ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ސައްބީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

“އާފިޔާ. އަހަރެން ކަމަކަށް ނިންމައިފިއްޔާ ފަހަތަށް ނުޖެހޭނެކަން ކަލެއަށް އެނގެއެއްނު. އެހެންވީމަ ތިކަން ހުއްޓާލާ. އަދި އެނގޭތަ ޒޯޔާގެ ހާލަތު ގޯސްވި ރާގު އަޑު އިވުނީ ކޮންތާކުންކަން؟ މި ހުރިހާ ކަމެއް ދިމާވީ އެހެންވެ.” ނަސީރު ވާހަކަ މެދުކަނޑާލިއެވެ.

“ކޮންތާކުން؟” އާފިޔާގެ ސަމާލުކަން ނަސީރު އެންމެ ފަހުން އެ ދެއްކި ވާހަކައަށް ހުއްޓެން ސިކުންތުކޮޅެއްވެސް ނުނަގައެވެ.

“އެނގެއެއްނު ރަތް ޓީޝާޓު. އަޔާން. އޭނަގެ އާޓް ގެލެރީގައި ގިޓައިން އެ ރާގު ކުޅެނިކޮށް އިއްތިފާޤުން ޒޯޔާއަށް އަޑުއިވުނީ. އާފިޔާ. އަހަރެން ފަހުން ގުޅާނަން. މިހާރު މިއިނީ ކާރު ދުއްވަން. އިރުއިރުކޮޅާ ނުގުޅާތި.” އެހެން ބުނުމަށްފަހު ޒޯޔާއަށް ފޯނު ކަނޑާލުމަށް އިޝާރާތްކުރިއެވެ.

“މަން..” ޒޯޔާއަށް އެއްޗެކޭ ނުބުނެވެނީސް އާފިޔާ ފޯނު ކަނޑާލައިފިއެވެ. ޒޯޔާއަށް ފުން ނޭވައެއް ދޫކޮށްލަމުން ނަސީރަށް ބަލައިލެވުނެވެ.

“ބައްޕާ. މަންމަ ގާތު އެވާހަކަ ބުނަންވޭތަ؟ މިހާރު ހުންނާނީ އެ ރަތް ޓީޝާޓުދެކެ ރުޅިއައިސްފައި. އޭނަ އެ ރާގު ކުޅުނަސް ވީ ކީއް؟ މިފަހަރު އޭނަ އަހަންނަށް އުނދަގޫ ކުރާކަށް ނޫޅޭ. އަހަންނަށް އުނދަގޫވީ އެ ރާގުގެ ސަބަބުން. ރާގު ކުޅުނު މީހާގެ ސަބަބަކުން ނޫން.” ޒޯޔާ ބުނެލިއެވެ.

ނަސީރުގެ ހިތަށް އެރިއެވެ. ދަރިފުޅު ތިހެން ތި ބުނަނީ ހަޤީޤަތް އެއްވެސް ވަރަކަށް ނޭނގޭތީއެވެ. އަޔާންގެ ގަސްދަކީ ދަރިފުޅަށް އުނދަގޫކުރުން ނޫން ކަމަށް ވިޔަސް ނޭނގުމުގެ ތެރޭގައި އޭނައަށް ދަރިފުޅު އެ ގެންދެވެނީ މާޒީއަށެވެ. އެފަދަ ގޮތަކަށް ދަރިފުޅާ މާޒީ ބައްދަލުކުރުމަކީ ނުރައްކަލަކަށް ވެދާނެ ކަމެކެވެ. ދަރިފުޅު ޑޮކްޓަރު ގާތަށް މި ގެންދަނީ އެހެންވެގެންނެވެ. އެފަދަ ކަންތައްތަކުން ދަރިފުޅަށް އުނދަގޫ ނުވާނެހެން ފަރުވާ ކުރެވޭނެ ގޮތް ޑޮކްޓަރަށް ފަހި ކުރެވޭނެ ގޮތް ހެދުމަށެވެ.

“ބައްޕާ. އަހަރެން މި ދައްކާ ވާހަކަ އެބަ އަޑުއަހަންތަ؟” ނަސީރުގެ އެއްވެސް ޖަވާބެއް ނުލިބުމުން ޒޯޔާ އެހިއެވެ.

“އާނ. އެބަ އަޑު އަހަން. އަދި ވިސްނިއްޖެ.” ނަސީރު ބުނެލިއެވެ.

