ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ލޯތްބަކީ ދަތުރެކެވެ. – ކުރު ވާހަކަ

މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ތެރެއިން، ހެންވޭރުގެ ހަނި ގޯޅިއެއްގައި ހުރި “ތިންމިންވަރު” ގެއަކީ ޒަޔާންގެ މުޅި ދުނިޔެއެވެ. އުމުރުން އެންމެ 28 އަހަރުގެ ޒަޔާންގެ ކޮނޑުގައި އެޅިފައިވަނީ އާދައިގެ ޒުވާނަކަށް އުފުލޭވަރަށް ވުރެ ބަރު މަސްއޫލިއްޔަތެކެވެ. ނިޔާވި ދައްތަގެ ތިން ދަރިން ކަމަށްވާ އިޒްޔަން، ސާރާ އަދި ކުޑަކުޑަ އަޔާން ބެލެހެއްޓުމުގެ އިތުރުން، ދަރަނިވެރިވަމުންދާ އާއިލީ ފޮތި ވިޔަފާރި ކޮޅަށް ޖެހުމުގެ ބުރަ މަސައްކަތެވެ.

“އިޒްޔަން! ސާރާ! ތި ތަށި ބަހައްޓާ!” ޒަޔާން ބޯކަހާލަމުން ހަޅޭއްލަވައިގަތެވެ. ބަދިގެތެރޭގައި ތިން ކުދިން ތިބީ ފުށް ގޯންޏަކަށް އެރިފައި އަރާތިބި ބައެއް ހެންނެވެ. ތިން ކުދިންގެ މުޅި ގައިގައި އޮތީ ފުށެވެ. ގޭތެރެ އޮތީ ބޮން އަޅާފައިވާ ހަނގުރާމައިގެ މައިދާނެއް ފަދައިންނެވެ.

ޒަޔާންގެ ދިރިއުޅުމަކީ ތާވަލަކަށް ހިނގާ އެއްޗެއް ނޫނެވެ. ހެނދުނު ފިހާރައަށް ގޮސް މުވައްޒަފުންގެ ޝަކުވާ އަޑުއެހުމާއި، ހަވީރު ގެއަށް އައިސް ކުދިންގެ ސަކަރާތް ބެލެހެއްޓުމަކީ އޭނާ ވަރުބަލިކޮށްލާ ކަމެކެވެ. އޭގެ އިތުރުން، ވިޔަފާރީގެ ވާދަވެރިޔާ ޝަރީފް ދަނީ ޒަޔާންގެ ފޮތި ފިހާރަ އަތުލުމަށް މަޅިތައް ޖަހަމުންނެވެ.

މި ހަލަބޮލިކަމުގެ ތެރެއަށް މާޔާ އައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. މާޔާއަކީ ރާއްޖޭގެ ނުފޫޒުގަދަ ރިސޯޓް އޯނަރެއް ކަމަށްވާ މަންސޫރުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބައްޕަ ބޭނުންވާ މީހަކާ މަޖުބޫރުން ކައިވެނި ކުރަން ޖެހުމުން، މާޔާ ގެއިން ފިލައިގެން އައިސް ވަނީ ކުޑަކުދިންގެ ކާނިވަލެއްގެ ތެރެއަށެވެ. އެތަނުން އޭނާއާ ދިމާވީ އިޒްޔަންމެންނާއެވެ.

“ދައްތާ، އަހަރެމެންނާއެކު ގެއަށް ހިނގާބަލަ. ބޭބެ ކައިރީ ބުނާނީ ތީ ނެނީއެއްގެ ޖޮބް ހޯދަން އުޅޭ މީހެކޭ،” ސާރާ މާޔާގެ އަތުގައި ހިފާލަމުން ބުންޏެވެ. މާޔާގެ ހިތް އެ ކުދިންގެ މައުސޫމްކަމަށް ލެނބުނެވެ. އަދި އޭނާގެ ބައްޕަގެ އަތްދަށުން ސަލާމަތްވާން އޮތް އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށް ދެކި، އެ ކުދިންނާއެކު “ތިންމިންވަރު” ގެއައަށް ދިޔައެވެ.

