ހިތުގައި ފޮރުވިފައިވާ ވާހަކަތައް
ކިޔާރާއަށް ހޭލެވުނީ ވަރަށް މުހިންމު ކަމެއް ހަނދާން ނެތިފައިވާ ކަމުގެ އާދަޔާ ޚިލާފު އިޙުސާސަކާއެކުގައެވެ. އިރުކޮޅަކަށް، އޭނާ އެއްވެސް ހަރަކާތެއް ނެތި، އޭނާއަށް ބީރައްޓެހި އެ ފުރާޅަށް ބަލަހައްޓައިގެން އޮތެވެ. ދެން އޭނާ ހަނދާންވިއެވެ. އޭނާ މިއޮތީ އަމިއްލަ އެޕާޓްމަންޓަކު ނޫނެވެ. އޭނާ މިއޮތީ ޒިމާންގެ ގޭގައެވެ. އަދި، އަދިވެސް ހުވަފެނެއް ފަދަ އިޙުސާސެއް ކުރެވުނު ނަމަވެސް، އޭނާ މިތަނުގައި މަޑުކުރަނީއެވެ. ރައްކާތެރިކަމަށްޓަކައެވެ. އެއީ ރަސްމީ ސަބަބެވެ. ކޮންމެއަކަސް، އެއީ އެންމެން އެއްބަސްވި ސަބަބެވެ. އެކަމަކު އެއީ ހަމައެކަނި ސަބަބު ކަމަކަށް ކިޔާރާގެ ހިތެއް އެއްބަހެއް ނުވެއެވެ.
އޭނާ އަރިއަކަށް އެނބުރިލާފައި އެނދު ކައިރީގައި ހުރި ކުޑަ މޭޒަށް ބަލައިލިއެވެ. އޭނާގެ ފޯނު އޮތީ އެތަނުގައެވެ. އޭގެ ކައިރީގައި، ޒިމާން އޭނާއަށް ދީފައިވާ މުތާއި ފިނިފެންމަލުގެ ދަތި އޮތެވެ. އޭނާ އެ ނަގައި، އޭގެ އޮމާން މުތްތަކުގައި ފިރުމާލިއެވެ. ކުޑަ ހިނިތުންވުމެއް އޭނާގެ މޫނުމައްޗަށް އައެވެ. ނަމަވެސް ވަގުތުން އަމިއްލަ ނަފުސަށް އަމުރުކޮށްލިއެވެ. “އަނެއްކާވެސް؟”
މި ފަހަކަށް އައިސް އޭނާއަށް ކޮންމެ ކަމަކާވެސް ހިނިތުންވެވެނީއެވެ. މެސެޖަކަށް ވިޔަސްމެއެވެ. މަލަކަށް ވިޔަސްމެއެވެ. އިސްތަށިގަނޑުގައި ޖަހާ ދައްޗަކަށް ވިޔަސްމެއެވެ. ފިރިހެނެއްގެ އަޑަށް ވިޔަސްމެއެވެ. ބަލައިލުމަކަށް ވިޔަސްމެއެވެ. ނުވަތަ ހަނދާނަކަށް ވިޔަސްމެއެވެ.
އޭނާއަށް ލޯބިވެވެނީ ކަމަށްވާނަމަ، އެކަމުގެ ސަބަބުން އޭނާއަކީ މޮޔައަކަށް ވަމުންދާ ކަމަށް އޭނާއަށް ހީވާން ފެށިއެވެ. އެހެނަސް.. އޭނާ އެކަމާ ގަޔާވެއެވެ. އެންމެ ބިރުވެރި ކަމަކީވެސް އެއީއެވެ. ހިތް ތެޅިލާ ގޮތް އޭނާއަށް ކަމުދެއެވެ. އެ އިޙުސާސް ކުރެވޭ އާވިން ހިތަށް ލިބޭ ހިތްހަމަޖެހުން އޭނާއަށް ކަމުދެއެވެ. ހޭލެވޭއިރު، ޒިމާން އޭނާގެ މަތިން ހަނދާންކޮށްފިބާއޭ ހިތަށްއަރާ އެ އިންތިޒާރު ކަމުދެއެވެ. އެހެން މީހަކު އޭނާ ބޭނުންވާކަމުގެ އެ އައު އިޙުސާސް އޭނާއަށް ކަމުދެއެވެ. ދުރުން ބަލާ ބަލައިލުމެއް ނޫނެވެ. ނުވަތަ އަދަބަކަށްޓަކައި ދޭ ތަޢުރީފެއްވެސް ނޫނެވެ. ހަޤީޤަތުގައިވެސް ބޭނުންވުމެވެ. އޭގެ ސަބަބުން ހިތަށް ލިބެމުންދިޔައީ ބަޔާންކުރަންދަތި ޝިފާއެކެވެ. އަހަރުތަކެއް ވަންދެން، ކިޔާރާ އަމިއްލަ ނަފުސަށް ބަލާއިރު ފެންނަނީ ހަމައެކަނި އުނި ސިފަތަކެވެ. ނަމަވެސް، މިހާރު އޭނާ މި ދަނީ އަމިއްލަ ނަފުސުގައި ހުރި ރަނގަޅު ސިފަތައް ބަލައިގަންނަން ދަސްކުރަމުންނެވެ.
