އަހަރެންގެ ލޯބިވެރިއަކު ހުރިއިރުވެސް، އަހަރެން އެހެން މީހަކާ މެދު ވިސްނަނީ ކީއްވެ ހެއްޔެވެ؟
އާނއެކެވެ، ޒައިދަކީ މިހާރު އަހަރެންގެ ލޯބިވެރިޔާއެވެ. އަހަރެމެންގެ ގުޅުން ވަރަށް އަވަހަށް ކުރިއަށް ގޮސް، އޭނާ އަހަރެންގެ ކިބައިން ކައިވެންޏަށް އެދުނު ހިނދު އަހަރެން އިންކާރެއް ނުކުރަމެވެ.
އޭނާއަކީ ވަރަށް ހިތްހެޔޮ، އޯގާތެރި ފިރިހެން ކުއްޖެކެވެ. އޭނާ ފިޔަވައި އެހެން މީހަކާ މެދު ވިސްނޭތީ އަހަރެން ކުށްވެރި އިހުސާސް ކުރެވެން ޖެހޭނެއެވެ.
ފާރޫގާ ވާހަކަދެއްކުން ނުވަތަ އޭނާގެ ޚިޔާލުތައް މަދުކުރުމަށް އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. “މިއީ ނިމުމެއް ނޫން” ކަމަށް އޭނާ ބުނި ބުނުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟
އަހަރެމެންނަށް ގެއަށް ދެވުމުން، އެ ވާހަކަ ފަހަށް ބާއްވަން އަހަރެން ނިންމީމެވެ. ކާރުން ފައިބައިގެން ގޭގެ މައި ދޮރުން ވަންއިރު، އިވްރިޝާގެ ކުރިމަތީގައި ބައްޕަ ހުއްޓި ހުއްޓާ ފެނުނެވެ.
“ބައްޕާ!” އަހަރެން އުފަލުން ހަޅޭއްލަވައިގަތުމަށްފަހު ދުވެފައި ގޮސް ބައްޕަގެ ގައިގައި ބައްދާލީމެވެ.
އިވްރިޝާގެ ނަޒަރުން
“މުޙައްމަދު! ކަލޭ މިތާ ކީއްކުރަނީ؟” އަހަރެން ހަޅޭއްލަވައިގަތީމެވެ. އޭނާގެ ފަހަތުގައި، ސިޓިންގްރޫމް ގޮނޑީގައި ރޮއިރޮއި އިން މަންމަ އަހަންނަށް ފެނުނެވެ.
މުޙައްމަދު ހިނިތުންވެލަމުން، ދެއަތް އުނގުޅަމުން އަހަރެންނާ ދިމާއަށް އައެވެ. “އަހަރެންނަށް ކިޔަންވާނީ ބައްޕަ،” މަލާމާތުގެ ރާގަކަށް އޭނާ ބުންޏެވެ.
އެއީ އަހަރެންގެ ބައްޕަ ނަމަވެސް އަހަރެންވެސް އޭނާއަށް މަލާމާތްކޮށްލަމުން، މޫނު އަނބުރާލީމެވެ. “މަންމައަށް ކަލޭ ބޭވަފާތެރިވި ދުވަހު، ‘ބައްޕަ’ ކިޔުމުގެ ޙައްޤު ކަލޭގެ ކިބައިން ވަނީ ގެއްލިފަ!”
“އިވްރިޝާ، ތިޔަހެން ބޭއަދަބީ ނުވޭ!” ސޯފާއިން ތެދުވަމުން މަންމަ ބުންޏެވެ.
އަހަރެން ހައިރާންވެ އަންތަރީސްވިއެވެ. “ގަބޫލެއް ނުކުރެވޭ! މަންމަ، އޭނާ ކުރި ހުރިހާ ކަމަކަށްފަހު އަދިވެސް ތިޔަ އުޅެނީ އޭނާގެ ދިފާއުގަތަ؟”
“އެނގޭތަ އިވްރިޝާ، އަހަރެން ކަލެއަކަށް މަލާމާތެއް ނުކުރާނަން. ކަލެއަކީ ހަމަ އަހަރެން ކަހަލަ މީހެއް.” މުޙައްމަދުގެ މުސްކުޅި މޫނުމަތިން ފާޅުވި ހިނިތުންވުމާއެކު، އޭނާ ބުންޏެވެ.