މިވެސް ކިޔާލަން:  ޙައްޤުވިއަސް - 04

ޒަޔާން ގެއަށް އައިއިރު ފެނުނު މަންޒަރަކުން އޭނާ ހައިރާންވިއެވެ. ގޭތެރެ އޮތީ ތަރުތީބުވެފައެވެ. ކުދިން ތިބީ ފެންވަރައިގެން ރީތިވެގެން ފިލާވަޅު ދަސްކުރާށެވެ. ބަދިގެއިން ދުވަނީ މީރު ކާނާގެ ވަހެވެ.

“ކާކު ތިއީ؟” ޒަޔާން ސުވާލުކުރިއެވެ.

މާޔާ ހިނިތުންވެލަމުން ބުންޏެވެ. “އަހަރެން މިއީ މާޔާ. ކުދިން ބަލަން އައި މީހެއް.”

ޒަޔާން ފުރަތަމަ މާޔާއަށް އިތުބާރެއް ނުކުރިއެވެ. ނަމަވެސް ކުދިންގެ އާދޭހާއި، ގޭގެ ހާލަތު ރަނގަޅުވެފައި އޮތުމުން އޭނާ މާޔާ ބަހައްޓަން އެއްބަސްވިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، މާޔާ އެ ގޭގެ އެންމެންގެ ހިތް އަތުލިއެވެ. އޭނާގެ ހަލުވިކަމާއި މަޖާ މިޒާޖުގެ ސަބަބުން “ތިންމިންވަރު” ގެއަށް ދިރުން ލިބުނެވެ.

އެއްދުވަހަކު ޒަޔާން ފިހާރައިގެ މައްސަލައެއްގައި ވަރަށް ބޮޑަށް ހާސްވެފައި އިންދާ މާޔާ އޭނާގެ ކައިރިއަށް އައެވެ. “ޒަޔާން، ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނާނެ. ތި ވިއްކާ ފޮތިތަކުގެ ޑިޒައިން ބަދަލުކޮށްލަމާ؟” މާޔާގެ ހިޔާލަކީ ވަރަށް އާދަޔާ ހިލާފު، ޒަމާނީ ހިޔާލެކެވެ.

ޒަޔާން މާޔާގެ ލޮލަށް ބަލާލިއެވެ. “ކަލެއަށް ކިހިނެއް އެނގެނީ މިކަންކަން؟”

މާޔާ ހީލިއެވެ. “އަހަރެން މިއީ ހަމައެކަނި ކުދިން ބަލާ މީހެއް ނޫނޭ.”

އެރޭ ޒަޔާންއަށް މާޔާއާ މެދު ތަފާތު ގޮތަކަށް ވިސްނެން ފެށުނެވެ. މާޔާގެ ހިތްހެޔޮކަމާއި، އޭނާގެ މަސައްކަތްތެރިކަމަށް ޒަޔާންގެ ހިތުގައި ލޯބި އުފެދެން ފެށިއެވެ. މާލޭގެ އާޓިފިޝަލް ބީޗުގައި ކުދިންނާއެކު ހޭދަކުރި ހަވީރުތަކާއި، ރޭގަނޑު ކޮފީ ބޯން ތިބޭ ވަގުތުތަކުގައި ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވަމުން ދިޔައެވެ.

ނަމަވެސް، އުފާވެރި ދުވަސްތަކަށް ހިޔަނި އެޅުނީ ޝަރީފްގެ ނުބައި ރޭވުމުންނެވެ. ޝަރީފްއަށް މާޔާގެ އަސްލު އެނގުނެވެ. އޭނާ މަންސޫރަށް ގުޅައި މާޔާ ހުރި ތަން ބުންޏެވެ.

އެއްދުވަހު ހެނދުނު، ޒަޔާންގެ ގޭގެ ދޮރުމައްޗަށް އަގުބޮޑު ކާރުތަކެއް މަޑުކުރިއެވެ. މަންސޫރު އޭނާގެ ބާރުގަދަ ސެކިއުރިޓީއާއެކު ގެއަށް ވަދެގަތެވެ.

މިވެސް ކިޔާލަން:  ތިންފަށް ވަރި - ކުރު ވާހަކަ

“މާޔާ! ހަމަ މިހާރު ހިނގާ ގެއަށް ދާން،” މަންސޫރު ހަޅޭއްލަވައިގަތެވެ.

