ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހު މެޗުން މޮޅުވި އޮޑިއަށް ތިންވަނަ
ބުރާއި އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން / އެފްއޭއެމް

މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގައި އޮޑި ސްޕޯރޓްސް ކުޅެން ޖެހޭ ފަހު މެޗުން އެ ޓީމު މޮޅުވެއްޖެ އެވެ. މިއަދު ހަވީރު އޮޑި ސްޕޯރޓްސްއާ ދެކޮޅަށް ނުކުތް ބުރު ސްޕޯޓްސްގެ ވެސް މިއީ ފަހު މެޗެވެ. މި މެޗަށް ނުކުތްއިރު ދެ ޓީމަށް ވެސް ވަނީ ފައިނަލްގެ ފުރުސަތު ގެއްލިފަ އެވެ.

މުބާރާތުގައި މިހާތަނަށް ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައި ވާއިރު، އޮޑި އަދި ބުރު ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ދެ ޓީމު ވެސް ބަލިވެފައި ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ ނިއު ރޭޑިއަންޓާއި މާޒިޔާ މެޗުން ނެވެ.

މިއަދުގެ މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ބުރުން ނެވެ. މެޗު ފަށައިގެން މާ ގިނައިރެއްނުވެ އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދާފަ އެވެ. ރީތި ޕާސިންގް ކުޅުމަކާއިއެކު ކުރިޔަށް އަރައި ބުރުން އުފެއްދި ހަމަލާ ގޯލާއި އަމާޒުކޮށްލުމުގެ ކުރިން އޮޑީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މަޑުމަޑުން ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަތް އޮޑިން ވަނީ އެ ޓީމުން އުފެއްދި ފުރަތަމަ ހަމަލާގައި ލީޑު ނަގާފަ އެވެ. ފަސްވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުޒްދާން ހަސަން އެވެ. މުޒްދާން މި ލަނޑު ޖަހާފައި ވަނީ އެ ޓީމުގެ ކުޅުންތެރިއެއް އޭރިޔާ ބޭރުން ފޮނުވާލި ބޯޅައެއް ދިފާއުކުރަން މަސައްކަތް ކުރި ވަގުތު ބުރުގެ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  ނަފުސާނީ ޞިއްޙަތާމެދު ހޭލުންތެރިކުރުވުމަށް ދިޕިކާގެ ފައުންޑޭޝަނުން ލެކްޗަރުތަކެއް

މި ލަނޑަށް ފަހު ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ނަތީޖާ ހަމަހަމަ ކޮށްލާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ބުރަށް ލިބި ވަނީ ބޭނުން ނުކުރެވިފަ އެވެ. ބުރުން އުފެއްދި ގިނަ ހަމަލާތަކެއް އޮޑީގެ ކީޕަރު ވަނީ މި ހާފުގައި ދިފާއުކޮށްފަ އެވެ. އަދި އޮޑީގެ ޑިފެންޑަރުންގެ ފަރާތުން ވެސް މި ހާފުގައި ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ.

ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އޮޑިއަށް ވެސް ފަހުން ނުކުރެވުނު މި ހާފު ނިމުނީ 1-0 އިން އޮޑި ކުރީގައި އޮވެގެން ނެވެ.

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ކުރީ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ފަހި ވެސް ކޮށްފަ އެވެ.

ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން މި ހާފުގައި ވެސް ހިފީ އޮޑިން ނެވެ. ދެވަނަ ހާފުގެ ކުރީކޮޅު އޮޑިއަށް މި ލަނޑު ޖަހައިދިނީ ފުރަތަަމަ ލަނޑު ވެސް ޖަހައިދިން މުޒްދާން ހަސަން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއެއް ބުރުގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މި ލަނޑަށްފަހު އޮޑިން މެޗުގެ ކޮންޓްރޯލް ހޯދައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، އިތުރު ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވި އެވެ.

މެޗުގެ ފަހުކޮޅު ބުރުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް އޮޑީގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ބުރުން ހޯދި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭގޮތެއް ނުވި އެވެ. ލިބިފައިވާ ލީޑު ދެމެހެއްޓުމަށް އޮޑީގެ ފަހަތުން ބޮޑު އިސްކަމެއް ދިންއިރު އެ ޓީމުގެ ކީޕަރުގެ ފަރާތުން މި ހާފުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ކުޅުމެއް ފެނިފަ އެވެ.

މިވެސް ކިޔާލަން:  މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް އަފްޣާނިސްތާން ހޯދައިފި

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އޮޑި ސްޕޯރޓްސް މުބާރާތް ނިންމާލީ، ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ތިންވަނަ މަގާމާއި އެކު އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޮޑި ސްޕޯރޓްސްއަށް ދެ ލަނޑު ޖަހައިދިން މުޒްދާން ހަސަން އެވެ.

މި މުބާރާތުގެ މެޗެއް ދެން އޮންނަނީ މާދަމާ ރެއެވެ. މި މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއްވަނައިގައި މި ވަގުތު އޮތް ނިއުރޭޑިއަންޓާއި ދެވަނައިގައި އޮތް މާޒިޔާ އެވެ. މި ދެ ޓީމަކީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ ދެ ޓީމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top