ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނޮޅިވަރަންފަރާއި ނައިވާދޫ ފެށީ މޮޅަކުން
ނައިވާދޫ އާއި ނޭކުރެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން / ކުލަބް މޯލްޑިވްސް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ހދ. އަތޮޅު މުބާރާތުގެ ކުޅުން މިއަދު ފަށައިފި އެވެ. މި އަތޮޅު މުބާރާތުގައި ވަނީ ހަ ރަށުން ބައިވެރިވެފަ އެވެ. މި މުބާރާތް ރާވާލާފައި ވަނީ ބައިވެރިވެފައިވާ ހަ ރަށް ދެ ގުރޫޕަކަށް ބަހާލައި ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ގުރޫޕް އޭގައި ނޮޅިވަރަންފަރާއި ކުމުންދޫ އަދި ހަނިމާދޫ ހިމެނޭއިރު، ގުރޫޕް ބީގައި ހިމެނެނީ ނައިވާދޫ އާއި ނޭކުރެންދޫ އަދި ކުރިނބީ އެވެ.

މެޗު 1

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ ރަށް ކަމުގައިވާ ނޮޅިވަރަންފަރާއި ހަނިމާދޫ އެވެ. މިއީ ގުރޫޕް އޭގެ މެޗެކެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ނޮޅިވަރަންފަރުން ނެވެ. ފުރަތަމަ މިނިޓްގައި އެ ޓީމުން ރަނގަޅު ފުރުސަތެއް ފަހިކުރިއިރު، އެ ފުރުސަތު ހުއްޓުވަން ހަނިމާދޫ ކުޅުންތެރިއަކު ވަނީ ފައުލެއް ކޮށްފަ އެވެ. އޭރިޔާގެ ބޭރުން އޭރިޔާ ކައިރިން ނޮޅިވަރަންފަރު ކުޅުންތެރިޔާ ޖައްސާލި ބޯޅަ، އެ ޓީމުގެ ކުޅުންތެރިޔަކު ގޯލާއި ދިމާއަށް ފޮނުވާލުމުން ހަނިމާދޫ ކުޅުންތެރިން ވަނީ ދިފާއުކޮށްފަ އެވެ. ދެވަނަ ފަހަރަށް ނޮޅިވަރަންފަރު ކުޅުންތެރިއަކު ފޮނުވާލުމުން ވެސް ހަނިމާދޫ ކުޅުންތެރިން އެ ބޯޅަ ދިފާއުކުރި އެވެ. މެޗުގެ ކުރީކޮޅު ނޮޅިވަރަންފަރުން މެޗު ލީޑުކުރި ނަމަވެސް، ހަނިމާދޫން ވަނީ ކުޅުން ރަނގަޅުކޮށް ނޮޅިވަރަންފަރުގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ.

މިވެސް ކިޔާލަން:  ފުޓުބޯޅަ ދަނޑުގައި ވިލްފުގެ ހުނަރުވެރިކަން ފެނި އަންތަރީސްވެއްޖެ!

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް، ލިބުނު މި ހާފުގެ ފަހުކޮޅު ނޮޅިވަރަންފަރުން ވަނީ ލީޑު ނަގާފަ އެވެ. 16 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ސާމިހް ފަތުޙުﷲ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ނޮޅިވަރަންފަރު ކުޅުންތެރިއަކު އެ ޓީމުގެ ހާފުތެރެއިން ކުރިޔަށް ފޮނުވާލި ބޯޅައެއް، ހަނިމާދޫގެ ކުޅުންތެރިންނާއި ކީޕަރާއި ދޭތެރެއިން ހޯދައި ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި ލަނޑާއިއެކު 1-0 އިން ނޮޅިވަރަންފަރު ކުރީގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު، ނަތީޖާ ބަދަލުކޮށްލާނެ އެތައް ފުރުސަތެއް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވި ގޮސްފައިވެ އެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ. ނޮޅިވަރަންފަރުގެ ގިނަ ހަމަލާތަކެއް ހަނިމާދޫ ޑިފެންޑަރުން ހުއްޓުވިއިރު، ހަނިމާދޫން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ނޮޅިވަރަންފަރު ކީޕަރު ދިފާއުކޮށްފައި ވެސްވެ އެވެ.

