ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރޫޙް – ޗެޕްޓަރ 22
މުނިއަވަސް ގްރެފިކްސް

މާހައުލަށް ހޭނުން

ކިޔާރާއަށް ވަގުތުގެ އިޙުސާސް ވަނީ ގެއްލިފައެވެ. މިހާރު ކިހާ އިރެއް ވެދާނެބާވައެވެ؟ އެ އަނދިރިގަނޑުގެ ތެރޭގައި ވަގުތަކީ ތަފާތު އެއްޗަކަށް ވެއްޖެއެވެ. ބައެއް ފަހަރު ދިގުލައިދާހެން ހީވާއިރު، އަނެއްބައި ފަހަރު ވަރަށް ކުރުކަމުގެ އިޙުސާސް ކުރެވެއެވެ. އޭނާ ހޭނެތިފައި އޮވެފައި ހޭލެވުމާއި، އަނެއްކާވެސް ހޭނެތުމުގެ ސިލްސިލާއެއްގެ ތެރޭގައި އުޅެމުންދާއިރު، ހޭލެވޭ ކޮންމެ ފަހަރަކު އިޙުސާސް ކުރެވެނީ ހަމަ އެ ބާ ދުވަސްވީ ވަހާއި، ހަށިގަނޑަށް ލިބިފައިވާ ތަދެވެ. އަދި ހިތުގައި އުފެދެނީ ހަމަ އެއް ސުވާލެކެވެ. އަހަރެން މިހިިރީ ކޮންތާކުބާވައެވެ؟

ބިރުން ފިތްކަނޑައިގެން ދިޔަ ނުދީ، އޭނާ ހިމޭނުން އޮތެވެ. ބިރުގަތުމަކީ ހަމައެކަނި އިންސާނާގެ ހިއްސުތައް ތޫނުކުރަން ބޭނުންކުރެވިދާނެ އުކުޅެކެވެ. ބިރުވެރިކަން ކޮންޓްރޯލް ކުރެވިއްޖެނަމަ، އެއީ މައުލޫމާތު ހޯދުމަށް މަގުފަހިވާނެ ކަމެކެވެ.

މިއީ އިމަޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރި އަހަރުތަކުން އޭނާއަށް ދަސްވި ފިލާވަޅެކެވެ. މީހުން ހޮސްޕިޓަލަށް ގެންނައިރު ހަޅޭއްލަވައި، ރޮއި، ތުރުތުރުއަޅައި، އަދި މަރުވަނީ ކަމަށް ހީކޮށް ބިރުން އުޅޭ މަންޒަރު އޭނާ ވަނީ ދެކެފައެވެ. އެފަދަ ވަގުތުތަކުގައި އޭނާގެ މަސައްކަތަކީ އެހެން މީހުންނަށް ފާހަގަނުވާ ކުދިކުދި ކަންތައްތަކަށް ސަމާލުކަން ދެވޭ ވަރަށް ކެތްތެރިކަމާއި ހަމަޖެހުން އިސްކުރުމެވެ.

އެހެންކަމުން އޭނާ ކުރީ ދަސްކޮށްފައިވާ ކަންތައްތަކެވެ. ވަށައިގެންވާ ކަންކަމަށް ސަމާލުވިއެވެ. އަޑުތަކަށް ކަންފަތް ދިނެވެ. ލަސްލަހުން ނޭވާލިއެވެ. އޭނާގެ ބޯ އަދިވެސް ހުރީ ބަރުވެފައެވެ. އަދި ކަރުތެރެ ވަނީ ނުބައި ގޮތަކަށް ހިކިފައެވެ. ނަމަވެސް ވިސްނުން މަޑުމަޑުން ސާފުވާން ފެށިއެވެ. އެއީ ސްޕްރޭއެކެވެ.

އޭނާ ހޭނައްތާލަން ބޭނުންކުރި އެއްޗެއްގެ އަސަރު ހޭލެވުމަށްފަހުވެސް ހުއްޓެވެ. ނަމަވެސް އެއީ ދާއިމީ ކަމެއް ނޫންކަމަށް ފެނެއެވެ. އެއީ ނަސީބެއް ކަމަށް އޭނާ ދެކުނެވެ. އޭނާގެ އިނގިލިތައް މަޑުމަޑުން ހަރަކާތްކޮށްލިއެވެ. އިނގިލިތައް ހަރަކާތްކުރެއެވެ. ފައިގެ އިނގިލިތައްވެސް ހަރަކާތްކުރެއެވެ. ފައިގެ މަސްތަކުގައި ރިހުމެއް ހުއްޓަސް، ފައި ބޭނުންކުރެވެއެވެ. ކޮނޑު ހަރަކާތްކޮށްލުމުން، ތަދެއް އިޙުސާސްވިއެވެ. ހަރު ތަނެއްގައި އޮތުމުގެ ސަބަބުން ބުރަކަށީގައި ވަރަށް ބޮޑަށް ރިއްސައެވެ. ނަމަވެސް ހަށިގަނޑުގެ އެއްވެސް ތަނެއް ބިނދިފައި ހުރިހެންނެއް ހިއެއް ނުވެއެވެ. ރަނގަޅެވެ. ކޮންމެ ކަމެއްވެސް ހައްލުވާނީ ފަހަރަކު ކަމަކުންނެވެ.