އަހަރެން އޭނާއަށް އަޅާނުލައި، ސުވާލުތައް އަމާޒުކުރީމެވެ. “ކަލޭ މިތާ ކީއްކުރަނީ؟ މަންމަ ރޮއްވާލަން ކަލޭ ކުރީ ކީއް؟” އަހަރެންގެ ލޮލުން ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ.
ހައިޘަމް ހިމޭނުން ހުރެ، އަހަރެމެން ދެމީހުންގެ ދެމެދުގައި ހިނގަމުންދާ ކަންތައްތައް ބަލަމުން ދިޔައެވެ.
“އަހަރެން މިއައީ އަހަރެންގެ އެއްޗެހި ބަލާ،” މުޙައްމަދު ބުންޏެވެ.
އޭނާ އެބުނި އެއްޗެއްގެ މާނަ އަހަރެން އޮޅުންފިލުވަން އުޅެނިކޮށް، ފަހަތުން ތަސްނީމް އުފަލުން ހަޅޭއްލަވައިގެންފައި އައިސް އޭނާގެ ގައިގައި ބައްދައިގަތެވެ.
“ބައްޕާ! ވަރަށް މިސްވި. މިދުވަސްކޮޅު ފޯނެއްވެސް ނުނަގަމެއްނު،” ތަސްނީމް ޝަކުވާގެ ރާގަކަށް ބުންޏެވެ.
ތަސްނީމްއާއި ޙަމްޒާ އޭނާދެކެ އެހާ ލޯބިން އުޅޭ މަންޒަރު ފެނުމުން އަހަރެން އަބަދުވެސް ރުޅިއާދެއެވެ. އެއީ ހަސަދަވެރިކަމެއް ނޫނެވެ. ނަމަވެސް، އެކުދިންގެ އަސްލު ބައްޕައަކީ ކާކުކަން މަންމަ ސިއްރުކުރާތީ، މަންމަ އެކުދިންނަށް އޮޅުވާލަނީއޭ އަހަރެންގެ ހިތަށް އަރަނީއެވެ. މިހާރު އެ ހީނ ސަމާސާކުރާ މީހަކީ އެކުދިންގެ އަސްލު ބައްޕައެއް ނޫނެވެ. އަސްލު ބައްޕައަކީ މަންމައަށް ބޭވަފާތެރިވަނިކޮށް އަހަރެންގެ ލޮލަށް ފެނުނު މީހާއެވެ.
ރަނގަޅު ފިރިއަކު ނުވަތަ ބައްޕައަކު ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނެއެވެ. ނަމަވެސް މަންމަ އެކުދިން ގާތު ބުނެފައިވަނީ، ދެމީހުން ވަކިވީ ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށެވެ. ހަގީގަތް ކިޔައިދިނުމަށް އަހަރެން އެތައް ފަހަރަކު މަންމަ ގާތު އެދުނީމެވެ. ނަމަވެސް މަންމަ އެކަން މަނާކުރީއެވެ.
މަންމަ އޭނާ ސަލާމަތްކުރަން އެހާ މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ މަންމައަކީ މާ ހިތްހެޔޮ މީހެކެވެ. މަންމަގެ އެ ހިތްހެޔޮކަމުގެ ސަބަބުން ކޮންމެވެސް ދުވަހަކުން ދެރައެއް ލިބޭނެ ކަމަށް އަހަރެން އަބަދުވެސް ބުނަމެވެ. މިއަދު އެދުވަސް އަތުވެއްޖެއެވެ. މުޙައްމަދު އަހަރެމެންގެ ތެރެއަށް އަލުން އެއައީ ކޮންމެވެސް އެދުމެއް އޮވެގެންނެވެ.
“އަދިވެސް އެއްފަހަރު އަހާލަން، ކަލޭ މިތާ ކީއްކުރަނީ؟” ރުޅި އައިސް ތުރުތުރުލާ ހާލު އަހަރެން އެހީމެވެ.
ހައިޘަމް އަހަރެންގެ ފަހަތުން އައިސް ސަބީނާ ގޮވައިގެން އެ ކޮޓަރިން ނިކުތެވެ.
“ކަލޭމެން ތިޔަ ބޭނުންކުރާ އަހަރެންގެ މުދާތައް ބަލާ މިއައީ.” މުޙައްމަދު، ތަސްނީމްގެ ގައިން ދޫކޮށްލުމަށްފަހު ބުންޏެވެ.