*****

ހޮސްޕިޓަލް ކައިރިއަށް ކާރު މަޑުކޮށްލުމާއެކު އަޔާންއާއެކު އަފްޒާ ފޭބިއެވެ. ރިޔާޒް ދިޔައީ ކާރު ޕާކްކުރާށެވެ. އަޔާންއަށްވުރެ ކުރިން ޑޮކްޓަރާއި ބައްދަލުކޮށް މަޝްވަރާކޮށްލުމަށް ރާވައިގެން އެޕޮއިންޓްމެންޓް ހެއްދި ނަމަވެސް ގެއިން ނުކުންނަން އުޅުނު ވަގުތު އަޔާންގެ ކިބައިން ސަލާމަތެއް ނުވެވުނެވެ. އެމީހުން އޮޅުވާލަން އުޅުނު ނަމަވެސް އަޔާންއަށް އެކަން ފާހަގަވެ ދޫނުކުރީއެވެ.

ހޮސްޕިޓަލަށް ވަންނަން ދިޔަ ވަގުތު އެމީހުންގެ ފަހަތަށް މަޑުކޮށްލި ކާރުން ފޭބި ޒޯޔާއެއް އެމީހުންނަކަށް ނުފެނެއެވެ. ކާރު ޕާކްކޮށްފައި އައި ނަސީރާއެކު ޒޯޔާ ވަދެގެން ދިޔައެވެ. ލިފްޓްގެ އިންތިޒާރުގައި ހުރި އަޔާންގެ ނަޒަރު އަނެއް ފަރާތަށް ހުއްޓުނު ވަގުތަކީ އެ ލިފްޓްގެ ދޮރު ހުޅުވުނު ވަގުތެވެ. ޑޮކްޓަރާ ބައްދަލުކުރުމަށް ކެތްމަދުވެފައިވާ އަޔާންއަށް ލިފްޓަށް ވަދެވުނީ އޭނައަށް ޖާގައެއް ނުލިބިދާނެ ފަދަ ގޮތަކަށެވެ. ފަހަތުން ވަތް އަފްޒާއާއި ރިޔާޒަށް އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލެވުނު ނަމަވެސް އެ ދެމީހުންގެ ހިތުގައިވެސް ނުތަނަވަސްކަމެއް ވިއެވެ.

މިވެސް ކިޔާލަން:  ބޮސްދޭހާ ލޯބިވޭ

އެމީހުންނަށް ދާންވީ ފަންގިފިލައަށް ދެވުނުއިރު އެމީހުންގެ ނަންބަރެއް އަދި ނުޖެހެއެވެ. އަޔާންގެ އިންތިޒާރު އަނެއްކާވެސް ދިގުވީއެވެ. ކޮންމެ ސިކުންތެއް އޭނައަށް ހީވަނީ ގަޑިއިރެއްހެންނެވެ. ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު މަޑުކުރުމަށްފަހު އޭނާ ކައުންޓަރަށް ގޮސް ސުވާލުކުރިއެވެ. އޭނާގެ ނަންބަރުގެ ކުރިން އަދި ދެ ނަންބަރު އޮތްކަން އެނގުމުން އޭނާއަށް އެއްވެސް ގަސްދަކާ ނުލައި ޕިސްޖަހާލެވުނެވެ.

ރިޔާޒް އަޔާން ގޮވައިގެން ކެންޓީނަށް ދިޔަ ވަގުތަކީ ޒޯޔާ އާއި ނަސީރު އެ ފަންގިފިލައަށް އައި ވަގުތެވެ. އެވަގުތު ނަސީރުގެ ފޯނު އަނެއްކާވެސް ވައިބްރޭޓްވިއެވެ. ގުޅަނީ އާފިޔާއެވެ. އޭނާ ފޯނު ލޮކް ކޮށްލާފައި ޖީބަށް ލިއެވެ. އޭރު އެމީހުންގެ ނަންބަރު ޖެހުމުން ޒޯޔާ ގޮވައިގެން ގޮސް ވަނެވެ.

“ޒޯޔާ!؟” އަފްޒާއަށް އެމީހުން ފެނުނީ ޑޮކްޓަރުގެ ކޮޓަރިއަށް ވަންނަނިކޮށް ފަހަތުން ކުޑަކުޑަކޮށެވެ. އެހެންކަމުން އޭނާއަށް އެއީ ޒޯޔާމެން ކަމެއް ޔަޤީނެއް ނުވިއެވެ.

“ކިހިނެއްވީ؟” ފައިސަލް އަހާލިއެވެ.

“އިއްޔެގައި ދިމާވި ކަންތަކާ ގުޅިގެން ވާހަކަދައްކާލަން ބޭނުންވީ. އަދި ޑޮކްޓަރަށް އެނގެން ޖެހޭ ވަރަށް މުހިންމު..”

