ހަނދާންތަކުގެ ފޮށި
އަޙްމަދުގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެއީ ދެރަވެގެންނެއް ނޫނެވެ. ނަމަވެސް އޭނާއާ ބައްދަލުވުމުގެ ކުރިން ޚަދީޖާ އުފުލި ބުރަޔާއި ކުރި ހިތްވަރު އިޙުސާސް ކުރެވުމުންނެވެ.
“ކަލެއަށް ހަމައެކަނި އަހަރެން ފެނުނީއެއް ނޫން.” އޭނާ މަޑުމަޑުން ބުންޏެވެ. “ކަލޭ ތިޔަ ހުރިހާ ކަމެއް ތަހައްމަލުކޮށް ކާމިޔާބު ހޯދީ.”
ޚަދީޖާ އޯގާތެރިކަމާއެކު ހިނިތުންވެލިއެވެ. “އަދި އެއަށްފަހު އަހަރެން އަނެއްކާވެސް އިޚްތިޔާރެއް ކުރިން.”
އަޙްމަދު އޭނާގެ ދެލޮލަށް ބަލާލިއެވެ. “ކޮން މާނައެއްގައި؟”
އޭނާގެ ބޯ އަޙްމަދުގެ ކޮނޑުގައި ލައްކޮށްލިއެވެ.
“އަހަރެން އަލުން ދިރިއުޅެން ގަސްތުކުރިން.” އޭނާ ބުންޏެވެ.
ކުޑަ ހިނދުކޮޅަކަށްފަހު ބުންޏެވެ. “އަހަރެން އަލުން ލޯބިވާން އިޚްތިޔާރުކުރިން.”
ވައިރޯޅިތައް އެމީހުންގެ ވަށައިގެން މަޑުމަޑުން ބިނދެމުން ދިޔައެވެ.
“އަދި މިފަހަރު،” އޭނާ މަޑުމަޑުން އިތުރުކޮށްލިއެވެ. “ﷲ އަހަންނަށް ދެއްވީ އަހަރެން އުންމީދުކުރި ވަރަށްވުރެ މާ ގިނަ ނިޢުމަތްތައް.”
އަޙްމަދު ކުޑަ ވަގުތުކޮޅަކަށް ދެލޯ މަރާލިއެވެ. އޭނާ ހުރީ ﷲ އަށް ޝުކުރުވެރިވެ، މަޑުމޮޅިވެފައެވެ.
ކުދިންނަށް އުނދަގޫ ނުވާނޭހެން، އޭނާ ޚަދީޖާއާ އިތުރަށް ކައިރިވެލިއެވެ.
“ކަލޭ ދުވަހަކުވެސް މިވާހަކައެއް ނުބުނޭ.” އޭނާ މަޑުމަޑުން ބުންޏެވެ.
ޚަދީޖާ ހިނިތުންވެލިއެވެ. “ކަލޭ ދުވަހަކުވެސް ނާހަމެއްނު.”
އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން ބޭނުން ނުވީ ކަލެއަށް ދެރައެއް ދޭން.”
“ކަލޭ އަހަންނަކަށް ދެރައެއް ނުދޭ.”
ހިމޭން ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދެން އޭނާ ބުންޏެވެ.
“އަހަރެންގެ ދިރިއުޅުމުގެ އެބައި.. އެއީ އަހަރެން ފިލަން ބޭނުންވާ ކަމެއް ނޫން.”
އަޙްމަދު އޭނާއަށް ބަލާލިއެވެ.
“އެކަންކަމުގެ ސަބަބުން އަހަރެން މިއަދު މިހުރި މީހާއަށް މިވީ.”
އޭނާގެ ނަޒަރު އެމީހުންގެ ދަރިންނަށް ހުއްޓުނެވެ.
“އަދި އެ ހުރިހާ ކަމެއް އަހަރެން މިތަނަށް ގެނެސްދިނީ.”
އިރުއޮއްސެމުން ދިޔަ ވަގުތު އުޑުމަތީގެ ކުލަތައް ބަދަލުވަމުން ދިޔައެވެ. ރަންކުލައާއި ފިޔާތޮށިކުލަ މުޅި އުދަރެހަށް ފެތުރިފައިވެއެވެ. މުޅި ރަށް އޮތީ ހަމަހިމޭންވެފައެވެ. ރާޅުތަކުގެ އަޑު ނޫން އަޑެއް ނީވެއެވެ.