1-0 އިން ނޮޅިވަރަންފަރު މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ސާމިހް ފަތުޙުﷲ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ސާމިހް ފަތުޙުﷲ / ފޮޓޯ: ކުލަބް މޯލްޑިވްސް – އެފްބީ

މެޗު 2

މި އަތޮޅުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ ނައިވާދޫ އާއި ނޭކުރެންދޫ އެވެ. ފުޓްސަލްގެ ތަރިންގެ ރަށެއްގައި ގޮތުގައި މަޝްހޫރު ނައިވާދޫއިން މި މެޗު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 3-1 އިން ނެވެ.

މިވެސް ކިޔާލަން:  ލިއޯ އެފްސީ އާއި ވެލިގާ ކުއާޓާރ ފައިނަލަށް

މެޗު ފެށިގޮތަށް މެޗުގެ ކޮންޓްރޯލް ހޯދައި ލީޑު ނެގުމަށް މަސައްކަތް ކުރަމުންދިޔަ ނައިވާދޫއިން ފަސްވަނަ މިނިޓްގައި ވަނީ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ވިސާމް އެވެ. ވިސާމް މި ލަނޑު ޖަހާފައިވަނީ ނޭކުރެންދޫގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހި، އޭނާ ކައިރިއަށް އައި ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ކީޕަރު ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ނޭކުރެންދޫއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭގޮތެއް ނުވި އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި، ނައިވާދޫއަށް ވެސް މިހާފުގައި އިތުރު ލަނޑެއް ނުޖެހުނެވެ. ޑިފެންސް ކުރުމުގައި ނޭކުރެންދޫން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

މި ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ނައިވާދޫން ނެވެ. ދެވަނަ ހާފު ފެށުމާއިއެކު، ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް ދެ ޓީމުން ވެސް ވަނީ އިތުރުކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ނައިވާދޫން ރަނގަޅު ފުރުސަތުތަކެއް ފަހިކުރި ނަމަވެސް ލަނޑެއް ޖެހޭގޮތެއް ނުވި އެވެ. ނައިވާދޫގެ ހަމަލާތައް ހުއްޓުވައި ނޭކުރެންދޫން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ހޯދާފައެވެ.

ލަނޑެއް ޖެހުމަށް ދެ ޓީމުން ކުރަމުން އައި މަސައްކަތް މި ހާފުގައި ވެސް ކާމިޔާބުކުރީ ނައިވާދޫން ނެވެ. މެޗުގެ 30 ވަނަ މިނިޓްގައި ނައިވާދޫއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ޝާއިން އެވެ. ޝާއިން މި ލަނޑު ޖަހާފައިވަނީ އޭރިޔާތެރެއަށް އެ ޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ބާރު ބޯޅައެއް ގޯލުގެތެރެއަށް ވައްދާލައިގެން ނެވެ. ޝާއިން މި ލަނޑު ޖަހާފައިވަނީ ހުސްކޮށް ހުރެއެވެ.

މިވެސް ކިޔާލަން:  ވެލާ ފައިނަލަށް، ސޮނެވާ ޖާނީ އާއި ރޮބިންސަން ސެމީ ފައިނަލަށް

ނޭކުރެންދޫން ލަނޑެއް ޖެހުމަށް މަސައްކަތްކުރަމުން ދަނިކޮށް ނައިވާދޫން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. 36 ވަނަ މިނިޓްގައި މި ލަނޑު ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު ޝާއިން އެވެ. ޝާއިން މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި ނޭކުރެންދޫ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ނައިވާދޫއަށް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ.

މި މެޗުގައި ނޭކުރެންދޫން ޖެހި ލަނޑު ޖަހާފައިވަނީ މެޗުގެ ފަހު މިނިޓްގަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު އަބާން އިމްރާން އެވެ. އޭނަ މި ލަނޑު ޖަހާފައިވަނީ، ނައިވާދޫގެ އޭރިޔާ ބޭރުން ލިބުނު ފްރީކިކެއް ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

3-1 އިން ނައިވާދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫ ޓީމުގެ މުޙައްމަދު ޝާއިން އެވެ.

މި އަތޮޅުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top