ދެ ރިހި ރޫހު “އާނ” ބުނި ދުވަސް
ރަށުގައި، ކިޔާރާ ތިމާގެ ހިތް ދެނެގަތުމަށް ދުވަސްތައް ހޭދަކޮށްލިއެވެ. އާއިލާގެ ކަންކަން ހަމަކޮށްދިނެވެ. އަމީންގެ ހާލު ބެލިއެވެ. ހަމަކޮށްދިން ކަންކަން ތަންފީޒު ވޭތޯ ބެލިއެވެ. ބޭނުންވި ވަގުތު ހޮސްޕިޓަލާ ވާހަކަ ދެއްކިއެވެ. ކުޑައިރު ނިދި ކޮޓަރީ ނިދިއެވެ. އަތިރި ދިމާ ހިނގާލިއެވެ.
ދެން، އެއް ހަވީރެއްގައި، ފޯނަށް މެސެޖެއް އައެވެ. ޒިމާން ގެ މެސެޖެކެވެ. ދިގެއް ނޫނެވެ. ވަކި ކަމެއް ހާމަކުރި ގޮތަކަށް ވެސް ނޫނެވެ. ފަސޭހައިން ލިޔުން ހިތަށް ވިސްނޭ ގޮތަކަށް ނޫނެވެ. ވަށްބަހުންނެވެ.
“ބޯހަރު، ޒީލަގަދަ، ބިރުވެރި ދިރިއުޅުމެއްގައި އުޅޭ ހިތްހަރު ފިރިހެނެއްގެ ކައިރީ، ބާކީ ދިރިއުޅުން ހޭދަކުރަން ކިޔާރާފަދަ ހިތްވަރުގަދަ އަންހެނެއް ރުހިއްޖެ ނަމަ، އެ ފިރިހެން މީހާ ތިމާ ހީވެސް ނުކުރާވަރަށް ނަސީބުވެރި ކަމަށް ދެކޭނެ. އެކަހަލަ މީހަކާ ކިޔާރާ އިނދެފާނަންތަ؟ ޤަބޫލުވާނަންތަ؟”
ކިޔާރާ ހިތް ތެޅިގަތެވެ. ދެވަނަ މެސެޖެއް އައެވެ.
“ޖަވާބު ދިނުމަށް މަޖުބޫރުކުރާ ހިތެއް ނެތް. ހަމައެކަނި ބޭނުންވަނީ ރުހޭތޯ ދެނެގަންނަން.” ދެން، ވަގުތުކޮޅެއް ފަހުން “ސަބަބަކީ، ޖަވާބު ލިބެން ލަސްވާ ވަރަކަށް، ހިތް ހަލާކުވަމުން ދާތީ.”
ކިޔާރާ ފޯނު މޭގައި ޖައްސާލިއެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. ޒިމާން ކޮށްލީ ސުވާލެކެވެ. އަމުރެއް ނޫނެވެ. ސުވާލެކެވެ. ކައިވެނިކުރަން ބޭނުންވަނީކަން ހިތަށް ވިސްނުނެވެ. ހިތަށް ބިރުވެރިކަންވެސް އިޙުސާސްވިއެވެ. ހިތަށް ޤަބޫލު ނުކުރެވޭވަރު ވިއެވެ. ލޯގަނޑަށް ބަލާލިއެވެ.
ހަމަ އަހަރެން ހެއްޔެވެ؟ ޒިމާން ފަދަ ފިރިހެނަކު ހަޤީޤަތުގައި ވެސް އަހަރެން ބޭނުންވަނީ ހެއްޔެވެ؟ އަހަރެން ފުދޭ ހެއްޔެވެ؟ އަހަރެން ރީތި ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން އެ ދުނިޔެ ތެރޭ ހިނގާ ދާނެ ހެއްޔެވެ؟ ނުރައްކާތެރިކަން ތެރޭ އަހަރެންނަށް ދިރިއުޅެވިދާނެ ހެއްޔެވެ؟ އެ ހުރިހާ ސުވާލެއްގެ ތެރޭ، ހިތަށް އެންމެ ބިރުވެރިވި ސުވާލު އައެެވެ. އަހަރެން ލޯބިވަނީ ހެއްޔެވެ؟ ހަޤީޤަތުގައި ވެސް ލޯބިވަނީ ހެއްޔެވެ؟
އެ ރޭ ކިޔާރާ ޖަވާބެއް ނުދިނެވެ. ހެނދުނުވެސް ނުދިނެވެ. ދެވަނަ ދުވަހުވެސް ނުދިނެވެ. ދުވަސްތައް ދިޔައެވެ. ދެ މީހުންވެސް ވާހަކައެއް ނުދައްކައެވެ.