އަޙްމަދު ވަރަށް ލޯތްބާއެކު ދުނިޔާގެ ބޮލުގައި ދޮނެއް ދިނުމަށްފަހު، އަނެއްކާވެސް ޚަދީޖާއަށް ބަލާލިއެވެ.
“އަހަރެން ވަރަށް އުފާވޭ ކަލޭ މަޑުކުރަން ނިންމީތީ.” އޭނާ ބުންޏެވެ. ޚަދީޖާ ހިނިތުންވެލިއެވެ.
“އަހަރެން ވަރަށް އުފާވޭ އަލުން އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބުނީތީ.”
އަދި މިފަހަރު.. އޭނާއަށް ލޯބިން ފިލައިގެން ދާކަށް ނުޖެހުނެވެ. އޭނާ ވަނީ ލޯބީގެ ތެރެއަށް ވަދެފައެވެ.
**********
އެރޭ، އަޙްމަދު އާދައިގެ މަތިން ޚަދީޖާއާ ކުޑަކޮށް ގާތްވެލިއެވެ. އެއީ އޭނާ ދޫކޮށްފައި ހިނގައިދާނެތީ ބިރުންނެއް ނޫނެވެ. ނުވަތަ އެމީހުން ބިނާކުރި ދިރިއުޅުމާމެދު ޝައްކެއް އޮވެގެންނެއްވެސް ނޫނެވެ. ނަމަވެސް، އޭނާގެ ދޮރުމައްޗަށް އައުމުގެ ކުރިން ޚަދީޖާ ކަނޑަނޭޅި ހިނގާފައިވާ އުނދަގޫ މަގު، ފުރަތަމަ ފަހަރަށް އަޙްމަދަށް އިޙުސާސް ކުރެވުނީތީއެވެ.
އޭނާގެ ކައިރީގައި ނިދާފައި އެއޮތީ ހަމައެކަނި އާ ފެށުމެއް ހޯދުމަށް ރިހިރަންފުށްޓަށް އައި އަންހެނެއް ނޫނެވެ. އެއީ ކުރީގެ ދިރިއުޅުން އެކީގައި ގެއްލި، އޭގެ އަޅިތަކުގެ ތެރެއިން އަމިއްލަ ނަފުސު އަލުން ބިނާކޮށް، އަދިވެސް އަލުން ލޯބިވުމުގެ ހިތްވަރު ހޯދި އަންހެނެކެވެ. އެ ޚިޔާލުތައް އޭނާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ.
ނިދާފައި ތިބި އެއްމާބަނޑު ދެކުދިންގެ މަޑުމައިތިރި ނޭވާގެ އަޑާއި، ދުރުން އިވޭ ރާޅުޖަހާ އަޑު ފިޔަވައި މުޅި ކޮޓަރި ތެރޭގައި އޮތީ ހިމޭންކަމެވެ. ޚަދީޖާ އޮތީ އޭނާގެ އެއް އަތް ދުންޔާގެ ކައިރީގައި ބާއްވާލައިގެން އަމާންކަމާއެކު ނިދާފައެވެ. ނަމަވެސް އަޙްމަދު ނުނިދާ އިރުކޮޅަކު އޮތެވެ. އޭނާއަށް ނޭނގި އޭނާގެ މުޅި ދުނިޔެ ބަދަލުކޮށްލި އަންހެނާއަށް ބަލަހައްޓައިގެންނެވެ.
