ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މި އަލާމާތްތަކަކީ ނާރުގެ މައްސަލަތަކެއް ހުރިކަން އަންގައިދޭ ކަންތައްތަކަށް ވެދާނެ!

ނާރުތަކަށް ގެއްލުންވުމުގެ މައްސަލައަކީ އާންމުކޮށް ވަރަށް މަޑުމަޑުން ކުރިމަތިވާ ކަމެކެވެ. މީގެ ސަބަބުން ފެންނަ ބައެއް އަލާމާތްތަކަކީ އާންމު ދިރިއުޅުމުގައި ގިނަ ބަޔަކަށް ފާހަގަނުކުރެވި ދޫކޮށްލެވޭ ކަންތައްތަކެކެވެ.

“ޕްރިވެންޝަން” މަޖައްލާގައިވާ ގޮތުން، ތަޖުރިބާކާރުން އިރުޝާދު ދެއްވާ ބައެއް ނުރައްކަލުގެ ނިޝާންތަކެއް ތިރީގައި އެވަނީއެވެ. މިފަދަ ކަމެއް ފާހަގަވާނަމަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

ނާރުތަކަށް ގެއްލުންވުން ކުރިމަތިވަނީ މަޑުމަޑުން
ނާރުގެ ބަލިތަކާ ބެހޭ މާހިރުން (ނިއުރޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ނާރުތަކަށް ގެއްލުންވުމުގެ މައްސަލަ އާންމުކޮށް ކުރިމަތިވަނީ ދިގު މުއްދަތަކުންނެވެ. މީގެ ސަބަބުން ހަށިގަނޑުން ނުބައި ސިގްނަލްތައް ފޮނުވުމަށް މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން، ސާފު ސަބަބެއް ނެތި ހަށިގަނޑުގައި ރިއްސުން ނުވަތަ އިހުސާސް ކުރެވެންޖެހޭ ކަންކަން ދެނެގަތުމަށް ދަތިވުން ފަދަ ކަންކަން ދިމާވެއެވެ.

ހަކުރު ބަލި
މިފަދަ ނާރުގެ ބަލިތަކަށް “ނިއުރޯޕެތީ” އޭ ކިޔެއެވެ. މިއީ ސިކުނޑިއާއި މައިބަދައިގެ ނާރުތަކުން ބޭރުގައިވާ ނާރުތަކަށް (ޕެރިފެރަލް ނާރުތަކަށް) ޖެހޭ ބައްޔެކެވެ. މިއީ ހަކުރު ބަލީގެ ސަބަބުން ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑަށް ލިބޭ އަނިޔާ، އިންފެކްޝަން، ވިޓަމިން މަދުވުން، ދިފާއީ ނިޒާމުގެ ބަލިތައް އަދި ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް ނާރުތަކަށް ގެއްލުންވެދާނެއެވެ.

އައްސިވުމާއި ކަށިޖަހާ ފަދަ އިހުސާސްވުން
އަތްފައިގައި ކަށިޖަހާ ފަދަ އިހުސާސްވުން، ދިލަނެގުން ނުވަތަ އައްސިވުމަކީ ނާރުތަކަށް ގެއްލުންވާން ފެށުމުގެ ކުރީކޮޅުގެ އަލާމާތްތަކެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް މި އަލާމާތްތައް އަތާއި ފައިގެ މަތީ ބައިތަކަށް ފެތުރިގެންދެއެވެ.

ވަގުތީ ގޮތުން އައްސިވުމަކީ އަބަދު ސީރިއަސް ކަމެއް ނޫން
ނިދާފައި އޮންނައިރު ނާރަކަށް ފިތިގެން ވަގުތީ ގޮތުން އައްސިވުމަކީ އާންމު ކަމެކެވެ. ނަމަވެސް، އެ އިހުސާސް ކެނޑިގެން ނުދާނަމަ އެއީ ނާރުތަކަށް ގެއްލުންވެފައި ހުރިކަމުގެ ނިޝާނަކަށް ވެދާނެއެވެ.

