ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފަސްމަންޒަރު: އަނބިގޮއްޔެއަށްޓަކައި 40 ދުވަހުން ކޮނެދިން ފެންވަޅު!

ފަސްމަންޒަރުގެ ލެންސަން މިފަހަރު މި އެރި ފޮޓޯއަކީ 2016 ގައި އާއްމުވި ފޮޓޯއެކެވެ. ފޮޓޯގެ ޚުލާޞާއަކީ ފެންބަލާ ދިޔަ އަނބިމީހާއަށް ފެން ނުދިނުމުން، އޭނާގެ ފިރިމީހާ 40 ދުވަހުގެ ތެރޭގައި އަނބިމީހާއަށް ފެންވަޅެއް ކޮނެދިން ގޮތުގެ ވާހަކައެވެ. ބޭރު ގަޢުމުތަކުގައި ފެންވަޅުކޮނުމަކީ ފަސޭހަ ކަމެއް ނޫންކަން މިއީ މި ލިޔުން ކިޔާއިރު ވިސްނުމުގައި ބަހައްޓަންޖެހޭ ކަމެކެވެ.

އިންޑިއާ، ނާގްޕޫރު: ބަޕޫރާއޯ ތާޖްނޭގެ މި ކާމިޔާބީއަކީ “މައުންޓަން މޭން” ގެ ނަމުން މަޝްހޫރުވި ދަޝްރަތު މަންޖީގެ މަސައްކަތާ އެއްވަރުގެ ބޮޑު ކަމަކަށް ނުވި ނަމަވެސް، އޭނާގެ ހިތްވަރާއި އަޒުމް އެއާ ދޫނުކުރެއެވެ. ވަޅަކުން ފެން ނެގުމަށް ވަޅުގެ ވެރިފަރާތުން އޭނާއަށް ހުރަސްއަޅައި، އޭނާގެ އަންބިމީހާއަށް އިހާނެތިކޮށް ހިތުމުން، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރި ވަރުގަދަ އަޒުމަކާއެކު، އާންމުކޮށް 4 ނުވަތަ 5 މީހުން ކުރާ މަސައްކަތެއް އޭނާ އެކަނިމާ އެކަނި ކުރިއެވެ.

މިއަދު އެ އަވަށުގެ މުޅި ދާލިތު ސަރަހައްދުގެ މީހުން ބޭނުންކުރަނީ އޭނާ ކޮނުނު ވަޅުގެ ފެނެވެ. އަދި ފެނަށްޓަކައި އެހެން ނަސްލުތަކުގެ މީހުންނަށް ބަރޯސާވާކަށް މިހާރަކު ނުޖެހެއެވެ.

ތާޖްނޭއަކީ ވާޝިމް ޑިސްޓްރިކްޓްގެ ކަލަމްބޭޝްވަރު އަވަށަށް ނިސްބަތްވާ ފަގީރު މަސައްކަތްތެރިއެކެވެ. މީގެ ކުރިން ދުވަހަކުވެސް ވަޅެއް ކޮނެފައި ނުވި ނަމަވެސް، ފެން ފެންނަންދެން އޭނާ 40 ދުވަސް ވަންދެން ކޮންމެ ދުވަހަކު ހަ ގަޑިއިރު އެ މަސައްކަތުގައި ހޭދަކުރިއެވެ. އޭނާގެ އާއިލާގެ މީހަކުވެސް ހިމެނޭހެން އެއްވެސް މީހެއްގެ އެހީތެރިކަމެއް އޭނާއަށް ލިބިފައެއް ނުވެއެވެ. އެންމެންވެސް ހީކުރީ އޭނާ މޮޔަވީ ކަމަށެވެ.

މިވެސް ކިޔާލަން:  ހަށިގަނޑުގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން ކެންސަރަށް އައު ފަރުވާއެއް

އެއީ އެ ސަރަހައްދަކީ ހިލަ ގިނަ ބިމަކަށް ވެފައި، އެތަނާ ކައިރީގައި ހުރި ތިން ވަޅަކާއި ބޯހޯލެއް ހިކިފައިވާތީ، އެތަނުން ފެން ފެންނާނެ ކަމަށް އެކަކުވެސް ގަބޫލުނުކުރާތީއެވެ. އަވަށު މީހުން އޭނާއަށް މަލާމާތް ކުރި ނަމަވެސް، ތާޖްނޭ އޭނާގެ މަސައްކަތް ހުއްޓައެއް ނުލައެވެ.

“އަހަރެން އެ ވަޅުގެ ވެރިފަރާތުގެ ނަން ހާމަކުރާކަށް ބޭނުމެއް ނޫން، ސަބަބަކީ އަވަށު ތެރޭގައި ފިތުނަ އުފައްދަން ބޭނުން ނުވާތީ. އެކަމަކު އަހަރެމެންނަކީ ފަގީރުންނަށްވެފައި ދާލިތުންނަށް ވީތީ އޭނާ އަހަރެމެންނަށް އިހާނެތިކޮށް ހިތިކަމުގެ އިހުސާސް ކުރެވުނު. މާޗް މަހުގެ އެ ދުވަހު ގެއަށް އައިސް އަހަރެން ވަރަށް ދެރަވި. އެހިސާބުން އަޒުމް ކަނޑައެޅިން ދެން ދުވަހަކުވެސް އެއްވެސް މީހެއްގެ ގާތުގައި ފެނަށް ނޭދޭނެކަމަށް. އަހަރެން މަލޭގާއޮންއަށް ގޮސް ވަޅުކޮންނަން ބޭނުންވާ ސާމާނު ގަނެގެން އައިސް، ގަޑިއިރެއްގެ ތެރޭގައި މަސައްކަތް ފެށިން،” ތާޖްނޭ ‘ޓައިމްސް އޮފް އިންޑިއާ’ އަށް ކިޔައިދިނެވެ.