އޭނާއަށް ޚަދީޖާ ފުރަތަމަ ފެނުނު ދުވަސް ހަނދާންވިއެވެ. ވަރުބަލިވެފައިވާ، ބަނޑުބޮޑުވެފައި އިން އަންހެނަކު އޭނާގެ ވީރާނާވެފައިވާ ގޭގެ ދޮރުމަތީގައި ހުއްޓެވެ. އޭނާގެ އަތުގައި އޮތީ ކުޑަ ދަބަހަކާއި، ވަރުބަލިކަމާއި، ސާބިތުކަން އެކަންޏެވެ. އެދުވަހު އޭނާއަށް ޚަދީޖާއަށް ދެވޭނެ އެއްވެސް އެއްޗެއް ނެތްކަމަށް އޭނާ ހީކުރިއެވެ. ހިތްހަމަޖެހުމެއް، ރަނގަޅު ކޮޓަރިއެއް، ނުވަތަ ފަސޭހަ ދިރިއުޅުމެއް ނެތެވެ. ނަމަވެސް، ޚަދީޖާ ބެލީ އޭނާގެ ހަލާކުވެފައިވާ، އަޅާނުލާ ދޫކޮށްލާފައިވާ ގެޔަށާއި، އޭނާގެ މާޔޫސްވެފައިވާ ރޫޙަށެވެ. އަދި އެއިން ސަލާމަތްކުރަންޖެހޭ ކޮންމެވެސް ކަމެއް ޚަދީޖާއަށް ފެނުނެވެ. އަޙްމަދު ސަލާމަތްކުރެވޭކަން ޚަދީޖާއަށް އެނގުމުގެ މާކުރިން، އޭނާ އެ ގެ ސަލާމަތްކޮށްދީފިއެވެ.
މިހާރު ޚަދީޖާގެ ވާހަކަ އަޑުއިވުމުން، އަޙްމަދަށް އެހެން ކަމެއް ވިސްނުނެވެ. ޚަދީޖާ އެކަން ކުރީ ފުރަތަމަ ފަހަރަކު ނޫނެވެ. އޭނާއަކީ އަބަދުވެސް އެހެން މީހުން ދޫކޮށްލާފައިވާ ތަކެތި މަރާމާތުކުރަން މަސައްކަތްކުރާ މީހެކެވެ. އޭގެ ތެރޭގައި އޭނާގެ އަމިއްލަ ނަފުސުވެސް ހިމެނެއެވެ.
އަޙްމަދު މަޑުމަޑުން އަތް ދިއްކޮށްލާފައި ޚަދީޖާގެ މޫނުމަތީގައި އޮތް އިސްތަށިކޮޅެއް އެއްފަރާތްކޮށްލިއެވެ. “ޚަދީޖާ.” އޭނާ މަޑުމަޑުން ގޮވާލިއެވެ. ޚަދީޖާ ކުޑަކޮށް ގުޑިލިއެވެ.
“ހޫމް؟”
“އަހަރެން މާފަށް އެދެން.”
ޚަދީޖާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. “ކޮން ކަމަކާ؟”
އަޙްމަދު ކުޑަކޮށް ޖެހިލުންވިއެވެ. “އަހަރެންނާ ބައްދަލުވުމުގެ ކުރިން، ކަލެއަށް ލޯބި ނުލިބޭކަމުގެ އިޙުސާސް ކުރެވުނު ކޮންމެ ވަގުތަކަށްޓަކައި.”
ޚަދީޖާގެ މޫނުމަތީގެ ކުލަވަރު އޯގާތެރިވިއެވެ. “އަޙްމަދު..”
“އަހަރެންނަށް އެ އަހަރުތައް ބަދަލެއް ނުކުރެވޭނެކަން އެނގޭ.” އޭނާ މަޑުމަޑުން ކުރިއަށް ގެންދިޔައެވެ. “ކަލޭގެ މައިންބަފައިންނެއް އަނބުރާ ނުގެނެވޭނެ. ކަލޭގެ ހިތުގައި އޮތް އެކަނިވެރިކަމެއް ފޮހެއެއް ނުލެވޭނެ.” އޭނާގެ އަޑު މަޑުވިއެވެ. “އެކަމަކު އަހަރެން ބޭނުން ކަމެއް ބުނެލަން.”
ޚަދީޖާ އޭނާއަށް ބަލައިލިއެވެ.
“ދެން ދުވަހަކުވެސް ކަލެއަކީ ކޮންމެވެސް ތަނަކަށް ނިސްބަތްވާ މީހެއްތޯ ސުވާލުކުރާކަށް ނުޖެހޭނެ.”