މިވެސް ކިޔާލަން:  އަލިފާން - ކުރު ވާހަކަ

އޭނާ އަދިވެސް ހޭނެތިފައި އޮތް ކަމަށް ދައްކައިގެން، ލޯ މަރައިގެން އޮތެވެ. ކައިރީގައި ބަޔަކު ވާހަކަދައްކާ އަޑު އިވެއެވެ. ތިން މީހުންނެވެ. އޭނާއަށް އެކަން ޔަގީންވިއެވެ. ތިން ފިރިހެނުންނެވެ. އެންމެން ތިބީ މާސްކު އަޅައިގެންނެވެ. އެތަނަށް ވަންނަ ކުޑަ އަލިކޮޅުގެ ތެރެއިން އެމީހުންގެ ހިޔަނި ފެނުނު ހިނދު އޭނާއަށް އެވަރު އޮޅުންފިލިއެވެ. އެމީހުން ވާހަކަދައްކަނީ ވަރަށް ސިއްރުންނެވެ.

އާދައިގެ ވާހަކައެއް ދައްކާ ފަދަ މަޑު އަޑަކުންނެއް ނޫނެވެ. ނަމަވެސް އެހެން މީހަކަށް އެ ވާހަކަތައް އަޑުއިވުމަށް ބޭނުންނުވާ ފަދަ ސިއްރުވެރި ގޮތަކަށެވެ.

ކިޔާރާ ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހަމުން ދިޔައެވެ. ކޮންމެ ބަހެއް ސާފެއް ނުވެއެވެ. އިވެނީ ބައެއް ބަސްބަހެވެ. ނަންތަކެވެ. ތަންތަނުގެ ނަންތަކެވެ. އަދި ކުރު އިރުޝާދުތަކެވެ. އެވަގުތު.. ބީޕް. ފޯނެއްގެ އަޑެވެ. އިރުކޮޅެއް ފަހުން، އަނެއްކާވެސް ބީޕް. އެހެން މެސެޖެކެވެ. ދެންވެސް މެސެޖެކެވެ. ބީޕް.

ކިޔާރާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެތަނުގެ ތެރެ އަދިވެސް އޮތީ އަނދިރިކޮށެވެ. ފާރު ކައިރީގައި ޖަހާފައި ހުރި ފޮށިތަކާއި، ދުވަސްވީ ލަކުޑި ފޮށިތަކުގެ ބޭރުފުށުގެ ބައްޓަން އޭނާއަށް ފެނެއެވެ. އެތަނުގެ ވަޔަކީ ތެތް، ބަރު ވަޔެކެވެ. އެ ވައިގައި ދުވަސްވީ ލަކުޑިއާއި، ހަމާއި، ހިރަފުހުގެ އިތުރުން ދަގަނޑު ވަހެއްވެސް ހުއްޓެވެ.

އޭނާގެ ހިތަށް ވަގުތުން އަރައިފިއެވެ. މިއީ “ވެއަރހައުސް” އެކެވެ. ނުވަތަ ގުދަނެކެވެ. ދުވަސްވީ ތަނެކެވެ. ކަނޑާ ވަރަށް ކައިރީގައި ހުރި ތަނެއްކަން އެނގެނީ އެތަނުގެ ފާރުތަކުން ހިފާފައި ހުރި ތެތްކަމުންނެވެ. އޭނާ މިތަނަށް ގެނައި ދަތުރު ހަނދާންކުރަން މަސައްކަތް ކުރިއެވެ. ކާރެވެ. މަގެވެ. ޑްރައިވަރެވެ. އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. އެ ސްޕްރޭއެވެ. ދެން އަނދިރިކަމެވެ. ހަނދާނުގައި ހުރީ އެވަރެވެ.

އޭނާ އަނެއްކާވެސް ވަށައިގެން ބަލާލިއެވެ. އެއްވެސް ކުޑަދޮރެއް ނެތެވެ. ގަޑިއެއްވެސް ފެންނާކަށް ނެތެވެ. އެއީ ރޭގަނޑު ކަމެއް ނުވަތަ ދުވާލު ކަމެއް ބުނާކަށް ނޭނގެއެވެ. ނަމަވެސް ދޭތެރެއަކުން ދުރުން އަޑުތަކެއް އިވެއެވެ. އުޅަނދެއްގެ އަޑެވެ. ފަހަރުގައި އެއީ ދޯންޏެއް ނުވަތަ މެޝިނެއްގެ އަޑު ކަމަށްވެސް ވެދާނެއެވެ.

