ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މިއީ ހަމައެކަނި ދުނިޔެއެވެ. – ހިތުގެ ހަމަޖެހުމަށްޓަކައި ބަސްތަކެއް

މިއީ މުރާތު ގޫލެޗް ލިޔުއްވާފައިވާ “އިޓްސް ޖަސްޓް ދަ ދުންޔާ” ފޮތުގެ ތަރުޖަމާއެކެވެ.

އިސްބަސް

އައްސަލާމް އަލައިކުމް، ތިޔަ މާތް ނަފްސަށް ހެޔޮ ދުޢާ ސަލާމް ކުރަމެވެ.

ތިޔަބޭފުޅާގެ އަތްޕުޅުގައި މި ފޮތް އޮތް ނަމަ، އެއީ އަޅުގަނޑުމެންގެ މަގުތައް އަނެއްކާވެސް ބައްދަލުވީއެވެ. އެއީ ހެޔޮ ސަބަބަކަށްޓަކައިކަން ކަށަވަރެވެ.

އަޅުގަނޑު އަބަދުވެސް ބުނާ ފަދައިން، ހުރިހާ ސުވާލެއްގެ ޖަވާބަކީ އަޅުގަނޑެއް ނޫނެވެ. ހަގީގީ ޖަވާބަކީ ﷲ އެވެ. އޭގެ ފަހުން، އެކަން އޮތީ ތިބާގެ އަތްމަތީގައެވެ. އަޅުގަނޑަކީ ހަމައެކަނި މި އުނދަގޫ، އަދި ބައެއް ފަހަރު ލުއި ދުނިޔޭގައި ތިބާއާއެކު ވަގުތުކޮޅަކަށް ދަތުރުކޮށްލާނެ މަޑުމައިތިރި އެކުވެރިއަކީމެވެ.

މާތްﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ މި ބަސްތައް ތިޔަ ހިތާ ހަމައަށް ވާސިލުވެ، ހިތުގައި ބިންވަޅު ނެގި، ތިޔަ ނަފުސަށް ހިތްވަރާއި، އުންމީދާއި، އަދި ކޮންމެވެސް މިންވަރެއްގެ އަލިކަމެއް ގެނެސްދޭނެ ކަމަށް އުންމީދު ކުރަމެވެ.

މި ފޮތް ކިޔުމުގައި ތިޔަބޭފުޅާއަށް އުފާވެރި، ހިތްހަމަޖެހޭ ވަގުތުތަކަކަށް އެދެމެވެ. ހިތުގެ އިޚްލާޞްތެރިކަމާއެކުގައެވެ.

ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމައަށް ވަކީލުކޮށްފިނަމަ، އަބަދުވެސް ކޮންމެވެސް މަގެއް ދައްކަވާނެއެވެ.

ހުރިހާ ގޮތަކުން މަސައްކަތްކޮށް، އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހުމުން ކުރެވޭ އިޙްސާސް ތިބާއަށް އެނގޭ ހެއްޔެވެ؟ އެއީ ތިބާ އެންމެ ފުރިހަމައަށް މަސައްކަތް ކުރާއިރުވެސް، ހުރިހާ ދޮރުތަކެއް ބަންދުވަމުންދާހެން ހީވާ ހިނދުކޮޅުތަކެވެ. ކުރިއަށްދާނެ އެއްވެސް މަގެއް ނެތް މަޖުބޫރު ހާލަތެއްގައި ތިމާ ތާށިވެފައިވާކަމުގެ އިޙްސާސް ކުރެވި، މިފަދަ ބުރަ އިމްތިޙާނެއް މިވަގުތު ކުރިމަތި ކުރައްވަނީ ކީއްވެގެންތޯ އަމިއްލަ ނަފުސާ ސުވާލު ކުރެވޭ ފަހަރުތައް އާދެއެވެ.

ނަމަވެސް، “ތަވައްކަލް” ނުވަތަ ވަކީލުކުރުމުގެ މުހިންމުކަން ހާމަވަނީ މިފަދަ ދަނޑިވަޅުތަކުގައެވެ. ވަކީލުކުރުމަކީ ހުރިހާ ކަމެއް އަމިއްލައަށް ރަނގަޅުވާނެ ކަމަށް ބަލައި، އެއްވެސް މަސައްކަތެއް ނުކޮށް މަޑުން ހުރުމެއް ނޫނެވެ. އޭގެ މާނައަކީ ތިމާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ފުރިހަމައަށް ކުރުމަށްފަހު، އެކަމުގެ ނަތީޖާ ﷲ އަށް ދޫކޮށްލުމެވެ. ތިބާއަށް ގެއްލުމެއް ލިބިދާނެ ކަމަކުން އެކަލާނގެ ތިބާ ރައްކާތެރިކުރައްވަނީ ކަމަށް ވެދާނެއެވެ. ނުވަތަ ތިބާއަށް މިވަގުތު ނުފެނުނު ކަމުގައިވިޔަސް، މާ ފުރިހަމަ ގޮތްތަކެއް ތިބާއަށްޓަކައި މިންވަރުކުރައްވާފައި އޮވެދާނެއެވެ.