ޒަޔާން އަންތަރީސްވިއެވެ. “މާޔާ؟ މިއީ ކޮން ބައެއް؟”

މާޔާ އިސްދަށަށް ޖަހާލިއެވެ. “ޒަޔާން، އަހަރެން… އަހަރެން މިއީ މަންސޫރުގެ ދަރިފުޅު. މާފުކުރޭ ހަގީގަތް ސިއްރުކުރެވުނީތީ.”

މަންސޫރު ޒަޔާންއަށް ބަލާލީ ފަކުރުންނެވެ. “ކަލޭ ކަހަލަ އާދައިގެ މީހަކު މަގޭ ދަރިފުޅު މިތަނުގައި ބޭންދީ ކޮން ހައްގަކުން؟ މި ތަނަކީ ކުޑަކުދިންގެ ހިޔަލެއް ނޫން!”

މާޔާ ގެންދެވުނީ ގަދަކަމުންނެވެ. ޒަޔާންގެ ހިތް ކުދިކުދިވިއެވެ. ކުދިން ރޮމުން މާޔާގެ ފަހަތުން ދުވުނެވެ. އެ ދުވަހަށްފަހު “ތިންމިންވަރު” ގެއިން އުފާވެރިކަން ގެއްލިއްޖެއެވެ. ކުދިން ކެއުން ބުއިން ހުއްޓާލައިފިއެވެ. ޒަޔާން އިނީ ބަސްހުއްޓިފައެވެ. އޭނާގެ ހިތުގައި މާޔާއަށްޓަކައި އޮތް ލޯބި، މާޔާގެ މުއްސަނދިކަމާއި އޭނާގެ އާއިލީ ނުފޫޒުގެ ކުރިމަތީގައި ބަލިކަށި އެއްޗަކަށް ވެއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ.

ނަމަވެސް، ޝަރީފްގެ ނުބައިކަން އެވަރަކުން ނުހުއްޓުނެވެ. އޭނާ ޒަޔާންގެ ފޮތިފިހާރައިގެ ދަރަނީގެ ބަދަލު އަތުލުމަށް ކޯޓު އަމުރެއް ހިފައިގެން އައެވެ. “ޒަޔާން، ކަލޭގެ އަތުގައި ދެން އޮތީ ދެ ގޮތެއް. ނޫނީ ފިހާރަ މަށާ ހަވާލުކުރޭ، ނޫނީ މާދަމާ އިރުއޮއްސުމުގެ ކުރިން ބާކީ ހުރި ހުރިހާ ދަރަންޏެއް ދައްކާ ޚަލާސްކުރޭ،” ޝަރީފް މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.

މި ޚަބަރު މާޔާއަށް ލިބުނީ އޭނާ ކޮޓަރީގައި ބަންދުކޮށްފައި ހުއްޓައެވެ. މާޔާގެ ބައްޕަ ދިޔައީ އޭނާގެ ކައިވެނި ޝަރީފްގެ ދަރިފުޅާ ކުރުވަން ތައްޔާރުވަމުންނެވެ. މާޔާގެ ހިތް ބުންޏެވެ؛ އޭނާ ހަނގުރާމަ ކުރަންޖެހޭނެއެވެ. އެއީ ހަމައެކަނި އޭނާގެ އަމިއްލަ މިނިވަންކަމަކަށް ނޫނެވެ. ޒަޔާންއާއި އެ މައުސޫމް ތިން ކުދިންގެ ހައްގުގައެވެ.

އެރޭ ދަމަކަށް ދިޔަފަހުން، މާޔާ ކޮޓަރީގެ ކުޑަދޮރުން ފުންމާލައިގެން ފިލިއެވެ. އޭނާ ސީދާ ދިޔައީ ޒަޔާންގެ ގެއަށެވެ.

“ޒަޔާން! ތެދުވޭ! އަހަރެމެންނަށް މިކަން ކުރެވޭނެ،” މާޔާ ޒަޔާންއަށް ހިތްވަރު ދިނެވެ. ޒަޔާންއާއި މާޔާ، އަދި ތިން ކުދިންވެގެން މުޅި ރޭ ހޭލާ ތިބެ، ފިހާރާގައި ހުރި ފޮތިތަކުން އާ ޑިޒައިންތަކެއް ނެގިއެވެ. މާޔާގެ ދަންނަ ބައެއް ވިޔަފާރިވެރިންނަށް ގުޅައި، ފެޝަން ޝޯއެއްގެ އިންތިޒާމު ހަމަޖެއްސިއެވެ.

