ދުނިޔޭގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ބޮކްސިން ތަރި މޭރީ ކޮމް، މަޤުބޫލު ރިއަލިޓީ ޝޯވ “ބިގް ބޮސް” ގެ އާ ސީޒަނުގައި ބައިވެރިވާން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އީޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮލިމްޕިކްސްގައި މެޑަލް ހޯދާފައިވާ މޭރީ ކޮމް މި ޝޯވގައި ބައިވެރިވަނީ ހަމައެކަނި ވާދަކުރުމުގެ މަޤުސަދުގައެއް ނޫނެވެ. އޭގެ ބަދަލުގައި، ބޮކްސިންގެ ދާއިރާއިން ބޭރުން އާ ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތެއްގެ ގޮތުގައެވެ. “ބިގް ބޮސް 20” ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކަލާޒް ޓީވީ އަދި ޖިއޯ ހޮޓްސްޓާ މެދުވެރިކޮށެވެ.
މޭރީއާ ގާތް ފަރާތަކުން އީޓައިމްސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މޭރީ މި ޝޯވގައި ބައިވެރިވަނީ ތަފާތު ތަޖުރިބާއެއް ހޯދުމުގެ ބޭނުމުގައެވެ. “ބޮކްސިންއަކީ އަބަދުވެސް އޭނާގެ އެންމެ ފުރަތަމަ ލޯބި. އެހެން ނަމަވެސް އޭނާ ބޭނުންވަނީ އާ ފުރުސަތުތަކަށް މަރުހަބާ ކިޔަން.” އެ ފަރާތުން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި ބޮކްސިން މެޗުތައް ކާމިޔާބުކޮށް ކުޅިވަރުގެ ތެރޭގައި ކުރިއަށް ދެވިއްޖެނަމަ އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، އެހެން ނޫންނަމަ އެހެން ދާއިރާތަކުން ކުރިއަށްދާންވެސް މޭރީ ހުރީ ތައްޔާރަށް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މޭރީ ކޮމްއަކީ ދުނިޔޭގެ ޗެމްޕިއަންކަން 6 ފަހަރު ހޯދުމުގެ އިތުރުން، އޭޝިއަން ގޭމްސް އަދި ކޮމަންވެލްތު ގޭމްސް އިން ރަން މެޑަލް ހޯދާފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން 2012 ވަނަ އަހަރު ލަންޑަނުގައި ބޭއްވި އޮލިމްޕިކްސް ގޭމްސްގައި އޭނާ ވަނީ ލޯ މެޑަލް ހާސިލުކޮށްފައެވެ.
ކުޅިވަރުގައި ހޯދި މިފަދަ ބޮޑެތި ކާމިޔާބީތަކާއެކު މޭރީ ވަނީ އާންމު ޚިދުމަތުގެ ދާއިރާއަށްވެސް ނުކުމެފައެވެ. އެގޮތުން 2016 ވަނަ އަހަރު އޭނާ ވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާއަށް ނޮމިނޭޓްވެފައެވެ. މޭރީ ކޮމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް 2014 ވަނަ އަހަރު ބޮލީވުޑްގައި ފިލްމެއް އުފައްދާފައިވާއިރު، އެ ފިލްމުގައި މޭރީގެ ރޯލު ކުޅެފައިވަނީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އެވެ.