“ތިޔަ ބުނި އެއްޗެއް ތަފްސީލުކޮށްދީބަލަ،” އަހަރެން ބުނީމެވެ.
“ލަންކާގަ ހުރި މަންމަގެ ފިހާރައާ، ތިޔަ އުޅޭ ގެއާ، ކާރުތަކާ، މަންމަގެ އަތުގަ ހުރި ހުރިހާ މުދަލަކީ އަހަރެންގެ އެއްޗެހި،” އޭނާ ބޮޑާކަމާއެކު ބުންޏެވެ.
އަހަރެން މަންމައަށް ބަލާލީމެވެ. މަންމަ އިނީ ބޯލައިގެން ރޯށެވެ.
“ކަލެއަކީ ވަގެއް! އެ ހުރިހާ އެއްޗަކީ ގާނޫނީ ލިޔެކިޔުންތައް ހުރި، އަހަރެމެންގެ ނަމުގައި ހުރި ތަކެތި!”
“އާނ، އެކަން އަހަރެންނަށް އެނގޭ. އެހެންވެ ކަލޭމެން ޖެހޭނީ އެތަކެތި އަހަރެންނަށް ބަދަލުކުރުމަށް ސޮއިކުރަން.”
“ކަލޭ ތިއީ ބަލިމަޑުކަމެއް!” އަހަރެން ހަޅޭއްލަވައިގަތީމެވެ.
“އިވްރިޝާ، އަބަދުވެސް ބުނަމެއްނު ތިހެން ބޭއަދަބީ ނުވާށޭ. ބަލަ އެއީ އަހަރުމެން ބައްޕައޭ. އެކަމަކު ތިހުރީ ބައްޕައާ ޖަދަކުރަން ހިފާލާފަ،” ތަސްނީމް ބުންޏެވެ.
“މިއީ މަގޭ ބައްޕައެއް ނޫން. އޭނާ ކުރި ކަންތައް އެނގޭނަމަ ތިޔަހެން ބައްދާލައިގެން ނުހުންނާނެ،” އަހަރެން ބުނީމެވެ. އޭނާ އަހަރެމެން ދޫކޮށްލާފައި ދިޔައީ އެއްވެސް އަޅާލުމެއް ނެތިއެވެ. ވަރިވީ ފަހުން ދުވަހަކުވެސް ފޯނެއް ނުކުރެއެވެ، އުފަންދުވަހުގެ ހަދިޔާއެއް ނުފޮނުވައެވެ. މިއަދު އޭނާ އެއައީ މަންމަ ކާމިޔާބުވީމާ މަންމަގެ ހުރިހާ އެއްޗެއް އަތުލަން ކަން ޔަގީނެވެ.
އަހަރެންގެ ފަހު ނޭވާއާ ޖެހެންދެންވެސް މަންމަގެ ޙައްޤުގައި އޭނާއާ ހަނގުރާމަކުރާނަމެވެ.
“ބައްޕަ ކުރީ ކީއް؟” ތަސްނީމް އޭނާއާ ދުރަށް ޖެހިލަމުން އެހިއެވެ.
މުޙައްމަދު ހާސްވެފައި ހީނލަމުން ބުންޏެވެ. “ނޫން ތަސް، ބައްޕަ އެއްވެސް ކަމެއް ނުކުރަން. އޭނާ އެހަދަނީ ދޮގު.”
“ލަދުކުޑަ މުސްކުޅިޔާ، ދޮގުހެދުން ހުއްޓާލާ!” އަހަރެން ބުނީމެވެ.
“އިވްރިޝާ، ބުނެބަލަ އޭނާ ކުރީ ކީއް؟”
“މަންމާ، އަހަރެން ބުނާނަން. މަންމަ މިކަލޭގެ ސަބަބުން ހިތާމަކުރާ ތަން ބަލާކަށް އަހަރެންނަކަށް ނުހުރެވޭނެ،” އަހަރެން ބާރަށް ބުނީމެވެ.
މަންމަ ބޯ ހިއްލާލިއިރު ލޯ ހުރީ ރަތްވެފައެވެ. “އިވްރިޝާ، އާދޭސްކުރަން ނުބުނާތި. ދަރިފުޅަށް ލިބުނު ހިތާމަ އަނެއް ދެކުދިންނަށް ލިބޭކަށް އަހަރެން ބޭނުމެއް ނޫން.”