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 9

ދެން އިވުނީ ބަރު ދަގަނޑު ދޮރެއް ހުޅުވޭ އަޑެވެ. އޭނާގެ ހިތް ތެޅިގަތެވެ. އެ ކޮޓަރީގެ އެއްކޮޅުގައި ހުރި ބޮޑު ދަގަނޑު ދޮރު މަޑުމަޑުން ހުޅުވެން ފެށިއެވެ. އެ ދޮރުގެ ދަގަނޑުތަކުގެ އަޑު މުޅި ގުދަނުގެ ތެރޭގައި ގުގުމާލިއެވެ. އިރުގެ އަލިކޮޅެއް ފެނުމާއެކު، ކިޔާރާ ވަގުތުން ލޯ މަރާލިއެވެ. ގިނައިރު އަނދިރީގައި އޮތުމުން އެ އަލި އޭނާއަށް އުނދަގޫވިއެވެ. މީހެއްގެ ފިޔަވަޅުގެ އަޑު ގާތްވަމުން އައެވެ. ބަރު ފިޔަވަޅުތަކެކެވެ. ކިޔާރާ އޭނާގެ ނޭވާލުން ހަމައަކަށް އެޅުވިއެވެ. އޭނާގެ މައްޗަށް މީހެއްގެ ހިޔަނި އެޅުނެވެ. އަދި އޭނާގެ ކައިރީގައި އެއްޗެއް ބޭއްވިއެވެ.

ސޭންޑްވިޗަކާއި ފެން ފުޅިއެކެވެ. ކިޔާރާ އެތަކެއްޗަށް ބަލަން އޮތެވެ. ސޭންޑްވިޗެއް؟ އޭނާއަށް ހީނލެވުނެވެ. އޭނާ ކިޑްނެޕްކޮށް، ބޭސްޖަހައި، ބަންދުކޮށްގެން ގުދަނެއްގައި ބައިންދާފައިވާއިރު، މީހަކު އެހުރީ އޭނާގެ މެންދުރުގެ ކެއުމަށް ސަމާލުކަން ދީފައެވެ.

އެމީހާ އޭނާގެ ކައިރީގައި އިށީނެވެ. އޭނާއަކީ ބޮޑު ހަށިގަނޑެއްގެ ވެރިއެކެވެ. ކަޅު ކުލައިގެ ހެދުމެއްގައި ހުރި އެ މީހާގެ މޫނު ހުރީ މާސްކަކުން ނިވާކޮށްފައެވެ. އެއްވެސް ބަހެއް ބުނުމެއް ނެތި، އޭނާ ކިޔާރާގެ އަތް މިންޖުކޮށްދިނެވެ. ކިޔާރާ ވަރަށް ފަރުވާތެރިކަމާއެކު ބަލަން އޮތެވެ. އަތުގެ ބަންދު ނައްޓާލުމަށްފަހު އެމީހާ ތެދުވިއެވެ.

އެއްވެސް މައުލޫމާތެއް ނުދެއެވެ. އިންޒާރެއް ނުދެއެވެ. ހަމައެކަނި ކާ އެއްޗެއް ދިނުމަށްފަހު އޭނާ ހިނގައިގަތެވެ. އެ ބޮޑު ދަގަނޑު ދޮރު އަނެއްކާވެސް ލެއްޕެން ފެށިއެވެ. އެންމެ ފަހު އަލިކޮޅު ފެންނަން ހުރެފައި ދޮރު ލެއްޕުނެވެ.

“ކްލިކް.”

އަނެއްކާވެސް އަނދިރިކަމެވެ.

ކިޔާރާ އެ ސޭންޑްވިޗާއި ފެން ފުޅިއަށް ބަލާލިއެވެ. ދެން އެ ދޮރާ ދިމާލަށް ބަލާލިއެވެ.

“ޝައުޤުވެރި ކަމެއް.” އޭނާ މަޑުމަޑުން ބުންޏެވެ.

އޭނާ ހީކުރީ އިންޒާރުތަކެއް ލިބޭނެ ކަމަށެވެ. ސުވާލުތައް ކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އޭނާއަށް މި ލިބުނީ ކާ އެއްޗެކެވެ. މިއީ މާ ބިރުވެރި ކަމެކެވެ. އެއީ އެމީހުންގެ ރޭވުމެއް އޮތްކަން މީގެން އެނގޭތީއެވެ.