މީގެ ކުރިންވެސް، ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނެތް ކަމަށް ހީވި ނަމަވެސް، ތިބާއަށް ހިތްވަރާއެކު ކުރިއަށް ދެވުނު ހަނދާންތައް އާކޮށްލާށެވެ. ކޮންމެ ހާލަތެއްގައިވެސް، ކޮންމެވެސް ދޮރެއް ހުޅުވިގެންދާނެއެވެ. އެކަލާނގެ ރޭއްވެވުން ތިބާއަށް ފުރިހަމައަށް ފަހުމްނުވި ކަމުގައިވިޔަސް، ﷲ އަށް ފުރިހަމައަށް ވަކީލުކުރާށެވެ. ތިބާއަށް ފެންނަނީ ހަމައެކަނި ކަންކަމުގެ ކުޑަ މިންވަރެކެވެ. ނަމަވެސް، އެކަލާނގެއީ ހުރިހާ ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. 

މިވެސް ކިޔާލަން:  ''ރަންތާޖު ޤުރުއާން'' މުބާރާތުގެ ފަޚުރުވެރި 1 ވަނަ މުހައްމަދު ސާއީއަށް

ހިތަށް ބަރުވެ، މާޔޫސްވާ ހިނދު:

ބައެއް ދުވަސްދުވަހު އަމިއްލަ ނަފުސަށް ބުނެދޭން ނޭނގޭ ފަޅުކަމެއް އިހުސާސް ކުރެވިދާނެއެވެ. ހިތަށް ބަރުވެ، ދުނިޔޭގެ އަޑުގަދަވެ، އުފާވެރިކަން އަލުން ލިބޭނެކަމުގެ އުންމީދު ކަނޑައިގެންދާ ފަދަ އިހުސާސެއް ކުރެވިދާނެއެވެ.

އެހިނދު… ތިބާގެ ހަނދާނަށް ﷲ ގެންނާށެވެ.

އެއީ ކޮންމެހެން މުޢުޖިޒާތެއް މެދުވެރިވެގެން ނޫނީ ކަމެއް ހިނގައިގެންނެއް ނޫނެވެ. ހަމައެކަނި އެކަލާނގެ މަތިން ހަނދުމަކޮށްލުމެވެ. ތިބާގެ ދުލުން ” حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ ” (އަހަރެމެންނަށް ﷲ ފުދެއެވެ. އަދި އެކަލާނގެއީ ވަކީލު ކުރެވޭ އެންމެ ހެޔޮ ފަރާތެވެ.) ކިޔައިލާ ހިނދު، ކުއްލިއަކަށް ހިތަށް ހަމަޖެހުމެއް ލިބިގެންދާނެއެވެ. އުފާވެރިކަމަކީ ހަމައެކަނި ކަންކަން ފަސޭހަވުމެއް ނޫނެވެ. އޭގެ ބަދަލުގައި، ތިބާއީ ދުވަހަކުވެސް އެކަނިވެފައިވާ މީހެއް ނޫންކަން އިހުސާސްވުމަކީ ވެސް އުފާވެރިކަމެކެވެ.

“ހަމަކަށަވަރުން، ﷲ ހަނދުމަކުރުމުން ހިތްތަކަށް ހަމަޖެހުން ލިބެއެވެ.” (ސޫރަތުއް ރަޢުދު: 28) 

ދުނިޔަވީ ދިރިއުޅުމަށް މުހިންމު އުސޫލެއް:

