ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރޫޙް – ޗެޕްޓަރ 20
މުނިއަވަސް ގްރެފިކްސް

އެ ކާރު

ކިއާރާ އެ ކާރަށް ހަމަ ހަޤީޤަތުގަވެސް އެރިއެވެ. އަދި އެއީ އޭނާއަށް ހެދުނު ފުރަތަމަ ގޯހެވެ. އެއީ އޭނާ ފަރުވާކުޑަ ކަމެއް ކޮށްގެންނެއް ނޫނެވެ. ނުވަތަ ބޭރު، ނުދަންނަ މީހުންނާމެދު އޭނާއަށް ދެވިފައިވާ އިންޒާރުތަކަށް ފަރުވާކުޑަކޮށްލުމަކުންވެސް ނޫނެވެ. މެންދުރުފަހުގެ ވަގުތުތައް މާ އަވަހަށް ފާއިތުވަމުންދާތީއާއި، އޭނާގެ ހިތާއި ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތައް އެއަށްވުރެ މާ ބާރުމިނުގައި ހުރީތީއެވެ. ހޮސްޕިޓަލުން ނުކުމެ، މަޑުކޮށްގެން އޮތް ކާރާ ހަމައަށް ދެވުނުއިރު، އާންމުކޮށް އޭނާ ސަމާލުކަންދޭ ރައްކާތެރިކަމުގެ ކަންކަމަށް ފަރުވާކުޑަކޮށްލެވުނީއެވެ.

އޭނާއަށް ވިސްނެމުން ދިޔައީ ޒިމާންއާ މެދުގައެވެ. ފަހުން އެ ހާދިސާ ހަނދާންކުރާއިރު، އެންމެ ސާފުކޮށް އޭނާގެ ހަނދާނަށް އަންނާނީ އެކަމެވެ.

ނަރުހުންގެ މޭޒުމަތީގައި ރައްކާތެރިކަމާއެކު ބަހައްޓާފައި ހުރި މާބޮނޑިއާމެދު އޭނާއަށް ވިސްނެމުން ދިޔައެވެ. އަދި އެ މަޖާ ފޯނު ކޯލާއި، އޭނާގެ މެންދުރުގެ ބްރޭކަކީ ހަމައެކަނި ޒިމާންގެ މިލްކެއް ކަމަށް ދެކި، ތިރިއަށް އައުމަށް އޭނާ ބުނި ގޮތާ މެދުވެސްމެއެވެ.

އޭނާ ހުރީ ހިނިތުންވެފައެވެ. އަސްލުވެސް ހިނިތުންވެފައެވެ. އެއީ މީހަކަށް ފެނިދާނެތީ އާންމުކޮށް އޭނާ ފޮރުވާ ކަހަލަ ހިނިތުންވުމެކެވެ.

ހޮސްޕިޓަލުން ބޭރުގައި މަޑުކޮށްގެން އޮތް ކާރުތަކާ ދިމާއަށް ހިނގާފައި ދިޔައިރު، އެއް އަތުން ފޯނު ހިފަހައްޓައިގެން ހުރިއިރު، އަތްދަބަސް އޮތީ އޭނާގެ އަރިކަށީގައި ޖެހިފައެވެ.

މެންދުރުފަހުގެ އިރުގެ އަލިގަދަ ނަމަވެސް، ރޭގެ ވާރެއަށްފަހު އުފެދިފައިވާ ވިލާތަކުގެ ސަބަބުން ހޫނުމިން ހުރީ މަޑުވެފައެވެ. ޖައްވުގައި ހުރީ ތެތްފިނިކަމެވެ. މާލޭގެ ކޮންމެ ދިމާލަކުންވެސް ދުވާ ކަނޑުގެ ލޮނުވަހާއި، ޕެޓްރޯލާއި، ކައިރީގައި ހުރި ކެފޭތަކުން އަންނަ ކާނާގެ ވަހާއި، މާލޭގެ ބާރުބޮޑު ދިރިއުޅުމުގެ ވަސް ޖައްވުގައި ހިފާލާފައި ހުއްޓެވެ.