އަޙްމަދުގެ އަޑުގައި ހުރި އަސަރު ޚަދީޖާއާ ހަމައަށް ފޯރިއެވެ. އޭނާ އަޙްމަދާ ގާތްވެލިއެވެ. “ތިކަން އަހަރެންނަށް ދިނީވެސް ތިބާ.” ޚަދީޖާ މަޑުމަޑުން ބުންޏެވެ.
އަޙްމަދު ކުޑަކޮށް ހިނިތުންވެލިއެވެ. “ނޫން.”
ޚަދީޖާ މަޑުމަޑުން ބޯ ހޫރާލިއެވެ. “އާނ. އަހަރެންގެ ހާލަތަށްވުރެ ބޮޑަށް އަހަރެންގެ ކިބައިން ކަމެއް ފެނުނު ފުރަތަމަ މީހަކީ ތިބާ.”
އިރުކޮޅެއްގެ ހިމޭންކަމަށްފަހު، “ތިބާއަށް ފެނުނީ ހަލާކުވެފައިވާ ގެޔަކާއި އެކަނިވެރި ފިރިހެނެއް.” ޚަދީޖާގެ އިނގިލިތަކުން އަޙްމަދުގެ އަތުގައި ބީހިލިއެވެ. “އެކަމަކު ތިބާއަށް ފެނުނީ ބަލިކަށި މީހެއް ނޫން. ތިބާއަށް ފެނުނީ ދަސްކުރަން ޙައްޤު މީހެއް.”
އެ ބަސްތައް އެ ދެމެދުގައި ހަރުލާފައި ހުއްޓެވެ. އަދި އިރުކޮޅަކު އެކަކު އަނެކަކުގެ އަތުގެ ތެރޭގައި ތިއްބެވެ. އެއްވެސް ވަޢުދެއް ނެތެވެ. އެއްވެސް ބޮޑު އިޢުލާނެއް ނެތެވެ. ހަމައެކަނި އެކަނިވެރިކަން ތަޙައްމަލުކޮށްފައިވާ ދެމީހަކު، ދެން އެކަނިވެރިކަމާ ކުރިމަތިލާން ނުޖެހޭނެކަމުގެ ހިތްހަމަޖެހުމުގައި ތިބީއެވެ.
އެންމެ ފަހުން ނިދި އަތުވެއްޖެއެވެ. އަދި ވަރަށް ގިނަ ދުވަސްތަކަކަށްފަހު، ހުރިހާ ކަމެއް އެކަނި ރައްކާތެރިކުރުމުގެ ބުރަ އުފުލުމެއް ނެތި އަޙްމަދު ނިދާލިއެވެ.
**********
ޖެހިގެން އައި ދުވަހު ރިހިރަންފުށްޓަށް އިރު އެރީ ވަރަށް ރީތިކޮށް، އަލިގަދަކޮށެވެ. ރަށުތެރެ މަޑުމަޑުން ހޭލަން ފެށިއެވެ. މަސްވެރިން އެމީހުންގެ ދޯނިތައް ތައްޔާރުކުރަމުން ދިޔައެވެ. ހެނދުނުގެ ނާސްތާގެ ވަސް ހުޅުވާފައިވާ ކުޑަދޮރުތަކުން ބޭރަށް ފެތުރެމުން ދިޔައެވެ. ކުޑަކުދިންގެ ހުނުމުގެ އަޑު މަގުތަކުގައި ގުގުމަމުން ދިޔައެވެ.
ގޭތެރޭގައި ޚަދީޖާ އޭނާގެ ހެނދުނުގެ މަސައްކަތްތަކުގައި އުޅެމުން ދިޔައެވެ. ދުންޔާ ކުޑަކޮށް ޝަކުވާކުރާ އަޑު އިވުމުންނާއި، ދާއިިން އަތުޖެހުނު އެއްޗެއްގައި ހިފަން އުޅޭތަން ފެނުމުން އޭނާ ހިނިތުންވެލިއެވެ. އެއީ އާދައިގެ ހެނދުނެކެވެ. ނުދަންނަ ފިޔަވަޅުތަކެއްގެ އަޑަށް އޭނާ ހުއްޓުން އެރިއެވެ.