އޭނާ އެނދުން ތެދުވެ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ލޯގަނޑުން އޭނާއަށް ފެންނަމުން ދިޔައީ އަމިއްލަ ސޫރައެވެ. އޭނާ ކުއްލިއަކަށް ހިތްވަރުގަދަވެ ހިކިފައެއް ނެތެވެ. އެއްރޭ ތެރޭގައި އޭނާގެ ހަށިގަނޑަކަށް ބަދަލެއް ނާދެއެވެ. އޭނާއަކީ އަދިވެސް ކުރިންވެސް ހުރި އިސްކޮޅުން ދިގު، ބިޔަ ހަށިގަނޑެއްގެ ވެރި އަންހެން މީހާއެވެ. ނަމަވެސް، މިއަދު ހެނދުނު އެއީ އުނި ސިފަތަކެއް ކަމަކަށް އޭނާއަކަށް ނުފެނެއެވެ. އޭނާއަށް ފެންނަނީ އަންހެންވަންތަ ރީތި ބައްޓަމެކެވެ. ވަރުގަދަ ކޮނޑުގަނޑެކެވެ. އަދި އަހަރުތަކެއްގެ ތެރޭގައި ކުރިން ނުފެންނަ ފަދަ ދިރުމެއް ހުރި މޫނެކެވެ. އޭނާގެ ކޯތާފަތުގައި އަތްލިއެވެ.
“ފަހަރުގައި..” އޭނާ އަމިއްލަ ނަފުސަށް ލަދުވެތި ހިނިތުންވުމެއް ރައްދުކުރިއެވެ. “ފަހަރުގައި އަހަންނަކީ ރީތި މީހަކަށް ވެދާނެ.”
އެކަން އަމިއްލައަށް ޤަބޫލުކުރުމުން ހިތަށް ލިބުނީ އާދަޔާ ޚިލާފު މިނިވަންކަމެކެވެ. އެއީ ޒިމާން އެހެން ބުނީތީއެއް ނޫނެވެ. ނަމަވެސް އޭނާގެ އަމިއްލަ ނަފުސަށް އެކަން ޤަބޫލުކުރެވެން ފެށީމައެވެ.
ދޮރުގައި ޓަކިޖަހާލި އަޑަށް އޭނާގެ ޚިޔާލީ ވާފަށް މެދުކެނޑުނެވެ.
“ކިޔާރާ؟” އެއީ ފާތިމާއެވެ.
“ވަދޭ.” ދޮރު ހުޅުވާލިއެވެ.
ފާތިމާ ހުރީ ހިނިތުންވެފައެވެ. “ހެނދުނުގެ ނާސްތާ ތައްޔާރު.”
ކިޔާރާ ހީނލިއެވެ. “ދައްތަ ހުރިހާ އެންމެންނަށްވެސް މިހާ ގިނައިން ކާންދެންތަ؟”
“ހަމައެކަނި އަހަރެން ގަޔާވާ މީހުންނަށް.”
ކިޔާރާ އޭނާގެ ފަހަތުން ކާގެއާ ދިމާލަށް ހިނގައިގަތެވެ.
“އެހެންވީމާ، އަހަރެން މިހާ ގިނައިން ކާންޖެހޭތީ ކަންބޮޑުވާން ޖެހޭނެހެން ހީވޭ.” ފާތިމާ ހީނލިއެވެ.
“ޒިމާން އެކަމާ ޝަކުވާއެއް ނުކުރާނެ.” ކިޔާރާގެ ފައި ކަހާލި ކަހަލައެވެ.
“ފާތިމާ ދައްތާ!”
“ކީއްވީ؟”
“ދައްތައަށް ތިޔަ ކުރެވޭ ކަންތައް ރަނގަޅަށް އެނގޭނެ.”