އެވަގުތު ފައިސަލްގެ ފޯނަށް އާފިޔާ ގުޅިއެވެ. ފައިސަލް ފޯނުގެ ރިންގު ކަނޑާލާފައި މޭޒުމަތީ ބޭއްވިއެވެ. ފޯނު ނުނެގުމުން ދެން އައީ މެސެޖެކެވެ. “އާޖެންޓް” ޖަހާފައި އޮތްތަން ފެނުމުން ފައިސަލްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

“އެއް މިނެޓު.” ނަސީރުގެ ހުއްދައަށް އެދެމުން ފައިސަލް ފޯނަށް ޖަވާބު ދިނެވެ.

“ކީކޭ ދައްތާ؟”

“ފައިސަލް. ވަރަށް ބޮޑަށް ސޮރީ މިގަޑީގައި ޑިއުޓީގައި އުޅެނިކޮށް ގުޅާ އުނދަގޫ ކުރެވުނީމަ. ނަސީރު ގޮސްފިތަ؟” އާފިޔާގެ ސުވާލުން ފައިސަލްއަށް ނަސީރަށް ބަލައިލެވުނެވެ.

“އާނ. މިތިބީ.”

“ވަރަށް އަވަހަށް ނަސީރު އަތަށް ފޯނު ދެވިދާނެތަ؟ އޭނަ ފޯނެއް ނުނަގާ. މިވަގުތު މިވާހަކަ ބުނުން ވަރަށް މުހިންމު.” އާފިޔާގެ ކަންބޮޑުވެފައިވާ އަޑު އިވުމުން ފައިސަލް ނަސީރު އަތަށް އޭނާގެ ފޯނު ދިނެވެ.

ނަސީރު ފޯނުގައި ހިފަމުން އެބަ އަންނަން ކަމަށް ބުނެފައި ބޭރަށް ނުކުތެވެ. ދިހަވަރަކަށް މިނެޓު ފަހުން އޭނާ އެނބުރި އައިއިރު ފެންނަ ފެނުމަށް ބަދަލެއް ނައި ކަމުގައިވިޔަސް އޭނާއަށް ހުރީ ބޮޑު ބަދަލެއް އައިސްފައެވެ. އޭނާގެ ވިސްނުމަށެވެ. އާފިޔާ ޒޯޔާއާ ބެހޭގޮތުން ދެއްކި ވާހަކަތަކުން އޭނާގެ ވިސްނުން މުޅިން އަނބުރާލީއެވެ. ލޯބިވާ ދަރިފުޅުގެ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރު އޭނާގެ ހިތުގައި މާ ބޮޑުވީއެވެ.

މިވެސް ކިޔާލަން:  ނުފިލާ ރިހުން - ފަހު ބައި

“ކޮބާ ހުރިހާ ކަމެއް ރަނގަޅުތަ؟” ނަސީރު އައިސް ފޯނު ދިއްކޮށްލުމުން ފައިސަލް އެހިއެވެ. ނަސީރު ބޯޖަހާލިއެވެ.

“އާނ. ކީކޭތަ އޭރު ބުނަން އުޅުނީ؟” ފައިސަލް އެހިއެވެ.

“ޒޯޔާ ކެފޭއަށް ދާން އުޅޭތީ. އިއްޔެގައި ވީގޮތުން އޭގައި އެއްވެސް ކަހަލަ މައްސަލައެއް އެބައޮތްތޯ ބަލާލަން ބޭނުންވީ.” ނަސީރު ބުނެލިއެވެ. ޒޯޔާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

“ބައްޕާ. ތިވާހަކަ އަހާލެވުނީހެއްނު ފޯނުން ގުޅާލާފައިވެސް.” ޒޯޔާ ނަސީރަށް ބަލައިލަމުން ބުނެލިއެވެ.

“ކުރިންވެސް ބުނީމެއްނު ދަރިފުޅުގެ ސިއްޙަތު ކޮމްޕްރޮމައިޒެއް ނުކުރެވޭނެޔޭ. ޑޮކްޓަރަށް ފެނުނީމަ ރަނގަޅު ޖަވާބެއް ދޭން އެނގޭނީ.” ނަސީރު ޒޯޔާއަށް ބަލައިލާފައި ހިނިތުންވެލިއެވެ.

“އާނ. ދެންމެ ބޭބެ ބޭރަށް ދިޔަ ވަގުތު ޒޯޔާއާ ވާހަކަ ދައްކާލައިފިން. އެއްވެސް ކަހަލަ އުނދަގުލެއް ކަމެއް ނެތް ކަމަށް ޒޯޔާ ބުނެފި. އެހެންވީމަ ޒޯޔާ ކެފޭއަށް ދިއުމުގައި ހަމަ އެއްވެސް މައްސަލައެއް ނެތް.” ފައިސަލް ބުންޏެވެ.