މިވެސް ކިޔާލަން:  ޖިންސީގުޅުމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުޔެއް ލިބިދާނެ ހެއްޔެވެ؟

އާންމުކޮށް ކުދިކުދި އަނިޔާވުން
އާންމު ހާލަތުގައި ހަށިގަނޑަށް އިހުސާސްވާ ކަންކަމުގެ އެހީގައި ހޫނު އެއްޗިއްސާއި، ތޫނު އެއްޗިއްސާއި، އެނޫންވެސް ނުރައްކާތެރި ކަންކަން ދެނެގަނެވެއެވެ. ނަމަވެސް ނާރުތަކުގެ މަސައްކަތް ހުއްޓުމުން، ނުރައްކާ ދެނެގަނެވުމުގެ ކުރިން އަމިއްލައަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވެއެވެ.

މަސްތަކުގެ ބާރުދެރަވުން
ހަށިގަނޑު ހަރަކާތްތެރި ކުރުވާ ނާރުތަކަށް (މޯޓާ ނާރުތަކަށް) ގެއްލުންވުމުން މަސްތަކުގެ ބާރުދެރަވެއެވެ. ބައެއް ހާލަތްތަކުގައި ވާގިނެތުމުގެ މައްސަލަ ވެސް ކުރިމަތިވެދާނެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތައް ހަރަކާތްތެރި ކުރުވުމަށް އުނދަގޫވެއެވެ.

އުނަގަނޑާއި ފައިގައި ރިއްސުން
އުނަގަނޑުގެ ތިރީގައި ގަދައަށް ރިއްސައި، އެ ރިހުން ފައިގެ ތިރިއަށް ފެތުރޭނަމަ އެއީ “ސަޔާޓިކާ” ކަމަށް ވެދާނެއެވެ. މިއީ ސަޔާޓިކް ނާރަށް ފިތިގެން ނުވަތަ ގެއްލުންވެގެން ދިމާވާ ކަމެކެވެ.

ހަށިގަނޑުގެ ބެލެންސް ދަށްވުން
ނާރުތަކަށް ގެއްލުންވުމުން، ފައިގެ ކޮޅު ހުރި ގޮތް އިހުސާސް ކުރުމުގެ ގާބިލުކަން ހަށިގަނޑަށް ގެއްލެއެވެ. މީގެ ސަބަބުން ހިނގާއިރު ހަމަހިފަހައްޓަން އުނދަގޫވެ، ވެއްޓުމުގެ ފުރުސަތު ބޮޑުވެއެވެ.

ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް އިތުރުވުން
ނާރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން މަސާނާއާއި ސިކުނޑިއާ ދެމެދު ފޮނުވާ ސިގްނަލްތަކަށް ބުރޫއަރައެވެ. މީގެ ސަބަބުން ގިނަގިނައިން ކުޑަކަމުދާން ޖެހުން، ކުޑަކަމުދާ އެއްޗެހި ހިފަހައްޓަން އުނދަގޫވުން ނުވަތަ މަސާނާ އެއްކޮށް ހުސްނުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

ކުރު، ނަމަވެސް ވަރުގަދައަށް ބޮލުގައި ރިއްސުން
ކަރުގެ މައި ނާރަކަށް ފިތުމުން، ކަރަންޓު ޝޮކެއް ޖެހޭ ފަދަ ގަދަ ބޮލުގެ ރިހުމެއް އަތުވެދާނެއެވެ. މިއަށް ކިޔަނީ “އޮކްސިޕިޓަލް ނިއުރަލްޖިއާ” އެވެ. މީގެ ސަބަބުން ތޫނު ތަދެއް ނުވަތަ ކަށިޖަހާ ފަދަ އިހުސާސެއް ކުރެވެއެވެ.

މިވެސް ކިޔާލަން:  ބަނޑުހައިވީމަ ބޮލުގައި ރިއްސާތަ؟

ދާހިއްލާ މިންވަރަށް ބަދަލު އައުން
ހަށިގަނޑުން ދާ އުފައްދާ މިންވަރު ކޮންޓްރޯލް ކުރުމުގައި ނާރުތައް މުހިންމު ދައުރެއް އަދާކުރެއެވެ. ނާރުތަކަށް ގެއްލުންވެއްޖެނަމަ، އާދަޔާ ހިލާފަށް ގިނައިން ނުވަތަ މަދުން ދާހިއްލާ ގޮތްވެއެވެ.

ހަށިގަނޑުގެ ހޫނުމިން ބަދަލުވުން
ސިކުނޑިއާއި ދާބޭރުކުރާ ގްލޭންޑްތަކާ ދެމެދު މުއާމަލާތްކުރާ ނާރުތަކަށް އަސަރުކުރުމުން، ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ދަތިވެއެވެ.

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top