“އާނ، އެނގޭ.”
އެމީހުން ކާގެއަށް ވަނެވެ. އަދި ކިޔާރާ ހުއްޓުނެވެ. ޒިމާން އޭރު އެތަނުގައި އިނެވެ. އޭނާ އިނީ މޭޒުގެ އަނެއްކޮޅުގައި، ކަޅު ކުލައިގެ ގަމީހެއްގައެވެ. ގަމީހުގެ އަތް އޮތީ އޮޅާލާފައެވެ. އޭނާގެ ދިގު އިސްތަށިގަނޑު އޮތީ ކޮނޑުމައްޗަށް ދޫކޮށްލާފައެވެ. އޭނާ އިސްއުފުލާ ބަލައިލިއެވެ. ދެމީހުންގެ ނަޒަރު ސީދާވިއެވެ. ދެމީހުންގެ މެދުގައި ހޫނު އިޙުސާސެއް ދައުރުވެގެން ދިޔައެވެ.
“ބާއްޖަވެރި ހެނދުނެއް.” އޭނާ ބުންޏެވެ.
ކިޔާރާ ހިނިތުންވެލިއެވެ. “ބާއްޖަވެރި ހެނދުނެއް.”
ފާތިމާ އެ ދެމީހުންނަށް ބަލައިލިއެވެ. އަދި ސިއްރުސިއްރުން އެތަނުން ދިޔައެވެ. ކިޔާރާ އޭނާ ދާތަން ބަލަން ހުއްޓެވެ.
“އޭނާ އެކަން އެކުރީ ގަސްތުގައި.”
“އާނ.”
“އޭނާ އެހެން އުޅޭއިރުވެސް ކޮންމެހެން އެއްޗެއް ނުބުނަންތަ؟”
“އާންމުކޮށް ނުބުނަން.” ކިޔާރާ އިށީނެވެ.
“ތިޔަ ދެމީހުންނަކީވެސް ވަރަށް ފާޑެއްގެ ބައެއް.”
ޒިމާން ހީނލިއެވެ. “މީހުން އެހެން ބުނޭ.”
ނާސްތާ ކުރަން ފެށީ ވަރަށް މަޑުމައިތިރިކޮށެވެ. އިރުކޮޅަކު ދެމީހުންވެސް ކެއުމަށް ސަމާލުކަން ދިނެވެ.
ދެން ޒިމާން އެހިއެވެ. “ކިޔާރާގެ ރަށުގެ ވާހަކަ ކިޔައިދީބަލަ.”
ކިޔާރާ އިސްއުފުލާ ބަލައިލިއެވެ. “އަހަރެންގެ ރަށް؟”
“ކިޔާރާގެ އުފަން ރަށް.”
ކިޔާރާގެ ހިތަށް މަޑުމޮޅިކަމެއް އައެވެ. އޭނާ ވާހަކަ ދައްކަން ފެށިއެވެ. މޫދުގެ ވާހަކައެވެ. ކުޑައިރުގެ ހެނދުނުތަކުގެ ވާހަކައެވެ. އެކަކު އަނެކަކުގެ ކަންކަމުގައި އުޅޭ އަވަށްޓެރިންގެ ވާހަކައެވެ. ރަށުގެ ކައިވެނި ހަފުލާތަކުގެ ވާހަކައެވެ. އަތިރިމަތީގައި ހުސްފަޔާ ހިނގި ހަނދާންތަކެވެ. އާއިލާގެ އެއްވުންތަކުގައި ކާބޯތަކެތި ހުސްނުވާހެން ހުންނަ ހުރުމެވެ. ހުޅުވާފައި ހުންނަ ކުޑަދޮރުތަކުން ދުވާ ރިހަ ކެއްކުމުގެ މީރުވަހެވެ. މުޅި ރަށް މަޑުމައިތިރިވާ ހިތްގައިމު ހަވީރުތަކުގެ ވާހަކައެވެ.
ޒިމާން އަޑުއެހިއެވެ. ވަރަށް ފަރުވާތެރިކަމާއެކު އަޑުއެހިއެވެ. އޭނާ މެދުކަނޑައެއް ނުލައެވެ. ފޯނަށް ބަލައެއް ނުލައެވެ. އޭނާ ހަމައެކަނި ކިޔާރާއަށް ބަލަހައްޓައިގެން އިނީއެވެ. ކިޔާރާ ވާހަކަ ދައްކަމުން ދިޔައިރު، އޭނާއަށް ކަމެއް ފާހަގަކުރެވުނެވެ. އޭނާ ރަށުގެ ވާހަކަ މިގޮތަށް ނުދައްކާތާ އެތައް އަހަރެއް ވެއްޖެއެވެ. އެއީ އޭނާ ރަށްދެކެ ލޯބިނުވާތީއެއް ނޫނެވެ.