“ނޫން މަންމާ، އަހަރެން ބޭނުން އެނގެން،” ތަސްނީމް ބާރަށް ބުންޏެވެ.
އެވަގުތު ޙަމްޒާވެސް އެތަނަށް އައެވެ. މަންމަ ރޯތަން ފެނުމުން އޭނާ ކަންބޮޑުވިއެވެ. “ކިހިނެއްވީ؟” އޭނާ އެހިއެވެ.
“ކަމެއް ނުވޭ!” މުޙައްމަދު އަވަސްއަވަހަށް ބުންޏެވެ.
“އޯ، ބައްޕަ އަދިވެސް އެބައުޅެންތަ؟” ޙަމްޒާ ހިނިތުންވުމަކާއެކު އަހާލިއެވެ.
މަންމަ ތެދުވެ، އަޑު ކުރެހިފައިވާ ރާގަކަށް ބުންޏެވެ. “އިވްރިޝާ ބުނީ ތެދެއް. އެކުދިންނަށް ހަގީގަތް އެނގެންޖެހޭ.”
އަހަރެންގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އެތައް އަހަރެއް ވަންދެން އަހަރެމެންނަށް އަޅާނުލާ ދޫކޮށްލި މީހާގެ ހަގީގަތް އެކުދިންނަށް އެނގޭނެތީއެވެ.
“ތަސްނީމް، ޙަމްޒާ… މަންމަ މައާފަށް އެދެން ކުރިން މިވާހަކަ ނުބުނެވުނީތީ. މަންމަ ބޭނުންވީ ތިޔަ ކުދިންގެ ހިތް ނުތަޅުވަން. ޚާއްޞަކޮށް ތަސްނީމް ބައްޕަދެކެ ލޯބިވާވަރު އެނގޭތީ،” މަންމަ ތަސްނީމްގެ މޫނުގައި ފިރުމާލިއެވެ. “ބައްޕައާއި މަންމަ ވަކިވީ ޚިޔާލު ތަފާތުވެގެންނެއް ނޫން. ވަކިވީ ބައްޕަ އެހެން އަންހެނަކާއެކު އުޅެނިކޮށް މަންމައަށް ފެނުމުން. އަދި އެއީ އެންމެ ފަހަރަކު ކުރި ކަމެއްވެސް ނޫން.”
ޙަމްޒާއާއި ތަސްނީމަށް ލިބުނީ ބޮޑު ސިހުމެކެވެ. މުޙައްމަދު ހާސްވެގެން ތުންފަތުގައި ދައިގަތެވެ.
“އެކަން ވީގޮތް އަހަރެން ކިޔަދީފާނަން. ދަރިފުޅުމެން އަޑުއަހާބަލަ!،” އޭނާ ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ޙަމްޒާ އޭނާ ހުއްޓުވިއެވެ. “އިތުރު ވާހަކައެއް ނުދައްކާ މިގެއިން ނިކުމޭ!” ހަރުކަށި ރާގަކަށް ޙަމްޒާ އަމުރުކުރިއެވެ.
“ޙަމްޒާ، މަޑުކޮށްބަލަ. ކަން ވީގޮތް އަހަރެން ކިޔައިދީފާނަމޭ ބުނެފީމެއްނު؟ ތަސް، ބައްޕަގެ ދަރިފުޅާ، ބައްޕަ ދައްކާ ވާހަކަ އަޑުއަހަން ބޭނުމެއްނޫންތަ؟” އޭނާ ވަރަށް އޯގާތެރިކަމާއެކު، އޮޅުވާލާ ފަދަ ރާގަކަށް ތަސްނީމާ ސުވާލުކުރިއެވެ.
“ނޫން، ޙަމްޒާ އެބުނި ގޮތަށް ހަދާ، މިގެއިން ނިކުމޭ،” ލޮލުން ކަރުނަ ފޮޮހެލަމުން ތަސްނީމް ޖަވާބުދިނެވެ.
