ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލިއޯ އެފްސީ އާއި ވެލިގާ ކުއާޓާރ ފައިނަލަށް
މެޗުގެ މޮޅު ކުޅުންތެރިޔާ އައްޒާމް ނިޔާޒް / ފޮޓޯ: ކުލަބް މޯލްޑިވްސް - އެފްބީ

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ކުއާޓާރ ފައިނަލަށް ލިއޯ އެފްސީ އާއި ވެލިގާ ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީންގެ މެޗުތައް ރޭ ފަށާފައި ވާއިރު، ރޭ ވަނީ ހަތަރު މެޗު ކުޅެފައެވެ. ރޭ ކުޅެވުނު ހަތަރު މެޗުގެ ތެރެއިން ފަހު ދެ މެޗަށް ބަލާލާއިރު:

ރައުންޑް އޮފް ސިކްސްޓީން މެޗު 3

ރައުންޑް އޮފް ސިކްސްޓީންގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ލިއޯ އެފްސީ އާއި ކުލަބް ލޯކަލްޗާރ އެވެ. މި މެޗުގައި ވާދަކުރާ ލިއޯ އެފްސީއަކީ ގުރޫޕް ސީގެ އެއްވަނަ ޓީމެވެ. އެ ޓީމުން ވަނީ ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ދެވަނަ ބުރުން ލިބުނު ޖާގަތަކުން ޖާގައެއް ލިބުނު ލޯކަލްޗާރއަކީ ގުރޫޕް ބީގެ ތިންވަނަ ޓީމެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ. މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އައި ލިއޯ އެފްސީގެ ހަމަލާތައް ހުއްޓުވުމުގައި ލޯކަލްޗާރއިން ކާމިޔާބު ހޯދި މި ހާފު ނިމުނީ 0-0 އިންނެވެ.

ދެވަނަ ހާފުގައި ލިއޯ އެފްސީން ވަނީ ތަފާތު ދައްކާފައެވެ. ލޯކަލްޗާރ ޓީމުގެ ހާފުގެ މެދަކާއި ހިސާބު އަރިމަތިން ޢަބްދުﷲ ފިޒާން ފޮނުވާލި ބާރު ބޯޅައިން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑާއިއެކު ލިއޯ އެފްސީން ލީޑު ނެގިއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ލޯކަލްޗާރއިން ކުރަމުން އައި މަސައްކަތް 33 ވަނަ މިނިޓްގައި ވަނީ ކާމިޔާބުކޮށްފައެވެ. އޭރިޔާގެ ރޮނގު ކައިރިން ކީޕަރުގެ ބޯ މަތިން ބޯޅަ ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ފައިޒާން އެވެ. ނަތީޖާ ހަމަހަމަ ކުރިތާ މިނިޓެއް ނުވަނީސް ލިއޯ އެފްސީން އަނެއްކާ ވެސް ލީޑު ނެގިއެވެ. ލޯކަލްޗާރގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ފްރީކިކް ގޯލްގެ ތެރެއަށް ވައްދާލައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޔަފާއު އެވެ.

މިވެސް ކިޔާލަން:  "ގުޑް ނިއުސް" އަންނަނީ

ލީޑު ނެގިތާ މިނިޓެއްހާއިރު ފަހުން ލިއޯ އެފްސީން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޢަބްދުﷲ ފިޒާން އެވެ. ފިޒާން މި ލަނޑު ޖަހާފައިވަނީ ލޯކަލްޗާރގެ ހާފުތެރެއިން އޭނާއަށް ބޯޅަ ލިބުނު ވަގުތު ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ލޯކަލްޗާރގެ އަޙްމަދު އަތުވާން ޖަހައިދިން ލަނޑުން ނަތީޖާގެ ފަރަގު ކުޑަވިއެވެ. މިފަހަރު ވެސް ލޯކަލްޗާރއިން ލަނޑު ޖަހައި މިނިޓެއް ނުވަނީސް ލިއޯ އެފްސީން ލަނޑެއް ޖެހިއެވެ. މި ލަނޑު ޖަހައި ޢަބްދުﷲ ފިޒާން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިއޯ އެފްސީގެ ޢަބްދުﷲ ފިޒާން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ ފިޒާން / ފޮޓޯ: ކުލަބް މޯލްޑިވްސް – އެފްބީ

ރައުންޑް އޮފް ސިކްސްޓީން މެޗު 4

ރައުންޑް އޮފް ސިކްސްޓީންގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ވެލިގާ އާއި އެސްބީއައި އެވެ. ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި އެސްބީއައި ދެވަނަ ބުރަށް ދަތުރުކޮށްފައި ވާއިރު ކުލަބް ވެލިގާއަކީ ގުރޫފް އޭގެ ތިންވަނަ ޓީމެވެ. އެ ޓީމަށް ދެވަނަ ބުރުން ޖާގަ ލިބިފައިވަނީ، ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ލިބުނު ޖާގަތަކުގެ ތެރެއިންނެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ދެވަނަ މިނިޓްގައި ވެލިގާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ސަޒީމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވެލިގާއަށް މި ލަނޑު ޖަހައިދިނީ އައްޒާމް ނިޔާޒް އެވެ. ވެލިގާއިން ލަނޑު ޖެހުމާއިއެކު ނަތީޖާ ހަމަހަމަ ކުރުމަށް އެސްބީއައިއިން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. ވެލިގާގެ އޭރިޔާތެރެއަށް މުސައްނިފް ލައިދިން ބޯޅަ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައި 4 ވަނަ މިނިޓްގައި ޢަބްދުﷲ ތަހްސީން ވަނީ އެސްބީއައިއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މިވެސް ކިޔާލަން:  އެމްއޭސީއެލް މޮޅުވިއިރު، ސްޓެލްކޯ އާއި އެމްޕީއެލް މެޗު އެއްވަރު

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް އެ ފުރުސަތުތަކުގެ ބޭނުން ވެލިގާއަށް ނުހިފި އުޅެނިކޮށް، އެސްބީއައިއިން ފަހަތުން އަރައި ލީޑު ނެގިއެވެ. ހަތްވަނަ މިނިޓްގައި ޢަބްދުﷲ ތަހްސީން މި ލަނޑު ޖެހީ އުނޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލު ކުރިމަތީ ހުސްކޮށް ހުރެއެވެ. ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުން ވެލިގާއަށް ނުހިފުނު މި ހާފު ނިމުނީ 2-1 އިން އެސްބީއައި ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެލިގާއިން ވަނީ ކުރީ ހާފަށްވުރެ ކުޅުން ރަނގަޅުކޮށް، ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުންކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު އައްޒާމް ނިޔާޒް ޖަހައިދިން ދެވަނަ ލަނޑާއިއެކު ނަތީޖާ ހަމަހަމަ ކުރިއެވެ. އައްޒާމް މި ލަނޑު ޖަހާފައި ވަނީ ނައްވާފް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

މެޗުން މޮޅުވެ ކުއާޓާރ ފައިނަލުން ޖާގަ ހޯދުމަށް ދެ ޓީމުން ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިއިރު 35 ވަނަ މިނިޓްގައި ވެލިގާއިން އަނެއްކާ ވެސް ލީޑު ނެގިއެވެ. ނައްވާފު ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި ވަގުތު ހޯދައި ގޯލުގެތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ޝަޒީމް އެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ނިމެން މިނިޓެއްހާއިރަށް ވެފައިވަނިކޮށް އަޙްމަދު ޝަޒީމް ވަނީ ވެލިގާގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ވެލިގާގެ އައްޒާމް ނިޔާޒް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top