މިވެސް ކިޔާލަން:  ޝަމްހޫރިޝް - 08

ޖެހިގެން އައި ދުވަހު، މާލޭގެ ބޮޑު ހޯލެއްގައި ބޭއްވުނު ފެޝަން އިވެންޓަކީ އެންމެން ހައިރާންކޮށްލި ކަމެކެވެ. ޒަޔާންގެ އާދައިގެ ފޮތިތަކުން މާޔާ ފަރުމާކޮށްފައިވާ ހެދުންތަކަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެތައް ބައިވަރު އޯޑަރުތަކެއް ލިބި، ޝަރީފަށް ދައްކަންޖެހޭ ދަރަނި ހަމަޖެހުނެވެ.

ޝަރީފާއި މަންސޫރު އެތަނަށް އައީ ޒަޔާން ބަލިކޮށްލުމުގެ ނިޔަތުގައެވެ. ނަމަވެސް ފެނުނު މަންޒަރުން އެމީހުންގެ ރޭވުން ފެނަށްވިއެވެ.

“ބައްޕާ،” މާޔާ އޭނާގެ ބައްޕަގެ ކުރިމައްޗަށް ހުއްޓުނެވެ. “އަހަރެން ބޭނުންވަނީ މުއްސަނދިކަމާއި ނުފޫޒެއް ނޫން. އަހަރެން ބޭނުންވަނީ ލޯތްބާއި އޯގާތެރިކަން. ޒަޔާންއާއި މި ކުދިންނަކީ އަހަރެންގެ އާއިލާ.”

މަންސޫރުގެ ލޮލުން ކަރުނަ ފާޅުވިއެވެ. އޭނާއަށް އޭނާގެ ދަރިފުޅުގެ އުފާވެރިކަން ފެނުމުން ހިތް މަޑުވިއެވެ. “ދަރިފުޅާ… ބައްޕައަށް މާފުކުރޭ. ބައްޕަ ހީކުރީ ފައިސާއަކީ ހުރިހާ އެއްޗެއް ކަމަށް.”

ޝަރީފްގެ މަކަރުވެރިކަން ފަޅާއެރުމުން، އޭނާ ބާކީވެގެން އެތަނުން ދާންޖެހުނެވެ.

މާލޭގެ ހަލަބޮލިކަމުގެ ތެރޭގައި، “ތިންމިންވަރު”ގެ އަލުން އުޖާލާވިއެވެ. ޒަޔާންއާއި މާޔާގެ ކައިވެނި ކުރެވުނީ އާއިލާގެ ހުރިހާ މެންބަރުންގެ އުފާވެރިކަމާ އެކުގައެވެ. ތިން ކުދިންގެ ހުނުމުގެ އަޑުން ގޭތެރެ ގުގުމާލިއެވެ.

ޒަޔާން، މާޔާގެ އަތުގައި ހިފާލަމުން ބުންޏެވެ. “މާޔާ، އަހަރެން ހީކުރީ އަހަރެންގެ ދިރިއުޅުމަކީ ބުރަ ދަތުރެއް ކަމަށް. އެކަމަކު މިހާރު އެނގިއްޖެ ލޯތްބާއެކު ކުރާ ކޮންމެ ދަތުރަކީ އުފާވެރި ދަތުރެއްކަން.”

މާޔާ ހިނިތުންވެލަމުން ޒަޔާންގެ ކޮނޑުގައި ބޯއަޅާލިއެވެ. “އާނ، ލޯތްބަކީ ހަމަ ހަގީގަތުގައިވެސް ދަތުރެއް. އަދި އަހަރެމެންގެ ދަތުރު އަދި މި ފެށުނީ.”

މާލޭގެ އުދަރެހުން އިރު އޮއްސެމުން ދިޔައިރު، “ތިންމިންވަރު” ގެއިން ފެންނަމުން ދިޔައީ ކާމިޔާބީއާއި، އޯގާތެރިކަމާއި، ވަފާތެރި ލޯބީގެ ރީތި ނަމޫނާއެކެވެ.

— ނިމުނީ —

ނޯޓް
މިއީ ހިންދީ ފިލްމު "ހަމް ހޭ ރާހީ ޕިޔާރް ކޭ" އަށް ބިނާކޮށް ލިޔެފައިވާ ކުރު ވާހަކައެކެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top