ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެންމެ ފުރިހަމައަށް ވީޑިއޯ ފިލްމާއި ޑޮކިއުމެންޓްރީ އުފައްދަމުން އަންނަ ފަންނުވެރިޔާ އަޙްމަދު މުޙައްމަދު ދީދީ (ޑީޑީ / އަހަންމާ) ގެ އާ އުފެއްދުން “އަރާމަގު ދޮންކަމަނަ” ޢާންމުކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް ޔޫޓިއުބް މެދުވެރިކޮށް ރޭ ރިލީޒްކުރި މި ކުރު ފިލްމާއެކު، ދިވެހީންގެ ޒަމާންވީ އަދަބީ ތާރީޚުގެ މުހިންމު ސޮފްޙާއެއް އަނެއްކާވެސް މިވަނީ ދިރުން ލިބިގެން ގޮސްފައެވެ.
1980 ގެ އަހަރުތަކުގައި ޓީވީ މޯލްޑިވްސުން ގެނެސްދިން
“ހަންޑި ގަނޑުވަރު ދޮންކަމަނަ” އަކީ އެދުވަސްވަރު ދިވެހީންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދި ފާހަގަކޮށްލެވޭ ޑްރާމާއެކެވެ. މަޝްހޫރު ފަންނާނުން ކަމަށްވާ ކަށިމާ އަޙްމަދު ޝާކިރާއި މަރިޔަމް ޢަލީގެ މޮޅު ހުނަރު ފެނިގެންދިޔަ އެ ޑްރާމާއަކީ ކާށިދޫގައި އިހުޒަމާނުގައި ހިނގައިދިޔަކަމަށް ބުނާ އާދަޔާޚިލާފު ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފެއްދި މަސައްކަތެކެވެ. މީގެ ސާޅީހަކަށް އަހަރު ކުރިން އުފެއްދި އެ ޑްރާމާގެ އެކްޓިންގ އަދި ޑައިރެކްޝަނަކީ އޭރުވެސް ގިނަ ބައެއްގެ ތަޢުރީފު ލިބުނު ކަންކަމެވެ. ނަމަވެސް އެ ޑްރާމާ މިހާރު އެއްވެސް މަންސައަކުން ފެންނަން ނެތުމުގެ ސަބަބުން، މި ޒަމާނުގެ ޖީލުތަކަށް އެ ވާހަކަ ވަނީ ބީރައްޓެހި ވެފައެވެ.
އައު ޖީލަށް ޒަމާނީ ފެންވަރެއްގައި
އެހެންނަމަވެސް، ކާށިދޫ ދޮން އަހައްމަދާއި ދޮންކަމަނަގެ މި ޝައުޤުވެރި ލޯބީގެ ވާހަކަ އަލުން ދިރުވައި، ޒަމާނީ ފެންވަރެއްގައި މި ޖީލަށް ގެނެސްދިނީ ޑީޑީގެ “އަރާމަގު ދޮންކަމަނަ” އިންނެވެ. އޭއައި ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށްފައިވާ 27 މިނެޓުގެ މި ކުރު ފިލްމުގައި، ކެރެކްޓަރުތައް ދަމަހައްޓައި މާހައުލު ސިފަކޮށްދިނުމަށް ކޮށްފައިވާ ބުރަ މަސައްކަތް ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ. ވާހަކަ ކިޔައިދިނުމުގެ އުސްލޫބާއި، މަންޒަރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ މިޔުޒިކާއި ހުށަހެޅުންތެރިކަމުން ބެލުންތެރިންގެ ހިތްތައް ވަނީ އަތުލައިގެންފައެވެ. އޭއައި މެދުވެރިކޮށް ކޮންމެ މަންޒަރެއް އެހާ ފުރިހަމައަށް ބައްޓަންކުރުމަށް ކޮށްފައިވާ ބުރަ މަސައްކަތް މި ފިލްމުން ސާފުކޮށް ހާމަވެއެވެ.
ދިވެހި ސަގާފަތާއި ތާރީޚީ މިފަދަ އަގުހުރި ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިލުކޮށްދިނުމަށް އަހަންމާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފުކުރަމުންނެވެ. “އަރާމަގު ދޮންކަމަނަ” އަކީ ބަލާލަން ހޭދަކޮށްލާ ބައިގަޑިއެއްހާއިރުގެ ވަގުތު ބޭކާރު ނުވާނެ ފަދަ، ދިވެހި ފަންނުވެރިކަމުގެ ތަފާތު އަދި ފުރިހަމަ އުފެއްދުމެކެވެ.
