ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭދަފުށި ޗެމްޕިއަންކަން ހޯދައިފި
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފި އެވެ. ފުޓްބޯޅަ އާއި ފުޓްސަލްއަށް ބ. އަތޮޅުގައި އެންމެ މޮޅު ރަށް އޭދަފުށި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 2-0 އިން ތުޅާދޫ ބަލިކޮށެވެ.

އޭދަފުށީގައި ބޭއްވި މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ މޮޅު ކުޅުމެކެވެ.

މި މެޗުގެ ފުރަތަމަ މިނިޓްގައި ތުޅާދޫން ފޮނުވާލި ހަމަލާއެއް އޭދަފުށީގެ ކީޕަރު ދިފާއުކުރިއިރު، އޭގެ އިރުކޮޅެއް ފަހުން އޭދަފުށިން ވަނީ ކުޅުން ރަނގަޅުކޮށް ތުޅާދޫގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ.

ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވި ދިޔަ ފަހުން އޭދަފުށިން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ފާސިރު އެވެ. މެޗުގެ 9 ވަނަ މިނިޓްގައި ފާސިރު މި ލަނޑު ޖަހާފައިވަނީ ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައެއް ހިފައިގެން ކުރިއަށް އަރައި އެ ޓީމުގެ ހުސައިން ޝަރީފަށް ޖައްސާލުމަށްފަހު، ގޯލު ކުރިމައްޗަށް ހުސްވެ ދެވަނަ ފަހަރަށް ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ތުޅާދުއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ކުރެވޭވަރެއް ނުވި އެވެ.

މިވެސް ކިޔާލަން:  މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުން ލޭ ހަދިޔާކުރުމުގެ ޕުރޮގްރާމެއް ފަށަނީ!

މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންދިޔަ އިޝާން އިބްރާހިމް މި މެޗުގައި ވެސް އޭދަފުށީގެ ފަހަތް އޮގަނައިޒްކޮށް ބަލަހައްޓަމުން އެޓޭކްތަކުގައި ބައިވެރިވެ މޮޅު ކުޅުމެއް ދެއްކި އެވެ.

މުޙައްމަދު ފާސިރު އޭދަފުށްޓަށް ނަގައިދިން ލީޑަށް މާ ގިނައިރެއް ނުވެ އޭދަފުށިން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. ތުޅާދޫ ކުޅުންތެރިންނަށް އެ ޓީމުގެ ހާފުގެ ތެރެއިން ހެދުނު ގޯހެއްގެ ފައިދާ ނަގައި ހުސައިން ޝަރީފް އާއި މުޙައްމަދު ފާސިރު ގުޅިގެން އުފެއްދި ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ އިޝާން އިބްރާހިމް އެވެ.

މި ލަނޑަށް ފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ.

މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. ދެ ލަނޑުގެ ލީޑެއްގައި އޮތް ނަމަވެސް އޭދަފުށިން މި ހާފުގައި ވެސް ވަނީ ލަނޑު ޖަހަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އޭދަފުށިން އުފެއްދި މި ހާފުގައި ވެސް ތުޅާދޫ ކީޕަރުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ.

ފަހު ހާފުގެ ފަހުކޮޅު ތުޅާދޫން ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ކުރެވޭ ގޮތެއް ނުވި އެވެ.

2-0 އިން އޭދަފުށި މޮޅުވެ ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މިވެސް ކިޔާލަން:  ބިން ގަޑި (އާތު އަވަރ) ފާހަގަކުރުމަށް ރާއްޖޭގައި ގިނަ ހަރަކާތްތަކެއް

މި މުބާރާތުގެ އެކިއެކި މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ތުޅާދޫ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އޭދަފުށީގެ ކޯޗު މުޙައްމަދު ފުހައިދު އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ދޮންފަނު ޓީމުގެ މޮހްސެން މޮންތަޒެމީ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، އިޝާން އިބްރާހިމް (އޭދަފުށި)، މުޙައްމަދު ފާސިރު (އޭދަފުށި)، އާދިލް ޢަބްދުއްރަޙްމާން (ތުޅާދޫ)، އިމްތިޝާލް ޢަބްދުއްރަޙީމް (އޭދަފުށި) އަދި އިސްމާއިލް ރަޝީދު (ތުޅާދޫ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top