އޭނާ ވަށައިގެން ބަލާލިއެވެ. އެތަނުގައި ބައެއް ކާރުތައް އޮތެވެ. ކަޅު ކުލައިގެ ސެޑާން ކާރެއް ކުރިއަށް ޖައްސާލިއެވެ. ޑްރައިވަރު ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ.

“މިސް ކިއާރާ؟”

އޭނާ ހުއްޓުނެވެ. “ލައްބަ؟”

އޭނާ ބޯޖަހާލިއެވެ. “މިސް ބަލާ އަންނަން ޒިމާން ސަރ ފޮނުވީ.”

އޭނާ ކާރަކަށް އިންތިޒާރު ކުރަމުންދާތީއާއި، ޒިމާން ބުނެގެން އައި މީހެއް ކަމަށް ޤަބޫލުކުރެވުނުލެއް ބޮޑުކަމުން، އެއްވެސް ސުވާލެއް ކުރުމެއްނެތި އޭނާ އެ ކާރަށް އެރިއެވެ. ކިއާރާގެ ސިކުނޑި އޭރު އޮތީ ޒިމާންގެ ޚިޔާލުތަކުން ފުރިފައެވެ. އޭނާ ފަހަތު ދޮރު ހުޅުވާލިއެވެ. އަދި އެތެރެއަށް އެރިއެވެ. ދޮރު ލެއްޕުނެވެ. ކާރު ނައްޓާލިއެވެ.

މިވެސް ކިޔާލަން:  އައިފާ - ކުރު ވާހަކަ

ފުރަތަމަ މަދު މިނެޓުކޮޅަކު، ކިއާރާ އިނީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. ނަމަވެސް އެތެރޭގެ ހިމޭންކަމުން ކޮންމެވެސް ނުތަނަވަސްކަމެއް އޭނާއަށް އިޙުސާސްވިއެވެ. އެއީ ކީއްވެގެން ކަމެއް އޭނާއަށް ބުނާކަށް ނޭނގެއެވެ. އާންމުކޮށް ޒިމާންގެ ޑްރައިވަރު އޭނާއާ ވާހަކަދައްކާނެއެވެ. ނުވަތަ އެންޒޯ ކޮންމެވެސް ހިސާބަކުން ފެންނާނެއެވެ. ނުވަތަ ޒިމާންގެ ގޭގެ މީހަކު ފެންނާނެކަމަށް އޭނާ އުންމީދު ކުރިއެވެ.

އެކަމަކު މި ޑްރައިވަރަކީ އޭނާ ދަންނަ މީހެއް ނޫނެވެ. އޭނާ ކުޑަކޮށް ނިތްކުރި އަރުވާލިއެވެ. ނަމަވެސް ވަގުތުން އެ ޚިޔާލު ދޫކޮށްލިއެވެ. ފަހަރެއްގައި ޒިމާން އެހެން މީހަކު ފޮނުވީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އެންޒޯ ބިޒީވީ ކަމަށްވެސް ވެދާނެއެވެ. އޭނާގެ ފޯނު އޮތީ އުނގުމަތީގައެވެ. އޭނާ ފޯނަށް ބަލާލިއެވެ. އެއްވެސް މެސެޖެއް ނެތެވެ. އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ.

އަނެއްކާވެސް އޭނާގެ ޚިޔާލުތައް އެހެން ދިމާލަކަށް ދިޔައެވެ. މެންދުރުގެ ކެއުން އޮންނާނީ ކިހިނެއްބާވައެވެ؟ ޒިމާން އޭނާ މި ގެންދަނީ ކޮންތަނަކަށް ބާވައެވެ؟ އޭނާ ލާންވީ ކޮން އެއްޗެއް ބާވައެވެ؟ މިހާ އަވަހަށް އޭނާ އެއްބަސްވީ ކީއްވެގެން ބާވައެވެ؟ އޭނާގެ ފުރަތަމަ ޑޭޓަށް އިންތިޒާރުކުރާ ސްކޫލް ކުއްޖެއް ފަދައިން އޭނާއަށް އިޙުސާސްވަނީ ކީއްވެގެން ބާވައެވެ؟

އޭނާ އަމިއްލަ ނަފުސަށް ހީނލިއެވެ. އެވަގުތު ފޯނު ވައިބްރޭޓްވިއެވެ. ސްކްރީން ދިއްލުނެވެ. މެސެޖު ފޮނުވީ ޒިމާންއެވެ. އޭނާގެ ހިތް ތެޅިގަތެވެ. އޭނާ މެސެޖު ހުޅުވާލިއެވެ.