“މިކަން ފަސޭހަގޮތުގަ ނިންމަން ކަލޭމެން ބޭނުން ނުވަންޏާ، ދެން ކުރަން ޖެހޭނީ އުނދަގޫ ގޮތަށް. ވަރަށް އަވަހަށް އަހަރެންގެ ވަކީލުން އަންނާނެ،” އަހަރެމެން އެންމެންނަށް ހަރުކަށި ނަޒަރަކުން ބަލާލުމަށްފަހު، އެނބުރިފައި އޭނާ ހިނގައިގަތެވެ.
މުޙައްމަދުގެ ނަޒަރުން (އިވްރިޝާގެ ބައްޕަ)
ކާރަށް އެރިގޮތަށް އަހަރެން ހަދީޖާގެ ނަންބަރަށް ގުޅީމެވެ. އަދި ފާތިމާއާއި އޭނާގެ ދަރިން އުޅޭ ބޮޑު ގަނޑުވަރު ފަދަ ގެއިން ނިކުމެގެން ދާން ދުއްވައިގަތީމެވެ. އެއީ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ބޮޑު ގެއެކެވެ.
“ހަދީޖާ ކޮބާ ކަލޭ؟ އަހަރެމެން ވާހަކަދައްކަން ޖެހިއްޖެ!” އޭނާ ފޯނު ނެގިގޮތަށް އަހަރެން ބުނީމެވެ.
“އަހަރެން މިއިނީ ގޭގަ، އާދޭ،” އޭނާ ޖަވާބުދިނެވެ.
އަހަރެން ފޯނު ބާއްވާފައި ބާރު ސްޕީޑުގައި އޭނާގެ ގެއަށް ދިޔައީމެވެ. ތަސްނީމް ލައްވާ އެ ލިޔެކިޔުންތަކުގައި ސޮއިކުރުވުމާ އަހަރެން ހުރީ ވަރަށް ގާތުގައެވެ. އޭނާއަކީ އެންމެ ހަގު، އަދި ތަޖުރިބާ މަދު ކުއްޖާއެވެ. އަހަރެން އެ ލިޔުންތައް ދެއްކިނަމަ، އެއްވެސް ވިސްނުމަކާ ނުލައި އޭނާ ސޮއިކުރީހެވެ. އަހަރެންގެ ދަރިންގެ ތެރެއިން އަހަރެންދެކެ އެންމެ ލޯބިވަނީ ތަސްނީމްކަން އަހަރެންނަށް އެނގެއެވެ.
ނަމަވެސް ހިތާމައަކީ، އަހަރެން އޭނާދެކެ ލޯބިނުވެވޭތީއެވެ. އަސްލު ބުނާނަމަ، އަހަރެން އޭނާދެކެ ފޫހިވެއެވެ. އޭނާއަކީ އުފަންވާންޖެހޭ ކުއްޖެއް ނޫނެވެ. އަހަރެން ބޭނުންވީ އެންމެ ދެ ދަރިންނެވެ. ނަމަވެސް ފާތިމާ އަނެއްކާވެސް ބަނޑުބޮޑުވީއެވެ. އެދުވަހުން ފެށިގެން އަހަރެން ފާތިމާއާއި ތަސްނީމްދެކެ ފޫހިވާން ފެށީމެވެ. އެކަމަކު ތަސްނީމަކަށް އެކަމެއް ނޭނގެއެވެ. އޭނާ އަބަދުވެސް އުޅެނީ އަހަރެންގެ ކަންކަމާ ހޭބަލިވާވެރު ވެގެންނެވެ.
އަހަރެން ބޭނުންވީ އިވްރިޝާ އަހަރެން ދެކެ އިންތިހާއަށް ލޯބިވުމަށެވެ. އަހަރެންގެ ކަންކަމާ އަޅައިލުމަށެވެ. އަހަރެން ލޯބިވަނީ އިވްރިޝާދެކެއެވެ. ނަމަވެސް ހުރިހާ ކަމެއްވެސް މިވަނީ ދިމާ އިދިކޮޅަށެވެ. އަހަރެން ފޫހިވާ ކުއްޖާ އަހަރެންދެކެ ލޯބިވާއިރު، އަހަރެން ލޯބިވާ ކުއްޖާ އަހަރެންދެކެ އިންތިހާއަށް ފޫހިވެއެވެ.
