543,330 އަށްވުރެ ގިނަ “ޕާސަން-ޔާރސް” ގެ ފޮލޯ-އަޕް މުއްދަތަށް ބަލާއިރު، އުމުރު، ހަށިގަނޑުގެ ބަރުދަން (ބޮޑީމާސްއިންޑެކްސް)، ދުންފަތުގެ އިސްތިއުމާލުކުރުން، ބުއިން އަދި އާއިލީ ބަލިތަކުގެ ހިސްޓްރީއަށް ރިއާޔަތްކުރުމަށްފަހު ފާހަގަކުރެވުނު ގޮތުގައި، ފަތާ މީހުން މަރުވުމުގެ ފުރުސަތު ދުވާ މީހުންނަށްވުރެ %49 ކުޑައެވެ. އަދި ހިނގާ މީހުންނަށްވުރެ %50 ކުޑައިރު، އެއްވެސް ކަސްރަތެއް ނުކުރާ މީހުންނަށްވުރެ މި ނިސްބަތް %53 ކުޑަކަން ފާހަގަކުރެވުނެވެ.
މި ހޯދުން ހާއްސަވަނީ އަޅާކިޔުމުގެ ސަބަބުންނެވެ. އާންމުކޮށް ކާޑިއޯ ކަސްރަތުގެ މިންގަނޑެއްގެ ގޮތުގައި ބަލަނީ ދުވުން ނަމަވެސް، މި ދިރާސާއިން ދައްކާ ގޮތުގައި ފަތާ މީހުންގެ އުމުރު ދުވާ މީހުންނަށްވުރެ ދިގުވުމުގެ ފުރުސަތު ބޮޑެވެ.
ދިރާސާއިން ހާމަވާ އަދި ހާމަނުވާ ކަންކަން
“ޗޭސް އެނަލިސިސް” އަކީ އޮބްޒަވޭޝަނަލް ނުވަތަ ބަލައިގެން ހޯދާފައިވާ ހޯދުންތަކެއް ކަމުން، މިއީ ހަމައެކަނި ފަތާތީވެ މެދުވެރިވާ ކަމެއްކަން ސީދާ ސާބިތެއް ނުކުރެވެއެވެ. ފަތަން ހިޔާރުކުރާ މީހުންނާއި ދުވާ މީހުންގެ މެދުގައި ދިރާސާވެރިންނަށް މިންނުކުރެވޭ ފަދަ ތަފާތުތަކެއް ހުރެދާނެއެވެ. އަދި މި ދިރާސާގައި ބައިވެރިވެފައިވަނީ ހަމައެކަނި ފިރިހެނުންނެވެ.
އެހެންނަމަވެސް، ދިރާސާގެ ބޮޑުމިނާއި، ކުރިއަށްގެންދިޔަ މުއްދަތުގެ ދިގުމިނުގެ ސަބަބުން މި ނަތީޖާއަކީ ބުރަދަން ހުރި ނަތީޖާއެކެވެ.
އިނގިރޭސިވިލާތާއި ސްކޮޓްލޭންޑްގެ 80,306 މީހުން ބައިވެރިކޮށްގެން ހެދި އެހެން ދިރާސާއަކުން ވެސް މިކަމަށް ބާރު ލިބެއެވެ. އެވްރެޖްކޮށް 52 އަހަރުގެ މީހުން ނުވަ އަހަރު ވަންދެން މޮނިޓަރ ކުރިއިރު، ފަތާ މީހުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހިގެން މަރުވުމުގެ ފުރުސަތު، ނުފަތާ މީހުންނަށްވުރެ %41 ކުޑަކަމަށް ފާހަގަކުރެވުނެވެ.
ހިތާއި ލޭހޮޅިތަކަށް އަންނަ ބަދަލުތައް
ލޭގެ ޕްރެޝަރަށް އަންނަ ބަދަލަކީ މީގެ މުހިންމު ސަބަބަކަށް ވެދާނެއެވެ. ޓެކްސަސް ޔުނިވަރސިޓީން ކުރިއަށްގެންދިޔަ 12 ހަފުތާގެ ދިރާސާއެއްގައި، ލޭގެ ޕްރެޝަރު މަތި 50 އަހަރުން މަތީގެ 43 މީހަކު ގަވާއިދުން ފަތަން ފެށުމުން، އެމީހުންގެ ސިސްޓޮލިކް ބްލަޑް ޕްރެޝަރު 131 އިން 122 އަށް ދަށްވިއެވެ. ސިސްޓޮލިކް ބްލަޑް ޕްރެޝަރަކީ، ލޭގެ ޕްރެޝަރު ބަލާއިރު މަތީގައި އިންނަ ނަންބަރެވެ. މިއީ ހިތު ވިންދުޖަހާ ކޮންމެ ފަހަރަކު، ހަށިގަނޑުގެ ލޭހިނގާ ހޮޅިތަކަށް ނުވަތަ އާޓަރީތަކަށް ލޭ ފޮނުވާލުމަށް ކުރާ ބާރު ނުވަތަ ޕްރެޝަރު ދައްކުވައިދޭ މިންގަނޑެކެވެ.