“ކޮބައިތަ؟ އަހަރެން މިހުރީ ކަންމަތީގައި މަޑުކޮށްގެން.”

ކިއާރާ ގަނޑުވި ކަހަލައެވެ. ސިކުންތަކަށް އޭނާ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިނެވެ. ދެން އޭނާ ޑްރައިވަރާ ދިމާއަށް ބަލާލިއެވެ. އޭނާ އޭރުވެސް އިނީ ކާރު ދުއްވާށެވެ. ކިއާރާގެ ނިތްކުރިއަށް ރޫތަކެއް އެރިއެވެ. އަނެއްކާވެސް މެސެޖަށް ބަލާލިއެވެ. ދެން މަގުމައްޗަށް ބަލާލިއެވެ. އަދި އަނެއްކާވެސް ޑްރައިވަރަށް ބަލާލިއެވެ.

“އަދަބުވެރިކަމާއެކު އަހާލަން، ކޮންތާކަށް މިދަނީ؟”

އެއްވެސް ޖަވާބެއް ނުލިބުނެވެ.

“އަހަރެމެން މިދަނީ ކޮންތާކަށް؟”

އެ މީހާ އިރުކޮޅަކު ހިމޭނުން އިނެވެ. ދެން ކާރުގެ ލޯގަނޑުން އޭނާއަށް ބަލާލިއެވެ.

“ކަންބޮޑުނުވޭ.”

ކިއާރާގެ ބަނޑަށް ފިނި އެއްޗެއް އޮހިގެންދިޔަ ކަހަލަ އިޙުސާސެއް ކުރެވުނެވެ. އޭނާ ސީދާވެލާފައި އިށީނެވެ.

“ކީކޭ؟”

ޑްރައިވަރުގެ ނަޒަރު އަނެއްކާވެސް މަގުމައްޗަށް ހުއްޓުނެވެ.

“ޒިމާން ސަރ ބުނެގެން އަހަރެން މިއައީ.”

ކިއާރާގެ ހިތުގެ ތެޅުން އަވަސްވިއެވެ.

“އެކަމަކު އޭނާ މިހާރު އެ މެސެޖު ކުރީ.”

މިވެސް ކިޔާލަން:  ރިހިރަންފުށި - ޗެޕްޓަރ 15

ހިމޭންކަމެވެ. ކިއާރާ އަނެއްކާވެސް ފޯނަށް ބަލާލިއެވެ. އެ މެސެޖު އޭރުވެސް އޮތެވެ.

“ކޮބައިތަ؟ އަހަރެން މިހުރީ ކަންމަތީގައި މަޑުކޮށްގެން.”

ކިއާރާގެ އިނގިލިތައް ފިނިވާން ފެށިއެވެ. އޭނާ ޒިމާންއަށް ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް ކޯލެއް ނުދިޔައެވެ. އޭނާ ޑްރައިވަރަށް ބަލާލިއެވެ.

“މި ކާރު ހުއްޓާ.”

ޖަވާބެއް ނެތެވެ.

“މަޑުކޮށްބަލަ.”

ޑްރައިވަރުގެ އަތް އޮތީ ބާރަށް ސްޓިއަރިންގައި ހިފަހައްޓާލާފައެވެ. ކިއާރާގެ ނޭވާ އަވަސްވާން ފެށިއެވެ. މަޑުމަޑުން، ބިރުވެރިކަން އޭނާގެ މުޅި ހަށިގަނޑަށް ފެތުރެން ފެށިއެވެ. އޭނާ ދޮރު ހުޅުވަން އަތްލިއެވެ. ލޮކް ކޮށްފައެވެ.