ކިޔާރާ ހިތަށް ހީވީ، ޒިމާން ހަމައެކަނި ނުރައްކަލުން ހިމާޔަތްކުރަނީ ކަމަށެވެ. ޒިމާން ހިތަށް ވިސްނެން ފެށީ، ހަޔާތުގައި ކުރި އެންމެ ބޮޑު ގޯހަކީ އެ ސުވާލު ކިޔާރާއާއި ކުރުން ކަމަށެވެ. ޒިމާން ހިމޭންވިއެވެ. ބޭރަށް ދިއުން ހުއްޓުނެވެ. އަދި ހިތްހަމަނުޖެހި ހުރި ހުރުން ދެމިގެން ދިޔައެވެ.
އެންޒޯ ދުރުން މި މަންޒަރުތައް ބަލަހައްޓައިގެން ހުއްޓެވެ. ފާތިމާ ވެސް ބަލަހައްޓައިގެން ހުއްޓެވެ. ސަބަބަކީ، ބައެއް ފަހަރު ލޯތްބަށް ހިތްވަރު ހޯދެނީ ހިމޭންކަމުގެ ތެރެއިން ކަމަށް ދެ މީހުންވެސް ދެނެތިބީތީއެވެ.
ދެން، އެއް ހަވީރެއްގައި، އެންޒޯ ސްޓަޑީ ރޫމަށް ވަދެ ހުއްޓިލިއެވެ. ޒިމާން ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ. އަނެއްކާވެސް ހަމަ އެގޮތަށެވެ. އެންޒޯ ދޮރުގައި ލެނގިލިއެވެ. “ކިޔާރާ އެބަ އާދޭ.”
ޒިމާން ވަގުތުން ބަލާލިއެވެ. “ކޮން ވަގުތަކު؟”
“މިއަދު.”
ޒިމާންގެ މޫނުމަތި ބަދަލުވިއެވެ.
“ބަހަށް އަރާނެ.”
ޒިމާން ތެދުވިއެވެ. “ކީއްވެ ބަސް؟ ކޮންއިރަކު؟”
“ފެރީ ޓާމިނަލް ކައިރިން ބަހަށް އަރަން ބޭނުންވަނީ ކަމަށް ބުނި.”
ޒިމާން ހިނގައިގަތެވެ. އެންޒޯ ހިނިތުންވިއެވެ. “އަދި..”
ޒިމާން ހުއްޓިލިއެވެ. “ކިހިނެއްވީ؟”
“ޒިމާން ފެނިއްޖެނަމަ ހިތްހަމަޖެހޭނެ ކަމަށް ބުނި.”
ވަގުތުކޮޅަކަށް ޒިމާން ހަމައެކަނި ހުއްޓިލާ ބަލަހައްޓައިގެން ހުއްޓެވެ. ދެން ހުރިހާ ކިބުރުވެރިކަމެއް ދިޔައެވެ. ޖެކެޓް ނެގިއެވެ. އެންޒޯ ހޭން ފެށިއެވެ.
“ބޮސް؟”
ޒިމާން ބަލާލިއެވެ. “ކިހިނެއްވީ؟”
“މާ އަވަސްއަރުވާލައިން ހާސްނުވޭ.”
“ހާސްވޭ.” ދެން ދިޔައެވެ.
**********
ޒިމާން ބަހަށް އެރިއެވެ. ހޯދާ ބަލާލިއެވެ. ކިޔާރާއެއް ނެތެވެ. ހިތް ނުތަނަވަސްވެ މާޔޫސްވިއެވެ. ފަހަތަށް ގޮސް އިށީނދެލިއެވެ. ހަމަ އެ ބަހެވެ. ހަމަ އެ ފިނި ވައިރޯޅިއެވެ. ހަނދާންތައް އާވާން ފެށިއެވެ. ފުރަތަމަ ރޭގެ ހަނދާނެވެ. ކިޔާރާގެ ބޯ ކޮނޑަށް ލެނބިލި ހަނދާނެވެ. ލަދުން ހިތްހަމަނުޖެހިގެން އުޅުނު ހަނދާނެވެ. ހުރިހާ ކަމެއް ފެށިގެން ދިޔަ ހަނދާނެވެ. ތިރިއަށް ބަލާލިއެވެ. ކިޔާރާ ނައީ ކަމަށް ވެދާނެ ހެއްޔެވެ؟ އެންޒޯއަށް އޮޅުނީ ކަމަށް ވެދާނެ ހެއްޔެވެ؟ ނޫނީ..
