ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026: ބައިވެރިވާ ހޮސްޕިޓަލްތަކާއި ކުލިނިކްތަކާ އެޗްސީއޭ އިން ބައްދަލުކޮށްފި
އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026: ބައިވެރިވާ ހޮސްޕިޓަލްތަކާއި ކުލިނިކްތަކާ އެޗްސީއޭ އިން ބައްދަލުވުމުގެ ތެރެއިން / އެޗްސީއޭ

ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026” އާ ގުޅޭގޮތުން، މި ހަރަކާތުގައި ބައިވެރިވާ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުގެ އިސް ބޭފުޅުންނާ އެޗްސީއޭގެ ފަރާތުން ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ކުރިއަށް އޮތް ބޮޑު މެޑިކަލް ކޭމްޕް އިންތިޒާމުކުރުމުގައި އަމަލީގޮތުން ބައިވެރިވާ ފަރާތްތަކަށް، ކޭމްޕް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތުގެ ފުރިހަމަ މައުލޫމާތު ދިނުމަށާއި، ދިމާވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެޗްސީއޭގެ ފަރާތުން މައުލޫމާތު ދެއްވީ އެ ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް ޖިހާދު ޢަބްދުﷲ އެވެ. ރައީސްގެ ވާހަކަފުޅުގައި، މިފަދަ ބޮޑު ސިއްހީ ހަރަކާތެއް ހުޅުމާލޭގައި ހިންގުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ހާއްސަކޮށް، ހުޅުމާލެ ފޭސް 2 ގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ދޮރުމައްޗަށް ސިއްހީ ޚިދުމަތްތައް ގެންގޮސްދިނުމަކީ އެޗްސީއޭގެ އެންމެ ބޮޑު އެއް މަގުސަދުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަރުކާރުގެ އަދި އަމިއްލަ އެކި ހޮސްޕިޓަލްތަކާއި، ކުލިނިކްތަކުގެ އިތުރުން ފިޓްނަސް ސެންޓަރުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބޭފުޅުންނަށް ކޭމްޕްގެ ލޮޖިސްޓިކްސް އިންތިޒާމުތަކާއި، ކޭމްޕްގައި ޚިދުމަތް ދޭނެ ގޮތުގެ ތަފްސީލީ ޕްލޭން ވަނީ ހިއްސާކުރެވިފައެވެ. މީގެ އިތުރުން، ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ވަނީ ކޭމްޕްގެ ތެރޭގައި ބަލިމީހުން ބަލާނެ އުސޫލުތަކާއި، ބައިވެރިވުމުގެ ސުންގަޑިތަކާ ގުޅޭގޮތުން ހުރި ސުވާލުތައް ހުށަހަޅައި، އެކަންކަން ސާފުކޮށްފައެވެ.

“އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026” ބޭއްވުމަށް ހަމަޖެހިފައިވަނީ 9 އަދި 10 އޮކްޓޫބަރު 2026 ގައެވެ. މި ހަރަކާތް ކުރިއަށް ދާނީ ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު 3 ސަރަހައްދުގައެވެ. މި ސަރަހައްދަކީ ގިނަ ބަޔަކަށް ފަސޭހައިން އާދެވޭނެ، ތަނަވަސް ޖާގައެއް އޮތް ތަނަކަށްވާތީ، ކޭމްޕްގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް އެ ސަރަހައްދު ވަނީ ހަމަޖައްސާފައެވެ.

އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026: ބައިވެރިވާ ހޮސްޕިޓަލްތަކާއި ކުލިނިކްތަކާ އެޗްސީއޭ އިން ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އެޗްސީއޭ

އެޗްސީއޭގެ ތަސައްވުރާއި އެހީތެރިކަން

ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އަކީ 2022 ވަނަ އަހަރު އުފެދުނު ޖަމްޢިއްޔާއެއް ނަމަވެސް، މިވީ ކުރު މުއްދަތުގެ ތެރޭގައި އެ ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިހާތަނަށް އެކި ދާއިރާތަކުން ހިންގި ޕްރޮގްރާމްތަކުގެ ތެރެއިން 25,000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފައިވާކަމީ އެ ޖަމްޢިއްޔާގެ ހިންގުންތެރިކަން ހާމަވާ ކަމެކެވެ.

މިވެސް ކިޔާލަން:  ކޮވިޑް 19 އަަށް ފައްސިވި އިތުރު 9 މީހުން ރަނގަޅުވެއްޖެ

މި މެޑިކަލް ކޭމްޕްގެ އެންމެ ބޮޑު ބޭނުމަކީ ބަލިތަކުން ރައްކާތެރިވުމަށް އަހުލުވެރިކުރުވުމާއި، ބަލިތައް ކުރިއާލާ ދެނެގަތުމަށް (އާރލީ ޑިޓެކްޝަން) މަގުފަހިކޮށްދިނުމެވެ. މި މުހިންމު މަސައްކަތުގައި އެސްޓީއޯ އާއި އެޗްޑީސީ ފަދަ ދައުލަތުގެ މުހިންމު މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާ ކަމަށް އެޗްސީއޭ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ބައްދަލުވުން ނިންމާލާފައިވަނީ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުގެ ފަރާތުން ލިބުނު ބިނާކުރަނިވި ހިޔާލުތަކާއެކު، މި ކޭމްޕަކީ ހުޅުމާލޭގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ނުހަނު ފައިދާހުރި، ކާމިޔާބު ހަރަކާތަކަށް ހެދުމުގެ ފުރިހަމަ އަޒުމުގައެވެ. އެޗްސީއޭގެ އުއްމީދަކީ މި ކޭމްޕްގެ ސަބަބުން ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅޭ ބޮޑު ފިޔަވަޅަކަށް މިކަން ވެގެންދިއުމެވެ. އެހެންކަމުން، ހުރިހާ ރައްޔިތުންވެސް މި ފުރުސަތުގެ ބޭނުން ހިފުމަކީ އެ ޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

މި ކޭމްޕާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އެޗްސީއޭގެ ސޯޝަލް މީޑިއާ މަންސަތަކުންނާއި ހަބަރު ފަތުރާ ވަސީލަތްތަކުން އާންމުކުރަމުންދާނެއެވެ. މިއީ ހުޅުމާލޭގެ ތާރީޚުގައިވެސް ހިންގޭނެ އެންމެ ބޮޑު އެއް ސިއްހީ ހަރަކާތަށް ވެގެންދާނެއެވެ. ރައްޔިތުންގެ ސިއްހަތަށް ދެވޭ މިފަދަ އަހައްމިއްޔަތަކީ ގައުމީ ފެންވަރުގައިވެސް ބަލައިގަންނަ، އަދި ނަމޫނާ މަސައްކަތެކެވެ. މި މަސައްކަތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކަށް އެޗްސީއޭ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top