“ދޮރު ލޮކްކޮށްފައި ހުރީ ކީއްވެ؟”

ޑްރައިވަރު ޖަވާބެއް ނުދިނެވެ. ކިއާރާ އަނެއްކާވެސް ފޯނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އޭނާއަށް ފޯނު ހުޅުވޭވަރު ނުވަނީސް، އާދަޔާ ޚިލާފު ވަހެއް ދުވަން ފެށިއެވެ. ކެމިކަލް ވަހެކެވެ. ފޮނި، ހިތި، ނުބައި ވަހެކެވެ. އޭނާ ބޯ އަނބުރާލިއެވެ. ޑްރައިވަރު އިނީ ލޯގަނޑުން އޭނާއަށް ބަލަހައްޓައިގެންނެވެ. އަދި އެވަގުތު އޭނާގެ މޫނަށް އެއްޗެއް ބުރުވާލި ކަހަލަ އިޙުސާސެއް ކުރެވުނެވެ.

ކިއާރާ ވަގުތުން ފަހަތަށް ޖެހިލިއެވެ. “މީ..”

އޭނާއަށް ބުނެވުނީ އެވަރަށެވެ. ވަގުތުން އޭނާގެ ލޮލުގެ ފެނުން ފުސްވާން ފެށިއެވެ. އޭނާ ކޮށި އަރައި، ކުޑަދޮރާ ދިމާއަށް މޫނު އަނބުރާލި ނަމަވެސް، އެ އާދަޔާ ޚިލާފު އިޙުސާސް އޭރު މުޅި ހަށިގަނޑަށް ފެތުރިއްޖެއެވެ. އޭނާގެ އަތްފައި ބަރުވާން ފެށިއެވެ. ވިސްނުންތައް ކުދިކުދިވެ، ބޯ އެނބުރެން ފެށިއެވެ. އަތްދަނޑިމަތިން ފޯނު ދޫވެގެން ކާރު ތެރެއަށް ވެއްޓުނެވެ. މުޅި ދުނިޔެ އެނބުރޭ ކަހަލައެވެ. އޭނާ ދޮރުގެ ތަޅުގައި ހިފަން މަސައްކަތް ކުރިއެވެ. ނަމަވެސް އަތް އެ ދިމާލަކަށް ނުދިޔައެވެ.

“ނޫން..” އޭނާގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ.

ޑްރައިވަރު ކޮންމެވެސް އެއްޗެކޭ ބުނި އަޑު އިވުނެވެ. އެކަމަކު އެ ބުނި އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ލޯ ހުޅުވައިގެން ހުންނަން އޭނާ ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. އެންމެ ފަހުން އޭނާއަށް ފެނުނީ ކުޑަދޮރުން ބޭރުން ފެންނަން ހުރި އިރުގެ އަލިގަދަ ދޯދިތައް ދެމިގެންދާ ފަދަ ގޮތަކަށެވެ. ދެން.. މުޅި ދުނިޔެ އަނދިރިވިއެވެ.

**********

ޒިމާން އަނެއްކާވެސް އޭނާގެ ފޯނަށް ބަލާލިއެވެ. މިއީ ފާއިތުވި ފަސް މިނެޓުގެ ތެރޭގައި އޭނާ ފޯނަށް ބަލާލި ދިހަވަނަ ފަހަރެވެ. އެއްވެސް ޚަބަރެއް ނެތެވެ. އޭނާ ހުރީ އެމީހުން ބައްދަލުކުރަން ނިންމި ކަންމަތީގައެވެ. ކަޅު ކުލައިގެ އެސް.ޔޫ.ވީ ކާރުގެ ފުރާޅުގައި އަތް ޖައްސާލައިގެން ހުރިއިރު، އޭނާގެ ވަށައިގެން އުޅަނދުތައް ދުވަމުން ދިޔައެވެ.

