ބައެއް ފަހަރު ލޯބި ސާބިތުކޮށްދޭން މާ ބޮޑަށް މަސައްކަތްކުރާނަމަ، އެއީ ވަރަށް އަޑުގަދަ އަދި އުނދަގޫ ކަމަކަށް ވެދާނެއެވެ. ކުލަގަދަ އިޢުލާންތަކާއި، އަސަރުގަދަ ހުށަހެޅުންތަކާއި، މެދުކެނޑުމެއް ނެތް މެސެޖުތަކާއި، ދޮރުމައްޗަށް ފޮނުވާ މާބޮނޑިތަކާއި، މުޅި ދުނިޔެއަށް އިޢުލާންކުރާ ސޯޝަލް މީޑިއާ ޕޯސްޓުތަކަކީ ވެސް ލޯބި ފާޅުކުރާ ގޮތްތަކެވެ. ބައެއް މީހުން ލޯބިވަނީ އެހާ އަޑުގަދަކޮށެވެ. އެއީ މައްސަލައެއް ނޫނެވެ.
ނަމަވެސް، މިއަށްވުރެ މާ ހިމޭން ލޯތްބެއް ވެސް ވެއެވެ. އެއީ ބަލާނެ ބަޔަކަށް ނުވަތަ ކިޔައިދޭނެ އިބާރާތަކަށް ބޭނުންވާ ލޯތްބެއް ނޫނެވެ.
އެ ލޯބި ދިިރިހުންނަނީ ކުދިކުދި ކަންތައްތަކުގެ ތެރޭގައެވެ. ތިބާ ފެނުމުން އެހެން މީހުންނަށްވުރެ ސިކުންތެއްހާއިރު އިތުރަށް ބަލަހައްޓައިގެން ހުންނަ ހުރުމުގައެވެ. ތިބާގެ އަޑު އިވުމުން މޫނުމައްޗަށް އަންނަ ހިނިތުންވުމުގައެވެ. ކައިރިން ހުރަސްކޮށްލާ ވަގުތު ދުވާ ތިބާގެ ސެންޓުގެ ވަހުން ލިބޭ ހިތްހަމަޖެހުމުގައެވެ. އަދި ފޯނަށް އަންނަ “ގެއަށް ދެވިއްޖެތަ؟” މި ފަދަ އާދައިގެ މެސެޖަކުން ހިތުގެ ތެޅުން އަވަސްވާ އަވަސްވުމުގައެވެ.
ލޯބި ފޮރުވިފައިވަނީ އަޅާލުމުގެ ތެރޭގައެވެ. އެއީ މާ ބޮޑު ދެއްކުންތެރިކަމެއް ނެތި، ތިބާ ރައްކާތެރިކަމާއެކު ގެއަށް ދެވުނުތޯ ބެލުމެވެ. މުޅި ދުވަހު ބުރަކޮށް އުޅުމަށްފަހު ކައިފިންތޯ ސުވާލުކުރުމެވެ. ތިބާގެ އަޑަށް އަންނަ ބަދަލު ދެނެގަތުމެވެ. އަދި އެއްވެސް ބަދަލަކަށް އެދުމެއް ނެތި، ހަމައެކަނި ތިބާގެ ހާލު ރަނގަޅުތޯ ބެލުމެވެ. އެހެނީ ތިބާގެ އުފާވެރިކަމަކީ އެމީހަކަށް މުހިންމު ކަމަކަށް ވާތީއެވެ. މި ހުރިހާ ކަމަކަށްވުރެ ވެސް ފުރިހަމަ ލޯތްބަކީ، އެއްވެސް އަމިއްލަ އެދުމެއް ނެތް ލޯތްބެވެ.
