މި މަހުގެ 3 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި ޑާކް ރެއިން އެންޓަޓެއިންްމެންޓްގެ އާ ފިލްމު “ޖަންނަތު” އަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، މިހާތަނަށް ދެއްކި ހުރިހާ ޝޯތަކެއް ހައުސްފުލް ވެއްޖެއެވެ.
ފިލްމު ރިލީޒްކުރި ފަހުން ކޮންމެ ރެއަކުވެސް އޮލިމްޕަސް ފުރެމުންދާއިރު، މިރޭގެ ޝޯގެ ޓިކެޓްތައްވެސް މިހާރު ވަނީ އެއްކޮށް ހުސްވެފައެވެ. ފިލްމަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން، ކުރިއަށް އޮތް ހަފުތާ ބަންދުގެ ޝޯތަކުގެ ޓިކެޓް ވިއްކުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އެގޮތުން 10 އޯގަސްޓް ވާ ހޯމަ ދުވަހުގެ ހަވީރުން ފެށިގެން ހަފުތާ ބަންދުގެ ޝޯތަކަށް އޮލިމްޕަހުގެ ކައުންޓަރުން ޓިކެޓް ވިއްކަން ފަށާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ހަފުތާ ބަންދުގެ ޝޯތަކުގެ ޓިކެޓް ލިބޭނީ ހަމައެކަނި އޮލިމްޕަހުގެ ކައުންޓަރުންނެވެ. ނަމަވެސް އެހެން ދުވަސްތަކުގެ ޝޯތަކުގެ ޓިކެޓް އޮންލައިންކޮށް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އޯޓިޒަމްއާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު މެސެޖަކާއެކު ގެނެސްދިން މި ފިލްމު ބެލި ގިނަ ބަޔަކު ބުނަމުން ދަނީ މިއީ ހަމަ ކޮންމެ މީހަކުވެސް ބަލައިލުން މުހިންމު، އިންތިހާއަށް އަސަރުގަދަ ފިލްމެއް ކަމަށެވެ. ބެލުންތެރިންގެ ލޮލުން ކަރުނަ ހިލުވައިލި މަންޒަރުތަކަކާއެކު ގެނެސްދީފައިވާ މި އުފެއްދުމަކީ، އޯޓިޒަމް ހުންނަ ފަރާތްތަކަށް މުޖުތަމައުގެ ބަލައިގަތުމާއި އަޅާލުން ބޭނުންވާ މިންވަރު ވަރަށް ފުރިހަމައަށް ދައްކުވައިދޭ، އިޖުތިމާއީ ބޮޑު މެސެޖެއް އެކުލެވޭ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ‘އިމޯޝަނަލް’ ޑްރާމާއަކާއި މުހިންމު އިޖުތިމާއީ މައްސަލައެއް ވަރަށް ފުރިހަމައަށް ގުޅުވާލައިގެންނެވެ.
މި ފިލްމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ “ޖިބްރާން”ގެ ރޯލުން ފެނިގެންދިޔަ ޝަރަފުއްދީން ޢަބްދުﷲ (ޝަރަފް)ގެ މޮޅު އެކްޓިންއެވެ. ޝަރަފްގެ އެކްޓިންއަކީ އިހުސާސްތަކުން ފުރިގެންވާ، އިޚްލާސްތެރި އަދި އެހާމެ ފުން އަސަރުތަކެއް އެކުލެވޭ ކުޅުމެއްގެ ގޮތުގައި ބެލުންތެރިން ސިފަކުރެއެވެ. ހަމައެއާއެކު، ފިލްމުގެ ލީޑް ރޯލު “ޖަންނަތު” ކުޅުނު ކުއްޖާ ވެސް ވަނީ އެ ރޯލު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކުވައިދީފައެވެ.
ފިލްމުގެ ކޯޓު ރޫމް މަންޒަރުތަކަކީ ބެލުންތެރިންގެ ޝައުގުވެރިކަން އިންތިހާއަށް ދަމައިގަތް ފާހަގަކޮށްލެވޭ ބައިތަކެކެވެ. ވަކީލުންގެ ރޯލުން ފެނިގެންދާ އައިޝަތު ޔާދާ އާއި އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ގެ މޮޅު ހުނަރާއި، އިސް ގާޒީގެ ރޯލުން ފެންނަ މުޙައްމަދު ރަޝީދު (ދަރާ)ގެ ފުރިހަމަ ހުށަހެޅުމާއެކު، އަދުގެ ހަގީގީ ކޯޓުތަކުގެ މާހައުލު ވަރަށް ތަރުތީބުކޮށް ސިފަކޮށްދީފައިވެއެވެ. މި މަންޒަރުތަކުގެ ސަބަބުން ފިލްމުގެ ފެންވަރު އިތުރަށް މަތިވެ، ފިލްމަށް ފުރިހަމަކަމެއް ގެނުވައިދެއެވެ.
އެކްޓަރުންގެ މޮޅު އެކްޓިންގްގެ އިތުރުން، “ޖަންނަތު”ގެ ޑައިރެކްޝަނާއި ސިނަމެޓޮގްރަފީއަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މަންޒަރުތައް ރޭވުމުގައި ގެންގުޅެފައިވާ ފަންނީ ކޮލިޓީއާއި، ވާހަކަ އޮހެމުންދާ އޮމާން ގޮތްތަކުގެ ސަބަބުން، ފެށުނީއްސުރެ ނިމެންދެން ބެލުންތެރިން ޝައުގުވެރިކަމާއެކު ފިލްމުގެ ތެރެއަށް ގެނބިގެންދާ ފަދަ ސިނަމެޓިކް ތަޖުރިބާއެއް މި ފިލްމުން ކަށަވަރުކޮށްދެއެވެ.