މިވެސް ކިޔާލަން:  ހުވާކޮށްފާ ބުނަން، ލޯބިވޭ – އެޕިސޯޑް 03

އޭނާގެ މޫނުމަތީގެ ކުލަވަރު މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. މިނިޓްތަކެއް ކުރިން ހުރި އުފާވެރިކަމެއް މިހާރަކު ނެތެވެ. އަދި އެ ހަމަޖެހުމެއްވެސް ނެތެވެ. އޭނާ ގަޑި ބަލާލިއެވެ. 12:47 އެވެ. ކިއާރާ މިހާރު މިތަނުގައި ހުންނަންވާނެއެވެ. އޭނާ ލަސްވެދާނެ ކަމަށް ޒިމާން ހީކުރިއެވެ. އޭނާ ޝަކުވާ ކުރާނެ ކަމަށްވެސް އުންމީދު ކުރިއެވެ. އަދި އެ މަޖާ މާބޮނޑި ހިފައިގެން އައިސް، ހެނދުނު ކުރި މެސެޖާ ބެހޭގޮތުން ލާނެތް ސަމާސާއެއް ކުރާނެ ކަމަށްވެސް ހީކުރިއެވެ. ނަމަވެސް އޭނާ އުންމީދު ނުކުރި ކަމަކީ މި ހިމޭންކަމެވެ.

އޭނާ ކިއާރާއަށް ގުޅިއެވެ. ފޯނު ރިންގުވެއެވެ. ޖަވާބެއް ނުދެއެވެ. އަނެއްކާވެސް ގުޅިއެވެ. އަދިވެސް ޚަބަރެއް ނެތެވެ. އެންޒޯ ކައިރީގައި ހުރެގެން އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އޭނާ އަންނާނެ.”

ޒިމާން އޭނާއަށް ބަލާލިއެވެ.

“އޭނާ މިތަނަށް އަންނަން އޮތީ މީގެ ދިހަ މިނެޓު ކުރިން.”

އެންޒޯ ހޮސްޕިޓަލުގެ ދޮރާ ދިމާއަށް ބަލާލިއެވެ.

“މަގު ބަންދުވީ ބާ؟”

“މި ސަރަހައްދަކު ނޫން.”

އަނެއް މިނެޓު ފާއިތުވެގެން ދިޔައެވެ. ޒިމާން އަނެއްކާވެސް ގުޅިއެވެ. މިފަހަރު ފޯނު އޮތީ ނިއްވާލާފައެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

“އޭނާއަށް ގުޅާ.”

އެންޒޯ އޭރުވެސް އޮތީ ފޯނު ނަގާފައެވެ. އޭނާ ގުޅިއެވެ. ޚަބަރެއް ނެތެވެ. އަނެއްކާވެސް ގުޅިއެވެ. އަދިވެސް ޚަބަރެއް ނެތެވެ.

**********

“އޭނާ ހޮސްޕިޓަލުން ނުކުތްތާ ކިހާ އިރެއް ވެއްޖެ؟”

“ބާރަގަޑި ބައިހާއިރު އޭނާ ނުކުތީ.”

“އޭނާ ބަލާ ދިޔައީ ކާކު؟”

“ޑްރައިވަރު.”

ޒިމާން އެނބުރުނެވެ.

“ކޮން ޑްރައިވަރެއް؟”

އެންޒޯ ހުއްޓުނެވެ. ކުޑަވަގުތުކޮޅަކަށް ހިމޭންކަން ފެތުރުނެވެ.

“އާންމުކޮށް ބޭނުންކުރާ ކާރު.”

“ކޮން ކާރެއް؟”

އެންޒޯގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ވަގުތުން ސެކިއުރިޓީ ޓީމަށް ގުޅިއެވެ.

“ބަލާބަލަ މިސް ކިއާރާ ގޮވައިގެން ދިޔައީ ކޮން ކާރެއްތޯ.”

މަދު ސިކުންތުކޮޅެއް ފާއިތުވިއެވެ. އޭނާގެ މޫނު ހަރުކަށިވިއެވެ.

“ބޮސް..”

ޒިމާން އޭނާއަށް ބަލާލިއެވެ.

“ކީކޭ؟”

“އަހަރެމެންގެ ޑްރައިވަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކާރު އޮތީ ގޭގައި.”

ހިމޭންކަމެވެ. މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. ޒިމާންގެ ލޯ ހުއްޓުނެވެ.

“އަނެއްކާވެސް ބުނެބަލަ.”

“އެ ކާރު ގެއަކުން ނުނިކުމޭ.”

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top