މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ސެލީނާ ގޯމޭޒް، އޭނާގެ ކާމިޔާބު ކޮސްމެޓިކް ބްރޭންޑް “ރެއާ ބިއުޓީ” ގެ ދަށުން އަލަށް ތަޢާރަފުކުރާ ސެންޓާ ގުޅިގެން ވާހަކަދައްކަމުން، އެ ސެންޓުގެ ސަބަބުން އޭނާ “އަލުން ލޯބީގެ ތެރެއަށް ޣަރަޤުވެއްޖެ” ކަމަށް ބުނެފިއެވެ.
ފެޝަން އަދި ލައިފްސްޓައިލް މަޖައްލާ “އެލް” އަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި ސެލީނާ ވަނީ، އޭނާގެ އައު ފްރެގްރެންސް އުފެއްދުމުގައި ކުރެވުނު ތަޖުރިބާތަކާއި އޭގެ ފަހަތުގައިވާ ޚިޔާލުތައް ހިއްސާކޮށްފައެވެ. މި އައު ސެންޓަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކާއި، ހިތްހަމަޖެހުމާއި އަދި އަމިއްލަ ނަފުސަށް އޮންނަ ލޯތްބާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ އުފެއްދުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ސެލީނާ ބުނި ގޮތުގައި މި ސެންޓުގެ ވަހަކީ ހަމައެކަނި މީރު ވަހެއް ދުވުމުގެ އިތުރުން، އިންސާނާގެ ޖަޒުބާތުތަކާ ގުޅިފައިވާ އަދި ހިތަށް ފުން އަސަރުތަކެއް ކުރުވާ ފަދަ ޚާއްޞަ ވަހެކެވެ. “މި ސެންޓު ބޭނުންކުރުމުން އަހަރެންނަށް އިޙުސާސްވީ އަލުން އަނެއްކާވެސް ލޯބީގެ ތެރެއަށް ޣަރަޤުވިފަދަ އިޙުސާސެއް.” ސެލީނާ އިންޓަވިއުގައި ބުނެފައިވެއެވެ.
“ރެއާ ބިއުޓީ” އިން މީގެ ކުރިން ވެސް ބިއުޓީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، މި އައު ފްރެގްރެންސް ވެގެންދާނީ ސެލީނާގެ ފޭނުންނާއި އަދި ސެންޓަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ޚާއްޞަ، ތަފާތު ތަޖުރިބާއަކަށް ކަމަށް ބެލެވެއެވެ. މި އުފެއްދުން ވަރަށް އަވަހަށް ބާޒާރަށް ނެރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
