ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހިންނަވަރު ޗެމްޕިއަންކަން ހޯދައިފި
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ޅ. އަތޮޅުގެ ޗެމްޕިއަންކަން ހިންނަވަރު ހޯދައިފި އެވެ. މި އަތޮޅު މުބާރާތުގައި ބައިވެރިވެފައިވަނީ ދެ ޓީމު ކަމަށްވާތީ މި އަތޮޅުގައި ކުޅެފައިވަނީ އަތޮޅު ޗެމްޕިއަން ކަނޑައެޅުމަށް ކުޅެވުނު ފައިނަލް މެޗު އެކަންޏެވެ.

މި އަތޮޅުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކުރީ ހިންނަވަރާއި ނައިފަރެވެ. މި މެޗު ކުޅެފައިވަނީ ހިންނަވަރު ދަނޑުގަ އެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ހިންނަވަރުން ނެވެ. އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކެއް ނައިފަރުން ދިފާއުކޮށްފައި ވާއިރު، އެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި، މެޗުގެ ފަސްވަނަ މިނިޓްގައި އަޙްމަދު އަޝްރަފް ޖަހައިދިން ލަނޑުން ހިންނަވަރުން ލީޑު ނެގި އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނައިފަރުން ލަނޑު ޖެހީ 11 ވަނަ މިނިޓްގަ އެވެ. ނައިފަރު ކުޅުންތެރިއަކު ކުރިޔަށް ޖައްސާލި ބޯޅަ ހިފައިގެން ކުރިޔަށް އަރައި، ކީޕަރު ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އަތުވާން ޢަލީ އެވެ.

މިވެސް ކިޔާލަން:  އެޕިސޯޑް 03- މޯލްޑިވިއަން އައިޑަލް ސީޒަން 03

މި ލަނޑަށްފަހު ރަނގަޅަށް ކުޅުނީ ނައިފަރުން ނެވެ. އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރި ނަމަވެސް ލަނޑެއް ޖެހޭގޮތެއް ނުވި އެވެ.

ހާފުގެ ފަހުކޮޅު ހިންނަވަރުން އިތުރު ހިތްވަރެއްލައި ކުޅުން ރަނގަޅުކުރި އެވެ. އަދި ދެވަނަ ފަހަރަށް ލީޑު ނެގުމަށް ކުރަމުން ދިޔަ މަސައްކަތް އިތުރުކުރި އެވެ. މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ހިންނަވަރަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަޙްމަދު އަޝްރަފް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ނައިފަރު ކުޅުންތެރިއަކު އެ ޓީމުގެ އޭރިޔާ ތެރެއިން ފޮނުވާލަން މަސައްކަތްކުރި ބޯޅައެއް ހޯދައި، އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ. އަތޮޅު ޗެމްޕިއަންކަން ހޯދުމަށްޓަކައި ދެ ޓީމުން ވެސް ވަނީ ކުރީ ހާފަށްވުރެ ރަނގަޅަށް ކުޅެ އިތުރު ހިތްވަރެއް ކޮށްފަ އެވެ. ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ހިންނަވަރުން އިސްކަން ދިންއިރު، އިތުރު ލަނޑެއް ޖެހުމަށް ވެސް އެ ޓީމުން ވަނީ މަސައްކަތް ކޮށްފަ އެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ނައިފަރުން ގިނަ މަސައްކަތްތަކެއްކޮށް، ފުރުސަތުތަކެއް ފަހިކުރި ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

މިވެސް ކިޔާލަން:  11 ވަނަ މެޗުން ބިނާރާ، 12 ވަނަ މެޗުން އެމްއެމްއޭ މޮޅުވެއްޖެ

2-1 އިން މެޗު ކާމިޔާބުކޮށް ޅ. އަތޮޅުގެ ޗެމްޕިއަންކަން ހިންނަވަރު ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިންނަވަރު ޓީމުގެ އަޙްމަދު އަޝްރަފް އެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top