ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
އިންޓަރނަލް ރެކޯޑިންގ ހިމެނޭ ފުރަތަމަ ޑީޖޭއައި މައިކް ނެރެފި

– މިއީ ޑީ.ޖޭ.އައި މައިކް މިނީ 2 އެސް
– 32-ބިޓް ފްލޯޓް އިންޓަރނަލް ރެކޯޑިންގ، 14.5 ޖީބީ ސްޓޯރޭޖް އަދި އެއްފަހަރާ ހަތަރު ޓްރާންސްމިޓަރު ބޭނުންކުރުމުގެ ގާބިލުކަން މި މައިކްގައި ހުރޭ

ޑީ.ޖޭ.އައި އިން ދުނިޔޭގެ ބާޒާރަށް “މައިކް މިނީ 2 އެސް” ތައާރަފުކޮށްފިއެވެ. މިއީ އެ ކުންފުނިން އުފެއްދި، އަމިއްލައަށް ރެކޯޑްކުރުމުގެ ގާބިލުކަން ލިބިފައިވާ ފުރަތަމަ މިނީ ވަޔަރލެސް މައިކްރޯފޯނެވެ. އެންމެ 12 ގްރާމް ހުންނަ ކޮންމެ ޓްރާންސްމިޓަރެއްގައި 14.5 ޖީބީގެ ސްޓޯރޭޖް ހިމެނެއެވެ. މީގެ ސަބަބުން 24-ބިޓްގެ އޯޑިއޯ ނަމަ 28 ގަޑިއިރު، ނުވަތަ 32-ބިޓް ފްލޯޓް ކޮލިޓީގައި ގިނަ ވަގުތު ރެކޯޑް ކުރެވެއެވެ. މީގެ އިތުރުން، މީގެ އެއް ރިސީވަރަކަށް މިނީ ސީރީޒްގެ ތަފާތު ތިން ޖީލެއްގެ ހަތަރު ޓްރާންސްމިޓަރު އެއްފަހަރާ ގުޅާލެވޭނެއެވެ. އޭއައި ބޭނުންކޮށްގެން އަޑު ސާފުކޮށްދޭ ދެ ފަންތިއަކާއި، ތިން ވައްތަރުގެ އަޑުގެ ރާގުތަކެއް (ވޮއިސް ޕްރިސެޓްސް) ވެސް މީގައި ހިމެނެއެވެ. މީގެ އަގު ފެށެނީ 99 ޔޫރޯ (1,761.98 ރުފިޔާ) އިންނެވެ.

މިދިޔަ ބަހާރު މޫސުމުގައި ޑީ.ޖޭ.އައި އިން “މައިކް މިނީ 2” ނެރުނުއިރު، އަމިއްލައަށް ރެކޯޑްކުރެވޭ “އެސް” ވޭރިއަންޓެއް އަންނާނެކަމުގެ އިޝާރާތެއް ވަނީ ދީފައެވެ. ކުރީގެ މޮޑެލްތަކަކީ ހަމައެކަނި ލައިވްކޮށް އަޑު ފޮނުވައިދޭ އެއްޗިއްސަށް ވިޔަސް، އާ މޮޑެލްއާއެކު މައިކް ތެރޭގައި އަޑު ރައްކާކުރެވޭތީ، މިއީ މަސައްކަތުގެ ފެންވަރު މަތިކޮށްދޭނެ ބަދަލެކެވެ.

މައިކްގެ ތެރޭގައި ރެކޯޑްކުރުމުގެ ފަސޭހަކަން
މައިކް މިނީ 2 އެސްގެ ކޮންމެ ޓްރާންސްމިޓަރެއްގައި 14.5 ޖީބީގެ ޖާގަ ހުރެއެވެ. ރިސީވަރާއި މައިކާ ދެމެދު އޮންނަ ގުޅުން ކެނޑުނު ކަމުގައި ވިޔަސް، މައިކްގެ ތެރޭގައި ރެކޯޑިންގ ކުރިއަށްދާނެއެވެ. މިއީ އިންޓަވިއުތަކާއި ޑޮކިއުމަންޓްރީ ފަދަ ތަކެތި ތައްޔާރުކުރާއިރު، އަޑު ގެއްލިދާނެތީ އޮންނަ ބިރު ކުޑަކޮށްދޭނެ “ސޭފްޓީ ނެޓް” އެކެވެ.

މިވެސް ކިޔާލަން:  އައިފޯން 18 އަށްވުރެ، 20 ވަނަ އަހަރީ އައިފޯނުގެ އިންތިޒާރު މާ ބޮޑު!

ޚާއްޞަކޮށް 32-ބިޓް ފްލޯޓް ރެކޯޑިންގގެ ސަބަބުން، އަޑު މާ ބާރުވެގެން ކެނޑިގެންދާ ( ކްލިޕިންގ) މައްސަލައަށް ހައްލެއް ލިބެއެވެ. މި ފޯމެޓުގައި ރެކޯޑް ކުރުމުން، ފަހުން އެޑިޓްކުރާއިރު އަޑުގެ ބާރުމިން ބޭނުންވަރަކަށް ބަދަލުކުރުމުގެ ފުރުސަތު އޮވެއެވެ. މިއީ އެކަނި މަސައްކަތްކުރާ ވީޑިއޯގްރާފަރުންނަށް ވަރަށް ބޮޑު ލުޔެކެވެ.