އެހެންނަމަވެސް، އެ ރަށުގެ ސިފަތައް ކިޔައިދިނުމަށް އެއްވެސް މީހަކު އޭނާގެ ކިބައިން އެދިފައި ނުވާތީއެވެ.
“ކީއްވީ؟” ޒިމާން އެހިއެވެ.
ކިޔާރާ އެސްފިޔަ ޖަހާލިއެވެ. “ކަމެއް ނުވޭ.”
“ވާހަކަ ދެއްކުން ހުއްޓާލީމަ.”
“އަހަންނަށް ވިސްނާލެވުނީ.”
“ކޮން ކަމަކާ؟”
“ޒިމާން ހަޤީޤަތުގައިވެސް އަޑުއަހާާތީ.”
ޒިމާންގެ ބުމަ މައްޗަށް އަރައިގެން ދިޔައެވެ. “އަހަރެން އަޑުއަހަން ނުޖެހޭތަ؟”
“ގިނަ މީހުން އަޑެއް ނާހާނެ.”
ޒިމާން ވަރަށް ގިނައިރު ވަންދެން ކިޔާރާއަށް ބަލަން އިނެވެ.
“އަހަރެން ބޭނުންވަނީ ކިޔާރާ ދަސްކުރަން.”
ކިޔާރާގެ ހިތް ތެޅިލިއެވެ. އަނެއްކާވެސް އެ އިޙުސާސެވެ. އެއީ އާދައިގެ ބަސްތަކެކެވެ. ނަމަވެސް ކޮންމެ ފަހަރަކު އެ ބަސްތަކުގެ ބަރުދަން އިތުރުވަމުންދާ ކަހަލައެވެ. އޭނާ އިސްދަށަށް ޖެހިއެވެ.
“ކޮން ކަމެއް އެނގެން ބޭނުންވަނީ؟”
“ހުރިހާ ކަމެއް.” އޭނާ މަޑުމަޑުން ހީނލިއެވެ.
“އެއީ ނުވާނެ ކަމެއް.”
“އަހަރެންގެ އަތުގައި ވަގުތު އެބައޮތް.”
އޭނާ ޒިމާނަށް ބަލައިލިއެވެ. ކުއްލިއަކަށް މުޅި ކޮޓަރިތެރެ ހިމޭންވިހެން ހީވިއެވެ. އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒިމާން އޭނާއަށް ބަގީޗާ ދައްކާލިއެވެ. ކިޔާރާ ކުރިންވެސް ބަގީޗާގެ ބައެއް ދުށް ނަމަވެސް، ދުވާލުގެ އަލީގައި އެތަން ފެންނަނީ މުޅިން ތަފާތުކޮށެވެ. ހިލަ މަގުތަކުގެ ދެފަރާތުގައި މާތައް ފޮޅިފައި ހުއްޓެވެ. ދިގު ރުއްތައް ވައިރޯޅިތަކާއެކު މަޑުމަޑުން ހެލެމުން ދިޔައެވެ. މޫދާ ދިމާލަށް ނިކުމެފައިވާ ކުޑަ ލަކުޑި ސްޓޭޖެއް އޮތެވެ.
“ޒިމާން ހަޤީޤަތުގައިވެސް މިތަން ބޭނުންކުރަންތަ؟” އޭނާ އެހިއެވެ.
“ވަރަށް މަދުން.”
“ކީއްވެ؟”
“މިތަން ބޭނުންކުރާނެ އެހެން މީހަކު ދުވަހަކުވެސް ނެތީމަ.”
ކިޔާރާ ހިނގުން ހުއްޓާލިއެވެ. ޒިމާން އޭނާއަށް ބަލައިލިއެވެ. ދެމީހުންކުރެ އެކަކުވެސް އެއްޗެއް ނުބުނެއެވެ. ދެން އޭނާ ހިނިތުންވެލިއެވެ.
“ދެން..” އޭނާ މޫދާ ދިމާލަށް ބަލައިލިއެވެ.
“މިހާރު އެމީހަކު އެބަހުރި.”
ޒިމާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާގެ ދެލޮލުން އޯގާތެރިކަން ފެންނަން ހުއްޓެވެ. އެމީހުން ހިނގުން ކުރިއަށް ގެންދިޔައެވެ. އިރުކޮޅަކުން އެމީހުން ލަކުޑި ސްޓޭޖުގެ ކައިރީގައި އިށީނެވެ. ކުރިމަތީގައި އޮތް މޫދު ބަބުޅަމުން ދިޔައެވެ. ކިޔާރާ އޭނާގެ އިސްތަށިގަނޑު ކަންފަތް ފުރަގަހަށް ލެއްވިއެވެ.
“އަހަރެން ކުރިން ހީކުރީ ފިރިހެނުން އަހަންނަށް މިގޮތަށް ނުބަލާނެ ކަމަށް.”
ޒިމާން އޭނާއާ ދިމާލަށް އެނބުރުނެވެ. “ކޮން ގޮތަކަށް؟”
އޭނާ ފަސްޖެހުނެވެ. “ހީވަނީ އަހަންނަކީ..” އޭނާ ބަހެއް ހޯދިއެވެ. “ރީތި މީހެއްހެން.”
ޒިމާންގެ މޫނުމަތިން މަޑުމޮޅިކަން ފެނުނެވެ. “ކީއްވެ؟”
އޭނާ އުނދަގޫ ގޮތަކަށް ހީނލިއެވެ. “އެއީ ރީތި އަންހެނުން ހުންނަންޖެހޭ ގޮތުގެ ވާހަކަ އަޑުއަހަމުން އަހަރެން ބޮޑުވީމަ.”
“ދެން؟”
“އަހަރެން އެ ސިފަތަކާ ގުޅުމެއް ނެތް.”
“ކާކު ބުނި ގޮތުގައި؟”
“އެންމެން.”
ޒިމާން އޭނާއަށް ބަލަހައްޓައިގެން އިނެވެ. ދެން މަޑުމަޑުން ބުންޏެވެ. “އެންމެންނަށްވެސް އޮތީ ނުބައިކޮށް އެނގިފައި.”
އޭނާ ހިތާމަވެރި ހިނިތުންވުމަކާއެކު ބުންޏެވެ. “ޒިމާން ތިޔަހެން ތިޔަ ބުނަނީ އަހަރެންދެކެ ގަޔާވާތީ.”
“ނޫން.” ޒިމާންގެ އަޑުގައި ހުރީ ސާބިތުކަމެވެ.
“އަހަރެން ކިޔާރާދެކެ ގަޔާވަނީ ކިޔާރާގެ ހަޤީޤީ ސޫރަ އަހަންނަށް ފެންނާތީ.”
ކިޔާރާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. ޒިމާން ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ކިޔާރާ ތިޔަ އަމިއްލަ ނަފުސު ސިފަކުރަނީ މީހުން އިންސާފުކުރާ އެއްޗެއްގެ ގޮތުގައި.”
އޭނާ ކަރުނަ ހިންދާލިއެވެ. “އަހަރެން އެކަމަށް އާދަވެފައި ހުރީ.”
“އަހަންނަށް އެނގޭ.”
ޒިމާންގެ ދެލޯ ހުރީ ކިޔާރާގެ ލޮލަށް ހުއްޓިފައެވެ. “އެކަމަކު ކިޔާރާ ހުންނަންޖެހޭނެ ކަމަށް މީހުން ބުނާ ގޮތަކަށް އަހަރެންގެ ޝައުޤުވެރިކަމެއް ނެތް.” އޭނާ މަޑުޖެހިލިއެވެ.
“އަހަރެން ޝައުޤުވެރިވަނީ ކިޔާރާގެ ހަޤީޤަތާމެދު.”
ކިޔާރާގެ ހިތުގެ ވިންދު އަވަސްވިއެވެ. “އަދި އަހަންނަކީ ކާކު؟”
ޒިމާންގެ ނަޒަރު އޭނާގެ މޫނުގެ އެކި ތަންތަނަށް ދަތުރުކުރިއެވެ.
“އޯގާތެރި އަންހެނެއް.” އޭނާ މަޑުޖެހިލިއެވެ. “ބުއްދިވެރިއެއް.” އަނެއްކާވެސް މަޑުޖެހިލިއެވެ. “ބަސްނާހާ ގޮތްދޫނުކުރާ މީހެއް.” އޭނާ ހީނލިއެވެ.
“ވަރަށް ބޮޑަށް.”
“އަދި ރީތި މީހެއް.” އޭނާގެ ހިނިގަނޑު މެދުކެނޑުނެވެ. “އަދި ބޭނުންތެރި މީހެއް.”
(ނުނިމޭ)
