ބަހިއްޔާ އަލީ ސުލައިމާންގެ އުމުރުން އެންމެ 32 އަހަރުގައި، އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ ކުއްލި ސިހުމަކާއެކުގައެވެ.
އޭނާގެ ފިރިމީހާއަށް ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން، ހިނގާބިނގާވެ ނޫޅެވޭ ހާލަތަށް ގޮސް މަސައްކަތް ކުރުމުން މަހްރޫމްވިއެވެ. މިއާއެކު، މިޞްރުގެ ބަނީ ސުވައިފްގައި ދިރިއުޅެމުންދިޔަ ބަހިއްޔާގެ ތިން ދަރިން ބެލެހެއްޓުމުގެ މުޅި ޒިންމާ އޭނާގެ ކޮނޑުގައި އެޅުނެވެ.
އެންމެ ފުރަތަމަ އޭނާ ފެށީ އާއިލާގެ ޓުކް-ޓުކް (ކުރޮޅި/އޮޓޯ) ދުއްވާށެވެ. ނަމަވެސް، އެއިން ލިބޭ އާމްދަނީން ދެކޮޅު ނުޖެހުމުން، އޭނާ އިމާރާތްކުރުމުގެ ދާއިރާއަށް ނުކުތެވެ. އެތައް ފިރިހެނުންނަކާއެކު ގައު އުފުލުމާއި ވެލި އުފުލުމުގެ ބުރަ މަސައްކަތް ކުރަމުން ދިޔައިރު، އޭނާއަށް ދިޔައީ ނުހަނު ގިނަ ގޯނާތަކާއި ކުރިމަތިވަމުންނެވެ.
މިފަދަ ގޯނާތަކުން ސަލާމަތްވެ، މަސައްކަތުގައި ދެމިހުރުމަށްޓަކައި ބަހިއްޔާ ނިންމީ ހައިރާންކުރުވަނިވި ނިންމުމެކެވެ. އޭނާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލުމަށްފަހު، ބުރުގާގެ ބަދަލުގައި ފިރިހެން ހެދުން އަޅަން ފެށިއެވެ. އަދި “ބަކަރް” ގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރިއެވެ.
ދުވާލު ގަޑީގައި އޭނާ އުޅުނީ ފާރުތައް ރޭނުމުގައެވެ. ރޭގަނޑުވުމުން އިތުރު އާމްދަނީ ހޯދުމަށް އަނެއްކާވެސް ޓުކް-ޓުކް ދުއްވަން ނުކުމެއެވެ. އެހެންނަމަވެސް، އޭނާގެ ދަރަނިތައް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
އެންމެ ފަހުން، ދަރަނިތަކުން ސަލާމަތްވުމަށްޓަކައި ކުރާނެ އެހެން އެއްވެސް އިތުރު ގޮތެއް ނެތިގެން، އޭނާގެ އެއް ކިޑްނީ ގާތްގަނޑަކަށް 800 ޑޮލަރަށް ވިއްކާލިއެވެ.
މިޞްރުގެ ޓީވީ ޗެނަލަކުން އޭނާގެ މި ވާހަކަ ހާމަކުރުމާއެކު، “ބަކަރް”ގެ ފަހަތުގައިވާ އަސްލު ހަގީގަތް މުޅި ގައުމަށް އެނގިގެންދިޔައެވެ. އެއީ އޭނާގެ އަމިއްލަ ޕްރައިވެސީއާއި، އަރާމާއި، އަދި ހަށިގަނޑުގެ ގުނަވަނެއް ގުރުބާންކޮށްލައިގެން ދަރިންގެ މުސްތަގުބަލަށްޓަކައި މަސައްކަތްކުރި ލާމަސީލު މައެކެވެ.
މަޔަކު އޭނާގެ ދަރިންދެކެވާ ލޯތްބަކީ، ތަސައްވަރުވެސް ނުކުރެވޭ ފަދަ ބޮޑެތި ގުރުބާނީތައް ވުމަށް ހިތްވަރުދޭ ފުން އިހުސާސެކެވެ.