ކުއްލިއަކަށް ބަހުގެ ކުރިމަތި ފަރާތުން ބާރު މިއުޒިކެއްގެ އަޑުއިވުނެވެ. ޒިމާން ބަލާލިއެވެ. ޑެލިވަރީ ކުރާ ޒުވާން އަންހެން ކުއްޖަކު ބޮޑު މާ ބޮނޑިއެއް ހިފައިގެން ވަދެ ހިނގައިގަތެވެ. ފަސިންޖަރުން ހިނިތުންވިއެވެ. އެ ޒުވާން ކުއްޖާ ވަދެގެން އައިސް ޒިމާން ކައިރީ ހުއްޓިލިއެވެ.
“ޒިމާން؟”
ޒިމާން ބަލާލިއެވެ. “އާ؟”
“މިއީ ތިޔަ ބޭފުޅާއަށް.”
މާބޮނޑި ދިއްކޮށްލިއެވެ. ދެން ކުޑަ ސިޓީ އުރައެއް ދިއްކޮށްލިއެވެ. ޒިމާން ހުޅުވާ ބަލާލިއެވެ. އަތް ހުއްޓިލިއެވެ. ސިޓީ ލިޔެފައިވަނީ އަތު ލިޔުމަކުންނެވެ.
“އަހަރެންފަދަ އަންހެނެއް ހިއްލާ ގެންގުޅެވިދާނެތަ؟ ހަޔާތުގެ ބާކީ ދުވަސްތަކުގައި؟”
ޒިމާންގެ ލޯ ބޮޑުވިއެވެ. ހައިރާންވެފައި އިސްއުފުލާ ކުރިޔަށް ބަލާލިއެވެ. ކިޔާރާ ހުއްޓެވެ. ބަހުގެ އެތެރޭ.. މެދުގައި, ދެ ކަކޫ ޖަހައިގެންނެވެ. ކަރުނައިގެ ތެރެއިން ލާނެތް ހިނިތުންވުމަކާއެކުއެވެ.
ތިމާ ހަށިގަނޑު ބަރުކަމަށް ބުނެ މާފަށް އެދުނު އަންހެން ކުއްޖާ، ހަޔާތުގެ ބާކީ ދުވަސްތަކުގައި ހިއްލާ ގެންގުޅެ ދެވިދާނެ ހެއްޔޭ ސުވާލު ކުރަމުން ހުއްޓެވެ. ބަހުގެ ތެރޭ ތިބި ހުރިހާ ފަސިންޖަރުން އަތްޖަހައެވެ. ކޮންމެވެސް ބަޔަކު ހަޅޭއްލަވައިގަތެވެ.
“އާނ ބުނޭ!”
އަނެއް ފަސިންޖަރަކު ހީނގަތެވެ. ޒިމާން ކިޔާރާއާ ދިމާ ބަލަހައްޓައިގެން ހުއްޓެވެ. ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ކިޔާރާގެ ހިނިތުންވުން ތުރުތުރުލިއެވެ.
“ޖަވާބެއްގެ އިންތިޒާރުގައި އަދިވެސް ނިކަމެތި އަހަރެން އެބައިނިން ދެކަކޫމަތީ.”
ދެން ޒިމާން ހިނިތުންވިއެވެ. ފުން، ހިތް ފުރިފައިވާ ހިނިތުންވުމެކެވެ. ކިޔާރާގެ އަތުގައި ހިފާ ތެދުކޮށްލިއެވެ.
“ލަސްވެއްޖެ މާ ބޮޑަށްވެސް ތި ސުވާލުކުރަން.”
ކިޔާރާ ހިނިތުންވަމުން ކަރުނަ ފޮހެލިއެވެ. “ގޮތެއް ނިންމަން ވަގުތު ބޭނުންވި.”