ހަދީޖާގެ ބޮޑު ގެއަށް އަހަރެން ދިޔައީމެވެ. ހަދީޖާއަކީ ވަރަށް ނަސީބުގަދަ އަންހެނެކެވެ. އޭނާގެ ހުރިހާ މުއްސަނދިކަމެއް ލިބުނީ މަރުވި ފިރިމީހާގެ ފަރާތުންނެވެ. މިހާރު އޭނާ އުޅެނީ ވަރަށް މުއްސަނދި އަރާމު ދިރިއުޅުމެކެވެ. ކާރުން ފައިބައިގެން އަހަރެން އެތެރެއަށް ވަނީމެވެ. އޭނާ އޮތީ ކޮންމެ ވަގުތަކުވެސް ވަދެވޭނެހެން އަހަރެންނަށް އިތުރު ތަޅުދަނޑިއެއް ދީފައެވެ.
“މިހާ އަވަހަށް ތިޔައީ ކޮންފަދަ ބޮޑު ކަމެއް ޖެހިގެން؟” ސިޓިންގްރޫމުން އޭނާއާ ބައްދަލުވުމުން ހަދީޖާ އެހިއެވެ.
އޭނާ އިނީ ބާރު ޖީންސަކާ، މުށިކުލައިގެ ގަމީހެއް ލައިގެންނެވެ. ބޮލުގައި އޮތީ ކަޅުކުލައިގެ ބޮޑު އިސްތަށިގަނޑެއް ޖަހާފައެވެ. އޭނާގެ ދިގު ނިޔަފަތިތަކުގައި ހުރީ ގަދަ ނޫކުލައިގެ ކުލަ ޖައްސާފައެވެ.
“ބޮޑު މައްސަލައެއް ޖެހިއްޖެ. ތަސްނީމަށް ސިއްރު ފަޅާއަރައިފި،” ހިތް ބާރަށް ތެޅޭ ހާލު އަހަރެން ބުނީމެވެ.
އޭނާ ސިހިފައި ސުވާލުކުރިއެވެ. “ކިހިނެއް އެނގުނީ؟”
“އިވްރިޝާގެ ކަންތަކާ ހެދި، ފާތިމާ އެންމެ ފަހުން އެއްބަސްވީ ކިޔައިދޭން. ދެން ފާތިމާ އެކުދިން ގާތު ހުރިހާ ވާހަކައެއް ބުނީ.”
ހަދީޖާ ރުޅިއައިސްގެން ފާރުގައި ބާރަށް އަތުން ޖެހިއެވެ. “އަހަރެންނަށް މީގެ އެތައް އަހަރެއް ކުރިންވެސް އެނގޭ އިވްރިޝާއަކީ ނުބައި ކުއްޖެއްކަން.”
“އާނ، އޭނާއަކީ ވަރަށް ގޮތްދޫނުކުރާ ކުއްޖެއް. އެކަމަކު މިހާރު އޭނާ ވަރަށް ބޮޑަށް ބަދަލުވެއްޖެ. ކުރިއަށްވުރެ ރީތިވެފައި ހަށިގަނޑުވެސް ވަނީ ފުރާފުރިހަމަވެފަ،” އަހަރެން މަޑުމަޑުން ބުނީމެވެ.
ހަދީޖާ މޫނު ކުނިކޮށްލިއެވެ. “އާނ، އެދުވަހު އަހަރެން އޭނާ ދެކުނިން. އަޚީރާއާއި ޝިރާނީއޭނާ މިތަނަށް ގެނައި.”
އަހަރެން ހައިރާންވިއެވެ. “ގެނައިތަ؟ އޭނާ އަދުނާނާ ބައްދަލުނުވާނެ ކަމަށް އުންމީދުކުރަން.”
އިވްރިޝާއާއި އަދުނާން އަލުން ގުޅިއްޖެނަމަ، އަހަރެންނާއި ހަދީޖާގެ ކަންތައް ނިމުނީއެވެ.
“ބައްދަލުވި، އެކަމަކު އަހަރެން މިދަނީ އެދެމީހުން ދުރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން. މާތްﷲގެ އިރާދަފުޅުން އޭނާ ވަރަށް އަވަހަށް އެހެން މީހަކާ ކައިވެނިކުރާނެ،” ތެދުވަމުން ހަދީޖާ ބުންޏެވެ.
