ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އޮޒެމްޕިކްގެ ސަބަބުން އޮފީސްތަކުގެ މާހައުލު ގޯސްވަނީ

ބަރުދަން ލުއިކޮށްދޭ “އާދަޔާޚިލާފު” ފަދަ ބޭސްތަކުގެ ސަބަބުން، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ދެބަސްވުންތައް އުފެދި، އެޗް.އާރް  ބައިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ބޭރުގެ ބައެއް ގައުމުތަކުގައި ކުރިމަތިވަމުން އެބަދެއެވެ.

ޓީވީ ޕްރޮޑަކްޝަންގެ ދާއިރާގައި މަސައްކަތްކުރާ އުމުރުން 52 އަހަރުގެ އިޒަބެލް ހެނެޑާ، އޭނާގެ އެކުވެރި މުވައްޒަފުންނާއެކު މެންދުރުގެ ކެއުމުގައި އިންދާ، ދެކެވެމުން ދިޔަ ވާހަކައިގެ މިސްރާބު ކުއްލިއަކަށް ބަދަލުވީ ހަށިގަނޑުގެ ބައްޓަމަށެވެ. އެތަނުން އެކަކު ބުނި ގޮތުގައި މަޝްހޫރު ތަރިން ކުއްލިއަކަށް ބަރުދަން ލުއިކުރަނީ މިފަދަ ބޭސްތައް ބޭނުންކޮށްގެންނެވެ. އެއަށްފަހު، ހެނެޑާއާ ދިމާލަށް ބަލާފައި “ކަލޭވެސް ވަރަށް ބޮޑަށް ހިކިއްޖެ، ހަށިގަނޑަށް ތިވީ ކިހިނެއް؟” ހޭ ބުނެ ސުވާލުކުރިއެވެ.

ހެނެޑާ ބުނި ގޮތުގައި އެ ސުވާލުން އޭނާ ހައިރާންވިއެވެ. ބޭސް ބޭނުންކުރަން ފެށިފަހުން އޭނާގެ ހަށިގަނޑަށް އައި ބަދަލު އޭނާއަށް އެނގެއެވެ. ނަމަވެސް، އޭނާގެ ހަށިގަނޑުގެ ވަކިވަކި ގުނަވަންތަކަށް އައި ބަދަލުތަކަކީ އޮފީހުގެ ކެންޓީނުގައި އެންމެންގެ ކުރިމަތީގައި ދައްކަންޖެހޭ ވާހަކައެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އިތުރަށް ވާހަކަ ނުދެއްކުމަށްޓަކައި އޭނާ އަވަސްއަވަހަށް އަނގަޔަށް ކާއެއްޗެހި އަޅައިގެން އިނީއެވެ.

މަސައްކަތުގެ މާހައުލުގައި ހަށިގަނޑާ ބެހޭގޮތުން ވާހަކަދެއްކުމަކީ ކުރިންވެސް ހިނގާ ކަމެކެވެ. ނަމަވެސް، ބަރުދަން ލުއިކުރާ ބޭސްތައް (ޖީއެމްޕީ-1)  އާންމުވުމާއެކު، މިކަމުގެ އިންތައް މިހާރު ވަނީ އޮޅުންބޮޅުންވެފައެވެ. ކޮންމެ މީހަކުވެސް އަނެކާގެ ބަރުދަނާއި ބޭސް ބޭނުންކުރުމާ ބެހޭގޮތުން ސުވާލުކުރަން ފެށުމުން، މަސައްކަތުގެ މާހައުލުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

އިހުސާސްތަކާއި ސިއްހީ އިންޝުއަރެންސް

މި މައްސަލައިގައި ދެ ގޮތަކުން ނުތަނަވަސްކަން އުފެދެއެވެ. ފުރަތަމަ ކަމަކީ މާލީ ކަންކަމެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ސިއްހީ އިންޝުއަރެންސް ބިނާވެފައި އޮންނަނީ މުވައްޒަފުންގެ މުޅި ގްރޫޕުގެ މައްޗަށެވެ. އެހެންކަމުން، ބަރުދަން ލުއިކުރާ އަގުބޮޑު ބޭސްތައް ގިނަ ބަޔަކު ބޭނުންކުރަން ފެށުމުން، އެންމެންގެ އިންޝުއަރެންސް ޕްރީމިއަމް ބޮޑުވެގެންދެއެވެ. ބައެއް މީހުން ދެކޭގޮތުގައި އެހެން މީހަކު ހިކުމަށްޓަކައި ކުރާ “ލައިފްސްޓައިލް” ހަރަދަށް އެމީހުން ފައިސާ ދައްކާކަށް ނުޖެހެއެވެ. މިއީ މުވައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދޭ ކަމެކެވެ.

