ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި މުއްސަނދި އަދި މިންހެޔޮ ކާނާއެއް ބޭނުންކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ނަމަވެސް، މަދު ހާލަތްތަކެއްގައި ސިއްހަތަށް ބޮޑެތި ނުރައްކާވެދާނެ ފަދަ ބައެއް ބާވަތްތަކުގެ ދަޅުކާނާއާ މެދު ސިކުނޑީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު (ނިއުރޮލޮޖިސްޓް) މިވަނީ އިންޒާރު ދެއްވާފައެވެ.
އާންމުކޮށް ބޭނުންކުރާ ކާނާގެ ބާވަތްތައް ވެސް ރަނގަޅަށް ބަންދުކޮށްފައި ނުވާނަމަ ނުވަތަ އެކަށީގެންވާ ގޮތަކަށް ރައްކާކޮށްފައި ނުވާނަމަ، އެއީ ނުރައްކާތެރި އެއްޗަކަށް ވެދާނެއެވެ. އެމެރިކާގެ ނިއުރޮލޮޖިސްޓެއް ކަމަށްވާ ޑރ. ބައިބިންގް ޗެން ފާހަގަކުރައްވާ ގޮތުގައި، އޭނާ އަމިއްލަފުޅަށް ވެސް ބޭނުންކުރުމުން ދުރުހެލިވާ ބައެއް ބާވަތްތަކުގެ ކާނާ ހުރެއެވެ.
ކަމާބެހޭ އިދާރާތަކުގެ ތާއީދު
އިނގިރޭސިވިލާތުގެ ފުޑް ސްޓޭންޑަޑްސް އެޖެންސީ (އެފް.އެސް.އޭ) އިން ބުނާ ގޮތުގައި، ‘ކްލޮސްޓްރިޑިއަމް ބޮޓިއުލިނަމް’ ކިޔާ ބެކްޓީރިއާއަކުން އުފެދޭ ވިހައެއްގެ ސަބަބުން ‘ބޮޓިއުލިޒަމް’ ކިޔާ ސީރިއަސް ބައްޔެއް ޖެހުމުގެ ފުރުސަތު އޮވެއެވެ. މިއީ އާންމުކޮށް ކާނާ ބަންދުކުރުމުގައި ނުވަތަ ރައްކާތެރިކުރުމުގައި ފަރުވާކުޑަވުމުން ދިމާވާ ކަމެކެވެ.
އެފް.އެސް.އޭ އިން ބުނާ ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހުންނަ މިންގަނޑު މަތިވުމުން މި ނުރައްކާ ކުޑަވި ނަމަވެސް، ވަކި ހާލަތްތަކެއްގައި ހުންނަ ދަޅުކާނާ ބޭނުން ނުކުރުމަށް އެ އިދާރާއިން ލަފާދެއެވެ.
ބޭނުންކުރުން އެންމެ ރަނގަޅު ނޫން ދަޅުތައް
ޑރ. ބައިބިންގް ޗެން ލަފާދެއްވާ ގޮތުގައި، ފިތިފައި ނުވަތަ ބަނޑިލާފައި ހުންނަ ދަޅުތަކާއި، އަދި ބޭރަށް ފުއްޕާފައި (ބަލްޖިންގ) ހުންނަ ދަޅުތަކުގައި ހުންނަ ކާނާ ބޭނުންކުރުމުން ދުރުހެލިވާން ޖެހެއެވެ. ސަބަބަކީ މިފަދަ ދަޅުތަކުގައި ނުރައްކާތެރި ‘ބޮޓިއުލިނަމް’ ވިހަ ހުރުމުގެ ފުރުސަތު އޮތުމެވެ.
މި ވިހައިގެ ސަބަބުން އިންސާނާގެ ނާރުތަކުގެ ނިޒާމަށް ގެއްލުންވެ، ވާގިނެތުމާއި، ލޮލުގެ ފެނުމަށް ބަދަލު އައުމާއި، ނޭވާލާން އުނދަގޫވުން ފަދަ ނުރައްކާތެރި މައްސަލަތައް ކުރިމަތިވެދާނެއެވެ. އަދި ހާލަތު ގޯސްވެއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވެދާނެއެވެ.
މި ވިހައަކީ އޭގެ ކުލައިން، ވަހުން ނުވަތަ ރަހައިން ވަކިކުރަން އެނގޭ އެއްޗެއް ނޫނެވެ. އެހެންކަމުން، ދަޅެއް ބަންދުކޮށްފައި ހުރި ގޮތާމެދު ނުވަތަ ބަހައްޓާފައި ހުރި ގޮތާމެދު ކުޑަވެސް ޝައްކެއް އުފެދޭ ނަމަ، އެ އެއްޗެއް ބޭނުންނުކޮށް އުކާލުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
