ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފައިނަލަށް އެޕޮކަލިޕްސް އާއި ކަންމަތި އެފްސީ ދަތުރުކޮށްފި
މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ ޝާފިއު / ފޮޓޯ: މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ - އެފްބީ

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމްކޮށްގެން ބާއްވާ، މިޔަޓް ފުޓްސަލް ފިއެސްޓާ 2026 ގެ ފައިނަލަށް އެޕޮކަލިޕްސް އާއި ކަންމަތި އެފްސީ ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނަ ހޯދި އެޕޮކަލިޕްސް އާއި ގުރޫބް ބީގެ ދެވަނަ ހޯދި ބްލެކް އީގަލްސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ އެއްވަނަ ހޯދި ކަންމަތި އެފްސީ އާއި ގުރޫޕް އޭގެ ދެވަނަ ހޯދި އެކްސް ބޯއީޒްއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗު ފަސޭހަކަމާއިއެކު އެޕޮކަލިޕްސް ކާމިޔާބުކުރިއިރު، ސެމީ ފައިނަލްގެ ދެވަނަ މެޗު ކަންމަތި އެފްސީ ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަހަމަވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެންނެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ގުރޫޕް ސްޓޭޖްގައި މޮޅު ކުޅުމެއް ދެއްކި އެޕޮކަލިޕްސް އިން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި ބްލެކް އީގަލްސްގެ ކުޅުންތެރިން ކާމިޔާބު ހޯދިއެވެ. ޑިފެންސަށް އިސްކަން ދީގެން ކުޅުނު ނަމަވެސް، ކައުންޓާރ އެޓޭކްގައި ލަނޑު ޖަހަން ވެސް ބްލެކް އީގަލްސްއިން ވަނީ މަސައްކަތްކޮށްފައެވެ.

ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފި، ފުރަތަމަ ހާފު ނިމުނުއިރު، ދެ ޓީމުގައި ހިމެނޭ ފުޓްސަލް ތަރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ.

މިވެސް ކިޔާލަން:  މަސްވެރިކަމާއިބެހޭ ބިލު ރައީސް ތަސްދީޤު ކުރައްވައިފި

ދެވަނަ ހާފުގައި އެޕޮކަލިޕްސްގެ ފަރާތުން ފެނުނީ މުޅިން ތަފާތު ކުޅުމެކެވެ. ގުރޫޕް ސްޓޭޖްގައި އެ ޓީމުން ދެއްކި މޮޅު ކުޅުން މި ހާފުގައި ތަކުރާރުކުރިއެވެ. ލަނޑު ޖަހަން ލިބެމުންދިޔަ ފުރުސަތުތަކުގެ ބޭނުން ހިފައި 28 ވަނަ މިނިޓްގައި އެޕޮކަލިޕްސް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު އަފްލާޒްއެވެ. ނަތީޖާ ހަމަހަމަކުރުމަށް ބްލެކް އީގަލްސްއިން މަސައްކަތްކުރަމުން ދިޔައިރު، އެ ޓީމުގެ ކީޕަރު ވަނީ ކުރިޔަށް ޖެހި ހަމަލާތަކުގައި ބައިވެރިވެފައެވެ. އެޕޮކަލިޕްސްއިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައިވަނީ އިދިކޮޅު ހާފުތެރެއިން ކީޕަރު އަތުން ގެއްލުނު ބޯޅައެއް ހޯދައި މުޅިން ހުސްކޮށް އޮތް ގޯލުގެތެރެއަށް ފޮނުވާލައިގެން މުޙައްމަދު ވިލްފް އެވެ.

އެޕޮކަލިޕްސްއިން އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ޖަހާފައިވަނީ، ކީޕަރު ނެތި މުޅިން ހުސްކޮށް އޮތް ގޯލެއްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑު ޖަހާފައި ވަނީ އަޙްމަދު އަފްލާޒް އެވެ. އެޕޮކަލިޕްސް އިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުއެވެ. މި ލަނޑު ޖަހައިދިނީ މުޙައްމަދު ވިލްފް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޕޮކަލިޕްސްގެ އަޙްމަދު އަފްލާޒް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު އަފްލާޒް / ފޮޓޯ: މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ – އެފްބީ

ކަންމަތި އެފްސީ އާއި އެކްސް ބޯއީޒް ބައްދަލުކުރި ސެމީ ފައިނަލްގެ ދެވަނަ މެޗު ވެގެން ދިޔައީ ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނުނު މެޗަކަށެވެ. ޤައުމީ ފެންވަރުގެ ފުޓްސަލް ގިނަ ކުޅުންތެރިތަކެއް ދެ ޓީމަށް ކުޅެފައިވާއިރު މެޗު ފެށީއްސުރެ ދެ ޓީމުގެ ފަރާތުން ފެނުނީ އެޓޭކިން ކުޅުމެކެވެ.

މިވެސް ކިޔާލަން:  އޭދަފުށްޓާއި ތުޅާދޫ ފެށީ މޮޅަކުން

މެޗުގެ ފަސްވަނަ މިނިޓްގައި ކަންމަތި އެފްސީން ވަނީ ލީޑު ނަގާފައެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ހުސައިން ސުހައިލް އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އެކްސް ބޯއީޒްއިން ވަނީ ހަތްވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އިސްމާއިލް ވަޖީހު ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ އިބްރާހިމް ރިމާހް އެވެ. ނަތީޖާ ހަމަހަމަވިތާ މާގިނައިރެއް ނުވެ އެކްސް ބޯއީޒްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑުން ކަންމަތި އެފްސީއަށް ދެވަނަ ފަހަރަށް ލީޑު ލިބުނެވެ. ނަތީޖާ ހަމަހަމަކުރުމަށް އެކްސް ބޯއީޒް އިން މަސައްކަތް ކުރަމުން ދަނިކޮށް، އެ ޓީމުގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައި ޢަބްދުﷲ ޝާފިއު ކަންމަތި އެފްސީގެ ލީޑު ފުޅާކޮށްދިނެވެ.

ފުރަތަމަ ހާފު 3-1 އިން ކަންމަތި އެފްސީ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި އެކްސް ބޯއީޒްއިން ވަނީ އިތުރު ހިތްވަރެއްލައި ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު އެކްސް ބޯއީޒްގެ ޝަނާން ރަޝާދު ޖަހައިދިން ލަނޑުން އެ ޓީމުން އުންމީދު އާކުރިއިރު، ދެވަނަ ހާފުގެ ފަހު މިނިޓްގައި އިބްރާހިމް ރިމާހް ޖެހި އޭނާގެ ދެވަނަ ލަނޑާއިއެކު މެޗުގެ ނަތީޖާ ހަމަހަމަވިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 3-3 އިން ނަތީޖާ ހަމަހަމަވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެލަންޓީ ޝޫޓްއައުޓް ކަންމަތި އެފްސީ ކާމިޔާބުކުރީ 1-3 އިންނެވެ.

6-4 އިން މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ކަންމަތި އެފްސީ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޢަބްދުﷲ ޝާފިއު އެވެ.

މިވެސް ކިޔާލަން:  އެމްއޭޑަބްލިޔޫސީ އާއި އެމްއައިބީ ދެވަނަ ބުރަށް ދަތުރުކޮށްފި

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top