ޑާކް ރެއިން އެންޓަޓެއިންމެންޓާއި ޓްރޮޕިކަލް ރެއިން އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ އާ ފިލްމު “މަގޭ ބިޓުގެ ވެޑިން” ގެ ޓިކެޓް މިއަދު ރަސްމީކޮށް ވިއްކަން ފަށައިފިއެވެ.
މިއަދު ހަވީރު 04:00 އިން ފެށިގެން މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް 9911229 މި ނަންބަރަށް ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފިލްމު އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
“މަގޭ ބިޓުގެ ވެޑިން” އަކީ ކުޅަދާނަ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުގެ ޕްރޮޑަކްޝަނެކެވެ. މީގެ އިތުރުން މި ފިލްމު ޕްރޮޑިއުސް ކުރުމުގައި ކައިލީން މުހައްމަދު އަލީ ވެސް ވަނީ ބައިވެރިވެފައެވެ. ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރޮމޯޓް ކުރަމުން ދަނީ މިހާތަނަށް ދިވެހި ސިނަމާއިން ފެންނާނެ އެންމެ “ހަލަބޮލި” ނުވަތަ އެންމެ “ކެއޯޓިކް” ލޯބީގެ މަޖާ މުނިފޫހިފިލުވުމުގެ ގޮތުގައެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރި ޝަރަފް އަބްދުﷲ އާއި ފާތިމަތު ރާޔާ އަބްދުﷲ އެވެ. މީގެ އިތުރުން ދިވެހިންގެ މެދުގައި މަގުބޫލު ކޮމޭޑިއަން ޝާފިއު އިބްރާހީމް (ފުބޫ)، ތަޖުރިބާކާރު މަޝްހޫރު ބަތަލާ ޝީލާ ނަޖީބް އަދި އަހުމަދު ސައީދު ވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ހާޒިފް މުހައްމަދު، އާމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝާން ހިމެނެއެވެ.
ފަންނީ ގޮތުން ބަލާއިރު، މި ފިލްމުގެ ސިނަމަޓޯގްރަފީ ހަދާފައިވަނީ އަހުމަދު ޒިފާފެވެ. އަދި ފިލްމުގެ އެޑިޓިން މަސައްކަތް ކޮށްފައިވަނީ ދިވެހި ފިލްމީ ދާއިރާގެ ކުޅަދާނަ ޑައިރެކްޓަރު އަދި އެޑިޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. މަޖާ އަދި ލޯބީގެ ގިނަ ހާދިސާތަކެއް އެކުލެވޭ މި ފިލްމަކީ ގިނަ ބެލުންތެރިންތަކެއް މިހާރު ވެސް އިންތިޒާރު ކުރަމުން އަންނަ އުފެއްދުމެކެވެ.