މީގެ އިތުރުން، ފަތާ މީހުންގެ ކެރޮޓިޑް އާޓަރީ (ސިކުނޑިއަށާއި، މޫނަށާއި، ކަރަށް ބޭނުންވާ އޮކްސިޖަން މުއްސަނދި ލޭ ފޯރުކޮށްދިނުމަށްޓަކައި ކަރުގައި ހުންނަ މައި ލޭހޮޅިތަކު)ގެ މަސައްކަތް %21 ރަނގަޅުވެ، ލޭހޮޅިތަކުގެ ދޫމިން އިތުރުވިކަން ފާހަގަކުރެވުނެވެ. މިއީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން އަންގައިދޭ މުހިންމު ނިޝާންތަކެކެވެ.
އެހެންނަމަވެސް، އެއްގަމުގައި ކުރާ ކަސްރަތުތަކާ އަޅާބަލާއިރު ފެނުގެ ކަސްރަތުތަކުގެ ދިރާސާތައް އަދިވެސް މަދެވެ. މިހާތަނަށް ފެންނަން ހުރީ އޮބްޒަވޭޝަނަލް ހޯދުންތަކެއް ކަމުން، ސީދާ ސައިންޓިފިކް ޓްރަޔަލްތަކުން މިކަން ސާބިތުކުރުމަށް އަދި އިތުރު މަސައްކަތް ބޭނުންވެއެވެ.
ހުޅުތަކަށް ލިބޭ ލުއި
ފެނުގެ ތެރޭގައި ހަރަކާތްތެރިވުމަކީ ހުޅުތަކަށް ވަރަށް ލުއި ކަމެކެވެ. ފެނުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އުފުލައިދޭތީ، ދުވުމުގެ ސަބަބުން ހުޅުތަކަށް ލިބޭ ލޮޅުންތައް ތަހައްމަލު ނުކުރެވޭ މީހުންނަށް ފެތުމަކީ ރަނގަޅު ކާޑިއޯ ކަސްރަތެކެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށާއި، ކަކުލުގެ ނުވަތަ އުނަގަނޑުގެ ހުޅުގެ މައްސަލަ ހުންނަ މީހުންނަށް ވަރަށް ފައިދާހުރި ކަމެކެވެ.
ކަސްރަތު ކުރަންވީ މިންވަރު
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހަފުތާއަކު މަދުވެގެން 150 މިނެޓު މެދުމިންވަރަކަށް ނުވަތަ 75 މިނެޓު ބާރުމިނުގައި އެއިރޯބިކް ކަސްރަތު ކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ. ފެތުމަކީ ކުރާ މަސައްކަތުގެ ނިސްބަތުން މެދުމިންވަރުގެ ނުވަތަ ބުރަ ކަސްރަތެއްގެ ގޮތުގައި ބެލެވިދާނެއެވެ.
މި ހޯދުންތަކުގެ މާނައަކީ ދުވުން ހުއްޓާލުމެއް ނޫނެވެ. ނަމަވެސް، ހުޅުތަކުގެ މައްސަލައެއް ނުވަތަ އަނިޔާއެއްގެ ސަބަބުން ދުވަން އުނދަގޫވާނަމަ، ފެތުމަކީ ދުވުމަށްވުރެ އެއްވެސް ވަރަކަށް ދަށް ނޫން، އަދި ބައެއް ހާލަތްތަކުގައި މާ ފައިދާހުރި ކަސްރަތެކެވެ.
ގަވާއިދުން ފަތާ މީހުންގެ ސިއްހަތު މާ ބޮޑަށް ރަނގަޅުކަން ދިރާސާތަކުން ދައްކައެވެ. އެހެންނަމަވެސް، ހިތުގެ ބަލި ނުވަތަ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ މައްސަލައެއް ހުންނަ މީހުން އާ ކަސްރަތެއް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ.
—–
“ޕާސަން-ޔާރސް” – އަކީ ދިރާސާއެއްގެ ބައިވެރިން އޮބްޒާވްކުރެވުނު ޖުމްލަ ވަގުތު މިންކުރުމަށް ބޭނުންކުރާ މިންގަނޑެކެވެ. މީގައި ބައިވެރިވި މީހުންގެ އަދަދާއި އެ މީހުން ދިރާސާގައި ހޭދަކުރި މުއްދަތު އެކުލަވައިލައިގެން، ވަގުތުގެ ނިސްބަތުން ކަމަކަށް ހުށަހެޅޭ މިންވަރު ނުވަތަ އޮތް ނުރައްކާ ދެނެގަނެވެއެވެ.