ބައެއް ފަހަރު އެ މީހަކީ ތިބާގެ މީހަކަށް ނުވެދާނެއެވެ. އެ މީހާގެ ހިތުގައި އޮތް އެއްޗެއް ވެސް ނޭނގިދާނެއެވެ. އަދި އުންމީދުކުރި ފަދަ ގުޅުމެއް ވެސް ނުއުފެދިދާނެއެވެ. އެހެނަސް، ހިތުގެ އަޑިން އެ މީހަކީ ސަލާމަތުން، ދުޅަހެޔޮކަންމަތީ، އުފަލުގައި ހުރި މީހަކަށް ވުމަށް އެދެވެއެވެ. އޭރުން ލޯތްބަކީ “ތިޔަ މީހާގެ ފަރާތުން އަހަންނަށް ލިބޭނީ ކޮން އެއްޗެއް؟” މި ސުވާލުގެ ބަދަލުގައި، “ތިބާގެ ދިރިއުޅުން އުޖާލާވުމަށް އެދެން” މިކަމަށް ބަދަލުވެގެންދެއެވެ.
އެ މީހަކަށް ނޭނގި، އެ މީހާގެ ޙައްޤުގައި ދުޢާކުރުމަށްވުރެ ފުރިހަމަ ކަމެއް ނޯންނާނެއެވެ. އެ މީހާގެ ރައްކާތެރިކަމަށް އެދި ދުޢާކުރުމެވެ. ދުުޅަހެޔޮކަމަށް އެދި ދުޢާކުރުމެވެ. އުފާވެރިކަމަށް އެދި ދުޢާކުރުމެވެ. އަދި އަމިއްލަ ބާރު ނުފޯރުވޭ ކަންކަމުން އެ މީހާ ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރުމެވެ. މިއީ ލޯބީގެ އެންމެ މަޑުމޮޅި، އަދި އެންމެ އަސަރުގަދަ މިންވަރެވެ.
އަސްލު ލޯތްބަކީ ހަމައެކަނި ތިބާ އިޚްތިޔާރުކުރުމެއް ނޫނެވެ. ބައެއް ފަހަރު އެއީ އެއްވެސް ޝަރުތެއް ނެތި އަޅާލުމެވެ. މީހާގެ އަމިއްލަ މިނިވަންކަމަށް އަރައިގަތުމެއް ނެތި އިޙްތިރާމްކުރުމެވެ. އެ މީހެއްގެ ހަމަޖެހުމަށް ބުރޫނާރާނޭ ފަދައިން ހަނދާންކުރުމެވެ. އަދި ތިބާ އެ ދިރިއުޅުމުގައި ނެތް ނަމަވެސް، އެ މީހަކަށް އެންމެ ހެޔޮ ގޮތްވުމަށް އެދުމެވެ.
މި ހިސާބުން ބައެއް ސުވާލުތައް އުފެދެއެވެ. އެއީ ލޯބި ހެއްޔެވެ؟ ނޫނީ ހަމައެކަނި ހިތުގައި އޮތް ކުލުނެއް ހެއްޔެވެ؟ ސިއްރުސިއްރުން މީހެއްގެ ހާލު ބެލުމަކީ ލޯބި ހެއްޔެވެ؟ ނޫނީ އޭނާގެ އަމިއްލަ ކަންކަމަށް ވަނުން ހެއްޔެވެ؟ ކަންބޮޑުވުމަކީ އަޅާލުން ހެއްޔެވެ؟ ނޫނީ އެއީ މީހާގެ މައްޗަށް ބާރު ފޯރުވުން ހެއްޔެވެ؟
ލޯބީގައި ވެސް ހުދޫދުތަކެއް ވެއެވެ. ހަޤީޤީ އަޅާލުމަކީ ފާރަލުމަކަށް ވެގެން ނުވާނެއެވެ. ހަސަދަވެރިކަމަކީ ލޯބީގެ ނަމުގައި ކުރާ ކަމަކަށް ވެގެން ނުވާނެއެވެ. އަދި މާ ބޮޑަށް އަޅާލަނީއޭ ބުނެ މީހާގެ ނަފުސާނީ ހަމަޖެހުން ނަގާލައިގެން ނުވާނެއެވެ.