*****

ކެންޓީނުން އައި އަޔާންއަށް ލެއްޕެމުން ދިޔަ ލިފްޓްގެ ތެރެއިން ފެނުނީ ޒޯޔާހެން ހީވިއެވެ. ނަމަވެސް އޭނައަށް މާ ރަނގަޅަށް ޔަޤީން ނުވާތީ އޭނާ އެވާހަކައެއް ނުދައްކައެވެ. އޭނާގެ ނަންބަރު ޖެހެން އޭރުވެސް އެއް ނަންބަރު އޮތެވެ. އޭނާ ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން ދަނިކޮށް އެ އިންތިޒާރަށް ނިމުމެއް އައި ވަގުތު އޭނާގެ ނަންބަރު ކެންސަލްވިކަން އެނގުމުން އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ.

“ވިސްނޭތޯ މަސައްކަތްކޮށްބަލަ. އަހަރެން މިއަދު ޑޮކްޓަރާ ބައްދަލުކުރުން ވަރަށް މުހިންމު.” އަޑުގަދަކޮށް ރުޅިއައިސްގެން ވާހަކަ ނުދެއްކި ނަމަވެސް އޭނާ ކައުންޓަރުގައި އިން އަންހެން ކުއްޖާއާ ވާހަކަ ދެއްކިއެވެ.

“ވަރަށް ބޮޑަށް ސޮރީ. ޑޮކްޓަރަށް އެމަޖެންސީ ކޭސްއެއް އައިސްގެން އޮޕަރޭޝަނަކަށް ދާން ޖެހުނީ. މިއަދު ދެން ޑޮކްޓަރު ބައްލަވާނެ އިރެއް އަދި ދަންނަވާކަށް ނޭނގެ. ބޭނުންފުޅިއްޔާ މާދަމައަށް އެޕޮއިންޓްމެންޓް ހައްދާލެވޭނެ.” ކައުންޓަރުގައި އިން ކުއްޖާ ވަރަށް އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު ބުންޏެވެ.

“އެކަމަކު މިއަދު..”

“އަޔާން. ދެން ހިނގާ މިއަދު ދާން. އެމަޖެންސީއެއް އެއީ. އެ ކޭސްގައި ޑޮކްޓަރު ހޭދަވާނީ ކިހާ އިރެއް ކަމެއް ނޭނގެ. މާދަމާ އަންނާނީ ދެން.” އަފްޒާ އަޔާން ހަމައަކަށް އެޅުވިއެވެ. އަދި އަޔާން ގޮވައިގެން ލިފްޓާއި ދިމާއަށް ދިޔައެވެ. އަނެއް ދުވަހަށް އެޕޮއިންޓްމެންޓް ހައްދާފައި ރިޔާޒް ދިޔައީ މިއަދު ޑޮކްޓަރު އަދި ބައްލަވާނަމަ އޭނައަށް ގުޅާލަދިނުމަށް އެދިފައެވެ.

*****

ނަސީރު އޮފީހަށް ދިޔައީ ޒޯޔާ ކެފޭއަށް ލާފައެވެ. ނަސީރު ދިޔުމުން އޭނާ އަޔާންގެ ގެލެރީއަށް ބަލަން އިރުކޮޅަކު މަޑުކޮށްލިއެވެ. އިއްޔެ އެ އިވުނު ރާގުގެ ހަނދާންވުމުން އޭނާ އަވަސްއަވަހަށް ގޮސް ކެފޭއަށް ވަނެވެ.

މިވެސް ކިޔާލަން:  އަންހެނަކު އޭނާގެ އަމިއްލަ ޖަނާޒާއަށް! - ފުރަތަމަ ބައި

މާޔޫސްވެފައި ހުރެ ގެލެރީއަށް އައި އަޔާންއަށް ގެލެރީ ހުޅުވުމަށް ޒީނަތްތެރިކޮށްފައިވާ ގޮތް ފެނުމުން އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެތަން ތައްޔާރުކޮށްފައިވާ ގޮތާއިމެދު އޭނާ ވަރަށް ހިތްހަމަޖެހުނެވެ. އޭނާ އަފްޒާއަށް ޝުކުރު އަދާކުރިއެވެ.

“ޝުކުރު އަދާކުރަންވީ އަހަންނަކަށް ނޫނޭ. ނަތާއަށް. އޭނަ އަމިއްލައަށޭ މި ހުރިހާ ކަމެއް ކުރީ.” އަފްޒާ ނަތާޝާއަށް ހިނިތުންވެލަމުން އަޔާންއަށް ބުނެލިއެވެ.