މައްސަލަތަކުގެ ތެރޭގައި ތާށިވެފައި ހުންނަ މީހަކަށް ނުވާށެވެ. “މިހެން މި ދިމާވީ ކީއްވެ؟” ހޭ ބުނެ ޝަކުވާ ކުރުމުގެ ބަދަލުގައި، “މިކަމުން އަހަންނަށް ދަސްކުރެވޭނީ ކޮން ފިލާވަޅެއް؟” ތޯ ސުވާލުކުރާށެވެ. ދުނިޔޭގެ ދިރިއުޅުމަކީ އަބަދުވެސް އިމްތިހާނުތަކުން ފުރިގެންވާ ތަނެކެވެ. ނަމަވެސް، ތިބާ ފޯކަސް ކުރާނެ ކަމެއް އިޚްތިޔާރު ކުރުމުގެ ބާރު ތިބާއަށް ލިބިގެންވެއެވެ. ތިބާގެ ކުރިއެރުމަށް ހުރަސް އަޅާ ކަންކަމަށް ވިސްނާނީތޯ ނުވަތަ ކުރިއަށްދާން ހިތްވަރު ލިބޭ ކަންކަމަށް ވިސްނާނީތޯ ނިންމާނީ ތިބާއެވެ. ކޮންމެ މައްސަލައަކަށް ވަގުތުން ހައްލެއް ނުފެނިދާނެއެވެ. ނަމަވެސް ކެތްތެރިކަމާއެކު، ﷲ އަށް ވަކީލުކޮށްގެން ކުރިއަށްދާށެވެ. ގިނަ ފަހަރަށް މައްސަލައިގެ ހައްލު އޮންނަނީ ބޭރަކު ނޫނެވެ. އެއީ ތިބާ ކަންކަމާ މެދު ދެކޭ ގޮތުގެ ތެރޭގައެވެ.

ދަތި އުނދަގޫ ވަގުތުތަކުގައި ލިބޭ ކުދިކުދި އުފާތައް:

ކަންކަން ތިބާ އެދޭ ގޮތަށް ނުވެ ހިނގައިދާނެއެވެ. ވަރުބަލިވެ، މާޔޫސްވެ، ހިތުގައި ރިއްސާފާނެއެވެ. އެހެނަސް، މިއަދުވެސް ތިބާއަށް ހޭލެވިއްޖެއެވެ. ހިތުގެ ތެޅުން ހުއްޓުމެއް ނެތި ކުރިއަށްދެއެވެ. ފެނުމާއި، އިވުމާއި، އިހުސާސް ކުރުމުގެ ނިޢުމަތް ލިބިފައިވެއެވެ. ނަމާދުކޮށް، ކޮންމެ ވަގުތަކުވެސް ﷲ އަށް ދަންނަވައި ދުޢާ ކުރުމުގެ ފުރުސަތު އެބައޮތެވެ. މިއީ ބޮޑުވެގެންވާ ނިޢުމަތެއް ނޫން ހެއްޔެވެ؟

މިވެސް ކިޔާލަން:  "މަމްސް އެންޖީއޯ" އިން ނަފީސާގެ އާއިލާގެ ބިކަހާލަތު ބަދަލުކޮށްލަދީފި

ދަތި އުނދަގޫތަކުން އަރައިގަނެވުމަކީ ﷲ ގެ ލޯބި ތިބާއަށް ލިބޭކަމުގެ ނިޝާނެއްކަން ބައެއް ފަހަރު ހަނދާން ނެތެއެވެ. ތިބާއަށް ކެތްނުކުރެވޭ ވަރުވާ ހިނދުވެސް، އެކަލާނގެ ތިބާއަށް ހިތްވަރު ދެއްވައެވެ. ތިބާ ދުނިޔޭގައި ހުރިކަން އެކަނިވެސް ހިނިތުންވުމަކަށް ފުދެއެވެ.

މި ދުނިޔޭގައި ﷲ އަށް ވުރެ ބޮޑަށް ތިބާ ދަންނަ އެހެން ފަރާތެއް ނުވެއެވެ:

ތިބާގެ ހިތުގައިވާ ކޮންމެ އިހުސާސަކާއި، ބަޔާންކުރަން ނޭނގޭ ކޮންމެ ބަހެއްގެ އިތުރުން، ސިއްރުން އޮހޮރާލާ ކޮންމެ ކަރުނައެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. މުޅި ދުނިޔެ ތިބާ ދޫކޮށްލިޔަސް، އެކަލާނގެ ތިބާއާ އެކުގައި ވޮޑިގެންވެއެވެ. އެކަލާނގެ ލޯތްބަކީ އިންތިހާއެއް ނެތް ލޯތްބެކެވެ. އެހެންކަމުން، ތިބާގެ ހާލަތު ބަޔާންކޮށްދޭން ﷲ ގެ ކުރިމަތީގައި އުނދަގޫތަކެއް އުފުލާކަށް ނުޖެހެއެވެ. އެކަލާނގެ ތިބާގެ ހިތުގެ ހާލަތު މާ ކުރިންވެސް ދެނެވޮޑިގެންވެއެވެ.

