގައި ޖައްސާލައިގެންނެވެ. ކާރު ގޭގެ ގޭޓުން ވަތްތަން އޭނާ ކުރިންވެސް ދުށްޓެވެ. ކިޔާރާ ކާރުން ފޭބި މަންޒަރު އޭނާ ބަލަމުންދިޔައެވެ.

ކިޔާރާ ވަށައިގެންވާ މާހައުލަށް ކުޑަކޮށް ބަލާލިއެވެ. އޭނާގެ ދެލޮލުން ފެންނަނީ ހައިރާންކަމަށްވުރެ ބޮޑަށް އާ މާހައުލެއް ބަލައިލުމުގެ ޝައުޤުވެރިކަމެވެ. އޭނާ ފެންނަނީ ހަމަ ޒިމާންގެ ހަނދާނުގައި ހުރި ގޮތަށެވެ. އާދައިގެ ގޮތެކެވެ. ދެއްކުންތެރިކަމެއް ނެތް ނަމަވެސް ހިތްގައިމެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top