ދުުޅަހެޔޮ ލޯތްބަކީ މީހާގެ ނޭވާ ހާސްކުރުވާ އެއްޗެއް ނޫނެވެ. އެއީ އިތުބާރު ސާބިތުކުރުމަށް ފޯނުގެ ޕާސްވޯޑަށް އެދޭ އެދުމެއް ނޫނެވެ. ކޮންމެ ކަމަކަށް ސަބަބު ދައްކަން މަޖުބޫރުކުރާ ކުރުމެއް ނޫނެވެ. އަދި “އަހަރެން ތިބާއާމެދު ކަންބޮޑުވަން” ބުނެ، އެ މީހެއްގެ މައްޗަށް ބާރު ފޯރުވުމެއް ވެސް ނޫނެވެ. ބައެއް ފަހަރު މީހަކު ދެކެ ލޯބިވުމުގެ އެންމެ ރިތި ގޮތަކީ، ކައިރިވާންވީ ވަގުތާއި ދުރަށް ޖެހިލަންވީ ވަގުތު ދެނެގަތުމެވެ.
އާނއެކެވެ، ލޯބިވާ ވާހަކަ ބުނާށެވެ. ނަމަވެސް ހަމައެކަނި ބަހަކުން ނޫނެވެ. އޭނާގެ ހުދޫދުތަކަށް ކުރާ އިޙްތިރާމުން އެ ލޯބި ދައްކައިދޭށެވެ. އޭނާ ދަތި ދުވަސްތަކުގައި އުޅޭއިރު ބަހައްޓާ ކެތްތެރިކަމުންނެވެ. އެހެން މީހަކަށް ނުފެންނަ ވަގުތުތަކުގައި ދައްކާ އޯގާތެރިކަމުންނެވެ. ކުދިކުދި ކަންތައްތައް ހަނދާން ބެހެއްޓުމުންނެވެ. އޭނާ ހާސްކުރުވުމުގެ ބަދަލުގައި ރައްކާތެރިކަން އިޙުސާސްކޮށްދިނުމުންނެވެ. އަދި ތިބާގެ ހުރުމުން އޭނާގެ ހިތަށް ހަމަޖެހުން ގެނެސްދިނުމުންނެވެ.
ލަފުޒުތަކަކީ ރީތި އެއްޗެކެވެ. ނަމަވެސް، ކަންކަމުގައި ދެމިހުރުމަކީ މާ ފުރިހަމަ ސިފައެކެވެ. އަދި ބައެއް ފަހަރު، ލޯބީގެ އެންމެ ވަރުގަދަ ބަހަކީ “އަހަރެން ކަލާ ދެކެ ލޯބިވޭ” ބުނުމެއް ނޫނެވެ. އެއީ ހަމައެކަނި.. “ގެއަށް ދެވުނީ ސަލާމަތުންތަ؟”، “ކައިފިންތަ؟”، “އަމިއްލަ ނަފްސަށް ސަމާލުވާތި.”، “އަހަރެން ކަލާއާ މެދު ފަޚުރުވެރިވަން.” ނުވަތަ، އެ މީހަކަށް ނީވޭނޭ ފަދައިން ހިތާހިތުން ބުނެލާ ބަސްތަކެވެ.
“ޔާ ﷲ! އޭނާ ސަލާމަތްކުރައްވާށި! ދުޅަހެޔޮކަން ދެއްވާށި! އުފާވެރިކަން ދެއްވާށި! އެ ހިތް ރައްކާތެރިކުރައްވާށި! އަދި އޭނާގެ ދިރިއުޅުމުގައި ބަރަކާތް ލައްވާށި!”
ބަލާނެ ބަޔަކު ނެތެވެ. އަތްޖަހާނެ ބަޔަކު ނެތެވެ. ދެއްކުންތެރިކަމެއް ނެތެވެ. އޮތީ ހަމައެކަނި ލޯތްބެވެ. އެ މީހާގެ ހާލު ރަނގަޅުވުމަށް އެދޭ ހިމޭން އުންމީދެވެ. ބައެއް ފަހަރު، ލަފުޒުތަކުން ބުނެނުދެވޭ މާނަތައް މިކަންކަމުން ބުނެދެއެވެ.