ލޯބިވެވޮޑިގަންނަވާ އަޅުން އިމްތިހާނު ކުރައްވަތެވެ:

ކަންކަން ދަތިވާ ހިނދު “މިހެން މިވަނީ ހަމައެކަނި އަހަންނަށް ހެއްޔެވެ؟” މިފަދަ ސުވާލުތައް ހިތަށް އަރާފާނެއެވެ. ތިބާ އެކަނިވެ، ﷲ ތިބާގެ މަތިން ހަނދުމަފުޅު ނެތުނީ ބާއޭ ހީވެދާނެއެވެ. ނަމަވެސް ހަގީގަތަކީ މީގެ މުޅިން އިދިކޮޅެވެ. ﷲ ތިބާ އިމްތިހާނު ކުރައްވަނީ ތިބާ ބަލިކޮށްލާކަށް ނޫނެވެ. އޭގެ ބަދަލުގައި، ތިބާ ވަރުގަދަކުރައްވައި ހިތްވަރުގަދަ ކުރުމަށެވެ. މުސީބާތްތަކަކީ ތިބާ ބާކީކޮށްލެވުނު ކަމުގެ ހެއްކެއް ނޫނެވެ. އެއީ އެކަލާނގެ ޚާއްޞަ ސަމާލުކަން ތިބާއަށް ލިބޭކަމުގެ ނިޝާނެކެވެ. އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުން އިސްލާހުކުރައްވައި، ހިތްތައް ސާފުކުރައްވައި، ދަރަޖަ އުފުއްލަވައި ދެއްވައެވެ.

މިވަގުތު ތިބާއަށް މިކަން ނުވިސްނިދާނެއެވެ. ހިތަށް ތަދުވެސް ވެދާނެއެވެ. ނަމަވެސް ތިބާ ތަހައްމަލު ކުރަމުންދާ ކޮންމެ ކަމެއްގެ ފަހަތުގައި މާނައެއްވެއެވެ. ކެތްތެރިކަމާއެކު ﷲ އަށް ވަކީލުކޮށްފި ނަމަ، ކުރިއަށްވުރެ ވަރުގަދަ މީހެއްގެ ގޮތުގައި ތިބާ ފެންނާނެއެވެ. “މިހެންވީ ކީއްވެ؟” ހޭ ބުނުމުގެ ބަދަލުގައި “އަލްހަމްދުލިއްލާހި” ކިޔާށެވެ. ﷲ ތިބާ ބައްލަވައިވޮޑިގެންވާތީ ތިބާ އިމްތިހާނު ކުރައްވަނީއެވެ. މިކަން ގަބޫލުކުރެވޭ ހިނދު، ތިބާގެ ތަދުގެ ތެރެއިން ﷲ އާ ކުއްތަންވެވޭ ކަމުގެ އިހުސާސް ކުރެވޭނެއެވެ. އެއީ ދުނިޔޭގެ އެހެން އެއްވެސް ކަމަކުން ނުލިބޭނެ ފަދަ މަތިވެރި އިހުސާސެކެވެ.

ޔަގީންކަމެއް ނެތް ވަގުތުތަކުގައި:

ދިރިއުޅުމުގެ ރޭވުންތަކާއި، އުންމީދުތަކާއި، ރައްކާތެރިކަން ގެއްލި، ހުރިހާ ކަމެއް ބުރަބުރައިގެންދާ ވަގުތުތައް އާދެއެވެ. ދިރިއުޅުމަކީ ނާޒުކު އެއްޗެއްކަން އެހިނދު އިހުސާސް ކުރެވޭނެއެވެ. އަދި ހުރިހާ ކަމެއް ބަދަލުވެގެންދާއިރު، ބަދަލުނުވާނެ ސާބިތު ހިމާޔަތަކަށް ތިބާގެ ހިތް އެދޭނެއެވެ. އެހިނދު ތިބާގެ ހިތް ﷲ އާ ދިމާލަށް މިސްރާބު ޖަހާނެއެވެ. އެއީ ހަމައެކަނި އުންމީދަކުން ނޫނެވެ. އޭގެ ބަދަލުގައި، ކޮންމެ ހާލަތެއްގައިވެސް ތިބާ ދޫކޮށްނުލައްވާނެ ހަމައެކަނި ފަރާތަކީ އެކަލާނގެކަން ދެނެހުރެގެންނެވެ. ފަހަރެއްގައި ތިބާގެ ހަގީގީ އުފާވެރިކަން އޮތީ އެތާގައެވެ. އެއީ ފެންނަން ހުރި ވަގުތީ ރައްކާތެރިކަމެއްގެ މައްޗަކު ނޫނެވެ. އޭގެ ބަދަލުގައި، ﷲ އަބަދުވެސް ތިބާ ބައްލަވައިވޮޑިގެންވާކަން ގަބޫލުކުރުމުގައެވެ.

