– “ސިނެލައުންޖް“ގައި ފިލްމު ބަލައިލަން 7201199 ނަންބަރަށް ގުޅައިގެން ބުކިން ހެދޭނެއެވެ.
ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ މަގުބޫލު ކޮމެޑީ ފިލްމު “ކޮސް ގިނަ މިސްޓޭކް” (ކޭޖީއެމް) އޯގަސްޓް މަހުގެ 13 ވަނަ ދުވަހު ހުޅުމާލޭ ސިނެ ލައުންޖުގައި ދައްކަން ނިންމައިފިއެވެ.
ދިވެހި ފިލްމީ ދާއިރާގައި ކޮމެޑީ ޖޯންރާގެ ފިލްމުތައް އުފެއްދުމުގައި އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޝައި ޕްރޮޑަކްޝަނުން މީގެ ކުރިން ވަނީ “ނޯޓީ ފޯޓީ” އަދި “ފޯޓީ ޕްލަސް” ފަދަ ބޮޑެތި ހިޓްތަކެއް ބެލުންތެރިންނަށް ގެނެސްދީފައެވެ. އެ ފިލްމުތަކެކޭ އެއްފަދައިން “ކޮސް ގިނަ މިސްޓޭކް” އަކީ ވެސް ބެލުންތެރިން ހެއްވާލި، މަޖާ ހާދިސާތަކެއް ފެނިގެންދާ ފިލްމެކެވެ.
މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ޝޫޓްކޮށްފައިވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅު މ. މުލަކުގައެވެ.
މި ފިލްމަކީ ފަހުގެ ތާރީޚެއްގައި ދިވެހި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދިޔަ އެއް ފިލްމެވެ. ފިލްމުގެ ހުރިހާ ތަރިންގެ ރޯލުތައް ވެސް އެއްވަރަކަށް ފެނިގެންދާއިރު، މީގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، މަރިޔަމް ޢައްޒަ، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، އަޙްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން، ޝާއްކޮ، އަންމަޑޭ، ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ.
ތަޖުރިބާކާރު ކެމެރާމަން އިބްރާހިމް ވިސާން (ކަނޑި) ކެމެރާކޮށްފައިވާ މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަނާއި، ބްލެކް މީޑިއާ އަދި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެންނެވެ. ފިލްމުގެ ލަވަތަކުގެ ޅެންތައް މުހައްމަދު އަބްދު ޣަނީ (ތޭރަ) ތައްޔާރުކޮށްފައިވާއިރު، ލަވަތައް ކިޔާފައިވަނީ ތޭރަގެ އިތުރުން މަރިޔަމް އަޝްފާ، ފުބޫ އަދި ޖަލާލެވެ.
މި ފިލްމު ދައްކަން ހަމަޖެހިފައިވާ ހުޅުމާލޭ “ސިނެ ލައުންޖް” އަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޕްރީމިއަމް ލަގްޒަރީ ތިއޭޓަރެވެ. މިއީ އަރާމާއި، މިނިވަންކަމާއި އަދި ޕްރައިވެޓް ތަޖުރިބާއެއް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ތަނެކެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑޯލްބީ އެޓްމޯސް ސައުންޑް ސިސްޓަމާއި ޑޯލްބީ ސިނަމާގެ ފުރިހަމަ މަންޒަރުތަކާއެކު، ފިލްމުގެ ކޮންމެ މަންޒަރެއް ހަގީގަތާ އެއްގޮތަށް ތަޖުރިބާކޮށްލެވޭނެއެވެ.
ސިނެ ލައުންޖްގެ އެންމެ ޚާއްޞަ ސިފައަކީ 20 ލަގްޒަރީ ރެކްލައިނާ ސީޓާއެކު ފަރުމާކޮށްފައިވާ ސީޓިން އިންތިޒާމެވެ. މީހުން ގިނަވެގެން އުނދަގޫވުމެއް ނެތި، ގޮނޑިތައް ބޭނުން ގޮތަކަށް ދަމާލައިގެން އޮށޯވެލައިގެން އޮވެ ފިލްމު ބަލާލުމުގެ ފުރުޞަތު ބެލުންތެރިންނަށް ލިބިގެންދާނެއެވެ. މިއީ އާއިލީ ވަގުތުތަކަށާއި އޮފީސް ކޮލީގުންނާއެކު ބާއްވާ ޚާއްޞަ ހަރަކާތްތަކަށް ވެސް ނުހަނު އެކަށީގެންވާ މާހައުލެކެވެ.