“އެހެންތަ؟ އަހަންނަށްޓަކައި ކޮށްދިން ކަމެއްތަ؟ އަހަންނަކަށް ނޭނގެ ނަތާ އަހަރެންދެކެ ތިހާ ލޯބިވާކަމެއް.” އަޔާން ނަތާޝާއާ ސަމާސާކޮށްލިއެވެ.

“ހޫމް. ފްލާޓިސްޓް. މީ އަހަރެން އަޔާންއަށް ކޮށްދިން ކަމެއް ނޫން. ފަހަރިއަށް ކޮށްދިން ކަމެއް.” ނަތާޝާ ބުނެލިއެވެ.

“ހޫނ ދެން އެންމެ ރަނގަޅޭ. މި ދެމީހުންވެސް އެއްތަން ވެއްޖެއްޔާ އަބަދުވެސް އެކަހަލަ ކޫސަނި ޒުވާބެއް ކުރާނީ. އަޔާން ދޭބަލަ އަދިވެސް ރަނގަޅަށް ބަލައިލަން، އިތުރު ކަމެއް ކުރަން އޮތްތޯ.” އަފްޒާ އެހެން ބުނެ އަޔާން އެތެރެއަށް ފޮނުވާލިއެވެ.

އެއްލި ކަޅިއަކުން އަފްޒާއަށް ކެފޭގެ ކައުންޓަރުގައި އިން ޒޯޔާ ފެނުނެވެ. އޭނާގެ ހިތުގައި ހިނގާލި ޚިޔާލާއެކު އޭނާ ނަތާޝާއާ ވާހަކަދެއްކިއެވެ.

“ނަތާ. އަހަރެން ހިތަށް އަރަނީ ގެލެރީ ހުޅުވާއިރު އަހަރެމެން ބޮޑު ހަފުލާއެއް ނުބޭއްވިޔަސް މިތާ ކައިރީގައި މިއުޅޭ މީހުންނަށް ދަޢުވަތު ދިނުން ކިހިނެއްވާނެހޭ.” އަފްޒާ ބުނެލިއެވެ.

“ފަހަރީ. ތީ ވަރަށް ރަނގަޅު ޚިޔާލެއް. އަހަރެން މިދަނީ ތިކަމާ.” ނަތާޝާ ދާން ހިނގައިގަތުމުން އަފްޒާ އޭނާ ހުއްޓުވިއެވެ.

“ނަތާ މަޑުކުރޭ. މިއަދު އެއްކޮށް ތި އުޅުނީ މިތާ މަސައްކަތުގައި. ނަތާ ދޭ އަޔާން ގާތަށް އޭނައަށް އެހީއެއް ބޭނުންވޭތޯ ބަލާލަން. އަހަރެން ދަޢުވަތު ކަންތައް ކޮށްލާނަން.” ނަތާޝާއަށް ޝުކުރު އަދާކުރަމުން އޭނާ އަޔާން ގާތަށް ފޮނުވާލިއެވެ.

އަފްޒާގެ ހަރަކާތްތަކަށް ބަލަން ހުރި ރިޔާޒަށް އަފްޒާ އެއްވެސް އެއްޗެކޭ ނުބުނެވެސް އޭނާ އެ ބޭނުންވާ ގޮތް އެނގުނެވެ. އޭނާ އަފްޒާގެ ގާތަށް އައިސް ކޮނޑުގައި ހިފާލަމުން ހިތްވަރު ދިނެވެ. އަފްޒާ ބޯޖަހާލަމުން ބޭރަށް ހިނގައިގަތެވެ.

ގެލެރީއިން ނުކުމެ ޒޯޔާގެ ކެފޭއާ ދިމާއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އަފްޒާއަށް ބުނަން ނޭނގޭ ކަހަލަ އުފާވެރި ކަމަކާއި އެކުއެކީ ހިތް އަވަސްވަމުން ދިޔައެވެ. އެތައް ދުވަހެއް ފަހުން ޒޯޔާއާ ހަމަޖެހިލައިގެން ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބޭއިރު އޭނާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއްވެސް ދިއްލިފައިވެއެވެ. މަޑުމަޑުން ކެފޭއަށް ވަދެގެން ގޮސް ކައުންޓަރު ކައިރިއަށް މަޑުކޮށްލިއެވެ.

“ޒޯޔާ.” އަފްޒާ ގޮވާލުމުން ކައުންޓަރުގައި ރާޔާއަށް އިރުޝާދުތަކެއް ދޭން ހުރި ޒޯޔާ ބަލައިލިއެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top