މިވެސް ކިޔާލަން:  އެންމެ މީރީ ދިވެހިވަންތަ ދިވެހި ކެއުން!

ދެވަނަ ކަމަކީ މުވައްޒަފުން އެކަކު އަނެކަކަށް ދެކޭ ގޮތެވެ. ދިރާސާތަކުން ދައްކާގޮތުގައި، ހިކިކޮށް ތިބޭ މީހުންނަށް ވަޒީފާ ލިބުމާއި ކުރިއެރުން ލިބުމުގެ ފުރުސަތު ބޮޑެވެ. މިއީ މުޖުތަމައުގައި އަށަގަނެފައިވާ ނުބައި ތަފާތުކުރުމެކެވެ. ބޭސް ބޭނުންކޮށްގެން ހިކޭ މީހުންނަށް “ކުއްލިއަކަށް” ލިބޭ އިތުރު އިހުތިރާމާއި ސަމާލުކަމުގެ ސަބަބުން، އެމީހުންގެ ހަގީގީ ގާބިލިއްޔަތަށްވުރެ ބޮޑަށް ބޭރުފުށުގެ ސިފައަށް އިސްކަންދެވޭ ކަމުގެ އިހުސާސް ކުރެވެއެވެ.

މަސައްކަތުގެ މާހައުލުގައި ހިނގާ ކަންތައްތައް

މިކަމާ ގުޅޭގޮތުން ވާހަކަދެއްކި ގިނަ މީހުން ބުނާގޮތުގައި، މިހާރު ކޮންމެ މީހަކަށްވެސް ކުރިމަތިވަނީ ނުތަނަވަސްކަމެވެ. ބައެއް މީހުން ބަރުދަން ލުއިކުރުމުން އެމީހުންގެ “ބޮސް” ނުވަތަ ވެރިޔާ އެކަމާ ސުވާލުކޮށް، ކޮން ބޭހެއްތޯ ބޭނުންކުރަނީ އަހާތީ އުނދަގޫވެއެވެ. އަނެއްބައި މީހުން ބުރަ މަސައްކަތުންނާއި ކަސްރަތުން ހިކުމުންވެސް، އެހެން މީހުން ތުހުމަތުކުރަނީ ބޭސް ބޭނުންކުރަނީ ކަމަށެވެ.

ގާނޫނީ މާހިރުން ބުނާގޮތުގައި، މީހެއްގެ ހަށިގަނޑާ ބެހޭގޮތުން ތަކުރާރުކޮށް ވާހަކަދެއްކުމަކީ “ހޮސްޓައިލް ވޯކް އެންވަޔަރަންމަންޓް” ނުވަތަ ނުތަނަވަސް މަސައްކަތުގެ މާހައުލެއް އުފެދުމަށް މަގުފަހިވާ ކަމެކެވެ. އެއީ ހަޑިހުތުރު ވާހަކަދެއްކުން ފަދަ ކަމެއްގެ ގޮތުގައި ބެލެވިދާނެއެވެ.

ނިންމާލަމުން ބުނެފައިވަނީ، މި ބޭސްތަކުގެ ސަބަބުން މަސައްކަތުގެ މާހައުލު ބަދަލުވަމުންދާ ކަމަށެވެ. މުވައްޒަފުންގެ މެދުގައި އޮންނަ އިހުތިރާމާއި، އިންޝުއަރެންސްގެ އުސޫލުތަކާއި، އަދި އެކަކު އަނެކަކާ މުއާމަލާތްކުރާ ގޮތަށް މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ. ވަކި ހަރުދަނާ އުސޫލުތަކެއް އެކުލަވާލެވެންދެން، މި ނުތަނަވަސްކަން މަސައްކަތުގެ މާހައުލުގައި ދެމިއޮންނާނެ ކަމަށް ބެލެވެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top