މިވެސް ކިޔާލަން:  އިވްރިޝާ – އެޕިސޯޑް 16

އޭނާ ހޭލާނެކަން އެމީހުންނަށް އެނގެއެވެ. އޭނާއަށް ކާބޯތަކެތި ބޭނުންވާނެކަން އެމީހުން ވަނީ ކުރިއާލާ އަންދާޒާކޮށްފައެވެ. އޭނާ އެކަނި ބައިންދާފައި ދާން ކެރޭވަރަށް އެމީހުންގެ އަމިއްލަ ނަފުސަށް އިތުބާރު އެބައޮތެވެ.

ކިޔާރާ މަޑުމަޑުން ތެދުވެ އިށީނެވެ. ހަށިގަނޑުގެ ކޮންމެ މަސްގަނޑެއްގައި ރިހުން ހުއްޓެވެ. އޭނާގެ އަތްތިލައިގައި އަތް އުނގުޅާލުމަށްފަހު ފުން ނޭވާއެއްލިއެވެ. ދެން އެ ސޭންޑްވިޗަށް ބަލާލިއެވެ. އޭގެ ވަސް ބަލާލުމަށްފަހު އޭނާ ހައިރާންވިއެވެ. އެ ވަހަކީ އޭނާއަށް ވަރަށް ފަރިތަ ވަހެކެވެ. އޭނާ އޭގެއިން ކުޑަ އެތިކޮޅެއް ކާލިއެވެ. އޭނާގެ ލޯ ބޮޑުވިއެވެ.

“ނުވާނެ މިހެންނެއް!”

އޭނާ އަނެއްކާވެސް އެތިކޮޅެއް ކާލިއެވެ. އެއީ ހޮސްޕިޓަލް ކައިރީގައި ހުންނަ ކެފޭއަކުން ތައްޔާރުކޮށްފައިވާ ސޭންޑްވިޗެކެވެ. އެއީ އޭނާ އަބަދުވެސް ދާ ތަނެކެވެ. އޭގައި އެވަނީ ހަމަ އެ ޕާނެވެ. ހަމަ އެ ފިލިންގްއެވެ. އަދި ހަމަ އެ ކުޅި ސޯސްގަނޑެވެ.

އޭނާގެ ބިރުވެރިކަން އިތުރުވިއެވެ. މި މީހުން މިއީ ކޮންމެވެސް އަންހެނަކު މަގުމަތިން ނެގި ބައެއް ނޫނެވެ. އެމީހުންނަށް އޭނާ އެނގެއެވެ. އެމީހުން ދިޔައީ އޭނާއަށް ފާރަލަމުންނެވެ. އޭނާ މަސައްކަތްކުރާ ތަނާއި، އޭނާ ކައިއުޅޭ އެއްޗެހިވެސް އެމީހުންނަށް އެނގެއެވެ. އޭނާގެ އާދަކާދަތަކާއި، އޭނާ ހިނގާ މަގުތަކާއި، އޭނާގެ ތާވަލުވެސް އެމީހުންނަށް އެނގޭނެކަން ޔަގީނެވެ.

ކިޔާރާ ސޭންޑްވިޗް ބޭއްވިއެވެ. ކުރިން ހިތަށް އެރި މަޖާ އިޙުސާސް ފިލައިދިޔައެވެ. މިއީ އިއްތިފާޤެއް ނޫނެވެ. “އަހަރެން ކީއްވެ؟”

އޭނާ ބަންދުކޮށްފައި ހުރި ދޮރާ ދިމާލަށް ބަލާލިއެވެ. ދެން ސޭންޑްވިޗަށް ބަލާލިއެވެ. މީހަކު އެހާ ބުރަ އުފުލައިގެން އޭނާ ބޭނުންވާ ފަދަ ކާ އެއްޗެއް ހޯދީ ކީއްވެބާވައެވެ؟ އެމީހުން ބޭނުންވަނީ އޭނާގެ އެއްބާރުލުން ހޯދަން ބާވައެވެ؟ ނުވަތަ ގިނަ ދުވަސްތަކަކަށް އޭނާ ބަންދުކޮށްފައި ބައިންދަން ބޭނުންވަނީ ބާވައެވެ؟

އޭނާ އަނެއްކާވެސް ވަށައިގެން ބަލާލިއެވެ. ލޯ އަނދިރިއަށް ހޭނުމުން، އޭނާ ބަންދުކޮށްފައި ހުރި ކަސްތޮޅުތައް ފެނުނެވެ. ފައިގައި އަދިވެސް ވަނީ ބަންދު އަޅުވާފައެވެ. އޭނާ އެއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެވަގުތު ކަމެއް ހަނދާންވިއެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top