“އަހަރެންގެ ހިތް ހަލާކުވި ކިޔާރާގެ ޚަބަރެއް ނުވެގެން.”
“އެނގޭ.”
ޒިމާން ކިޔާރާ ގެ ލޮލަށް ބަލާލިއެވެ. “ދެން؟”
ކިޔާރާ ހިނިތުންވިއެވެ.
“އާނ.”
ޒިމާން ގެ ލޮލަށް ތެތްކަން ވެރިވިއެވެ.
“އާނ؟”
“އާނ.”
ޒިމާން ކިޔާރާގެ ގައިގައި ބައްދާލިއެވެ. ކިޔާރާ ޒިމާންގެ މޭގައި މޫނު ފޮރުވާލިއެވެ. ވަގުތުކޮޅަކަށް، ކުށެއް ނެތެވެ. ދަރަންޏެއް ނެތެވެ. ބިރެއް ނެތެވެ. ނުރައްކަލެއް ނެތެވެ. ފާއިތުވެދިޔަ ކަމެއް ނެތެވެ. ހަމައެކަނި ތިބި ދެ މީހުންނެވެ. ދިމާވީ ކިހިނެއްކަންވެސް ނޭނގި ދިމާވި ދެ ހިތެވެ. ހީވެސް ނުކޮށް ތިއްބައި، ހަޔާތް ގުޅި ލާމެހިލި ދެ ދިރިއުޅުމެވެ. ދެ ހިތަށް ވެސް ވިސްނި ވިސްނި ތިއްބައި، ހިތުތެރޭ ހޯދި ދެ ރޫހެވެ.
ޒިމާން ކިޔާރާގެ ކަންފަތް ކައިރީ ވަރަށް ސިއްރުން ބުންޏެވެ. “ލޯބިވޭ.”
ކިޔާރާ ލޯ މަރާލިއެވެ. ހިތް ފުރިއެވެ. “ލޯބިވޭ.”
ބަސް ތެރޭ ތިބި ހުރިހާ ފަސިންޖަރުން އުފަލުން ހަޅޭއްލަވައިގަތެވެ. ޑްރައިވަރު ވެސް ހިނިތުންވިއެވެ. ފަހަތުގައި ހުރި އެންޒޯ ބޯ ހޫރާލިއެވެ. ފާތިމާ، އެ ހުރިހާ ކަމެއް ތަރުތީބުކޮށް ރޭވުމަށްފަހު، ދުރުގައި ހުރެ ކަރުނަ ފޮހެލިއެވެ.
ކިޔާރާ ޒިމާންއާ ދިމާ ބަލާލިއެވެ. “އުފާވޭ؟”
ޒިމާން ކިޔާރާގެ ކޯތާފަތުގައި އަތް ޖައްސާލިއެވެ. “ދުވަހަކުވެސް ނުވާވަރަށް.”
ކިޔާރާ ހިނިތުންވިއެވެ. ކިޔާރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ޒިމާން ކިޔާރާގެ ނިތްކުރީގައި ބޮސް ދިނެވެ. ދެ މީހުން މިއަދު އެ ތިބީ، ދެ ދިރިއުޅުމަށް ހެކިވި ބީރައްޓެހިންތަކެއްގެ ތެރޭ، ތަޤުދީރު ލިޔެވިގެން ދިޔަ ލޯބީގެ ވާހަކައެއްގެ ބައިވެރިންގެ ގޮތުގައެވެ.
ދެ މީހުން ބަހުން ފޭބި ވަގުތު، މާލޭގެ ހަވީރުގެ އުޑު ރިހި ކުލައަކަށް ބަދަލުވިއެވެ. ކިޔާރާ ޒިމާންގެ އަތުތެރޭ ބޮނޑިވެލިއެވެ. ޒިމާން ކިޔާރާގެ އިނގިލިތަކުގައި ހިފަހައްޓާލިއެވެ. ދެ މީހުންނަށް ވެސް ދެވަނަ ވަޢުދެއް ބޭނުމެއް ނުވިއެވެ. ލަފުޒު ތަކަކުން ނޫނެވެ. ދެ ހިތުގެ ތެރޭ ދެ ރޫހެވެ. ލޯބިން ފުރިފަައިވާ ދެ ރިހި ރޫޙެވެ.
(ނިމުނީ)