މިވެސް ކިޔާލަން:  ރޭގަނޑު ކަދުރާއެކު ހޫނު ކިރު ބުއިމުގެ ފައިދާ

ކޮންމެ ދުވަހަކަށް އުންމީދީ ވިސްނުންތަކެއް:

🌎 އަހަންނަށް ކުރެވޭނެ.

🌎 މިކަމުންވެސް އަހަރެން ސަލާމަތްވާނެ.

🌎 އަހަންނަށް ކާމިޔާބީއާ ހަމައަށް ދެވޭނެ.

🌎 އަހަންނަކީ ވަރުގަދަ، ކެތްތެރި، އަދި ސާބިތު މީހެއް.

🌎 އަހަރެން ވެއްޓޭ ކޮންމެ ފަހަރަކު އަލުން ތެދުވާނަން.

🌎 މަގޭ ދިރިއުޅުމުގައި ބަލިވުމެއް ނެތް. ނަމަވެސް އޮތީ ކަމެއް ދަސްވުން ނުވަތަ ކާމިޔާބުވުން.

🌎 ސަބަބަކީ އަހަރެންގެ ވަކީލަކީ ﷲ ކަމަށްވާތީ.

އެއްބަޔަކީ އިމްތިހާނެއް، އެހެނަސް އެމީހުންނަށް ހެޔޮކޮށް ހިތާށެވެ:

ތިބާގެ ކެތްތެރިކަން ކޮޅުންލާ ފަދަ މީހުންނާ ދިމާވެދާނެއެވެ. އެމީހުންގެ ސަބަބުން ތިބާގެ ހިތަށް ތަދުވެ، ދިރިއުޅުން ދަތިވެދާނެއެވެ. އެއީ އޮފީހުގެ މީހެއް، ތިމާގެ މީހެއް، ނުވަތަ ގާތް މީހަކަށް ވެސް ވެދާނެއެވެ. އެމީހުންގެ އަމަލުތަކުގެ ސަބަބުން ތިބާ ރުޅިއައިސް، ހެޔޮކޮށް ހިތުމުގެ ބޭނުމަކީ ކޮބައިތޯ ހިތަށް އަރާފާނެއެވެ. ނަމަވެސް، މިއީ ހަމަ އިމްތިހާނެކެވެ. ކަންކަން އޮމާންކޮށް ދާނަމަ ހިތްހެޔޮކޮށް އުޅުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް ހަގީގީ ވަރުގަދަކަމަކީ، މީހަކު އެއަށްވުރެ އިހާނެތިކޮށް ކަންތައް ކުރިކަމުގައި ވިޔަސް، ތިމާގެ އަޚްލާގާއި އިހުތިރާމް ހިފެހެއްޓުމެވެ.

މީގެ މާނައަކީ އެހެން މީހުން ތިބާގެ ނާޖާއިޒު ފައިދާ ނެގުމަށް ދޫކޮށްލުމެއް ނޫނެވެ. ތިބާގެ އިންތައް ކަނޑައަޅާށެވެ. ނަމަވެސް ތިބާގެ ރީތި އަޚްލާގު ގެއްލުވައިނުލާށެވެ. އެންމެ ފަހުން ކަންކަން ނިމިގެންދާއިރު، މުހިންމީ އެހެން މީހުން ތިބާއާ މެދު ކަންތައް ކުރި ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި، ތިބާ އެކަންކަމަށް އިޖާބަދިން ގޮތެވެ.

“އެމީހުންގެ އަމަލުތަކުން ތިބާއީ ކާކުކަން ނިންމިޔަ ނުދޭށެވެ. ﷲ އަށްޓަކައި ތިބާގެ އަމަލުތައް ސީދާކޮށް، ތިބާގެ ގޮތުގައި ހުންނާށެވެ.”

ކަމެއް ބުރަބުރައިގެން ދިއުމަކީ ނިމުމެއް ނޫނެވެ. އެއީ ތިބާ ކުރިއަށްވުރެ ވަރުގަދަ އަދި ފުރިހަމަ މީހަކަށް ހެދުމަށް ﷲ މެދުވެރިކުރައްވާ މަގެކެވެ.

“ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.” (ސޫރަތުލް އިންޝިރާޙް: 6)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top