ވަޅުކޮންނާނެ ވަކި ތަނެއް ކަނޑައެޅުމުގައި އެއްވެސް ސައިންޓިފިކް ދިރާސާއެއް އޭނާ ނުކުރެއެވެ. “މަސައްކަތް ފެށުމުގެ ކުރިން އަހަރެން ކަލާނގެއަށް ވަރަށް ބޮޑަށް ދުޢާކުރިން. އަހަރެންގެ މަސައްކަތުގެ ނަތީޖާ ފެނުނީތީ ޝުކުރުވެރިވަން،” އޭނާ ބުންޏެވެ.

ދުވަހު މުސާރައަށް މަސައްކަތްކުރާ މީހަކަށް ވާތީ، ވަޅުކޮނުމަށްޓަކައި އޭނާގެ ވަޒީފާ ދޫކޮށްލެވޭކަށް ނެތެވެ. އެހެންކަމުން މަސައްކަތަށް ދިއުމުގެ ކުރިން ހަތަރު ގަޑިއިރު އަދި އެނބުރި އައިސް ދެ ގަޑިއިރު ވަޅުކޮނުމުގައި ހޭދަކުރިއެވެ. އެ 40 ދުވަހުގެ ތެރޭގައި އޭނާ ދުވާލަކު 14 ގަޑިއިރު ވަރުބަލިކަމެއް ނެތި މަސައްކަތް ކުރިއެވެ. “އެ ދުވަސްތަކުގައި ކުރެވުނު އިހުސާސްތައް ބަޔާންކޮށްދޭން އުނދަގޫ. އަހަރެން ބޭނުންވީ މުޅި އަވަށުގެ މީހުންނަށް ފެން ލިބޭނެ ގޮތް ހަދައިދޭން، އެހެން ނަސްލުތަކުގެ މީހުންގެ ކައިރީގައި ފެނަށް އާދޭސްކުރަން ނުޖެހޭނެ ގޮތް ހަދަން،” ބީއޭގެ ފަހު އަހަރަށް ކިޔަވާފައިވާ މި މަސައްކަތްތެރިޔާ ބުންޏެވެ.

މިވެސް ކިޔާލަން:  ފޮޓޯގެ ފަހަތުގައިވާ ވާހަކަ: 86 ވަނަ ފަންގިފިލާއިން ވެއްޓުނު މީހަކު ސަލާމަތްވި އާދަޔާޚިލާފު ގޮތް

އޭނާގެ އަންބިމީހާ ސަންގީތާ މިހާރު ހުރީ ކުރިން ފިރިމީހާއަށް މަލާމާތް ކުރެވުނު ކަމަށްޓަކައި ދެރަވެފައެވެ. “ފެން ފެންނަންދެން އަހަރެން އޭނާއަށް ކުޑަވެސް އެހީއެއް ނުވަން. އެކަމަކު މިހާރު ދެ ކުދިން ފިޔަވައި މުޅި އާއިލާ އޭނާއަށް އެހީތެރިވަމުން ދަނީ ވަޅު އިތުރަށް ފުންކޮށް ފުޅާކުރުމަށް. މިހާރުވެސް 15 ފޫޓު ފުންވެފައިވާއިރު، ބަޕޫރާއޯ ބޭނުންވަނީ އަދި 5 ފޫޓު ފުންކުރަން،” އޭނާ ކިޔައިދިނެވެ.

އަވަށްޓެރިއެއް ކަމަށްވާ ޖައިޝްރީ، ތާޖްނޭގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރިއެވެ. “ތާޖްނޭގެ ސަބަބުން އަހަރެމެންނަށް މިހާރު ކޮންމެ ގަޑިއަކުވެސް ފެން ލިބޭ. ކުރިން ޖެހެނީ ކިލޯމީޓަރެއްހާ ދުރަށް ހިނގައި، އެހެން ސަރަހައްދުތަކުން ފެން ހޯދަން ގޮސް އިހާނެތި ބަސްތައް އަޑުއަހަން.”

ތާޖްނޭއަށް މިހާރު ދަނީ އެކި ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަވަށުގެ އިސްވެރިޔާ (ސަރްޕަންޗް) އޭނާގެ ގެއަށް ޒިޔާރަތްކޮށް ހިތްވަރު ދީފައިވާއިރު، މަލޭގާއޮންގެ ތަހުސީލްދާރު ވަނީ އޭނާއަށް މާބޮޑިއެއް ހަދިޔާކޮށްފައެވެ. މަޝްހޫރު ފިލްމީ ތަރި ނާނާ ޕާޓޭކަރު ފޯނުން ގުޅައި ވާހަކަދައްކައި، އޭނާއާ ބައްދަލުކުރާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ވާޝިމްގެ އިޖުތިމާއީ މަސައްކަތްތެރިއަކު ވަނީ އޭނާއަށް 5000 ރުޕީސްގެ އެހީއެއް ދީފައެވެ.

ނަމަވެސް ތާޖްނޭއަކީ އެހީއަށް އެދެން ބޭނުންވާ މީހެއް ނޫނެވެ. “ތަހުސީލްދާރު އަހަރެންގެ ކައިރީގައި ބޭނުންވަނީ ކޮންކަހަލަ އެހީއެއްތޯ އެހުމުން، އަހަރެން ބުނީ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައި އެގޮތަކަށް ކަންތައް ކޮށްދިނުމަށް،” އޭނާ ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top