ގޭގެ ބޭރުގައި ހުރީ ގެސްޓްހައުސްގެ ބަޓްލަރެވެ. ނަމަވެސް އޭނާ ހުރީ އެކަންޏެއް ނޫނެވެ. އޭނާގެ ފަހަތުގައި ތިން މީހަކު ތިއްބެވެ. އެމީހުން އުފުލައިގެން ތިބީ ބޮޑު އެއްޗެކެވެ. އެއީ ލަކުޑި ފޮށްޓެކެވެ. ވަރަށް ރީތިކޮށް ހަދާފައިވާ ލަކުޑި ފޮށްޓެކެވެ. އެމީހުންގެ މޫނުމަތިން ފެންނަން ހުރި ސީރިއަސްކަން ޚަދީޖާއަށް ވަގުތުން ފާހަގަވިއެވެ.
އަޙްމަދު ބޭރަށް ނިކުތެވެ. “ކިހިނެއްވީ؟”
ބަޓްލަރު އިޙްތިރާމާއެކު ސަލާމް ގޮވާލިއެވެ. “އައްސަލާމުޢަލައިކުމް.”
“ވައަލައިކުމުއްސަލާމް.” އަޙްމަދު ޖަވާބު ދިނެވެ.
އެމީހާ އެ ބޮޑު ފޮށްޓަށް ބަލައިލިއެވެ. “މިއީ ޚަދީޖާއަށް ފޮނުވާފައިވާ އެއްޗެއް.”
އޭނާ އެ ބުނި ގޮތުން ދެމީހުންވެސް މަޑުޖެހިލިއެވެ. “ކާކު ފޮނުވި އެއްޗެއް؟” އަޙްމަދު އެހިއެވެ.
ބަޓްލަރު ކުޑަކޮށް އިސްޖަހާލިއެވެ. “ދޮންމާމަގެ ފަރާތުން.”
ޚަދީޖާ ހުއްޓުން އެރިއެވެ. ބަޓްލަރު ކުރިއަށް ގެންދިޔައެވެ. “އޭނާ އެދުނީ މިއީ ސީދާ ޚަދީޖާއާ ހަވާލުކުރުމަށް. އަދި އަހަރެމެން ތިއްބާ މި ހުޅުވުމަށް.”
އަޙްމަދާއި ޚަދީޖާ އެކަކު އަނެކަކަށް ބަލައިލިއެވެ. އެއްވެސް މީހަކަށް އެއީ ކީއްވެގެންވާ ކަމެއްކަމެއް ނޭނގެއެވެ. ނަމަވެސް އެއީ ވަރަށް މުހިންމު ކަމެއްކަން އިޙުސާސް ކުރެވުނެވެ. އެމީހުން އެ ފޮށި ގޭގެ އެތެރެއަށް ވެއްދިއެވެ. އެ ފޮށި ހަދާފައިވާ ފަރުމާ އެކަނިވެސް ހިތްގައިމެވެ. ގަދީމީ ގޮތެއް ހުރި، ރީތި، އަދި ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓާފައިވާ ފޮށްޓެކެވެ. އެއީ ދެއްކުންތެރިކަމަށްޓަކައި އަލަށް ހަދާފައިވާ އެއްޗެއް ނޫނެވެ. އެއީ ވަރަށް ބޮޑަށް ރައްކާތެރިކޮށް، އުންމީދާއެކު ރައްކާކުރެވިފައިވާ އެއްޗެކެވެ.
ޚަދީޖާ ހުރީ އަޙްމަދުގެ ކައިރީގައެވެ. އޭނާގެ އިނގިލިތައް ތުރުތުރުލަމުން ދިޔައީ ނުތަނަވަސްކަމާއެކުގައެވެ. “ހުޅުވާލަދީ.” އޭނާ މަޑުމަޑުން ބުންޏެވެ. އަޙްމަދު އޭނާގެ އަތް ފޮށީގެ މަތިގަނޑުގައި ބާއްވާލިއެވެ. އަދި ވަރަށް މަޑުމަޑުން، ފަރުވާތެރިކަމާއެކު އެ ފޮށި ހުޅުވާލިއެވެ. ފޮށި ހުޅުވާލި ވަގުތު.. ޚަދީޖާގެ ނޭވާ ހުއްޓުނު ކަހަލައެވެ.
(ނުނިމޭ)