އަހަރެންވެސް ތެދުވެ އޭނާގެ ފަހަތުން ބަދިގެއަށް ދިޔައީމެވެ. “މަސައްކަތް ކުރިއަށްދަނީ ކިހިނެއް؟ ފާރޫޤް އޭނާ މަރާލަން އެއްބަސްވެއްޖެތަ؟”
ހަދީޖާ ބޯޖަހާލިއެވެ. “ވަރަށް ކުރިން!” އޭނާ ހިނިތުންވަމުން ދެ ތަށްޓަށް ބޯ އެއްޗެއް އެޅިއެވެ. “މާދަމާ އޭނާ އަންނާނެ އިވްރިޝާގެ ފޮޓޯ ބަލާ، އަދި އޭނާ ރައްޓެހިކަން ބަދަހިކުރަން ފަށާނެ. ހަމަ ހުވާ މިބުނީ، މިކަން ނިމޭނެ ވަގުތަކަށް އަހަރެން މިހުރީ ކެތްމަދުވެފަ.”
“އަހަރެންވެސް! ފާތިމާ މޮޔަބޮޑުވެގެން ހުރިހާ މުދަލެއް ތަސްނީމްގެ ނަމަށް ބަދަލުކުރިކަން ގަބޫލެއްވެސް ނުކުރެވޭ. ފާރޫޤް އޭނާ މަރާލުމުގެ ކުރިން، އޭނާގެ ސޮއި އަތުލާނަން.”
ހަދީޖާ އުފަލުން އަތްތިލަބަޑިޖަހައިލިއެވެ. އަހަރެމެންގެ ރޭވުންތަކުގެ ވާހަކަ ކުރިއަށް ގެންދިޔައީމެވެ. މީގެ ހަތަރު އަހަރު ކުރިން އަހަރެން ހުރިހާ މުދަލެއް ގެއްލި ސަލާންޖަހާ ހިސާބަށް ދިޔައެވެ. އަލުން މުއްސަނދިވާން ކޮންމެ ފަދަ ކަމެއްވެސް ކުރަން އަހަރެން މިހުރީ ތައްޔާރަށެވެ.
ފަގީރުކަމަކީ އަހަރެން ފޫހިވާ އެއްޗެކެވެ. ހަދީޖާގެ އެހީތެރިކަން ނެތްނަމަ، އަހަރެން ހުންނާނީ މަގުމަތިވެފައެވެ. އޭނާ އަހަރެންނަށް އެޕާޓްމަންޓަކާއި ކާރެއް ގަނެދިނެވެ. ކޮންމެ ދުވަހަކު ކާނާ ފޯރުކޮށްދެއެވެ. އެހެންކަމުން، މީގެ ހަތަރު އަހަރު ކުރިން އަދުނާނާއި އިވްރިޝާގެ ކައިވެންޏާ ދެކޮޅު ހަދަން އޭނާ ބުނުމުން، އަހަރެން އުފަލުން އެކަން ކުރީމެވެ. އެއީ ވަރަށް ކުޑަ ކަމެކެވެ. އެކަމާ މެދު އަހަރެން ދެރައެއް ނުވަމެވެ.
“ހިނގާ ފޭކް ވަކީލުންނާ ބައްދަލުކުރަން ދާން،” އަހަރެން ބުނީމެވެ.
އުމުރުން 54 އަހަރުވީ ނަމަވެސް، އަހަރެންގެ ހަށިގަނޑުގައި އަދިވެސް ވަރަށް ހަކަތަ އެބަހުއްޓެވެ.
“އަހަރެމެން ބުނާ ގޮތަށް އެމީހުން އެއްބަސްވާން ޖެހޭނެ. އެހެން ނޫންނަމަ ހަދަންޖެހޭ ގޮތް އެނގެއެއްނު؟” ނުބައި ހިނިތުންވުމަކާއެކު ހަދީޖާ އެހިއެވެ.
“އާނ، އެނގޭ،” އަހަރެން ބޯޖަހާލަމުން އޭނާގެ ބެންޓްލީ ކާރަށް އެރީމެވެ.
“އަހަރެމެން އެމީހުން މަރާލާނީ.”
****
އޮޅުން ނާރާނެ ކަމަށް އުންމީދުކުރަން! ހަދީޖާއަކީ އަދުނާންގެ މަންމަ، އެމީހުން ކިޔާ ގޮތުންނަމަ ‘ނާނާ‘.
— ނުނިމޭ —