ޓްރާންސްމިޓަރުން ފައިލްތައް ނެގުން
މައިކްގައި ހުންނަ ފައިލްތައް ކޮމްޕިއުޓަރަށް ނެގުމަށް ޑީ.ޖޭ.އައި އިން ވަނީ ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައެވެ. މީގެ ޗާޖިންގ ކޭސް މެދުވެރިކޮށް ސިކުންތަކު 34 އެމްބީގެ ބާރުމިނުގައި ފައިލްތައް ފޮނުވައިދެއެވެ. މިއީ ކުރީގެ “މައިކް 3” އަށްވުރެ ދެގުނަ އަވަސް މިންވަރެކެވެ. މިސާލަކަށް 30 މިނެޓުގެ ރެކޯޑިންގއެއް އެންމެ އަށް ސިކުންތުގެ ތެރޭގައި ކޮޕީކޮށްލެވޭނެއެވެ.

އެއް ރިސީވަރަކަށް ހަތަރު ޓްރާންސްމިޓަރު
މި އާ މޮޑެލްގެ އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެއް ރިސީވަރަކަށް ހަތަރު މައިކް އެއްފަހަރާ ގުޅާލެވުމެވެ. މީގެ ކުރިން މިއީ ހަމައެކަނި އަގުބޮޑު މޮޑެލްތަކުގައި ހުންނަ ފީޗާއެކެވެ. މީގެ ސަބަބުން ގިނަ ބަޔަކު ބައިވެރިވާ ޕޮޑްކާސްޓްތަކާއި އިންޓަވިއުތަކުގައި ކޮންމެ މީހަކަށް ވަކި އޯޑިއޯ ޓްރެކެއް ރެކޯޑްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ކުރިން މައިކް މިނީ ބޭނުންކުރާ ފަރާތްތަކަށް ވެސް މިއީ އުފާވެރި ޚަބަރެކެވެ. ސަބަބަކީ އާ ރިސީވަރަށް ކުރީގެ ޖީލުތަކުގެ މައިކްތައް ވެސް ގުޅާލެވޭތީއެވެ.

އޭއައި ބޭނުންކޮށްގެން އަޑު ސާފުކުރުން
ޑީ.ޖޭ.އައި އިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ބޭރުގެ އަޑުތައް (ނޮއިސް) ކަނޑާލުމުގެ ގާބިލުކަން އިތުރުކޮށްފައެވެ. މީގައި ދެ ފަންތިއެއް ހިމެނެއެވެ. “ބޭސިކް” މޯޑަކީ ކޮޓަރިތެރޭގައި ހުންނަ ފަންކާ ނުވަތަ އޭސީގެ އަޑު ކަނޑާލުމަށެވެ. އަދި “ސްޓްރޯންގް” މޯޑަކީ ބޭރުތެރޭގެ ގަދަ އަޑުތައް ކަނޑާލުމަށް ޚާއްޞަ މޯޑެކެވެ. މީގެ އިތުރުން އަޑުގެ ކޮލިޓީ ރަނގަޅުކުރުމަށް “ބްރައިޓް” އަދި “ރިޗް” ފަދަ ޕްރީސެޓްތައް ބޭނުންކުރެވެއެވެ.

މިވެސް ކިޔާލަން:  ސްކޭމް ހުއްޓުވުމުގެ އެންމެ އާދަޔާ ޚިލާފު ވާހަކަ

ބެޓެރީގެ މުއްދަތު
އާ ފީޗާތަކާއެކު ބެޓެރީއަށް ކުޑަ ބަދަލެއް ވަނީ އައިސްފައެވެ. ޓްރާންސްމިޓަރު ގާތްގަނޑަކަށް 11 ގަޑިއިރު ބޭނުންކުރެވޭއިރު، ރިސީވަރު 10 ގަޑިއިރު ހިފަހައްޓައެވެ. ޗާޖިންގ ކޭސްއާއެކު ޖުމްލަ 40 ގަޑިއިރު ބޭނުންކުރެވޭނެއެވެ. މިއީ ކުރީގެ މޮޑެލްއަށްވުރެ ކުޑަކޮށް މަދުމިންވަރެއް ނަމަވެސް، އެއް ދުވަހުގެ މަސައްކަތަށް މިއީ ފުދޭވަރުގެ މުއްދަތެކެވެ.

އޯސްމޯ ކެމެރާތަކާ ސީދާ ގުޅާލުން
ޑީ.ޖޭ.އައިގެ އޯސްމޯ ޕޮކެޓް އަދި އެކްޝަން ކެމެރާތައް ބޭނުންކުރާ ފަރާތްތަކަށް ރިސީވަރާ ނުލައި ސީދާ ކެމެރާއަށް މައިކް ގުޅާލެވޭނެއެވެ. މީގެ ސަބަބުން ކެމެރާ މަތީގައި އިތުރު އެއްޗެއް ހަރުކުރަން ނުޖެހި، ފަސޭހަކަމާއެކު ފެންވަރު ރަނގަޅު އަޑު ރެކޯޑްކުރެވޭނެއެވެ.

މި އާ މޮޑެލް މިހާރު ޑީ.ޖޭ.އައިގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top